ދިވެހި ބަހުން އެއްކައުވަންތަކަމޭ ބުނެވެނީ، އެއްކަލާނގެ ވަންތަކަމޭ ބުނުމުގެ މާނައިގައެވެ. އެ ކަލާނގެއަކީ އަރަހުށި ﷲއެވެ. އެހެންވީމާ ﷲ މެނުވީ އިލާހަކު ނުވާކަމަށް ގަބޫލުކުރުމަކީ، މުޅި ކާއިނާތުގެ މިލްކުވެރި ބާރުވެރި ފަރާތަކީ އެކަލާނގެކަން ޝައްކެއްނެތި ގަބޫލުކުރަމެވެ. ދީނީ ގޮތުން މިއީ ފުން ކަނޑެއްގެ ދާއިރާއެވެ. ތައުޙީދު ޢިލްމުގެ ކަނޑެވެ. އެ ކަނޑުގެ ހުޅިރީތި ކުދިކުދި ރާޅުގެ ފޮނުކޮޅަށްވުރެ އަޑިޔަށް ދެވޭ އިރު، އަޅުގަނޑުގެ ނޭވާ ހުސްވާނެއެވެ. އެހެންކަމުން މި މައުޟޫޢުގައި ދެން އޮތް ދީނީ ތަފުޞީލުތައް، ދީނުގެ ދަންނަ ބޭކަލުންނާ ހަވާލެވެ. ފިކުރީ ގޮތުން ބަލާއިރު އެތައް ފަލްސަފާވެރީންނެއް، އެތައް ސައެންސްވެރީންނެއް، އެއް އަސްލުވަންތަކަމުގެ މައުޟޫޢު ނިއުޅައިފައިވޭ، އެހެން ނޫންތޯއެވެ؟
މި ލިޔުމުގައި މައިގަނޑު ގޮތެއްގައި ބަލައިލާނީ، އެއްކައުވަންތަކަން ގަބޫލުކުރާ މީހުން، މާ ހަމަޖެހިގެން ދުނިޔޭގައި އުޅޭ ކަމަށް ދިރާސާއަކުން ސާބިތުވެފައިވާތީ އެކަމަށެވެ. އޭގައި ހިމެނޭ ބަހަވީ ބައެއް ޙަޤީޤަތްތަކުގެ މައްޗަށެވެ.
އިންސާނާއާ އެހެން ފަރާތެއް ބައިވެރިވާކަމުގެ އިޙްސާސަކީ އޭނާއަށް ބޮޑެތި ބަދަލުތަކެއް ގެންނަ އިޙްސާސެއްކަމަށްވެއެވެ. އެ ކަމުން އޭނާއަށް ހިތްވަރު ލިބެއެވެ. އިތުބާރު ލިބެއެވެ. އުފާވެރިކަމާއި ހަމަޖެހުން ލިބިއެވެ.
ޢިލްމީ ގޮތުން މި ކަން ސާބިތުކުރެވުނު މަޝްހޫރު އެއް ދިރާސާއަކީ 1985ވަނަ އަހަރު ޝާއިޢުކުރެވުނު ދިރާސާއެކެވެ. ދިރާސާވެރީންނަކީ ސިލްވަރމަންއާއި، ވެއިންބަރގަރެވެ. ތަފާތު 40އަށްވުރެ ގިނަ ގުރޫޕު މި ދިރާސާގައި ބޭނުންކުރެވިފައިވެއެވެ.
މި ދިރާސާގައި ބޭނުންކުރެވުނު އެއް އިބާރާތަކީ "Mommy and I are one" (މަންމައާއި އަހަންނަކީ އެކައްޗެކެވެ.) މިއެވެ. 4 މިލިސިކުންތުގެ މި އިބާރާތްކޮޅު ސިކުނޑިއަށް ނޭނގި، އެކި ހާލަތްތަކުގައި ފޯރުވައިދިނުމުން ރަނގަޅު ހެޔޮ އަސަރުތައް ކޮށްފައިވާ ކަން ދިރާސާއިން ހޯދުނެވެ.
މި ދިރާސާގެ މައުޟޫޢަށް އިތުރު ހުޅުވުމެއް، ބާރެއް ދިން އަނެއް ދިރާސާއަކީ 2019ވަނަ އަހަރު ޝާއިޢުކުރެވުނު ކަރުދާހެކެވެ. ޖަރުމަނުވިލާތުގެ މެންހައިމް ޔުނިވަރސިޓީގެ ބެލުންތަކެކެވެ. ލޯރާ މާރީއާއި، އެޑިންގަރ-ޝޯންސްގެ ސުވާލަކީ އެއް [އެއްއަސްލުވަންތަކަން] ނުވަތަ އެއްކައުންތަކަން ގަބޫލުކުރުމާއި، އޭގެ ނަތީޖާއެއްގެ ގޮތުން ދިރިއުޅުމުގައި އެ ފަދަ މީހުންގެ ހަމަޖެހުމަށް ފޯރާ އަސަރު ބެލުމެވެ.
މި ތާނގައި އެހެން ކަމެއް ފާހަގަކޮށްލަން ބޭނުމެވެ. އެއީ އަޅުގަނޑު އެއް އަސްލުވަންތަކަމޭ މި ދަންނަވަނީ ގަސްތުގައެވެ. ވަކި މާނައެއްގައެވެ. އެއްއަސްލުވަންތަކަމަކީ އެއްކައުވަންތަކަމެއް ނޫނެވެ. ކަލަކުވޮޑިގެންވާކަން ގަބޫލުކުރުމާއި، ވޮޑިގެންވާ ކަލަކީ އަރަހުށި ﷲކަން ގަބޫލުކުރުމާ އެއީ ވެސް އެއްކަމެއް ނޫނެވެ. ހަމަ އެހެންމެ ﷲއީ އެއްކައުވަންތަ ކަލާނގެކަން ގަބޫލުކުރުން އަދި މުޅިން ތަފާތެވެ.
ބައެއް މީހުން ބުނަނީ ކަލަކު ވޮޑިގެން ވާކަން އެ މީހުން ގަބޫލުނުކުރާކަމަށެވެ. އަނެއް ބަޔަކު ބުނަނީ ކޮންމެ ވެސް ބާރެއް ނުވަތަ ބާރުތަކެއް ވާކަން ގަބޫލުކުރެވޭ ކަމަށެވެ. އަނެއް ބަޔަކު ބުނަނީ ކަލާންގެތަކެއް ވާ ކަމަށެވެ. ޔަހޫދީންނާއި ނަޞާރާއިން ﷲ ވޮޑިގެންވާކަން ގަބޫލުކުރެއެވެ. އެކަމަކު މަރުޙޫމު ދީދާތު ވިދާޅުވާހެން މި ކަމުގައި ނަޞާރާއިން ގެންގުޅޭ ތިންކައުވަންތަ ވިސްނުމަކީ ޢަޤީދާގެ އަރަތެކެވެ.
އަޅުގަނޑުމެން މުސްލިމުން ގަބޫލުކުރަނީ މި ދުނިޔެއާއި އެ ދުނިޔޭގައި ވާހާއެއްޗެއްގެ ވެރިފަރާތަކީ ޢަޒަލުއްސުރެވޮޑިގެންވާ، އަރަހުށި ﷲ ކަމަށެވެ. އެއީ އެ ކަލާނގެއަށް ބައިވެރިޔަކު މަދަދުވެރިޔަކު ނުވާ އެއްކައުވަންތަ ކަލާނގެއެވެ. ހުރިހައިކަމެއް މޮޅަށް ދެނެވޮޑިގެންވާ، އެންމެ މޮޅަށް ތަދުބީރުކުރައްވާ، ޙަކީމްވަންތަ ޢަޒީޒުވަންތަ ރަސްކަލާނގެއެވެ. މާލިކުލްމުލްކެވެ. ވާޙިދުލްއަޙަދެވެ. އެ ކަލާނގެ ހުރިހައި އިންސާނުން ވެސް ދުނިޔެއަށް ފޮނުއްވަނީ ފިޠުރަތުގެ ގޮތުގައެވެ. ﷲ ވޮޑިގެންވާކަމާއި، އެ ކަލާނގެ އެއްކައުވަންތަކަމުގެ ދޭހަ، އިންސާނާގެ ނަފުސުގެ އެންމެ ފުނުގައި، ވިންދުޖަހާ ހާލުގައެވެ. ނަމަވެސް ބައެއް މީހުންނަށް ދިމާވާ ގޮތަކީ އޭނާގެ ވަށައިގެންވާ ދުނިޔެ، އޭނާގެ ވިސްނުމާއި އުޅުން ބަދަލުކޮށްލަނީއެވެ. ދެން އެ ވަދެވޭ ހަނި ގޯޅިގަނޑެއްގެ ތެރޭން ދެކޮނޑުފުޅާކޮށްފައި، ބިންމަތީ ގުންފައިޖައި ފުމޭން ހުއްޓައި، އުމުރުގެ ކޮންމެ ވެސް ހިސާބަކުން ބޮވޭ ބޮނޑިޔަކުން، ނޫނީ ލޮލަށް އެޅޭ އިލާހީ ރަޙްމަތުގެ ނޫރަކުން ހޭވެރިކަން ޖެހި، ހެޔޮ ލަފާ މުސްލިމަކަށްވެދެއެވެ. އެ ގޮތުގައި އުޅެ ދުނިޔެ ދޫކުރެއެވެ.
މި ދިރާސާ ބިނާކޮށްފައިވަނީ، ސީދާ އެއްކައުވަންތަކަމުގެ ދާއިރާއަކަށް ނޫނެވެ. އޭގެ ބަދަލުގައި މި ދިރާސާ ބިނާކޮށްފައިވަނީ އެވޭލާ ހުޅަނގުގެ އެއްއަސްލުވަންތަކަމުގެ ފަލްސަފާގެ މައްޗަށެވެ. ދުނިޔޭގެ އެންމެ ކުދިކުދި ޒައްރާތަކުން ފެށިގެން، މާސިންގާ ބޮޑެތި ޖުރުމުތަކަށް ދަންދެން އެއީ ގުޅިލާމެހިފައިވާ، އަދި އެ ތަކެތީގެ ކުރިއެއް، ފެށުމުގެ އެއްއަސްލެއް ވާ ކަމަށް، އޮންނަ ވިސްނުމުގެ މައްޗަށެވެ. ނަމަވެސް މި އެއް އަސްލުވަންތަކަން ގަބޫލުކުރުމާއި އޭގެ އަސަރުން ނިކުންނަ ނަތީޖާ ދެނެގަތުމަށް ޓަކައި އުފައްދައިފައިވާ ސުވާލުތަކުގެ ތެރޭގައި އެއްކައުވަންތަކަމަށް އިޝާރާތްކުރާ ސުވާލުތައް އެބަ ހުއްޓެވެ.
މި ދިރާސާގައި 60,000 އަށްވުރެ ގިނަ މީހުން ބައިވެރިކުރެވުނެވެ. އޭގެ ތެރޭގައި ތަފާތު އެކި އިޢުތިޤާދުގެ މީހުން ހިމަނައިފައިވެއެވެ. ތަފާތު އެކި ދީންތަކުގެ މީހުން ބައިވެރިކޮށްފައިވެއެވެ. ހަމަ އެހެންމެ ކަލަކުވޮޑިގެންވާކަން ގަބޫލުނުކުރާ ކަމަށް ބުނާ، މުލްޙިދުން ވެސް ހިމެނުނެވެ. ލިބުނު ނަތީޖާއެއް ކަމަށް ވަނީ ކާއިނާތާއި އެންމެހައި ތަކެއްޗެއް އުފެއްދެވިގެންވަނީ އެއް އަސްލަކާ ގުޅިފައިވާ ނިޒާމަކުންކަން، ހުރިހާ އެއްޗެއް ވަނީ ގުޅިލާމެހިފައިކަން ގަބޫލުކުރާ މީހުންގެ ދިރިއުޅުމުގެ ހަމަޖެހުމާއި ނަފްސާނީ ދުޅަހެޔޮކަން (Life Satisfaction) އެ ނޫން މީހުންނަށްވުރެ ނިސްބަތުން މަތީގައިވުމެވެ. އަދި ﷲގެ އެއްކައުވަންތަކަން ގަބޫލުކުރާ (މުސްލިމުން) ގެ ހަމަޖެހުން އެންމެ މަތީގައި ވާ ކަމަށް ދެއްކުމެވެ. އެންމެ ދަށުގައި ވަނީ ވޮޑިގެންވާކަން ގަބޫލުނުކުރާ މުލްޙިދުންނެވެ.
ބަހަވީ ބަލައިލުން
މި ކަމުގައި ބަހުގެ ގޮތުން ދެ ނަޒަރަކުން ބަލައިލަން ގަސްތުކުރަމެވެ. އެއީ އެއްކައުވަންތަކަމުގެ އިޙްސާސް އުފައްދައި އޭގެ ރޫޙު ދެމެހެއްޓުމުގައި، ބަހުގެ އަދަބީ ބަހުރުވަ އަދާކުރާ ދައުރަށެވެ. ދެވަނަ ކަމަކީ މި ފަދަ ރޫޙެއް އޮންނަ މުޖުތަމަޢަކުން ފެންނަ އެ ބައި މީހުންގެ ބަހަވީ ޤަރީނާއަށެވެ. އެ މުޖުތަމަޢަކީ އެ ފަދަ ހަމަޖެހުމެއް އޮތް މުޖުތަމަޢެއްކަން އަންގައިދޭ ބަހުގެ އިޝާރާތްތަކަށެވެ.
ތަރުތީބަކުން ވިސްނާލަމާތޯއެވެ! މުސްލިމަކު އެއްކައުވަންތަން ގަބޫލުކުރާ އިރު، އޭނާގެ ނަފުސު އެ ޔަޤީންކުރަނީ ވަރަށް ބޮޑު އިތުބާރެކެވެ. ތިމަންނަގެ ހުރިހައިކަމެއް ފެށެނީ، އަދި ނިމެނީ، ޢާލަމްތަކުގެ ހުރިހައިކަމެއް ވެސް، އެ ފަރާތަކުން ފެށޭ، އެ ފަރާތަކަށް ނިމޭ ހަމައެކަނި ފަރާތަށް ކަމެވެ. އެ ހިސާބުން އޭނާގެ ސާހިބުގެ ޤާބިލުކަން ވަނީ އޭގެ ނިހާޔަތުގައިކަން ކުޑަވެސް ޝައްކެއްނެތި ޔަޤީންވީއެވެ. އެއީ ރިޒުޤު ދެއްވަން ކަމަށް ވިޔަސްހެވެވެ. ރައްކާތެރިކަން ދެއްވަން ވިޔަސް ހެވެވެ. އިމްތިޙާނުން ފާސްކޮށްދެއްވުމާއި ވަނަދެއްވުން ކަމަށް ވިޔަސް ހެވެވެ.
ދެވަނަ ކަމަކީ ﷲގެ ރައްބުވަންތަކަމެވެ. ރުބޫބިއްޔަތެވެ. ތިމަންނަގެ ހުރިހައިކަމެއް ބަލަހައްޓަވާ ފަރާތަކީ އެކަމުގެ އިޚްތިޔާރާއި ފުދުންތެރިކަން އޭގެ އިމެއް މިނެއް ނެތް ދަރަޖައިގައިވާ އަދި ރަޙްމާންވަންތަ ރަޙީމްވަންތަ ފަރާތްކަން ޔަގީންވީއެވެ. އެހިސާބުން އޭނާގެ އަމިއްލަ ނަފުސާއި، މުދަލާއި ޙަޔާތުގެ ރައްކާތެރިކަން ވަކީލުކުރެވިފައި ވާ ފަރާތުގެ ޒާތާ މެދު ކޮން ފަދަ ބޮޑު ހިތްހަމަ ޖެހުމެއް ލިބޭނެ ތޯއެވެ؟
ތިންވަނަ ކަމަކީ އިލާހުވަންތަކަމެވެ. އުލޫހިއްޔަތެވެ. ޢާލަމްތަކުގެ ބެލެހެއްޓެވުންތެރިޔާގެ ޢިނާޔަތުގައިވާ ހިނދު، ކިޔަމަންގަތުމާއި އުންމީދާއި މަދަދަށް އެދުމުގައި އިލާހަށް ދެންނެވޭ ދެންނެވުމެވެ. އެ އިލާހުގެ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވާކަން އެއީ އޭނާ ގަބޫލުކުރާ އިޢުތިޤާދީ އެންމެ ފުން އެންމެ ސާފު ޙަޤީޤަތެވެ. އެހެންވުމުން އެ ފަދަ އިލާހެއްގެ ޙަޟްރަތުގައި ސީދާ ބަސްދެންނެވޭ ފަރާތަކީ ކޮންފަދަ ޝަރަފުވެރިއެއްތޯއެވެ؟ ކޮންފަދަ އުފަލެއް ހިތްހަމަ ޖެހުމެއް ޢިއްޒަތެއް ލިބިގެންވާނެ މީހެއްތޯއެވެ؟ އޭނާ އެއާ އެކު އެކަލާނގެ ހުރިހައި ސިފަފުޅުތަކެއް ގަބޫލުކުރެއެވެ!!!
ދެން ހިތްޕުޅަށް ގެންނަވާށެވެ! އެއްކައުވަންތަކަން ތިބާ ގަބޫލުކުރެއްވީއެވެ. ތިބާއީ މުސްލިމެކެވެ. އަޅުގަނޑަކީ ވެސް މުސްލިމަކީމެވެ. އޭނީ ވެސް، މީނީ ވެސް، އެހެރަ ދަނީ ވެސް މުސްލިމެކެވެ. ﷲގެ އެއްކައުވަންތަކަމަށް އިޢުތިރާފުވެއެވެ. މި ވަގުތު މި އިޢުތިޤާދުގައި ދުނިޔޭގައި ދެ ބިލިޔަން އިންސާނުން، އެކިކަންކޮޅުތަކުގައި އެބަ ތިއްބެވެ. އެހިސާބުން އެވީ އެއް އުންމަތަކަށް އެހެން ނޫންތޯއެވެ؟ މި އުންމަތް ސިފަކުރެވެނީ ކިހިނެއްތޯއެވެ؟ އަލްއަންބިޔާއު ސޫރަތުގެ 92ވަނަ އާޔަތް އަޅުގަނޑުމެން ކިޔަވަމުއެވެ. إِنَّ هَـٰذِهِۦٓ أُمَّتُكُمْ أُمَّةًۭ وَٰحِدَةًۭ وَأَنَا۠ رَبُّكُمْ فَٱعْبُدُونِ (ހަމަކަށަވަރުން މިއީ އެއް އުންމަތެއްކަމުގައިވާ ތިޔަބައިމީހުންގެ އުންމަތެވެ. އަދި ތިމަންރަސްކަލާނގެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. ފަހެ ތިޔަބައި މީހުން ތިމަން ރަސްކަލާނގެއަށް އަޅުކަންކުރާށެވެ.) މި އާޔަތުން އިޝާރާތްކުރަނީ ސަލާމްލެއްވި އާދަމުގެ ފާނާހަމައިން ފެށިގެން، މިދީނަށް ވަންހައި ބަޔަކަށް ކަން، އާޔަތާ މެދު ޢިލްމުވެރީން ދައްކަވައިފައި ހުރި ވާހަކަފުޅުތަކުން އެނގެއެވެ.
"އެއްއުންމަތެއްކަމުގައިވާ" އެއީ އެއްކައުވަންތަ އިލާހުގެ ދީނާއި އެ ދީނަށް ތަބާވީތީ، އެއް ބަޔަކަށްވި މީހުންނެވެ. [وَأَنَا۠ رَبُّكُمْ] މި ތަނުގައި މި އޮތް رَبُّ މި ލަފުޒުން އިޝާރާތްކުރަނީ އެއީ އެ ދީނާއި އެ ދީނަށް ވަންހައި ބަޔެއްގެ ބެލެހެއްޓެވުންތެރި ފަރާތްކަމެވެ. " وَأَنَا۠ " މި ތާނގައި "ތިމަންރަސްކަލާނގެ" މިހެން އޮތުމުން މުރާދުކޮށްދެނީ އެ ފަރާތުގެ މަތިވެރި ފުރިހަމަ ހައިސިއްޔަތެވެ. ޤާދިރުވަންތަ ރަސްކަލާނގެއެވެ. އޭގެ ފަހަތުން (ވީމާ) ތިމަން ރަސްކަލާނގެއަށް އަޅުކަން ކުރާށޭ އޮތް އޮތުން އުފައްދައިދެނީ ކޮން ފަދަ ވަރުގަދަ މާނައެއްތޯއެވެ؟ ހާސްވެ ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް އެބަ އޮތްތޯއެވެ؟ އަޅުކަންކުރުމުގެ ޖުމުލަ މާނައަކީ ކިޔަމަންގަތުންކަމަށް ޢީލްމުވެރީން ވިދާޅުވެއެވެ. އެހެންވީމާ، އެކަލާނގެ އެންގެވި ފަދައިން އަމަލުތައް ބެހެއްޓީމާ ކަންވާނީ ރަނގަޅަށެވެ. ތަވައްކުލްކޮށްލާށެވެ!
މި ބަސްކޮށާރު އަޅުގަނޑުމެންނަށް މި ގެނައި ކޮން ބަދަލެއްތޯއެވެ؟ އަޅުގަނޑުމެން އެކަކީ ވެސް އެކެއް ނޫންކަމެވެ. މިއީ އެއް އުންމަތެވެ. އެތައް ބިލިޔަން މީހުންނެއްގެ އެކަތިގަނޑެކެވެ. އެތައް ޓްރިލިޔަން ސެލްތަކަކުން އުފެދިފައިވާ އެއް ހަށިގަނޑެކެވެ. އެތައް ހާސް އަހަރެއްގެ ތާރީޚުގެ ޖަމާއެކެވެ. މި ވަރުގަދަ ޖަމާއީ ބާރުގެ ރޫޙު ގުޅި ލާ މެހިފައިވަނީ ޢާލަމްތަކުގެ ވެރިރަސްކަލާނގެއާއެވެ. މަތިވެރިވެގެންވާ މަލަކޫތިއްޔަ ޢާލަމާއެވެ. އެދޭ ކަމެއް ސީދާ ތިމާ ދަންނަވަންވީއެވެ. އެކަލާނގެއީ ދުޢާ އިޖާބަކުރައްވާ އޯގާވަންތަރަސްކަލާނގެއެވެ.
ވީމާ، އަމިއްލަފުރާނައަށް ގެއްލުން ދިނުން ފަދަ ކަންކަން އިސްލާމީ މުޖުތަމަޢުތަކުގައި މަދީ، ނުވަތަ އެއް ޒަމާނެއްގައި ނުވެސް ނެތީ، މި މާތް ޙަޤީޤަތުގެ ސަބަބުން ނޫން ބާވައެވެ؟
އާދެ! މި ދަންނަވައިލެވުނީ އެއްއުންމަތެއްވަންތަކަމުގެ މަފުހޫމެވެ. އެއްކައުވަންތަ އިލާހަށް އެތައް ބިލިޔަން ބަޔަކު އީމާންވެ ކިޔަމަންވުމުގައި އުފެދެން ޖެހޭ ރޫޙެވެ. އެ ރޫޙު އުފެދޭ ގޮތެވެ. ސުވާލަކީ މި ދެންނެވި [އެއްވަންތަކަން] ލިބިދޭ މާނަޢާއި އޭގެ ދޭހަ އިސްލާމީ އުންމަތުގައި، ނުވަތަ އަޅުގަނޑުމެންގެ މެދުގައި ވެސް އެބަ އޮތްބާވައެވެ؟ ދަތްޕިލައެއްގެ އުފާ ވެސް، ލިބޭނީ، ދަތްތައް ރަނގަޅަށް ހިރުގަނޑަށް މޫލައި، ދަތްތައް ސަފަކަށް ތެދަށް އެތުރި ނުގުޑާ ފަދަ ބާރާއެކުގައި ވާ ހާލަތުގައެވެ!!!
___
ނޯޓު: ދީނީ ވާހަކަތަކަށް، އެދާއިރާއިން ހުއްދަ އޮތް ދެ ބޭފުޅެއްގެ ހެޔޮފާހަގަ ލިބިފައި.

