Support Us

އެމް.ޑީ.ޕީގެ ފިޔަވަޅުއަޅާ ކޮމެޓީގެ ބައްދަލުވުމެއް ކުރިއަށް ދަނީ -ފޮޓޯ: އެމް.ޑީ.ޕީގެ 

ޝުއައިބުގެ މައްޗަށް އެމްޑީޕީން ކުރާ ތުހުމަތުތަކުގެ ތަފްސީލް ހެއްކާ އެކު ދެއްކުމަށް އެދިއްޖެ

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ފުރަހަނި ޝުވެއިބު އަލީގެ މައްޗަށް އެޕާޓީން ކުރާ ތުހުމަތުތަކުގެ ތަފްސީލް ހެއްކާ އެކު ދިނުމަށް ޝުއައިބު އެދިއްޖެއެވެ.

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ މުގައްރިރު އަދި ޕާޓީގެ ނައިބް ރައީސް މުހައްމަދު ޝިފާޒަށް އެޑްރެސްކޮށް ޝުއައިބު ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީއަށް ހުށަހެޅުނު މައްސަލަ ބެލުމަށްފަހު، އޭނާއާ މެދު ވަގުތުން ވަގުތަށް ފިޔަވަޅު އަޅައިފައިވާ ކަމަށެވެ. އެގޮތުން އެކޮމިޓީގެ ނައިބް މުގައްރިރުގެ މަގާމުން އޭނާ އެކަހެރިކޮށް، އެކޮމިޓީގެ މެމްބަރު ކަމުން ވެސް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

ޝުއައިބު ބުނީ އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން އެޕާޓީން ފިޔަވަޅު އަޅާފައިވަނީ އޭނާ އަށް ޖަވާބު ދާރީވާން ވެސް ފުރުސަތު ނުދީ ކަމަށެވެ. ނަމަވެސް ފިޔަވަޅު އަޅާ ކޮމިޓީން އޭނާ އެކަހެރި ކުރުމަށްފަހު، އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް ޖަވާބުދާރީވާން ފުރުސަތު ދީފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އެމްޑީޕީން އޭނާގެ މައްޗަށް ހަތަރު ކަމެއް ތުހުމަތުކޮށްފައިވެ އެވެ. އެގޮތުން ސޯޝަލް މީޑިއާގައި ޕާޓީގެ އަގުވައްޓާލަން މަސައްކަތް ކުރުމާއި ފިތުނަ އުފެއްދުމާއި ޕާޓީއަށް ގެއްލުންވާ ގޮތަށް އަމަލްކުރުމާއި ރައީސުލްޖުމްހޫރިއްޔާ އާއި ޕާޓީގެ ރައީސްއަށް ނިސްބަތްކޮށް ހުތުރު ބަހުން މުއާމަލާތް ކުރުމެވެ.

ޝުއައިބު ފޮނުއްވާފައިވާ ސިޓީގައި އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތަފްސީލަށް އެދިފައިވެ އެވެ.

"އަޅުގަނޑުގެ މައްޗަށް ފިޔަވަޅު އަޅަން ތުހުމަތުކުރާ ކަންކަމުގައި ތަފްސީލްތައް ފޮނުވާ ދެއްވާއިރު ޕާޓީގެ އަސާސީ ގަވާއިދާ ނޫނީ އެނޫންވެސް ޕާޓީ ގަވާއިދެއްގެ ދަށުން އެކަންކަމީ ކުށެއް ކަމަށް ބަޔާންކުރާ މާއްދާތަކާއި ހަވާލާދީފައިވާ ގަވާއިދުތައް ފޮނުވާ ދެއްވުން ނުވަތަ ފާހަގަކޮށްދެއްވުން އެދެމެވެ،" ޝުއައިބު ވިދާޅުވެފައިވެ އެވެ.

އެމްޑީޕީއަކީ ޑިމޮކްރެޓިކް ސިޔާސީ ޕާޓީއެއް ކަމަށްވާއިރު މިޕާޓީގެ އެއްވެސް ގުނަވަނަކުން ހުދުމުހުތާރު ސިފަޔަށް އަމަލް ކުރުމަކީ ޕާޓީގެ އަސާސީ ގަވާއިދާއި އުސޫލުތަކާއި ހިލާފް ކަމެއް ކަމަށް ޝުއައިބު ވަނީ ފާހަގަކުރައްވާފަ އެވެ.

ޝުއައިބާ މެދު އެމްޑީޕީން ފިޔަވަޅު އަޅާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމް.ޑީ.ޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކާޓޫންތަކެއް މީސްމީޑިއާގައި ހިއްސާކޮށް، އެމްޑީޕީގެ ސިޔާސަތުތަކަށް ވެސް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑުކިޔަމުން ދަނިކޮށެވެ.

ޝުއައިބުގެ މައްޗަށް އެމްޑީޕީން ތުހުމަތުތަކެއް ކޮށް އޭނާ އެޕާޓީގެ މަގާމުން އެކަހެރިކޮށްފައި ވަނީ އަމިއްލަ މަސްލަހަތު އިސްކުރައްވައިގެން ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ޕާޓީގެ ރައީސް ނަޝީދު އަމަލް ކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތުކޮށް، އެކަންކަން ހުއްޓުވައިދިނުމަށް ޝުއައިބު އެމްޑީޕީގައި އެދިފައިވަނިކޮށެވެ. މީގެ އިތުރުން، ވެރިކަމުގެ ނިޒާމް ބަރުލަމާނީ އަކަށް ބަދަލުކޮށް، ބޮޑު ވަޒީރަކަށް ވެވަޑައިގަތުމަށް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތް ހަގީގަތަކަށް ހައްދަވަން ނަޝީދު މަސައްކަތް ކުރައްވާ ކަމަށާއި އެކަމުގައި ޕާޓީ ގުރުބާންވެގެން ދިއުމަކީ ގަބޫލްކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *