ކުޑަކުދީންގެ ހައްގުގައި ހިލޭސާބަހަށް މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްރަން (އާކް) އިން ސަލާހުއްދީން ސްކޫލްގައި "ރީޑިން ރިޓްރީޓް"ގެ ނަމުގައި ލައިބްރަރީއެއް ހުޅުވައިފިއެވެ.
އެއްފަހަރާ 150 ކުދިންނަށް ބޭނުންކުރެވޭ ގޮތަށް އިއްޔެ ހުޅުވި މި ލައިބްރަރީގައި ކުދިން ކިޔުމާއި ދަސްކުރުމަށް ޝައުޤުވެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ތަފާތު ތަންތަން މި ލައިބްރަރީގައި ވަނީ ހިމަނައިފައެވެ.

އޭގެ ތެރޭގައި:
ޑައިލޮގު ޑެން:
ޑައިލޮގް ޑެންއަކީ ގިނަ ކުދިން ގުޅިގެން ކުރިޔަށް ގެންދަންޖެހޭ ގްރޫޕް މަސައްކަތްތައް ފަދަ ކަންކަން ކުރުމަށް ޑިޒައިން ކޮށްފައިވާ ތަނެކެވެ. ޓީވީ އެއްވެސް ހިމެނޭ ގޮތަށް މިތަން ޑިޒައިންކޮށްފައިވަނީ ހިތްފަސޭހަ ތަނެއްގައި ތިބެގެން ގުޅިގެން މަސައްކަތްކޮށް މުވާސަލާތު ކުރުމުގެ ހުނަރާއި ޓީމެއްގެ ގޮތުގައި މަސައްކަތްކުރުން އަދި ޕްރެޒެންޓޭޝަން ދިނުމުގެ ހުނަރު ކުދިންނަށް ދަސްވާނެގޮތަށެވެ.
ކާމް ކޯވް:
ކާމް ކޯވްއަކީ ކުދިން އަމިއްލައަށް ފޯކަސް ކޮށްގެން ކިޔަން ބޭނުންވާ އެއްޗެހި ހަމަހިމޭންކަމާއެކު ކިޔޭނެގޮތަށް ފަރުމާކޮށްފައިވާ ކުޑަ ޖާގައެކެވެ.
ލާނިން ލޮފްޓް:
ލާނިން ލޮފްޓްއަކީ މުޅި ކްލާސް އެއްކޮށް އެއް ޖާގައެއްގައި ތަފާތު އަދި އިންޓައެކްޓިވް ފިލާވަޅުތައް ނަގައިދެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ސައުންޑް ޕްރޫފް ތަނެކެވެ. މިގޮތުން ފޮތް ކިޔުމަށާއި، ވާހަކަ ކިޔައިދިނުން، ޕޮއެޓްރީ ރީޑިން، ޑްރާމާ ފަދަ ކުދިންގެ އުފެއްދުންތެރިކަން އިތުރުވެ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވާނެ އަދި މުވާސަލާތު ކުރުމުގެ ހުނަރު އިތުރުވާނެ ފަދަ ފިލާވަޅުތަކަށް މިތަން ބޭނުންކުރެވޭނެއެވެ.
ސްޓާފް ސްޓޫޑިއޯ: ސްޓާފް ސްޓޫޑިއޯއަކީ ޓީޗަރުން ފިލާވަޅުތައް ތައްޔާރުކުރުމާއި އެނޫންވެސް އިދާރީ ކަންކަން ކުރުމަށް މަޑުކޮށްލައިގެން ތިބެވޭނެ ގޮތަށް ކުޑަ ބަދިގެއަކާއެކު ޑިޒައިން ކޮށްފައިވާ ތަނެކެވެ.
"ކްލާހުގައި ދަސްކުރާ ފިލާވަޅުތަކުގެ އިތުރުން، ރީޑިން ރިޓްރީޓްއަކީ ކުދިންގެ މުސްތަޤްބަލަށްޓަކައި އެކުދިންގެ އުފެއްދުންތެރިކަން އިތުރުކުރުމާއި، ކްރިޓިކަލް ތިންކިން، މުވާސަލާތުކުރުން އަދި ކިޔުމަށް ޝައުޤުވެރިކަން އިތުރުކުރުމަށް ކޮށްފައިވާ މުހިއްމު އިންވެސްޓްމެންޓެކެވެ. ކުދިން ވަކިވަކިން ދަސްކުރަންޖެހޭ ކަންކަމާއި، ގްރޫޕް ސެޓިން އަދި މުޅި ކްލާސްރޫމް އެއްކޮށް ދަސްކުރަންޖެހޭ ކަންކަމަށްވެސް ވަކިވަކި ސްޕޭސްތައް ޑިޒައިންކޮށްގެން ހުޅުވި މި ލައިބްރަރީއަކީ ކުދިން ކަންކަން ދަސްކުރާ ތަންތަން ޒަމާނަށް ފެތޭގޮތަށް ބައްޓަންކުރުމުގައި އެޅުނު މުހިއްމު ފިޔަވަޅެއް ކަމުގައި އާކުން ޤަބޫލުކުރެއެވެ. އަދި މީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އެހެން ސްކޫލްތަކުގައިވެސް މިފަދަ ތަންތަން ޑިޒައިންކުރުމަށް މަގުފަހިކުރުވާނެ ތަނެކެވެ." އާކުގެ ބަޔާނެއްގައި ވެއެވެ.



advertisment