Support Us

ޤައުމީދުވަހާބެހޭ ބައެއް ޚިޔާލު

އާދެ! ޤައުމީދުވަސް އަތުވެއްޖެއެވެ. ޤައުމީދުވަހަކީ، ގިނަ މީހުން މާނަކުރާ ގޮތުގައި، ޤައުމެއް އެ ޤައުމަކަށް ލިބިފައިވާ ޤައުމިއްޔަތާއި ރަސްމީ ދައުލަތުގެ ސިޔާދަތު ފާހަގަކޮށް، އެ ކަންކަމުގެ ޤަދަރާއި އިޙްތިރާމް އިޙްތިފާލްކޮށް، އެ ޤައުމަކަށް ލިބިގެންވާ ހަންހާރަވެތި މިނިވަންކަމަށްޓަކައި ޝުކުރުވެރިވެ ޝުކުރުދަންނަވާ ޚާއްޞަ ދުވަހެކެވެ. އަދި އެ ދުވަހަކީ ދުވަހާ މުނާސަބު އެއްވުންތައް ބޭއްވި، ޖަލްސާތައް ބޭއްވި، އެ އެއްވުންތަކާއި ޖަލްސާތަކުގައި ތަޤްރީރުތައް ދެވި، އެކި ތަންތާނގައި ޘަޤާފީ އެކި ޙަރަކާތްތައް ބޭއްވި، އުފާ ފައުޅުކުރެވޭ ދުވަހެއް މެއެވެ. އަޅުގަނޑުމެންގެ މި ލޮބުވެތި ދިވެހިރާއްޖޭގައި އަޅުގަނޑުމެން ފާހަގަމިކުރާ ޤައުމީދުވަހަކީ އަޅުގަނޑުމެން ޙައްޤުގޮތުގައި ފާހަގަކުރާ ދުވަހެކެވެ. ކޮންމެ ހިޖުރީ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހަކީ، ހިޖުރީ ސަނަތުން 981ވަނަ އަހަރުގެ (މީލާދީ ސަނަތުން 1573ވަނަ އަހަރު) އެ ދުވަހު، އުތީމު މުޙައްމަދު ތަކުރުފާނާއި އެ ތަކުރުފާނުންގެ އަރިހުގައި ޖިހާދުކުރެއްވި ހިތްވަރުފުޅުގަދަ އަޚުންނާއި އެކުވެރީން، ޕޯޗުގީޒުންގެ އަނިޔާވެރި އިސްތިޢުމާރުގެ ދަށުން މި ރާއްޖެ މިނިވަންކޮށްދެއްވި ކަމުގެ ޒިކުރާ އައުކޮށް، އެކަމުގެ ބަރަކާތާއި އުފާ އަޅުގަނޑުމެން ދިވެހީން ޝުކުރުވެރިކަމާއެކު ލިބިގަންނަ ދުވަހެވެ.

އަޅުގަނޑުމެން ޤައުމީދުވަސް ފާހަގަކުރަމުން ގެންދާއިރު، އަޅުގަނޑުމެން ފާހަގަމިކުރަނީ ކިހައިވަރެއްގެ ކަމެއްބާވައޭ، ކަމުގެ މުހިންމުކަން އަޅުގަނޑުމެންނަށް ފުރިހަމަޔަށް ތަޞައްވުރުކުރެވޭ ބާވައޭ އަޅުގަނޑުގެ ހިތަށް އަރައެވެ. އަދި ހަމަ އެ ޚިޔާލާ އެކުވެގެން އަޅުގަނޑުގެ ކުރިމައްޗަށް އައިސް އެ އަރަނީ ދެތިން ސުވާލެވެ. އަޅުގަނޑުމެން މިއަދު މި ފާހަގަކުރާ ޤައުމީދުވަހުގެ މައި ޝިޢާރަކީ އަޅުގަނޑުމެން ދިވެހީންގެ ހަމަ އެންމެން ލޯތްބާއެކު ޙިއްސާކޮށް، ޙިމާޔަތްކުރާން ބޭނުންވާ ކަމެއް ކަމުގައިވާ، ޞައްޙަ ޙުއްބުލްޥަޠަން ބާވައެވެ؟ މި ޙުއްބުލްޥަޠަން އެއީ އަޅުގަނޑުމެން ފަރުދީ ގޮތުން ވަކިވަކީން، އަދި ޖަމްޢުކޮށް އެންމެން އަދާކުރާންޖެހޭ މަދަނީ ވާޖިބުތައް އަދާކުރުން މަތީ ދެމިތިބޭން ހިތްވަރުދީ، އެ ހިތްވަރަށް ރޫޙީ ކާނާ ދޭ އެއްޗެއް ބާވައެވެ؟ އަޅުގަނޑުމެންގެ ވަށައިގެންވާ ދުނިޔެ ފުރޮޅެމުން ބަދަލުވަމުން ދާއިރު، އަޅުގަނޑުމެންގެ މިސްރާބު ނުގެއްލި، ސާބިތުކަމާއެކު ޤައުމައިގެން ދަތުރުކުރުން މަތީ ދެމިތިބުމުގެ އެއްބައިވަންތަކަން ދަމަހައްޓައިދެނީ ހަމަ އެ ޙުއްބުލްޥަޠަން ބާވައެވެ؟ ނުވަތަ، ބައެއްގެ ވިސްނުން ބައެއް ފަހަރު ދާ ނުކިއްސަރު ދިމަދިމާއިން އެބަޔެއްގެ ވިސްނުމާއި ފިކުރަށް ކުރާ އަސަރުތަކަކުން ނަމަވެސް، އެބަޔެއްގެ ވަންތަކަމާއި، ޘަޤާފަތާއި، ނަސްލުގެ ފުރިހަމަކަން އެހެން ހުރިހައި ބަޔަކާއި ކަމަކަށްވުރެ ކުރިޔަށް ނެރޭން ކުރެވޭ ކަންކަމުގެ ސަބަބުން އެބަޔަކަށް ބައެއް ފަހަރު މަގުއޮޅި، ވާވަދެވި، ގަހާއެއް މުރިނގެއް ނޭނގި، ޙުއްބުލްވަޠަނުގެ މައްޗަށް ތަންކޮޅެއް ނުކިއްސަރު ބާވަތެއްގެ، ފުށަތު ޤައުމިއްޔަތެއް އިސްކުރެވުނީމައި ދެން އެވަނީ ކިހިނެއްބާވައެވެ؟

އަޅުގަނޑު މިހެން ހަމަ ދަންނަވާއިރަށް، އަޅުގަނޑަށްވުރެ ތަޢުލީމީ ސަނަދުން ފުންނާބުފުޅު އުސް ބައެއް ބޭފުޅުން އަޑުފުޅު އުފުއްލަވައި، އަޅުގަނޑު މި ދެންނެވި ސުވާލުތައް އަނބުރައި ގެންދާން ވިދާޅުވެ، އަޅުގަނޑުގެ ވިސްނުމާއި ފިކުރު ޞައްޙަކުރާން ވިދާޅުވެ، އަޅުގަނޑަށް އެނގޭންވެ، އެކަމަކު ނޭނގި ހުރި ބައެއް އެއްޗިހިކަމަށް ފެނިވަޑައިގަންނަވާ ބައެއް އެއްޗިހި އަޅުގަނޑަށް ކިޔަވައިދެއްވާން އުޅުއްވައިފާނޭ ވެސް ތޯއްޗެކެވެ. އަދި ހަމަ އެހެންމެ، ޙުއްބުލްޥަޠަން އާއި ޤައުމިއްޔަތަކީ އެއް ކަމަކަށް ކިޔާ ދެ ނަމޭ، އެ ދެ ލަފުޒު ތަފާތުނުކުރާށޭ، ތިޔައުޅެނީ ވައުވަދެވިގެންނޭ ވިދާޅުވުން ވެސް އެކަށީގެންވެއެވެ. އެހެން ވިޔަސް، އެ ފަދަ ބޭފުޅުން ތިއްބެވިއްޔާ ތިއްބެވިތާކުން ކިތަންމެ ބާރަށް ވިދާޅުވިޔަސް، މިފަހަރު އަޅުގަނޑު މަޢާފާއެކު ދަންނަވާނީ އެއީ އެއް މާނަޔެއްގެ ދެ ލަފުޒުކަމަކަށް އަޅުގަނޑުގެ ފުރިހަމަ އިޚްތިޔާރާއި ރުހުމަށް އިޙްތިރާމެއް އޮތް ތާކު އެއްބަސްވެވޭކަށެއް މިފަހަރަކު ނެތޭއެވެ. އެހެނީ، އެއީ ތަފާތު ދެ ލަފުޒުކަން އަޅުގަނޑަށް ވަރަށް ރަނގަޅަށް ޤަބޫލުކުރެވޭތީއެވެ.

މި ދަނޑިވަޅުގައި، އެކަމާ ބެހޭ ކުޑަކުޑަ ތަފްޞީލެއް ދަންނަވައިލާންކަމަށެވެ!

އަޅުގަނޑަށް ވިސްނިފައި އޮންނަ ގޮތުގައި، ޙުއްބުލްޥަޠަން އަކީ ލޯތްބާއި ކުލުނާއި އިޙްތިރާމްގެ ވަރުގަދަ ބިންގަލެއްގެ މައްޗަށް ބިނާވެފައި އޮންނަ އެއްޗެކެވެ. ޙުއްބުލްޥަޠަންއަކީ އެ ސިފަޔަށް ޙަޔާތާއި ފިކުރުގެ އިޝްތިރާކު ދޭ ބަޔަކު ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ބަލައިގަންނާން ޖެހޭ ކަންތައްތަކެއް އަންގައިދޭ އެއްޗެކެވެ. އެ ކަންކަމުގެ ތެރޭގައި ހިމެނެނީ، ހަމަ އެންމެންގެ މެ މިނިވަންކަމަށް ކަމޭހިތުމެވެ. ޢަދުލުއިންޞާފަކީ އެންމެންގެ މައްޗަށް ހަމަހަމަކަމާ އެކު ބަހައިލެވިގެންވާނޭ ރައުސްމާލެއް ކަން ދެނެގަތުމެވެ. ޤާނޫނު ނެގެހެއްޓުމާއި ތަންފީޒުކުރުމަކީ އެންމެންގެ މައްޗަށް ހަމަހަމަކަމާއެކު ވާޖިބުވާ ކަމެއްކަން އެނގިތިބުމެވެ. މި ކަންކަން ދެމެހެއްޓުމާއި ނެގެހެއްޓުމުގެ ޢަމަލީ ހިންގުންތަކުގައި ހަމަހަމަކަމާއި ޢަދްލުއިންޞާފު އިސްކުރާން ބާރުއެޅުމެވެ. އަޅުގަނޑުމެން ދިވެހީންނަށް ގިނަ ފަހަރަށް ޤައުމީއޭ މިކިޔެނީ ޙުއްބުލްވަޠަންގެ ނަންއިތުރަކަށް އެ ލަފުޒު ހަދައިގެންނެވެ. ވާނީ ވެސް އެހެންނެވެ. އެހެނީ، އެ ތަފާތު އަދި އަޅުގަނޑުމެންނަކަށް ނުފެނެއެވެ. ޝުކުރުހުއްޓެވެ! އެޔާ ޚިލާފަށް، ދުނިޔޭގެ ބައެއް އެހެން ތަންތާނގައި ޤައުމިއްޔަތަކީ އެހެން އެންމެހައި ކަންކަމަކާއި އިންތަކާއި މިންތަކުގެ މައްޗަށް މަތިވެރިވެގެންވާކަމަށް ބުނެވޭ، ޚާއްޞަ ވަންތަކަމަކާއި ނަސްލަކާއި އެ ނަސްލެއްގެ ޘަޤާފަތެއް ކުރިޔަށް ނެރެ، ހަމަހަމަކަމާއި ޢަދްލުއިންޞާފަކީ ވެސް، ބޭނުންވެއްޖެ ހިނދެއްގައި، ނެޝަނަލިޒަމް ނުވަތަ ޤައުމިއްޔަތު ކުރިޔަށް ނެރުމުގައި ޤުރުބާންކުރެވިދާނޭ ކަންކަން ކަމުގައި ބައެއް ފަހަރު ބަޔާންކުރާ ސިފަޔެކެވެ. އަދި މިފަދައިން މި ދެންނެވި ކަންކަން ޤުރުބާންކުރެވިގެންދާ ފަހަރުގައި އޭގެ ނަތީޖާޔެއްގެ ގޮތުން ވަރަށް ހިތާމަވެރި ޙާދިޘާތައް ހިނގައިފައިވާކަން ވެސް ތާރީޚުގެ ފަތްފުށްތައް ވަރަށް ސާފުކޮށް ދައްކާ މެއެވެ.

އަޅުގަނޑުގެ ލޮލުން ބަލާއިރު، ޙުއްބުލްޥަޠަން އެއީ ތިމާގެ ވަޒަން ތިމާ ދިފާޢުކުރުމުގެ މައްޗަށް ބިނާވެގެން އޮންނަ ކަމެކެވެ. ޙުއްބުލްޥަޠަން އެއީ ތިމާ ދިރިއުޅޭ މުޖުތަމަޢުގައި ދިރިއުޅޭ ހަމަ އެންމެންގެ ދުޅަހެއުކަން އަދަށްވުރެ މާދަމާ ހެއުކުރާން ބާރުއަޅާ ނިޒާމަކަށް ކިޔާ ނަމެކެވެ. ހަމަ އެއްވެސް މީހެއްގެ ނުވަތަ ބައެއްގެ އިޖްތިމާޢީ އިސްކަމަކުން، ވަކި މީހެއްގެ ނުވަތަ ބައެއްގެ އަތުގައި މުދަލާއި މާލާއި މުއްސަނދިކަން ހުރި މިންވަރަކުން، އެ މީހެއްގެ ނުވަތަ ބަޔެއްގެ ދުޅަހެއުކަން އިތުރުކުރާން ޚާއްޞަ އިމްތިޔާޒުތަކެއް ދޭ ނިޒާމަކަށް ކިޔާ ނަމެއް ނޫނެވެ. މިއީ ޤަމުގެ މަޞްލަޙަތޭ ކިޔައި، ބާރުގަދަ އަދި ނުފޫޒުގަދަ ބައެއްގެ މަޞްލަޙަތުތަކެއް ކުރިޔަށް ނެރެ، އެންމެންގެ މައްޗަށް އެ ޒާތުގެ ނުފޫޒުތައް ފަތުރާ ނިޒާމަކަށް ކިޔާ ނަމެއް ވެސް ނޫނެވެ. އަދި އެއީ އަޑުގަދަ ބަޔަކު ގޮވާން ބޭނުންވެފައި ތިބޭ ވާހަކަތަކެއް އަޑުއަހާން ކޮންމެހެން ބޭނުންނުވާ ބަޔަކަށް ގަދަކަމުން ނަމަވެސް އިއްވާން އުޅުމަކީ ޤައުމީ މަޞްލަޙަތޭ ބުނާ ނިޒާމަކަށް ކިޔާ ނަމެއް ވެސް ނޫނެވެ. އަދި ހަމަ އެހެންމެ، އެއީ އެންމެން އެކީ އުޅޭން އޮތް ތަނެއްގައި ދިރިއުޅޭ ބައެއްގެ ތެރެއިން މޮޅަށް ކިޔަވައިގެން ތިބި، ނަސްލުން މަތިވެރި، ފައިސާވެރި މީހުންނަކީ އެންމެންގެ ބައިމެދު މުދަލުގެ ޚާއްޞަ މިލްކުވެރިކަން ދަރިދަރިމިރިމިރިޔަށް ވާރުތަކުރާން ގޮވައިލާ ނިޒާމަކަށް ކިޔާ ނަމެއް ވެސް ނޫނެވެ. ނުވަތަ، އެއް ޤައުމަކަށް ވުރެ އަނެއް ޤައުމު މާ މޮޅޭ، ތިމާމެން ވަރުގެ ބަޔަކު ދުނިޔެއަކު ހަމަ ނެތޭ ބުނުމަށް ހުއްދަދޭ ނިޒާމަކަށް ކިޔާ ނަމެއް ވެސް ނުމެ ނޫންމެއެވެ. މިދެންނެވި ނުސިޔާނު ކަންކަން ހިމެނޭ ނިޒާމަކަށް ކިޔާނޭ އެހެން ނަމެއް އަދި އޮތަސް، އެ ނަމެއް އަޅުގަނޑެއް މިތާކު ނުލިޔާނަމެވެ.

އެހެންވީމައި، ލޮބުވެތި މުޥާޠިނުން އައްސަވާށެވެ! އަޅުގަނޑުމެން ދިވެހީންނަކީ އެކަކު އަނެކަކު ދެކެ ލޯބިވާ، އެކަކު އަނެކަކަށް އިޙްތިރާމްކުރާ ބައެއްކަމުގައި ވުމަށް ފަރުދީގޮތުން ވެސް އަދި ޖަމްޢުކޮށް ވެސް ޢަޒުމުކަނޑައަޅަމާތޯއެވެ! އަޅުގަނޑުމެންގެ މަދަނީ ޒިންމާތަކާއި ވާޖިބުތަކަކީ ފަރުދީގޮތުން އަދި މުޖުތަމަޢެއްގެ ސިފައިގައި ވެސް އެންމެންމެ އުފުލައި، އަދާކުރާ ކަންކަމަށް ހަދަމާތޯއެވެ! މިނިވަންކަމާއި، ޢަދްލުއިންޞާފާއި، ޤާނޫނަށް ކަމޭހިތުމާއި ބޯލެނބުމުގައި ހަމަ އެންމެން އެއްބާރުލައި، އެކަކު އަނެކަކަށް ހިތްވަރުދެމާތޯއެވެ! އަޑުގަދަ މީހާގެ ރުއް ގިނަވެ، ހަޅޭފަޅޭލާ ބައެއްގެ ކޮންމެ އަޑަކީ އެހެން މީހުންނަށް ހަމަ ކޮންމެހެން ވެސް އިއްވާން ޖެހޭ އަޑެއްކަމުގައި ޤަބޫލުކުރުން ދޫކޮށްލައި، ފަޤީރުންނާއި، ނިކަމެތީންނާއި، ކަންކަމުގައި ލަދުން ފަސްޖެހޭ މީހުންނަށް ވެސް މުޖުތަމަޢުގައި ހަމަހަމަކަން ލިބިގެންވާ ފުރުޞަތުތަކާއި ޖާގަ އޮތްކަން ކަށަވަރުކުރަމާތޯއެވެ! ޙުއްބުލްޥަޠަންގެ މަތިވެރި ފޭރާމުން އަޅުގަނޑުމެން އެންމެންގެ ހަށިތައް ނިވާކޮށް، ވިސްނުމާއި ފިކުރުގެ ދޯހަޅިކަން ދަފަރާކޮށް، ރޫޙުގެ ތާޒާކަމާއި އާރޯކަން އެމަގުން ހޯދަމާތޯއެވެ! ރާއްޖެދެކެ ލޯބިވާ، ތެދުވެރި މުޥާޠިނުންކަމުގައި ވަމާތޯއެވެ!

ކުރިޔަށް ޙުއްބުލްޥަޠަން! ތިޔަ އެންމެ ބޭފުޅުންނަށް ބާއްޖަވެރި، ޞުލްޙަވެރި، އެއްބައިވަންތަ، އަމާން ޤައުމީދުވަހަކަށް އެދި ދުޢާކުރާ ޙާލު ނިންމައިލަމެވެ!