Support Us

ކޮލަމް ދިވެހި: "ފަރުމާ" ތިޔަ އައީ ޔޫރަޕުން ހެއްޔެވެ؟ އީރާނުން ހެއްޔެވެ؟

"ފަރުމާ" އެންމެންނަށް ވެސް ރީއްޗެވެ. ކަމުދެއެވެ. ކޮންމެ ގެޔަކުން، ކޮންމެ މަދަރުސާޔަކުން ކޮންމެ އޮފީހަކުން ބަލައިގެންފިއެވެ. އިއްވީ ހޫނު މަރުޙަބާއެކެވެ.

އަޅުގަނޑަށް އިހަށް ދުވަހަކު ދިމާވި ހާދިސާއެކެވެ. ފަރުމާއާ ވަރަށް ނަން ވައްތަރު ކުއްޖަކާ އަޅުގަނޑާ ބައްދަލުވެއްޖެއެވެ. އިނގިރޭސީންގެ ތެރޭންނެވެ. އިނގިރޭސީންގެ ތެރެއަކުން ނޫނެވެ. ކޮންތާކުން ބާވައެވެ؟ އިނގިރޭސި ލިޔުމަކުންނެވެ.

ޝައުޤުވެރިވެވަޑައިގަންނަވާ ނަމަ، "Form" މި ލަފުޒާ އެކު އަޅުގަނޑުގެ ފަހަތުން ވަޑައިގެންދެއްވުމަށް ދަޢުވަތު އަރުވަމެވެ.

ބަހުގެ ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ބަސްބަހުގައި ހުންނަ އެއްގޮތް ކަމަކީ ވަރަށް އަޖާބުކުރުވަނިވި ކަމެކެވެ. ޝައުޤުވެރިކަމެކެވެ. އަދި އެ ކަމުން އަލިވިލޭ އެންމެ ބޮޑު އެއް ޙަޤީޤަތަކީ ދުނިޔޭގައި އެންމެ ފުރަތަމަ އޮތީ އެއް ބަހެއް ކަމެވެ. މިއަށްވުރެ މި ވާހަކަ ފުންކޮށްލާ ނަމަ، މި ކާއިނާތުގެ ހުރިހައިކަމެއް "އެކެއް" މި އަސްލުން އުފެދިގެން އައިކަމެވެ.

އާދެ! ކިޔަމުން އައި އިނގިރޭސި ލިޔުމެއްގައި އެ ލިޔުމުގެ "ފޯރމް"ގެ ވާހަކަ އޮތެވެ. ހިތަށް އެރިއެވެ. ލަފުޒު އޮތް ތަނުގެ ގޮތުން އެ ލަފުޒުން އިޝާރާތްކުރަނީ ލިޔުމުގެ ސޫރަޔަށަވެ. އޭގެ ބޭރުފުށުގެ ސިފަޔަށެވެ. ހިތާހިތާ ކިޔައިލެވުނެވެ. ފޯމް، ފޯރމް، ފޮރްމް މި ވަނީ ކިހިނެއް ބާވައެވެ؟ ދެން ވެސް ކިޔައިލެވުނެވެ. "ފަރުމާ" … މި ފަހަރު ދިވެހި ލަފުޒެކެވެ. ދެން އިނގިރޭސި ލަފުޒުގެ މާނައާ މެދު، ވިސްނައިލެވުނެވެ. ފުރަތަމަ ބަލައިލީ މަޝްހޫރު އިނގިރޭސި ބަސްފޮތެއްކަމުގައިވާ ވެބްސްޓަރއެވެ. އޭގައި ބައްޓަން، ސޫރަ، ނުވަތަ އޮނިގަނޑުގެ މާނަ "ފޯމު" މި ލަފުޒަށް ދީފައިވެއެވެ. އެހެން ބައެއް ބަސްފޮތާއި ލިޔެކިޔުން ބަލައިލި އިރު، ނަމޫނާ، މާދިރީ، ފަދަ މާނަތައް ވެސް ދީފައިވެއެވެ.

މިހައި ހިސާބުން އެހެން ކަމަކަށް ހިތުގެ ސަމާލުކަން ދެވިއްޖެއެވެ. މި ލަފުޒުގައި މި އޮންނަ /R/ އަކީ ކީއްވެ އޮތް އަކުރެއް ބާވައެވެ؟ "ފޮރްމް"އާއި ދިވެހި ބަސްފޮތުގައި އޮންނަ "ފަރުމާ"އާ ހަޤީޤަތުގައި ވެސް، ގުޅުމެއް ވޭ ބާވައެވެ؟ އެހިސާބުން މި ލަފުޒުގެ ތާރީޚީ އަސްލަކީ ކޮބައިބައިތޯ ބަލައިލާން، އައިނު ފޮހެލައި ސާފުކޮށްލައިފީމެވެ.

ލަފުޒުގެ ތާރީޚީ އަސްލަށް ބަލައިލެވުމުން، މައިދާން އިތުރަށް ފުޅާވެއްޖެއެވެ. މިއީ ވެލާ އަރާހެން އެކި ފަސްގަނޑަށް އަރައި، ބިސްއަޅަމުންދިޔަ ލަފުޒެކެވެ. އަސްލަކީ ޔޫނާނީ ބަހެވެ. އެ ބަހުގައި މި ލަފުޒު އޮންނަ ގޮތެއްކަމަށް ވަނީ، "ފޮރްމާ / ފޯރްމާ" (Forma) މި ގޮތަށެވެ. ދެން ބަލައިލީ ޔޫނާނީ މާނަތަކަށެވެ.

ޤަދީމީ ރޯމުގައި "ފޯރްމާ"ގެ މާނައަކީ ބައްޓަން، ނުވަތަ ސިފަ ކަމަށްވެއެވެ. ހަމަ އެހެންމެ މި ލަފްޒު އެންމެ ފުރަތަމަ އުފެދިގެން އައި އަޞްލު އަދިވެސް ހޯދިފައެއް ނުވެއެވެ. ބައެއް ލިޔެކިޔުންތައް ބުނާ ގޮތުން، މި ލަފްޒު ގުޅިފައިވަނީ 'ބައްޓަން' ނުވަތަ 'ރީތިކަން' މާނަކޮށްދޭ ޔޫނާނީ ބަހުގެ 'morphe' (މޯފީ) އާ އެވެ. އެހެންކަމަށް ވަންޏާ ދިވެހި ބަހުގެ "ފަރުމާ" މި ލަފުޒާ މާނަ ވަރަށް ގާތްވެއްޖެއެވެ.

މުސްކުޅި ފާރިސީ ބަހުގައި "ފަރުމާ" މި ލަފުޒު ބޭނުންކުރާ ކަމަށްވެއެވެ. މިންގަނޑު ނުވަތަ އެއްޗެއް އުފައްދާއުފެއްދުމުގެ މާނައިގައެވެ. އަނެއްކާ ވެސް ދިވެހި މާނައާ ގާތްވީއެވެ ހަމައެހެންމެ ފާރިސީން "ފުރަމާނަ" މި ލަފުޒު ރަސްކަމުގެ އަމުރުގެ މާނައިގައި ބޭނުންކުރާކަމަށްވެއެވެ. މިއީ ވެސް ދިވެހިބަހުގައި ބޭނުންކުރާ ލަފުޒެކެވެ.

ފާހަގަކޮށްލެވޭ މުހިންމު ކަމަކީ ދިވެހި ބަހުގެ ދިރާސާކުރައްވާ، ޑރ. އަމާލިޔާ ފަދަ ހުޅަނގުގެ މި ޒަމާނުގެ ބަހުގެ ޢިލްމުވެރީންގެ ހުށަހެޅުންތަކުގައި ދިވެހިބަސް ހިމަނުއްވަމުން ގެންދަވަނީ ޕްރޮޓޯ އިންޑޯ ޔޫރަޕިއަން އާއިލާގެ ތެރޭގައެވެ. "ފަރުމާ" މި ލަފުޒު ޔޫރަޕުގެ 12ވަރަކަށް ބަހުން ފެންނަން އެބަ އޮތެވެ. އެއާއެކު ހަމަ މި އާއިލާއަށް ނިސްބަތްވާ، ފާރިސީ ބަހުން ވެސް ފެންނަން އެބަ އޮތެވެ. ދިވެހި ބަސްފޮތުން ފެންނަ މާނައާއި ދާދި އެއް މާނައެއްގައެވެ.

ސުވާލަކީ މި ލަފުޒު އަޅުގަނޑުމެން ބަލައިގަތީ ކޮން އިރަކު ކޮން ތާކުން ބާވައެވެ؟ ސޯޅަވަނަ ޤަރުނުގެ ތެރޭގައި ޕޯޗުގީޒުންނާ ކުރެވުނު މުޢާމަލާތްތަކުގެ ތެރޭން ބާވައެވެ؟ ނުވަތަ އޭގެ މާ ކުރީއްސުރެ އަޅުގަނޑުމެން ދިވެހީން ޚުރުމުޒަށް ވިޔާފާރިޔަށް ގޮސް އުޅުނު ދަތުރު ފަތުރުގެ ތެރޭން ބާވައެވެ؟ ނޫނީ 12ވަނަ ޤަރުނުގެ ތެރޭގައި ފާރިސީންގެ ވިޔާފާރި ދަތުރުތައް މި ސަރަހައްދަށް އާންމުވެފައި އޮތް އޮތުމުގެ ތެރޭން ބާވައެވެ؟ އެހެނީ، އެއް ދުވަސްވަރެއްގައި ދިވެހި ގަނޑުވަރުތެރޭގެ ބައެއް އަންހެން ބޭފުޅުން ވެސް، ފަރިތަފުޅުކަމާއެކު ފާރިސީ ބަހުން ވާހަކަފުޅު ދެއްކެވި ކަމަށް، ބައެއް މުއައްރިޚުން ލިޔުއްވައިފައިވެއެވެ.

ޝައްކެއްނެތެވެ. ފަރުމާ އަޅުގަނޑުމެންގެ ތެރޭގައި މަގުބޫލެވެ. އެއާ އެކު އޭނާ ބުނެދޭ ވާހަކަތަކެއް ވެސް އެބަ ހުއްޓެވެ. ދިވެހީންނަކީ އެހާ ކުޑަބައެއް ނޫންކަމެވެ. ދެރަބައެއް ނޫންކަމެވެ. މިއީ އެކަހެރި ވަލު ގަބީލާއެއް ނޫނެވެ. ދިވެހީން ކަނޑުތައް ހުރަސްކުރިއެވެ. ބައްރުތައް ގިރާކުރިއެވެ. ދުނިޔެއާ ފައިހަމަކުރިއެވެ. ތަހުޒީބު ޙަޟާރަތްތަކާއި، ދައުލަތްތަކާ ސަލާންގަލާންކޮށް، އެދުންހުށަހަޅައި ވެދުން ބަރުތީލަކުރިއެވެ. އެ ދެމެދުން ނަތީޖާ ނެރުނެވެ. ރަނުގެ ނަތީޖާއެވެ.

ފާރިސީންގެ އެންމެ މަތިވެރި ރަސްރަސްކަލުންނާއި، ޢުޘްމާނީ ޚިލާފަތުގެ ހައިބަވެތި ތަޚްތުތަކުން އެކަށައެޅުއްވި ސުލްޠާނީ ޤަރާރުތަކަށް ބޭނުންކުރެވުނު "ފުރަމާނަ" މި ލަފުޒު އެ ކަމަށް ހެކި ދޭނެއެވެ. ދިވެހި ރަސްރަސްކަލުންގެ އަމުރުފުޅުތަކަށާއި ބާރުވެރިކަމަށް ހަމަ އެ ލަފަޒު ބޭނުންފުޅުކުރައްވާފައިވާތީއެވެ. ޔޫނާނީ ރަށްވެހިކަމުން ފެށިގެން ޔޫރަޕުގެ އެތައްއެތައް ދައުލަތެއްގެ އަހުލުވެރީން ބޭނުންކުރި "ފަރުމާ" މި ލަފުޒު މި ކަމަށް އިޤުރާރުވެ އެއްބަސް ވާނެއެވެ. ދިވެހީންގެ ބަސްފޮތުންނާއި ސަގާފަތުންނާއި ދޫތަކުން އަންޒަމާނުއްސުރެ އެ ލަފުޒު، ޖާގަ ކަށަވަރުކޮށްފައިވާތީއެވެ. އެކަމަކު ޔަޤީންނުވާ ކަމަކީ، ޖަވާބު ހޯދަން އޮތް ސުވާލަކީ، މި ރީތިރީތި މެހުމާނާ، ދިވެހި ފަސްގަނޑަށް ހިޖުރަކުރީ، ސީދާ ކޮން ބިމަކުން ބާވައެވެ؟ ކޮން އިރަކު ބާވައެވެ؟