ހުޅުމާލޭ ހިޔާ ޓަވަރުތަކުގައި އިތުރު 32 ލިފްޓު ހަރުކުރުމުގެ މަޝްރޫއުގެ ނިމުން ރޭ އިފްތިތާހުކޮށްފިއެވެ.
ހިޔާ އަވަށުގައި ބިނާކޮށްފައިވާ 25 ބުރީގެ 16 ޓަވަރުގައި، ކޮންމެ ޓަވަރެއްގައި ދެ ލިފްޓުގެ މަގުން ޖުމްލަ 32 ލިފްޓް ހަރުކޮށް، ބޭނުންކުރަން ފެށުން އިފްތިތާހުކޮށްދެއްވީ ހިޔާ ސަރަހައްދުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އިންފްރާންސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެ ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރުގެ ދެ ކަނބަލުންނާއި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. އަދި ހިޔާ ފްލެޓުތަކުގައި އުޅޭ ގިނަ ބަޔަކު ވެސް ބައިވެރިވިއެވެ.
ހިޔާ ޓަވަރުތަކުގައި ލިފްޓު މަދުވުމުގެ ސަބަބުން، އަރައި ފޭބުމަށް ދަތިވާތީ، އެތަނުގައި ދިރިއުޅޭ މީހުންގެ ޝަކުވާ ބޮޑުވުމުން އެ މައްސަލަ ހައްލުކުރުމަށް، ބަލިމީހުން އުފުލާ ސްޓްރެޗަރު އެރުވޭހާ ޖާގަ ލިބޭ އިތުރު ދެ ލިފްޓު ކޮންމެ ޓަވަރެއްގައި ހަރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މިހާރު ހަރުކޮށްފައިވާ ކޮންމެ ލިފްޓެއްގައި 21 މީހުންގެ ޖާގަ ހިމެނެއެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ އެމްޑީ ޒުހެއިރު ވިދާޅުވީ، އިތުރު 32 ލިފްޓު ހަރުކޮށް ނިންމައި އެ ތަންތަން އާންމުނަށް ހުޅުވާލެވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އަލަށް ހަރުކުރި ލިފްޓުތަކުގައި ކުއްލި ހާލަތުގައި ވެސް ބަލި މީހުން އުފުލުމަށް ފަސޭހަވެ، އެމްބިއުލާންސަށް ފަސޭހައިން ވަދެނުކުމެވޭނެ ގޮތް ވެސް މިހާރު ހަދައިފައިވާ ކަމަށް ޒުހައިރު ވިދާޅުވި އެވެ.
ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލިމިޓެޑާ ލިފްޓު ހަރުކުރަން ހަވާލުކުރީ 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) އަށެވެ.



advertisment

