Support Us

ކޮލަމް ކޯދު: މީހަކު ބުނާ ވާހަކައެއް- ގަސްގަހާ ގަހުން ފިލާވަޅެއް

ހެދި ބޮޑުވެ، މުޅި އުޑުގައި ރަސްކަންކުރަމުން ގެންދާ ބޮޑު ބިޔަ ނިކަ ގަހަކަށް ނިކަން ބަލައިލަ ލބަލާށެވެ! އެ ގަސް ހެދި ބޮޑުވަމުން ދިޔައީ ދެ ދިމާއަކަށެވެ. އަޑިއަށާއި މައްޗަށެވެ.

އެންމެ ފުރަތަމަ އެ ގަސް ހެދެމުން ދިޔައީ އަޑިއަށެވެ. އަނދިރީގައި ބިމުގެ ހިފެހެއްޓުމުގެ ބާރާ އިދިކޮޅަށް، ވަރުގަދަ ހިއްވަރަކާއި މަސައްކަތާ އެކުގައި ބިންގަނޑު ފަޅައިލައިފައި އަޑިއަށް ދެވޭތޯއެވެ. ދެން، މި ކަމުގެ ސީދާ ނަތީޖާއެއްގެ ގޮތުން، ޖާޒުބިއްޔަތުގެ ބާރުން މިނިވަންވެ، ބިންގަނޑު ފަޅައިލައިފައި އައްޔާ ދިމާއަށް ދަތުރުކޮށް ގަސް ހެދެމުން ދިޔައެވެ. ގަހުގެ ހަޔާތުގެ ދަތުރުގައި މި ދެ ދިމާއަށް ދަތުރުކުރަމުންދިޔަ ކަމުގައި ވިޔަސް، އާންމުންނަށް ފެންނަނީ ގަހުގެ ދަތުރުގެ އެއްބައެވެ. މައްޗަށް އަރަމުން ކުރި ހޯދަމުންދިޔަ ބައެވެ. ބިމުގެ އަޑީގައި ފޮރުވިފައި އޮތް ގަހުގެ ބުރަ މަސައްކަތުގެ ބައި ނުފެނެއެވެ. ނަމަވެސް، ގަހުގެ ތިރިއާއި މައްޗަށް ބަލައިލައިފި ނަމަ، ގަހުގެ ބިނާ ފެންނަނީ ހަމަ އެއް ކަހަލަ ގޮތަކަށެވެ. މާނައަކީ ހެއްޔެވެ؟ ގަހުގެ ކުރިއެރުން ބިނާވެފައި އޮންނަނީ އޭގެ ފޮރުވިފައިވާ މަސައްކަތުގެ މިންވަރާ އެއްވަރަށްކަމެވެ.

އިންސާނާގެ ހަޔާތް ވެސް މި ފަދައެވެ. ހަޔާތުގެ މަގުގައި ކާމިޔާބީގެ އަމާޒަށް ދަތުރު ފަށާއިރު، ގަސްގަހާގެހި ފަދައިން ދެ ދިމާއަކަށް ދިޔުން އޮވެއެވެ. ފުރަތަމަ ދިމާއަކީ އަޒުމާއި ހިއްވަރާއި ގަދަ މަސައްކަތް ކުރުމުގެ ދިމާއެވެ. ގަސްތައް ވެސް، އަނދިރީގައި ހުރެ ބިމުގެ ހިފެހެއްޓުމުގެ ބާރާ އިދިކޮޅު ހަދައި ބިންގަނޑު ފަޅައިލައިފައި އަޑިއަށްދާން މަސައްކަތް ކުރާ ފަދައިން، އިންސާނާ ވެސް ކަންނެއްކަމާއި ފިނޑިކަމާއި ހަވާ ނަފްސުގެ އެދުންތައް ފަދަ އަނދިރީގެ ބާރުތަކާ އިދިކޮޅަށް ގަދައަށް މަސައްކަތްކޮށް އެކަމުގައި ދެމިހުންނަން ޖެހެއެވެ. ދެން، އެކަމުގެ ސީދާ ނަތީޖާއެއްގެ ގޮތުން، ގަސް ވެސް ޖާޒުބިއްޔަތުގެ ބާރާ އިދިކޮޅަށް އައްޔާ ދިމާއަށް ދަތުރުކުރާ ފަދައިން، މައްޗަށް އަރައި އުޑު، އާދެ، އޭނަގެ މަންޒިލް މަގުސޫދު އަތުޖެހޭ ގޮތް ވެއެވެ! އާދެ، ހަމަ ގަހެކޭ އެއްފަދައި އިންސާނާގެ ހަޔާތުގެ މި ދެންނެވި ދެބައި ވެސް ހަމަ އެއް ގޮތެވެ. ހަޔާތުގެ ކުރިއެރުން ބިނާވެފައި އޮންނަނީ އޭނަ ކުރާ ހިއްވަރާއި މަސައްކަތާ އެއް މިންވަރަކަށެވެ!