Support Us

ކޮލަމް ދިވެހި: ބޮންގަސް- ކުޅަދުންވަންތަކަމުގެ ކޮން ފަދަ އަޖައިބެއް؟

މި ގަހަށް ފެން ނުދެއްވާށެވެ! ފުރަގަސް ދެއްވާށެވެ! މި ގަހާ ދުރަށް ވަޑައިގަންނަވާށެވެ! މިއީ ވިހަޔާއި ޒަހަރެވެ. މިއީ ބޮޑު އުންޑަ ގުދަނެކެވެ. ކޮންމެ ވަގުތެއްގައި ވެސް ގޮވައިފާނެއެވެ. މަރުއެތިފަހަރެއް އަރައިފާނެވެ. މިއީ ދުނިޔޭގެ އެންމެ ނުރައްކާތެރިގަހެވެ. އެކަމަކު މި ގަހުގައި ޤުދުރަތުން ލައްވައިފައިވާ އަޖައިބުތައް ގިނަގުނައެވެ. ފައިދާތައް ވެސް، ދުވަހެއް ދުވަހަކަށް އަންނަނީ އިތުރަށް ފެންނަމުންނެވެ. އިންތިހާ ޝައުޤުވެރިއެވެ.

ބައްލަވައިލައްވަންވާނެއެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުއްވައިގެން، މި ގަސްދޮށަށް އެނބުރި ވަޑައިގަންނަވާށެވެ! މި އެރުވޭ އިރުޝާދާ އެއްގޮތަށެވެ.

ބޮންގަހަކީ ކޮން ގަހެއްހެއްޔެވެ؟ ކޮންތާކު ހެދޭ ގަހެއް ހެއްޔެވެ؟ އެއީ ކިހިނެއް ކިޔުނު ނަމެއްހެއްޔެވެ؟ ދެ މީހަކު އެއް ނަމެއް ކިޔާނެތޯއެވެ؟ އޮންނާނީ އެ މީހަކު ކީ ނަމެއް ނޫންތޯއެވެ؟ މި ގަސް ބައްލަވައިލައްވާން، ދަތިފުޅު ނޫނިއްޔާ ތިބާ ވަޑައިގަންނަވާންވީ އެމޭޒަން ޖަންގަޔަށެވެ. ނޫނީ މެދުތެރޭ އެމެރިކާގެ ބައެއް ގައުމުތަކަށާއި، ކެރީބިއަން ކަނޑުގެ އައްސޭރީގައިވާ ބައެއް ރަށްތަކަށެވެ. ރައްޓެއްސަކު ހުރިއްޔާ އޮސްޓްރިކާ ވެސް ރަނގަޅުވާނެއެވެ. ނަމަނަމަ ގަހުގެ މޭވާ ފައްކާވާ ދުވަސްވަރު ނޫން ދުވަސްވަރަކަށް ދަތުރު ހަމަޖައްސަވައްޗެވެ! އެ ދުވަސްވަރު އެ ގަހެކޭ، ކޮންޓްރޯލެއް ނެތް މެޝިން ބަޑިއެކޭ ވާނީ އެއް ގޮތެވެ!!

ބޮންގަހުގެ ނަން

އެމެރިކާގެ އަސްލުރަށްވެހީން މި ގަސް ދެނެގަތީ އެތައް ޤަރުނެއް ކުރީންނެވެ. އެ މީހުންގެ ބަހުން ލަފުޒަކާއި ޔޫނާނީ ބަހުން ލަފުޒެއް އެއްކޮށްލައިގެން ސައިންސްވެރީން މިގަހަށް ދިން ނަމަކީ ހޫރާ ކްރެޕިޓަންސް (Hura crepitants) އެވެ. މީގެ މާނަ އެ ގަހުގެ ވިހަކަމާއި އޭގެ މޭވާގައިވާ ގޮވުމުގެ ސިފަޔާ ގުޅެއެވެ.

އާންމު އިނގިރޭސި ބަސްފޮތު މާނައެއް ވެސް އޮވެއެވެ. ސޭންޑްބޮކްސް ޓްރީ (Sandbox tree)އެވެ. މިއީ އެ ގަހުގެ ސަގާފީ ނަމެވެ. މި ނަން ކިޔުނީ ބަރަބޮލެއްގެ ބައްޓަމަށް އޮންނަ އެ ގަހުގެ މޭވާގައި ހުންނަ ވަކިވަކި ބަންދުތަކަކަށް (މިރިތަކަކަށް) ނިސްބަތްކޮށެވެ. އެ ޒަމާނުގައި ލަކުޑީގެގަލަމުން ލިޔާ މީހުން، ގަލަމު ތުނޑުން އޮހޭ ދެލި ހިއްކައިލާން ނުވަތަ ފޮހެލާން އެ މޭވާގެ މި ދެންނެވި މިރިތަކަށް ވެލި އަޅައިގެން، ވަކި ގޮތަކަށް ބޭނުންކުރިކަމަށްވެއެވެ. ވީމާ ވެލިފޮށިގަހޭ އެކިޔެނީ އެކަމާ ގުޅުވައިގެންނެވެ.

ތިންވަނަ ނަމަކީ ދޫދޫމަތީ މަޝްހޫރު ނަމެވެ. އެ ގަހުގެ އެންމެ ޚާއްޞަ ސިފަޔާ ގުޅުވައިގެން ކިޔިފައިވާ ނަމެވެ. އެ ނަމަކީ ޑައިނަމައިޓް ޓްރީ (Dynamite tree) އެވެ. ސަބަބަކީ އެ ގަހުގެ މޭވާ ދޮންވެ ފައްކާވެ، ވަކި އުމުރަކަށް ދިޔައިމާ، އެ މޭވާއަށް އަންނަ އަޖާބުކުރުވަނިވި ކުއްލި ގޮވުމެކެވެ. ބޮމެއް ގޮވާހެން ގޮވާ ގޮވުމެވެ.

އެއްޗެއްގައި ހުންނަ ސިފަޔަކާ ގުޅުވައި ނަން ކިޔުމަކީ ދިވެހީންގެ ތެރޭގައި ވެސް ވަރަށް އާންމު ކަމެއް އެހެން ނޫންތޯއެވެ؟ މިސާލަކަށް ބުޅިކޮށް އޮންނަ ތުންގަނޑެއް ލިބިފައިވާ، ދޫންޏަކަށް ކިޔަނީ "ބުޅިތުނބި" އެވެ. ދޮންކޮށް ހުންނަ ރިހަޔަކަށް ކިޔަނީ ދޮންރިހައެވެ. ބަންކިޔާފައި ވެއްޓި ޖެހޭ ކޭލަކީ ބަންކެޔޮ ނުވަތަ ބަނބުކޭލެވެ. އެހެންވީމާ އަޅުގަނޑު ހިތަށް އަރައެވެ. މި ލިޔުން ލިޔުނު ލިޔުންތެރިޔަކު، އެ ގަހަށް ދިވެހި ބަހުން "ބޮން ގަސް" ކިޔާފައި އެ ވަނީ ވެސް މި ކަހަލަ ވިސްނުމެއްގައި ނޫން ބާވައެވެ؟

ބޮންގަހުގެ ސިފަ

ޤުދުރަތުގެ ޠަބީޢީ ނިޒާމުގައި ބޮންގަހަކީ ވަލު ޖަންގަލީ ގަހެކެވެ. މީހުން ދިރިއުޅޭ ހިސާބާ ދުރުގައި ހެދެމުން އައި ގަހެކެވެ. ގަހުގެ ލަކުޑި އާރުލައެވެ. ދިގުމިން 60 މީޓަރު (200ފޫޓު) އުހަށް ހެދެއެވެ. ބުޑުގަނޑަށް ބަލާއިރު، ވަށަމިން 43 ފޫޓަށް ބޮޑުވާކަމަށްވެއެވެ. އެއީ ބިމުން ފެށިގެން މައްޗަށް، 1.8 މީޓަރު ނުވަތަ ހަ ފޫޓު ހިމެނޭ ގޮތުންނެވެ. ކަނދުގަނޑާއި ބުޑުގަނޑު ފިސާރި ޒައްޤޫމީ ގަހެކެވެ. ވަށައިގެން ފަޅައިފައިވާ ތޫނު ހަރު ކަށިތަކުން ނިކަން ވިހަ ދިޔައެއް ދޫކުރެއެވެ. އެ ކަށިތަކުގެ ވަރުގަދަކަމާއި ނުރައްކާތެރިކަމުން އިންސާނަކު ކީއްކުރަންތޯއެވެ؟ ރާމާމަކުނަކަށް ވެސް، އެ ގަހަށް އަރާކަށް ލާހިކެއް ނޫނެވެ؟ އެހެންވެގެން، ރާމާމަކުނަށް ނޭރޭ ގަހުގެ ނަމުން ވެސް، އެ ގަސް މަޝްހޫރުވެގެންފައިވެއެވެ.

ގަހުގެ މަލާއި ފަތަކީ ވެސް ވިހައެވެ. މޭވާއާއި އޮށުގައި ވެސް ވަނީ ވިހަކަމެވެ. މި ގަހުގެ ކިރު ހަމުގައި ޖެހިއްޖެނަމަ ހަންގަނޑު ރަތްވެ ކަހާނެއެވެ. ލޮލަށް އެޅިއްޖެ ނަމަ، އެ ވަގުތަށް ލޮލުގެ ފެނުން މުޅިން ގެއްލި ވެސްދާނެއެވެ. އެހެންކަމުން ގަސްދޮށުގައި ތިބަ ތިޔަ ހުންނެވީ މި ކަންކަމަށް ފަރުވާތެރިވެވަޑައިގެންތޯއެވެ؟

މޭވާގެ އަޖައިބެއް ފަދަ ބާރު

މިހާރު މިއީ އެންމެ ނުރައްކާ ވަގުތެވެ. މޭވާ ރިއްސެޔޮލައި ދޮންވަނީއެވެ. އާންމުކޮށް މީހުން ގޮސް އުޅޭ ހިސާބެއްގައި ހުރި ގަހެއް ނަމަ، މި ވަގުތުގެ ނުރައްކާތެރިކަން އަންގައިދޭ ބޯޑުތައް ގަސްހުރި ސަރަހައްދުގައި ބެހެއްޓިފައިވާނެއެއެވެ. އެ ފަދަ ބޯޑެއް ހުރިތޯ އޭގައި އޮތީ ކީކޭތޯ އަވަހަށް ބައްލަވާށެވެ!

ދޮންވެ ކުލައަންނަމުން، ފައްކާވަމުން ދާ މޭވާގެ ސިފަޔަކީ ފަނާގަލެއްގެ ސިފައެވެ. ބަރަބޮލެއްގެ ބައްޓަމެވެ. ޖުމްލަ 16 މިރިޔަށް މުޅި މޭވާ މިރިވެގެންވެއެވެ. އޮށްތައް އެހެރީ ބަރަބޯ އޮށުގެ ސައިޒުގައި ހަމަ އެހެން، ފަތިކޮށެވެ. ގާތްގަނޑަކަށް ދެ ސެންޓިމީޓަރުގެ (3/4 އިންޗި) ފުޅާމިނެއްގައެވެ.

ފިޒިކްސް ޢިލްމުގެ އެތައް ޢިލްމުވެރީންނެއް މި މޭވާގެ ގޮވުން ތަހުލީލު ކުރައްވައިފިއެވެ. އޭގައި އެ އުފެދޭ އާދަޔާ ޚިލާފު ބާރުމިން ވަޒަންކުރައްވައިފިއެވެ. އެ ބާރު މިނާއެކު ކުއްލިޔަކަށް އެ މޭވާ، އެ ގޮވަނީ ބާރު ގަދަ ބޮމެއް ގޮވާ ފަދައިންނެވެ. ކުޑަވެސް ތަފާތެއް ނެތިއެވެ. އެއާ އެކު އެތެރޭގައި ހުންނަ އޮށްތައް ބުރައިގެންދަނީ ކިހައި ބާރު މިނެއްގައި، ހިކައި ހަލުވި ދުވެއްޔެއްގައި ކަން ވަޒަންކޮށްލެއްވޭތޯއެވެ؟

ދިރާސާވެރީން ހާމަކުރައްވާ ގޮތުގައި މޭވާ ގޮވާ ވަގުތު އެވްރެޖްކޮށް، ސިކުންތަކު 43 މީޓަރަށް އޮށްތައް ބުރައިގެންދެއެވެ. ބައެއް ހާލަތްތަކުގައި މިއަށްވުރެ މާ ބާރަށެވެ. ސިކުންތަކު 70 މީޓަރަށް ވުރެ ބާރަށް ވެސް ވިއްސައިގެން ގޮސްފައިވެއެވެ. މި ދާ ދިޔުމުގައި ބައެއް ޙާލަތްތަކުގައި މިނެޓަކު 15,000 ބުރު، ކޮންމެ އޮށެއް ހެން، އަޅާކަމަށްވެއެވެ.

މިއިން އޮށެއް ލޮލުގައި ޖެހިއްޖެއްޔާ ބިރު ބޮޑެވެ. އޭގެ ހުރި ބާރު ދުވެއްޔާއި، ނުބައި ވިހައިގެ ސަބަބުންނެވެ. އެ ނޫނީ ހަށިގަނޑުގެ ތަނެއްގައި ޖެހުމަކުން އެހައި ބޮޑު ބިރެއް ނެތްކަމަށް ވެއެވެ.

ނަސްލު ދެމިގެން އައުން

ބޮން ގަހުގެ އަޖާބުކުވަނިވި އަނެއް ސިފަޔަކީ އޭގެ ނަސްލު ދެމިގެން އަންނަ ގޮތެވެ. އެ ކަމަށް ޤުދުރަތުން ލައްވާފައިވާ ނިޒާމެވެ. ހޯދުންތަކުން އެނގޭ ގޮތުގައި މީގެ ފިރިހެން މަލާއި، އަންހެން މާ އަޅަނީ އެއް ގަހެއްގައެވެ. މުޑުވައް ފެތުރޭ ނިޒާމަކީ މޭވާޔަށް އަންނަ ބާރު ގަދަ ގޮވުމެވެ. ވަށައިގެން އެތައް ހިސާބު ދުރަކަށް އެ ގަހުގެ އޮށްތައް "އުދުހިފައި" އެ ދާ ދިޔުމެވެ. އެ ދައުރާވުން މެދުނުކެނޑި ހިނގަމުން ފުޅާވަމުން ދިރި އާލާވަމުން ދާ ދިޔުމެވެ.

ފައިދާއަކީ ކޮބާ؟

ޝައްކެއްނެތެވެ! މާތް ﷲ ކޮންމެ ކާއިނެއް ވެސް މި ދޭހުގައި ލައްވާފައިވަނީ ޚާއްޞަ ޙިކްމަތަކަށް ޓަކައެވެ. އޭގައި ފައިދާތަކެއް ވާނެއެވެ. ތިބާ ތިޔަހައި ދުރަށް ވަޑައިގެންފައި އެނބުރި ރާއްޖެވަޑައިގަންނަވާން ވާނީ، ތިޔަ ދަތުރުން އެތައް ފައިދާއެއް ހޯއްދަވައިގެންނެވެ. ބޮންގަހުގައި ވެސް ލައްކަ ފައިދާވެއެވެ.

ވޯލްޑް ޖަރނަލް އޮފް އެގްރިކަލްޗަރަލް ސައިންސަސްގައި 2012ވަނަ އަހަރު ޝާއިޢުކޮށްފައިވާ ދިރާސާއެއް ބުނާ ގޮތުން މި ގަހުގެ އޮށަކީ ވަރަށް މެގްނީޒިއަމް ފަދަ މުހިންމު އެތައް މާއްދާތަކެއް އެކުލެވޭ އެއްޗެކެވެ. އެހެންވީމާ މި ބާވަތުގެ އޮށުގެ ތެލަކީ ކުލަޔާއި، ސައިބޯންނާއި ވަރުނީސް ފަދަ ތަކެތި އުފައްދާން ވަރަށް ބޮޑު ބޭނުމެއް ހިފިދާނެ މުހިންމު އެއްޗެކެވެ. އަދި 2020ވަނަ އަހަރު ކުރެވުނު ދިރާސާއަކުން ޔަޤީންވި ގޮތުގައި އިހު މީހުން ޤަދީމީ ޙަކީމީ ބޭސްވެރިކަމުގައި ވެސް، މި ގަހުގެ ފައްސަންގު ބޭނުންކޮށްފައިވެއެވެ. އަދި މަސްވެރިކަމުގައި، މަސް ބަލިކޮށްލާން ވެސް މި ގަހުގެ ދިޔަ ބޭނުންކޮށްފައިވެއެވެ. މި ޒަމާނުގައި ނެނޯޓެކްނޯލޮޖީ ބޭނުންކޮށްގެން ޞިއްޙީ އެކި ފަރުވާތަކަށް މި ގަހުގެ އަރަޤު ބޭނުންކުރެވޭނެކަން ފަހުގެ މި ދިރާސާތަކުން ވަނީ ހޯދިފައެވެ.

ވަކިވެލުން

ބޮންގަސް ހުރި ސިފަ އަޅުގަނޑުމެންނަށް އެނގިއްޖެއެވެ. ކުރަތްކެވެ. ހަރެވެ. ކަށިގިނައެވެ. ވިހަ ތިޔާތްގެވެ. ލައްވައިފައިވަނީ މީހުންނާ ދުރު ވަލު ޖަންގަލީގައެވެ. ނަމަވެސް މިހާރު މީހުންގެ ދިރިއުޅޭ އާންމު ވެށްޓަށް ވެސް ބައެއް ގައުމުތަކުގައި މި ގަސް ގެނެސްފިކަމަށްވެއެވެ. ހަމަ އެހެންމެ ޢިލްމުވެރީންގެ ވިސްނުންތެރިކަމުން ފައިދާހުރި ޢިލްމީ ބޭނުންތަކަށް މި ގަސް ބޭނުންކުރެވެން ފަށައިފިއެވެ. މި ކަމުން ތިބާ ނަންގަވަނީ ކޮން މާނައެއްތޯއެވެ؟ ޢިލްމުވެރި ވިސްނުންތެރީން އަބަދުވެސް ބަލަނީ ރަނގަޅު ކުރިޔަށް ނެރެވޭތޯއެވެ. ކޮންމެ އެއްޗެއްގެ ވެސް، އޮތް ރަނގަޅަކީ ކޮބައިތޯ ސުވާލު އުފައްދައި، އެ ރަނގަޅެއްގެ މަންފާ އިންސާނިއްޔަތަށް ފޯރުވައިދެނީއެވެ.