ސަރުކާރުގެ ތިން ވަނަ އަހަރު ގުނަމުންދާއިރު ނިމިގެންދިޔަ ކޮންމެ ދުވަހަކީ ޤައުމު އިސްކޮށްގެން ކުރިއަށްދިޔަ ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި، އެ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން މިހާތަނަށް ނިންމައިފައިވާ ނިންމުންތަކަށް ރިޢާޔަތްކުރައްވައި، އެފަދަ ގިނަ ނިންމުންތަކަކީ އެހާ މަގުބޫލު ނިންމުންތަކަކަށް ނުވިޔަސް އެ ކަންކަމަކީ ޤައުމަށް އެކަމުން ފައިދާވާނެ ކަންކަން ކަމުގައި ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގައި ވޭޕް މަނާކުރުމާއި ދުންފަތުގެ އިސްތިޢުމާލުކުރުމުގެ އާދައިން ޤައުމު ސަލާމަތް ކުރުމަށްޓަކައި ޖެނެރޭޝަނަލް ބޭނެއްގެ ގޮތުގައި ވަކި އުމުރެއް ކަނޑައަޅައި، 2007 ޖެނުއަރީ 1 އިން ފެށިގެން އުފަންވި އަދި އުފަންވާން ތިބި ހުރިހާ އެންމެން އެކަމުން ސަލާމަތްކުރަން ނިންމެވީވެސް ޤައުމީ ވިސްނެވުމެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނަށް ކުރިމަތިކުރުވި ސުވާލެއްގެ ޖަވާބުދެއްވައި، އެކަން އޮތްގޮތް ވަނީ ސާފުކޮށްދެއްވާފައެވެ. އެގޮތުން ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ވޯޓުލާން ދާ ފިރިހެނުންނަށްވެސް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބުކުރާ މީހުންނަށް ވޯޓުލެވޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިފަދަ ސުވާލެއް ކުރިމަތިކުރުމުން އެމަނިކުފާނު ވަނީ ވޯޓާ މެދު ހޭލުންތެރިކަން އިތުރުކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދެ އިންތިޚާބެއް އެއް ދުވަހެއްގައި އޮންނައިރު، ކައުންސިލަށް ވޯޓުދޭ ގޮތަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށްވެސް ފިރިހެނުންނަށް ވޯޓު ދެވޭނެ ކަމުގައި ވިދާޅުވިއެވެ. އެގޮތުން މި ދެ އިންތިޚާބު އެކުގައި ކުރިއަށްދާއިރު ކޮންމެ މީހަކަށް ވެސް ތިން ވޯޓު ކަރުދާސްކޮޅެއް ލިބޭނެ ކަމަށާއި އެއީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ އެހުމަށް އޮންނަ ވޯޓު ކަރުދާސްކޮޅާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިޚާބު ކުރުމަށް އޮންނަ ކަރުދާސްކޮޅާއި ކައުންސިލް އިންތިޚާބު ކުރުމަށް އޮންނަ ކަރުދާސްކޮޅު ކަމުގައި ވިދާޅުވިއެވެ. އަދި މިއިން ކޮންމެ ކަރުދާސްކޮޅެއް ލާނެ ވަކި ފޮއްޓެއް ހުންނާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީވެސް ސަރުކާރުން ޤައުމީ ވިސްނުމެއްގައި ކުރާ ކަމެއްކަން ހާމަކުރައްވާ އެމަނިކުފާނު ވަނީ މިކަމުގެ ފަހަތުގައިވާ އެކިއެކި މުހިންމު ސަބަބުތައް ތިލަކޮށްދެއްވައިފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ރިޔާސީ އިންތިޚާބަށް ފަހު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، ހަ މަސްދުވަސް ތެރޭގައި ބޭއްވުމަކީ އެކަމުން ޤައުމަށް ފައިދާއެއް ނުކުރާ ތަނުގައި، އެކަމުން އެތައް ގެއްލުމެއް ކުރިމަތިވާ ކަމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އެގޮތުން މިހާރު އޮތް ގޮތުންނަމަ، ރިޔާސީ އިންތިޚާބު ނިމި ސަރުކާރެއް ހޮވުމުން، އެ ސަރުކާރަކުން ކެންޑިޑޭޓުން ނެރެގެން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުން އެހެން ޕާޓީތަކުން ކުރިމަތިލާ މެންބަރުން ހޮވުމުގައި އޮންނަންޖެހޭ ހަމަހަމަކަން ނޯންނަ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ބޭއްވުމުގެ ފުރުސަތު ގެއްލިގެންދާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ބޭއްވުމަކީ ޑިމޮކްރަސީގެ ވަރަށް މުހިންމު އަސާސެއްކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ހެދުމުގެ ފުރުސަތު ހުޅުވާލަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މީގެ މައިގަނޑު އެއް ބޭނުމަކީ ސަރުކާރު ޖަވާބުދާރީކުރުމުގެ ބާރަށް މެންބަރުން އިންތިޚާބުކުރާ އިންތިޚާބަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ހެދުންކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މިގޮތުން ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބު ކުރެވި، ރައްޔިތުންގެ މަޖިލީހަށް އެކި ޕާޓީތަކުން ބޭފުޅުން ހޮވިގެންދާއިރު އެއީ އިންސާފުވެރިކަމާއި، ހަމަހަމަކަމާއެކު ބެހިފައިވާ މަޖިލީހެއް އަންނާނެ ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވިއެވެ.
ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ބޭއްވި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ބާރު އޭގެ ހަޤީޤީ މާނައިގައި ހިނގައިގަތުމުގެ ފުރުސަތުދެވި، އަދި އެތަނަށް ހޮވޭ މެންބަރުންނަކީ، އެންމެ ގިނަ ރައްޔިތުން އެ ދުވަހެއްގައި ވޯޓުލާ ދުވަހު ހޮވޭ މެންބަރުންނަށް ހެދުމުގެ ފުރުސަތު ލިބިގެންދާ ކަމުގައިވެސް ރައީސުލްޖުމްހުރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މިހާރު މި ކުރިއަށްދާ ސުޕަރ މެޖޯރިޓީގެ ނިޒާމު އުވާލެވޭނީވެސް މި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސަރުކާރުގެ ވިސްނުން ހުރީ ޤައުމުގެ ފައިދާއަށް ކަމުގައި މިސާލު ދައްކަވައި، މިހާރު އޮތް ގޮތަށް ސުޕަރ މެޖޯރިޓީ މަޖިލީހެއް އޮވެ، ސަރުކާރުގެ ދައުރު ހަމަވާއިރު، ރިޔާސީ އިންތިޚާބު ކޮންމެ ގޮތަކަށް ނިމުނު ނަމަވެސް، އެހެން ސަރުކާރުތަކާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އިތުރަށް ލިބެން އޮތް ހަ މަސް ދުވަސް ދޫކޮށްލައްވައި، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރުން ތާޢީދުކުރަނީ އެކަމުގެ ސަބަބުން ޤައުމަށް ކުރާނެ ފައިދާއަށް ވިސްނައިގެންކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.



advertisment