Support Us

ރައީސުލްޖުމްހޫރިއްޔާއަށް ސްރީލަންކާ ސަރުކާރުން ރަސްމީގޮތުން މަރުޙަބާ ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި، ސްރީލަންކާ ސަރުކާރުން އެމަނިކުފާނަށް ރަސްމީގޮތުން މަރުޙަބާ ދަންނަވައިފިއެވެ. މި ރަސްމިއްޔާތު އޮތީ ކޮލަމްބޯގައި ހުންނަ ސްރީލަންކާގެ ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓްގައި މިއަދު ހެނދުނެވެ.

މިރަސްމިއްޔާތަށް، ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން އެމަނިކުފާނަށް ރަސްމީކޮށް މަރުޙަބާ ދެންނެވީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކައެވެ. މި ރަސްމިއްޔާތު ފެށިގެން ދިޔައީ 21 ބަޑީގެ ސަލާމަކުންނެވެ. އެއަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އޮތް ސްރީލަންކާގެ އަސްކަރިއްޔާގެ ގާޑް އޮފް އޮނަރއެއް އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.

މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާއަށް، ސްރީލަންކާ ސަރުކާރުގެ ޢިއްޒަތްތެރިން ތަޢާރުފްކޮށް އެރުވުނެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގެ ބޭފުޅުން، ސްރީލަންކާގެ ރައީސަށް ތަޢާރުފުކޮށް އެރުވުނެވެ.

މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވަޑައިގެންނެވިއެވެ. މީގެ އިތުރުން ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ސްރީލަންކާގެ ރައީސާއެކު ރަސްމީ ފޮޓޯއެއް ނަންގަވައި، ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް ކުރައްވާ މި ދަތުރުފުޅަކީ، ސްރީލަންކާގެ ރައީސްގެ ދަޢުވަތަކަށް، ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.

ރައީސް ޑިސަނަޔަކަ ވަނީ މިދިޔަ އަހަރުގެ ޖުލައި 28 އިން 30 އަށް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ކުރެއްވި ދަތުރުފުޅެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *