އީރާނުން ވާގިވެރިވާ ޔަމަންގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތައް ވަރުގަދަވަމުންދާތީ ސައޫދީ، ޕާކިސްތާން އަދި ތުރްކިޔެއިން މައްކާ މުއާހަދާއަށް އަމަލުކުރަން ފަށައިފިއެވެ.
"މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓް" ނުވަތަ މި ދިޔަ އޮގަސްޓް ހަތެއްގައި މައްކާގައި ސޮއިކުރި، އާއްމު ނަމުން މައްކާ މުއާހަދާ ކިޔާ އެއްބަސްވުމަށް އަމަލުކުރަން ފަށައި، ސައޫދީއަށް އަސްކަރީ ފައުޖުތަކާއި ވަސީލަތްތައް އަވަސްކަމާއެކު ފޮނުވުމަށް ތުރްކިޔެ އަދި ޕާކިސްތާނުން އިއްޔެ އެއްބަސްވިއެވެ.
ސައޫދީގެ ވެރިރަށް ރިޔާޒްގައި ބޭއްވި ކުއްލި ބައްދަލުވުމެއްގައި ތިން ގައުމުންވަނީ، ސައޫދީގެ ސަހަރުތަކަށާއި އާންމު ވަސީލަތްތަކަށާއި އަދި މުގައްދަސް ބިންތައްކަމަށްވާ މައްކާ އާއި މަދީނާއަށް ހޫތީން ދެމުންދާ ހަމަލާތައް ކުށްވެރިކޮށްފައެވެ.
ތިން ގައުމުގެ އިއްތިހާދުން "ނުރައްކާތަކާ ކުރިމަތިލުމުގައި އެކުވެރި ގުޅުމެއް" ގާއިމުކޮށް، އެކުވެރި ދިފާއީ ބާރު ވަރުގަދަކުރާނެކަމަށް، ތިން ގައުމުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުންޏެވެ.
"ހަމަލާތަކާއި އެ ކަމުގައި ޒިންމާވާ ފަރާތްތަކާ ދެކޮޅަށް އެކުވެރި ދިފާއީ ފިޔަވަޅުތަކަށް އަމަލުކުރުމަށް އަހަރެމެން އެއްބަސްވެއްޖައިން،" ސައޫދީގެ ދިފާއީ ވަޒީރު ޝެހެޒާދު ހާލިދު ބިން ސަލްމާން ވިދާޅުވިއެވެ.
"ޕާކިސްތާނާއި ތުރްކިޔެގެ ފައުޖުތަކުން މި ވަގުތު އަދާކުރަނީ އެހީތެރިވެދިނުމުގެ ދައުރެއް. ހަނގުރާމައިގެ އޮޕަރޭޝަންތައް ހިންގަމުންދަނީ ސައޫދީ ސިފައިން،" ޕާކިސްތާންގެ ދިފާއީ ވަޒީރު ހަވާޖާ އާސިފު ވިދާޅުވިއެވެ.
މައްކާ މުއާހަދާގައި ބުނަނީ އެއް ގައުމަށް ދޭ ހަމަލާ ބަލާނީ ތިން ގައުމަށްވެސް ދޭ ހަމަލާގެ ގޮތުގައިކަމަށެވެ.



advertisment