Support Us

ކޮލަމް ކަލާވެހި: "މަ އިން މަގަށް ލައްގަޅޭ…"

ގިމަންފުށީ މެދުގޭ އިދުރީހަކީ، އޭނާ ދުނިޔެ ތެރެޔަށް ހޭލައިގަތީއްސުރެ ވެސް، ނަމޫނާ ރައްޔިތެކެވެ. އެންމެ ތުއްތުއިރު އެދުރުދައިތާ ގާތަށް ވޮށުފިލާއަޅާން ގޮސްއުޅުނު ހިސާބުން ފެށިގެންނެވެ. މަދުރަސީ ޙަޔާތުގެ އެކި ކިލާސްތަކުގައްޔެވެ. ސަނަދުކިލާހުން މަތީ ވަނަޔެއް ހޯދައި، ރަށުއޮފީހުން އާދައިގެ ވަޒީފާޔެއް ހޯދައި، ބޮޑު މީހުންގެ ގިންތީން ޖާގަ ހޯދި ހިސާބުން މެއެވެ. އިދުރީހަކީ ވެރިންނަށް ކިޔަމަން ގަންނަ، ދީންވެރި، ޚުލްޤު ހެއު، ޚިދުމަތްތެރިޔެއްކަމަށް ވެފައި، އޭނާޔަކީ ނިކަމެތި މުހުތާދުވެރީންގެ ޒަރޫރަތްތަކަށް ސަމާލުކަންދޭ ހަމްދަރުދުގާރެއް މެއެވެ. އަދި އެހެންވީމައި ކަމަށް ވެސް ވެދާނެޔޭ، އޭނާޔަކީ ރަށުގައި އުޅޭ، ތަނަވަސްކަމުގެ އަހުލުވެރީންގެ ރަޖިސްޓަރީގައި ހިމެނޭ މީހެއް ނޫނެވެ.

ގިމަންފުށީ މެދުގޭ އިދުރީހަކީ، ރަށުގައި ކީއްކުރާންތޯއޭ މުޅި ދުނިޔޭގައި ދިރިއުޅޭ އެހެނިހެން އިންސާނުންނެކޭ ވެސް އެއްފަދައިން، އިންސާނެކެވެ. އިންސާނީ ބޭނުންތަކާއި ޒަރޫރަތްތައް އޭނާޔަށް ވެސް ލިބިގެންވާ، ހުވަފެންތަކާއި އުންމީދުތައް އޭނާގެ ކުރިމައްޗަށް ވެސް ހާޒިރުވާ، ބޭނުންތަކާއި އެދުންތައް އޭނާގެ ހިތުގައި ވެސް އުފެދޭ މީހެއް މެއެވެ. އެހެންކަމާއެކު، މި ދެންނެވި އެންމެހައި ކަންކަން އޭނާގެ ކުރިމައްޗަށް އައިސް ހުއްޓި، އޭނާޔަކީ ވެސް ޙައްޤުތަކެއް ލިބިގެންވާ މީހެއްކަން އޭނާޔަށް ވިސްނޭން ފެށި ހިސާބުން، އިދުރީސް ވެސް މީހަކާ އިންނާން ބޭނުންވިއެވެ. އަދި އެ ބޭނުން ޞައްޙަމަގުން ފުއްދުމުގެ ނިޔަތުގައި، ރަށުގައި ތިބި ހުސްހަށިބައި އަންހެނުންގެ ތެރެއިން އުޅުންތެރިކަމާއި ބަނިޔާދަންކަމާއި ޚުލްޤާއި ޢުމުރުގެ ގޮތުން އޭނާޔާ އެކަށީގެންވާކަމަށް އޭނާޔަށް ފެނުނު ކޮންމެ ކަނބަލަކަށް، ފަހަރަކު ބޮލަކަށް، އޭނާ ކައިވެނި ހުށައެޅިއެވެ. އަދި އެއިން ކޮންމެ ޖިންސުއްލަތީފަކުމެ އޭނާގެ އެ އެދުމަށް ފުރަގަސްދިނެވެ. އެކި އަންހެންކުދީން އެކި ބަހުރުވައިންނެވެ. އެކި ޖުމުލައިންނެވެ. އެހެނަސް، އެއިން ކޮންމެ ބަހުރުވަޔަކާއި ޖުމުލައެއްގެ ޚުލާޞާ ތަރުޖަމާޔަކީ، އިދުރީހަކީ އެ ކުދީން ބޭނުންވާ ވަރުގެ ތަނަވަސްކަމެއް ލިބިފައިވާ މީހަކަށް ނުވާތީ،… މި ޒަމާނުގެ ބަހުރުވައިން ދަންނަވާ ނަމަ، ސޮރީއޭ އެވެ!

ގިމަންފުށީ އިދުރީސް ދެން ނިންމީ އޭނާގެ ފަޤީރުކަމުގައި ސިއްކަޖަހާށެވެ. އެހެންކަމުން، އެދުރުދައިތަ ދިން ނަސޭހަތްތަކާއި ކިޔައިދިން ވާހަކަތަކާ މެދު ވިސްނައި، މުދައްސިރުން ބުނެދެއްވައިފައި ހުރި އެއްޗިއްސާއި ކިޔައިދެއްވައިފައި ހުރި ޢިބްރަތްތެރި ވާހަކަތަކަށް ރިޢާޔަތްކޮށް، އެދުރުބޭކަލުން މަތީން ހަނދުމަކޮށް، އިހު ދިވެހީން ކަންކަން ފުއްދައިއުޅުނު މަގުން އޭނާޔަށް ވެސް ކަންކަން ފުދޭނޭކަމަށް ނިންމި އެވެ. އަދި ގޭ ވަޅުދޮށުން ވަރަށް ރަނގަޅަށް ފެންވަރައި، ހުދު ހެދުމެއްގައި ދުންކަވައި، އެ ހެދުން އަޅައިގެން، ރަށުގައި އޮންނަ އެންމެ ސާފު ހުދު ތުނޑިޔަށް ގޮސް، އެތާ އިށީނދެއްޖެއެވެ. އަދި ތިމާޔަކީ ދުވަހަކުވެސް ނުސިޔާނު ގޮތަކަށް ނުއުޅެ، މީހެއްގެ ޙައްޤަކަށް އަރައިނުގަނެ، ތިމާގެ ހިތާއި ވިސްނުމާއި ފިކުރު ހުތުރު މަގަކުން ހިނގިޔަނުދީ، ރަށުގެ އެންމެން ނަމޫނާ ރައްޔިތެއްކަމަށް ދައްކައިއުޅޭ މީހެއްކަމަށް ވާތީ، އިހު ވާހަކައިގައި ކިޔައިއުޅޭ ޒާތުގެ ކަމެއް ކޮށްލީމައި އޭނާގެ ކުރިމަތީގައި އޮތް މައްސަލަ ޙައްލުވާނޭކަމަށް ހީކޮށް، އޭނާ އެ މަގުން ހިނގާންފެށިއެވެ.

ގިމަންފުށީ އިދުރީސް ތުނޑިމަތީގައި އިށީނދެ، ދެލޯމަރައި، ހިތަށް އުފާވެރިކަން ގެނެސްގަތުމަށް ފަހު ކިޔާންފެށިއެވެ. "މަ އިން މަގަށް ލައްގަޅޭ! ރަން ފޮށްޓެއް ލައްގަޅޭ!"

ގިމަންފުށީ އިދުރީސް އޭނާގެ ގޮވެލިފަތި ތަކުރާރުކޮށް ގޮވާން ހަމަ ކޮންމެ ދުވަހަކު ވެސް އިރު އަރާއިރު ގިމަންފުށީ ތުނޑިމަތީ އިންނަތާ ދެ ހަފުތާ ވީއިރު ވެސް ފޮށްޓެއްގެ ރޫފަ ހުރި އެއްވެސް އެއްޗެއް ތުނޑިޔަށް ލެއްގުން ކީއްކުރާންތޯއޭ، އެ ޒާތުގެ ބައްޓަމަކަށް އޮތް އެއްވެސް އެއްޗެއް އުދަރެސްމަތީން ވެސް ނުފެނުނެވެ. އެހެންނަމަވެސް، އިދުރީސް ހިތްވަރުއެލުވައިނުލައި އޭނާގެ ގޮވެލިފައްޗައިގެން ކުރިޔަށްދިޔައެވެ.

ގިމަންފުށީ ބޮޑުސޭޓުގެ އަހަންމަދަކީ އިދުރީހަށް ލިބިފައިވާ ސިފަތައް އެހައި ބޮޑަށް ލިބިފައިނުވާ މީހަކަށް ވިޔަސް، އޭނާޔަކީ ރަށުގައި ތިބި ހުސްހަށިބައި ކުދީން މަށަށްމަށަށް ކިޔައިލަކިޔައިލާ ތިބޭ މީހެކެވެ. ވާނީވެސް އެހެންނޫންތޯއޭ، އަހަންމަދުގެ ބައްޕާގެ ހަތަރު ފިހާރަ ރަށުގައި އެބަހުއްޓެވެ. މާލެދަތުރު ކުރާ ތިން ބޯޓު އޮވެއެވެ. ރަށުގައި ހަ ބުރިޔަށް ހަދައިފައި ހުރި ހަމައެކަނި ޢިމާރާތް އެއީ ބޮޑުސޭޓުގެ ގެޔެވެ. އެއްފަޅުގައި އޮންނަ ފަޅުރަށް ރިސޯޓަކަށް ބަދަލުވީ އަހަންމަދުގެ ބައްޕަޔަށް ރިސޯޓުގެ ހިއްސާ ލިބިފައި އޮންނަ ގޮތަށެވެ. އެހެންކަމުން، އޭނާޔަކީ ވެރިންނަށް ކިޔަމަން ގަންނަ، ދީންވެރި، ޚުލްޤު ހެއު، ޚިދުމަތްތެރިޔަކަށް ވާކަށެއް ނުޖެހެއެވެ.

ގިމަންފުށީ އިދުރީސް ތުނޑިމަތީ އިނދެގެން އެ ގޮވާ ގޮވެލިފައްޗެއް ގޮވާން ފެށިތާ ދެ ހަފުތާ ހަމަވީ ހުކުރުދުވަހު، އިދުރީސް ރަށުގެ ސާފު ހުދު ތުނޑިމަތީ އިންދާ، ބޮޑުސޭޓުގެ އަހަންމަދު ރަށުގެ އަނެއް ފަރާތު އަތިރިމައްޗަށް ނިކުމެއްޖެއެވެ. އެއީ ރަށުގެ ފުއްޓަރުފަރާތެވެ. ދޮންވެލީގެ ބަދަލުގައި ގަލާއި މުރަކައިން ފުރިފައި އޮންނަ، ރާޅުބިންދާ ފުއްޓަރުފަރާތެވެ. އަހަންމަދު އެތަނަށް ނިކުތީ، ހުކުރުވިލޭރޭ ރިސޯޓަށް ގޮސް ގެސްޓު ބުފޭއިން ކައިގެން، ކޭ ތަކެތި ހަޖަމުކުރާން ބޮއިލި ދެތިން ތަށި ސަރުބަތުގެ ފޮނިކަން އަނގައިންނާއި ސިކުނޑީން ފިލުވައިލައި، ހަށިފުރާ ނޭވާޔެއް ލާންކަމަށެވެ.

ފުއްޓަރުފަރާތަށް ބިންދަމުން ދިޔަ ރާޅުގެ ތެރެއިން ކޮންމެވެސް އެއްޗެއް ރަށާދިމާޔަށް އަންނަހެން ހީވެގެން އަހަންމަދަށް އެޔާ ދިމާޔަށް ބަލައިލެވުނެވެ. އަދި އެއީ އޭނާޔަށް ހީވި އެއްޗެއް ނޫންކަމާއި، އެއީ މާއްދިއްޔަތެއް ލިބިގެންވާ އެއްޗެއްކަން އޭނާޔަށް ޔަޤީންވުމާއެކު، އޭނާ އެ އެއްޗަކާ ދިމާޔަށް ބަލާ އިންދާ، އެ އެއްޗެއް އެ އައިގޮތަށް އައިސް، ރަށާއި މޫދާ ބައްދަލުވި ހިސާބަށް ޖެހި ރާޅަކާއެކު ގާތަކުމަތީގައި ހަރުލައިފިއެވެ.

ގިމަންފުށީ ބޮޑުސޭޓުގެ ދަރި އަހަންމަދު، އޭނާގެ ބޯ ދެއަތަކަށް ހޫރައިލައި، ސިކުނޑީގައި ހުރި ފުސްކަން ފިލުވަލައިހަދައިފައި އެ އެއްޗަކާ ދިމާޔަށް ރަނގަޅަށް ބަލައިލިއިރު އެއީ ޒާތެއްގެ ފޮށްޓެކެވެ. އަދި ފުއްޓަރުގެ ރާޅާއި ގައުތަކުގައި ތެޅުމުގެ ސަބަބުން ފޮށި ވަނީ ކޮންމެވެސް ވަރަކަށް ފަޅައިގެން ވެސް ގޮސްފައެވެ. އަދި ފަޅައިގެންގޮސްފައި ހުރި ތަނުން ގާތަކާއި މުރަކަތަކުގެ ތެރެޔަށް ފައިބަމުން އެ ދަނީ ރަން ފައުނެވެ. ޚާލިޞް ރަން ފައުނެވެ.

ދުނިޔެ ހިނގާނީ ދުނިޔެ ދައްކާ މަގަކުންނޭ، އިދުރީހާއި އަހަންމަދާ ދެ މީހުންގެ ޙާލަތު ވެސް ދުށް މީހަކު ބުނިކަމަށް ވެއެވެ. ދުނިޔޭގައި ރިވެތިކޮށް އުޅޭ މީހުންނަށް ވަކި ގޮތެކޭ، ވަސްވާސްމަހާރާޖާގެ ޝިކާރަކަމުގައި ވެގެން އުޅޭ މީހުންނަށް ވަކި ގޮތެކޭ، ކަންހިންގުން ބޮލަރުވައިގެން އެ ވަގުތަކު ދުނިޔެއުޅޭ ގިނަ މީހުންގެ މަގަށް އަދި އެހެން ގޮތެކޭ، ރަނަށް ވިކޭ އިންސީންގެ ކަންކަން ހިނގާނީ އަދި މުޅީން ތަފާތު ގޮތަކަށޭ ވެސް އެ މީހާ ބުނިކަމަށް ވެއެވެ. އަޅުގަނޑަށް ޖެހޭނީ އަޅުގަނޑަށް އަނެއްކާ މި ގޮވުނީ ގޯހެއްތޯއޭ ދަންނަވައިފައި މި ވާހަކަ މި ހިސާބަށް ކުރުކޮށްލާށެވެ.