އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓްތަކާއި ލޯނުތައް އިސްލާމިކް ބޭންކިން އުސޫލުން ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ނިންމައިފިއެވެ.
ބީއެމްއެލް އިން ބުނީ ބޭންކުގެ އިސްލާމިކް ފައިނޭންސް ފަސްޓް ޕޮލިސީގެ ދަށުން މިދިޔަ އަހަރުތެރޭ ވަނީ އަތޮޅުތެރޭ ގާއިމްކޮށްފައިވާ ހުރިހާ ބްރާންޗެއް އިސްލާމިކް ބޭންކިން ބްރާންޗް ތަކަކަށް ބަދަލުކޮށްފައި ކަމަށެވެ.
"ބީއެމްއެލް އިން އިސްލާމިކް ބޭންކިންގ ޚިދުމަތް ދެމުން އަންނަނީ ޝާރީޢާއާ އެއްގޮތްވާ ގޮތުގެ މަތީން ފަރުމާކޮށްފައިވާ ޕްރޮޑަކްޓްތަކާއި، ބީއެމްއެލްގެ އިސްލާމިކް ބޭންކިން ފަންޑު މުޅީން ވަކިކޮށް، އިސްލާމިކް ބޭންކިންގެ ދާއިރާގައި ބައިނަލްއަގުވާމީގޮތުން ބޭނުންކުރާ އެންމެ ރަނގަޅު އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށެވެ." ބީއެމްއެލް އިން ބުންޏެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، 2015 ވަނަ އަހަރު އިސްލާމިކް ބޭންކިން ޚިދުމަތް ތައާރަފުކުރި ފަހުން މިވޭތުވެދިޔަ 10 އަހަރަށް ވުރެ ދިގު މުއްދަތުގައި އިސްލާމިކް ބޭންކިން ޚިދުމަތްތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.
"މިއަދު މި ފެށުނު މަސައްކަތަކީ ރާއްޖޭގެ ބޭންކިން ދާއިރާގެ މުސްތަގުބަލު ބައްޓަންކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް. ބޭންކުގެ މަގްސަދަކީ ކަސްޓަމަރުންނަށް ޝަރުއީ ހަމަތަކަށް ފެތޭ ފުރިހަމަ މާލީ ޚިދުމަތްތައް ފޯރުކޮށްދީ، މުޖުތަމައުގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް ޚިދުމަތްތަކަށް ބަދަލު ގެނައުން،" ޝަރީފު ވިދާޅުވިއެވެ.
ފަރުދުން އަލަށް ހުޅުވާ އެކައުންޓްތަކާއި ޕާސަނަލް ފައިނޭންސް ޚިދުމަތްތައް އިސްލާމިކް އުސޫލުން ފޯރުކޮށް ދިނުމަށް ހަމަޖެއްސި ނަމަވެސް، "ކަސްޓަމަރަކު ބޭނުންވެއްޖެ ހާލަތެއްގައި ބޭންކުން ކޮންވެންޝަނަލް ބޭންކިން ޚިދުމަތް އެ ކަސްޓަމަރަކަށް ލިބޭނެ ގޮތް ހަމަޖައްސައިދޭނެ" ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
"ބީއެމްއެލް އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިސްލާމިކް ބޭންކިންގެ ޚިދުމަތްދޭ ބޭންކެވެ. މީގެ ތެރޭގައި ޝަރީއާ ހަމަތަކަށް ފެތޭ އެކައުންޓްތަކާއި، ކާޑުތަކުގެ އިތުރުން ފައިނޭންސިންގެ ޚިދުމަތްތައް ހިމެނެއެވެ. އަދި ރާއްޖޭގައި މިވަގުތު ދޫކުރާ ހަމައެކަނި އިސްލާމިކް ކްރެޑިޓް ކާޑުވެސް ދޫކުރަމުން އަންނަނީ ބީއެމްއެލް އިންނެވެ. އާންމު ފަރުދުންގެ ބޭންކިން ޚިދުމަތްތައް އިސްލާމިކް ބޭންކިން ޚިދުމަތްތަކަކަށް ބަދަލުކުރުމަކީ ރާއްޖޭގައި އިސްލާމިކް ބޭންކިން ފުޅާކުރުމަށް ބީއެމްއެލް އިން އިސްކަންދޭ މިންވަރު ހާމަކޮށްދޭ ކަމެކެވެ."



advertisment

