އަމިއްލަ ރަށް ދޫކޮށް އަޅުގަނޑު މާލެ ދިޔައީއެއް ނޫނެވެ. މާލެ ގެންދިޔައީއެވެ. ދާން މަޖުބޫރުވީއެވެ. ތައުލީމަށް ޓަކައެވެ. މޮޅު މީހަކަށް ވާށެވެ. ދައުލަތަށް ޚިދުމަތްކުރާށެވެ. ގައުމީ ޚިދުމަތުގައި ޓައި އަޅާށެވެ. މޭޒު ދޮށުގައި އަރާމުގައި އިނދެގެން ފައިސާ ހޯދާށެވެ. މިއީ އަޅުގަނޑު ފަދަ އެތައް ހާސް ކުދީންނެއްގެ މައިންބަފައިންގެ އުންމީދުތަކެވެ. ކޮންމެ މަންމައެއް، ކޮންމެ ބައްޕައެއް ދުށް ބޮޑު ހުވަފެނަކީ ދަރިފުޅު މޮޅު މީހަކަށް ވުމެވެ. ގައުމުގައި ނަން ހިނގާ ދަރިފުޅަކަށް އެ މީހުންގެ ދަރިފުޅު ވުމެވެ. މި ހުވަފެންތަކާއި މި އުންމީދުތައް ހާސިލުކޮށްދޭން، ދަރީން މާލެ ބަދަލުކުރުވީއެވެ. ރަށުން ލިބެން ނެތް ތައުލީމާއި ވަޒީފާގެ ފުރުސަތުތަކަށް ޓަކައެވެ. އެއީ ކުރި ހިޖުރައެއް ނޫނެވެ. ކުރުވި ހިޖުރައެކެވެ.
އެއީ މީގެ 36އަހަރު ކުރިއެވެ. އުމުރުން ފަނަރަ އަހަރެވެ. 1980ގެ އަހަރުތަކާ ދުނިޔެ އަލްވަދާއު ކިޔަމުން ދަނީއެވެ. 1989ވަނަ އަހަރުގެ ޑިސެންބަރުމަހުގެ ތެރެއެވެ. ނިލަންދޫގެ ހިތްގައިމު، ހިމޭން މާހައުލު ދޫކޮށް މާލެ ދާން ފުރާ ދުވަސް ލައިގަތީއެވެ. އެއީ ދަތުރެއް ކުރާން ފުރާފުރުމެއް އެކަންޏެއް ނޫނެވެ. އެއީ އުފަލާއި އުންމީދުތަކަށް އެދި ކުރާ ޖިހާދެއް ނަމަވެސް ރަށުން ފުރާ އިރަކީ އުފާވެރި ހިނދުކޮޅެއް ނޫނެވެ. އެއީ ހިތްދަތި ވަކިވުމެކެވެ. އަސަރުން ފުރިގެންވީ ވަގުތެކެވެ.
އުމުރުން 15 އަހަރު ނަމަވެސް ޅަކަމާއި ކުޑަކަމެއް ނުކެނޑެއެވެ. އޭރު ވެސް އުޅެމުން އައީ މަންމަގެ ފަސްބައިގައި އެލިގެން އެ ދާވަނީގެ ހިޔަލުގައެވެ. ވީ އިރު އެ އޯގާވެތި ހިޔާ ދޫކޮށް ދާން ފަސޭހަވާނީ ކިހިނަކުން ހެއްޔެވެ؟ މިއީ އަޅުގަނޑު ފަދަ އޭރުގެ ކޮންމެ ކުއްޖެއްގެ ވެސް އިހުސާސްތަކެވެ.

ހަނދާނަށް އަންނަނީ ނިލަންދޫގެ މާސިންގާ ފުޅާ އަތިރިމައްޗެވެ. ނަމުން ވެސް 'މާވައްދިހަރެޔާ’އެވެ. މާނައީ މާއަވަށުގެ ދިހަރެޔާއެވެ. މީއާރު ދިވެހިބަހުން ބުނާ ނަމަ ދިހަރެޔާ މިއީ ދިޔަރެހެވެ. ދިޔަރެހަކީ ރާޅުޖަހާ ހިސާބެވެ. ހުވަދޫ ބަހުރުވައިން ދިހަރެޔާ ކިޔަނީ މިއާރު ބަހުން ކިޔާ އަތިރިމައްޗަށެވެ. ވީމާ، މާވައްދިހަރެޔާގެ މާނައަކީ މާ އަވަށުގެ އަތިރިއެވެ. މާގެ މާނައީ ބޮޑެވެ. ތެދެކެވެ. މި އަތިރިމައްޗަކީ ރަށުގައި މީހުން އުޅޭ ދެ އަވަށް ކަމުގައިވާ ދެކުނު އަވަށާއި އުތުރުއަވަށުގެ މެދަށް ވާހެން އޮންނަ ބޮޑު އަތިރިއެވެ. ފުރާދުއްވާ ތަކެތި ލަފާފުރާ އަތިރިއެވެ. މަސްވެރިން މަހުން ލަފައި މަސް ބަހާ މަންޒަރާއި މަސްކަނޑަން ތިބޭ މަންޒަރު ހަނދާން ވުމުން އެތައް ހާސް ހަނދާންތަކެއް ހިތުތެރޭގައި އުތުރެއެވެ. އޭރު ލިނަލްދޫގެ މާވަޑީންނާއި އަތްދަށުވަޑީންގެ ކިއްސަރުތަކާއި ފަރުމާތަކަށް ބަނދެފައި ހުންނަ މަސްދޯނިތައް ފަޅުމަތީގައި އަޅައިފައި ހުރެއެވެ. މި ދައްކަނީ ސަރުކާރުން އެކި ނަންބަރުގެ ފިލާގަނޑު ބޮޑު ދޯނިފަހަރު ބަނދެ މަސްވެރިކަން ކުރާން ފަހިވި ދުވަސްވަރުގެ ކުރީގެ ވާހަކައެކެވެ. ފަހުން ނިލަންދޫގައި ވެސް އޭގެ ދެގަނޑެތި ނުވަތަ ތިން ގަނޑެއްޗެއް އޮތެވެ.
އަޅުގަނޑުމެން މާލެ ދަތުރުކުރީ ނިލަންދޫގެ ޠަބިއީ ބަނދަރުންނެވެ. ފުން ފަޅެކެވެ. ބޮޑު ވިލެއް ވެސް މާދުރު ނޫން ހިސާބުގައި އޮވެއެވެ. ކާމިޔާބު ބޯޓު އޮންނަނީ ފަޅާ ދުރު އޮންނަ ފުން ވިލުގައި އަޅައިފައިއެވެ. ބޯޓަށް ތަކެތި އަރުވަން ދަނީ ބޮއްކުރައެއްގައެވެ. ބޮޑު ދިޔައިގައި ނަމަ ރަށާ ކައިރިއަށް ބޯޓު ގެނެއެވެ. ބަނދަރެއް ނެތް ޒަމާނުގައި ވެސް ނިލަންދުއަކީ ލަފާފުރަން ފަސޭހަ ގުދުރަތީ ފަޅެއް އޮތް ނަލަނަލަ ރަށެކެވެ. މި ދެވެނީ މައުޒޫއާ ތަންކޮޅެއް ދުރަށެވެ. ވާނީ ވެސް އެހެންތާއެވެ. ކުޑަ އިރުގެ ހަނދާންތައް ލެޔާއި މެޔާއި ގަޔާ ލާމެހި ހޭކިފައިވާ ކުލަޔާއި ދަވާތުތަކެއް ފަދައެވެ. ރަށް ދޫކޮށް މާލެދާން ފުރި ދުވަހަށް ހަނދާންތައް ގެންދިޔައެވެ.
ނިލަންދޫގެ ބޮޑު އަތިރިމަތި ވަރަށް ހަލަބޮއްޔެވެ. "މާވައްދިހަރެޔާ" ހީވަނީ އެކެފަރުމުއްލާހެންނެވެ. ދަރިން މާލެ ފުރުވާން މައިންބަފައިން ހޭލަމޭލަވަނީއެވެ. ކުދީން މާލޭގައި ތިބޭ ގޭގެއަށް ފޮނުވާ ހަދިޔާބަދިޔާތަކާއި އެކި ސައިޒުގެ ފޮށިގަނޑުގަނޑާއި ކުކުޅު މުޅޯށްޓާއި ދޮންކެޔޮގަނޑުގަނޑާއި ކާށިބަސްތަތަކާއި ކުރުނބާ އިހާތަކުން މުޅި އަތިރިމަތި އޮތީ ފުރިފައެވެ. ކާމިޔާބުބޯޓަށް ތަކެތި އެރުވުމުގައި އެއްބަޔަކު އަވަދިނެތި އުޅެތެވެ. ކާމިބާބޯޓަކީ އޭރުގެ ނިލަންދޫގެ ތަހުޒީބާއި ތަރައްގީގެ މަގުތައް ގުޅުވައިލަދިން ދާލަމެވެ. ވިޔަފާރީގެ މަގުތަކާއި އިޖުތިމާއީ މަގުތަކާއި އުމުރާނީ މަގުތައް ގަތައި ލާމެއްސި ސަވާރީއަކީ ޚުދު ކާމިޔާބުބޯޓެވެ.
ނިލަންދޫގެ އެ އަތިރިމައްޗެއް މިއަދަކު ނެތެވެ. އެ ދޮންވެލިގަނޑެއް ވެސް މިހާރަކު ފެންނާކަށް ނެތެވެ. އެއީ އޮޑިވަޅުވަޅާއި ފަސްބާޑިތަކުން ފަރުމާވެފައި އޮތް ހިމުން ދޮންވެލީގެ ސާފު ރީތި މާއަތިރިއެކެވެ. މަގޫގަސްތަކާއި ބޯށިގަސްތަކުގެ ހޭޅިއެކެވެ. ކަނބިއްޔާއި ވަލުކުކުޅާއި ވަލުކޮތަރުތައް ދޭތެރެދޭތެރެއިން ބޯދީ ފިލަފިލާ އުޅޭ މަންޒަރު މިހާރު ވެސް ހަނދާންވެއެވެ.
ނިލަނދޫ 'މާވައްދިހަރެއާ’އަކީ އަޅުގަނޑުމެން ކުޑަކުދީންގެ މުޅި ހެނދުނާއި މުޅި ހަވީރުގެ އުފަލާއި މަޖާތަކުގެ މައިދާނެވެ. ހަނދުވަރު ރޭތަކުގެ ނަމަ އެއީ އަޅުގަނޑުމެންގެ ހިތްހަމަޖެހުމުގެ ޖަންނަތެވެ. އެއީ އަޅުގަނޑުމެންގެ އެތައް ހާސް ހާޖަތްތަކެއްގެ ޒަރޫރަތާ ގުޅިފައިވި ޚާއްޞަ މަންޒިލް ވެސް މެއެވެ. ހިކި ދިޔައިގައި ބީއްސަމުން ދާ ރާޅުފަށުން ގުރިއާއި ކަސްބޮލާއި ކަށްޓަފުޅި ހިފި ހަނދާންތަކަކީ އޭރު ކުޅުނު ހެނދުނުގެ ގޭމެވެ. އެ މަސްމަހާމެހި ގެނެސް ވަޅަށްލައި ދިރުވައި ވަޅަށް އޮޅުކުރުމަކީ އޭރުގެ އަޅުގަނޑުމެންގެ "ރޮބްލޮކްސް"އެވެ. ހަވީރުވުމުން މަޅިފަތި ޖަހައި ކިރުއިލޮށިލައި ފެންމަތީ ދޫންޏާއި މޫސުމީ ދޫނި ހިފައި އެ ތަތެކި ގެންގުޅެ އޮޅުކޮށްގެން އުޅުމަކީ އޭރު އަޅުގަނޑުމެންންގެ "އެފްސީގޭމް"އެވެ. މޫދަށް އެރުމާއި ހިތްގައިމު ދޮންވެލިގަނޑު މަތީ ވެލީގެގަނޑުވަރު ބިނާކުރުމާއި "ފައްކާކުޅުމާއި" ފަސްއޮށްކުޅުން ފަދަ ކަންކަމަކީ އޭރު އަޅުގަނޑުމެންގެ މައިންޑްކްރާފްޓް ގޭމްތަކެވެ. އަޅުގަނޑުމެން ބެލީ އެއްވެސް މާނައެއް ނެތް ކާޓޫނެއް ނޫނެވެ. އޭރުގެ ކުދިން މުނިފޫހިފުލުވާން ބެލީ ހަގީގީ ދުނިޔެއެވެ. އިހުސާސްކުރީ ހަގީގީ އިހުސާސްތަކެވެ. އަތްލެވޭ މާނަވީ އަސަރުތަކާއި ޖަޒުބާތާއި އިހުސާސްތަކެވެ.
މިހާރު ރަށުގެ އެކި ދިމަދިމާގައި ކުޑަކުދީންނަށް އެކި ނަންނަމުގައި މައިޒާންތަކާއި ޕާކުތައް ހުއްޓަސް އޭރު އަޅުގަނޑުމެން ކުދީންގެ ޕާކަކީ ވެސް މައިޒާނަކީ ވެސް އަތިރިމައްޗަކީ ވެސް ނިލަންދޫގެ އެ ރިހި ވެލީގެ ސާލާއި ފެހި ގަސްތަކުން ދޫލަ އެޅިފައި އޮތް އެ ރީތި އަތިރިމައްޗެވެ. މިއަދު މިއިން އެއްވެސް ތަނެއްގެ އަސަރެއް ކީއްކުރަން ހެއްޔެވެ! ހުވާހެއް ހަވާހެއް ވެސް ނެތެވެ.
އިވެނީ ކުދިންގެ ރުއިމުގެ އަޑެވެ. ގިސްލުމުގެ އަޑެވެ. ފެންނަނީ މައިންބަފައިންނާ އަލްވަދާޢުގެ ސަލާމް ކުރަމުން އޮޅުލަމުން ގެންދާ މަންޒަރެވެ. ރައްޓެހީންނާ ބައްދައިލައި ވަކިވުމުގެ ލަވަކިޔަމުން ދާ މަންޒަރެވެ. އެއް އަހަރު ދުވަހަށް ނުފެންނާން ކުރާ ދަތުރަށް ފުރާ ވަގުތުޖެހުމުން ލެވެނީ ގިހެކެވެ. އޮހެނީ މާނައިންފުރިގެންވީ ކަރުނައެކެވެ. އެ ކަރުނަ ލޮލުން އޮހުނަސް ހަގީގަތުގައި އެ ދިޔަ އަންނަނީ ހިތުންނެވެ. ބޯޓަށް އަރަނީ ހިތާ ދެކޮޅަށެވެ. އެންމެ ހިތްދަތިވަނީ، ބޯޓަށް އަރައި ރަށުގެ އަތިރިމައްޗަށް ބަލައިލާ ހިނދު މަންމަމެން ބަލަން ތިބޭ ތަން ފެނުމުންނެވެ. މި ދައްކަނީ ސަމާސާ ވާހަކައެއް ނޫނެވެ. މިއީ އެއް ޒަމާނެއްގައި ކުދިންތަކެއް އުޅުނު ހަގީގީ ދުނިޔެއެއްގެ ވާހަކައެވެ. ވަކިވުމާއި ބައްދަލުވުމާ ދެމެދު ހިނގި އެތައްހާސް ކަމަކާއި ކުރެވުނު އެތައް އިހުސާސެއްގެ ވާހަކައެވެ. ރަށުގެ ނެރުން ބޯޓު ނުކުމެ ރަށްގެއްލި އޮބައިލަންދެން މަންމަމެން ބޯޓަށް ބަލަން ތިބެއެވެ. އެ މީހުންގެ ދަރީންނަށް ބަލަބަލައެވެ. އަޅުގަނޑުމެން ވެސް ތިބެނީ މަންމަމެންނަށް ބަލާށެވެ. ކޮޅުފަސްކޮޅުގައެވެ. ބޯޓުގެ ގެގަނޑުމަތީގައެވެ. ކަރުނައިން ކަޅިވުމުގައެވެ. އޮހޭ ކަރުނަތައް އަތުގެ ނުފުށުން ފޮހެފޮހެއެވެ. ދެން ޚަބަރެއް ވަނީ ސިޓީއަކުންނެވެ. އެއީ ވެސް މުޅިން އައު ބާބެކެވެ. އައު އިހުސާސްތަކެކެވެ. އެހެނަސް މި ފަހަރަކު ނޫނެވެ. ދެން އަންނަ ފަހަރަކުއެވެ.
