Support Us

އުދުހުންތައް ހުއްޓާލި ބައެއް އެއަރލައިންތަކުން އަލުން ރާއްޖެ އަންނަން ފަށައިފި

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އުދުހުންތައް ހުއްޓާލި ބައެއް އެއަރލައިންތަކުން އަލުން ރާއްޖެއަށް ދަތުރުކުރަން ފަށައިފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅުދައްކަވަމުން، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު، މުޙައްމަދު އަމީން ވިދާޅުވީ، މެދުއިރުމަތީގެ އެއަރލައިން އޮޕަރޭޓްކުރާ ކޮރިޑޯތަކުގައި، އެމިރޭޓްސް، އިއްތިހާދު އަދި ފްލައި ދުބާއީއިން މިހާރު، ދުވާލަކު ދެ ފްލައިޓް އޮޕަރޭޓްކުރަން ފަށައިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް އެޕްރީލް މަހުން ފެށިގެން، ޤަތަރު އެއަރވޭޒް އިން ދުވާލަކު އެއް ފްލައިޓް އޮޕަރޭޓްކުރުމަށް ނިންމާފައިވާ ކަމަށް އަމީން ވިދާޅުވިއެވެ. ހަނގުރާމަ ފެށުނު އިރާ އަޅައިބަލާއިރު، މިހާރު އެއަރލައިންތަކުގެ ބުކްލޯޑުވެސް އިތުރުކުރަމުން އަންނަކަން އަމީން ފާހަގަކުރެއްވިއެވެ. އަދި ވިޔަފާރި އާއި އެ ނޫންވެސް ބޭނުންތަކުގައި ދަތުރުފަތުރުގެ އާ ރޫޓްތައް ޤާއިމުކުރަން ޖެހޭ ޙާލަތްތައް ދެނެގަނެ، އެކަން ފަހިކުރުމަށްވެސް މަސައްކަތްކުރައްވާކަން ކޮމިޓީން ފާހަގަކުރިއެވެ.

ފަތުރުވެރިކަމުގެ ސިނާޢަތާ ގުޅުންހުރި ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު، ޠާރިޤު އިބްރާހީމް ވަނީ، ސިމްޕްލިފައިޑް ޓޫރިސްޓް ވިސާ އެކްސްޓެންޝަންގެ ޚިދުމަތް ފޯރުކޮށްދޭން ފަށާނޭކަން އިޢުލާންކުރައްވާފައެވެ. އަދި ފަތުރުވެރިކަމުގެ ސިނާޢަތް ސިންދަފާތުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން، ޓެކް ރެކް ޑައިވިންގ، އެޕްރީލް މަސް ނިމުމުގެ ކުރިން ތަޢާރަފުކުރުމަށާއި، ސްޕިއަރ ފިޝިންގ ތަޢާރަފުކުރުމަށް ތައްޔާރީތައް ވަމުންގެންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ސިނާޢަތުގައި ހަރަކާތްތެރިވާ މަންދޫބުންނާ މަޝްވަރާކުރައްވައި، ދިމާވާ ދަތިތަކަށް ޙައްލު ހޯއްދަވައިދެއްވުމަށާއި، ފަތުރުވެރިކަން އިޝްތިހާރުކުރުމަށްވެސް މަސައްކަތްތައް ކުރެވެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުވުމުގައި، އިޤުތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދު ވަނީ، ކާޑާއި، އަސާސީ މުދަލާއި، ތެލާއި ކައްކާ ގޭސް ގެނައުމުގައި ދަތިކަމެއް މެދުވެރިނުވާނޭ ގޮތަށް އިންތިޒާމުތައް ކުރުމަށް ދެއްވާ އަހުމިއްޔަތުގެ މައްޗަށް، ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން، ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުންނާއި، އިންޑިއާއާއެކު އޮންނަ ވިޔަފާރީގެ ގުޅުމުގެ ސަބަބުން، މިފަދަ ދަނޑިވަޅުތަކުގައި ރާއްޖެއަށް ހުރި ފައިދާތަކުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. ހަމަނުޖެހުމާ ގުޅިގެން ބައެއް ސިނާޢަތްތަކަށް ދިމާވާ ގޮންޖެހުންތައް ގާތުން ބައްލަވަމުންގެންދަވާކަމަށް ވިދާޅުވެ، ޚާއްޞަކޮށް އިމާރާތްކުރުމަށް ދިމާވާ ގޮންޖެހުންތައް ބައްލަވައި، މަސީއާއެކު މަސައްކަތްތައް ކުރައްވަމުން ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ވަޒީރުންގެ ޚާއްޞަ ކޮމިޓީން ވަނީ، މި ދަނޑިވަޅުގައި، ޚާރިޖީ، ދިފާޢީ، އަދި އިޤްތިޞާދީ، ހައްސާސް މަޢުލޫމާތު ހާމަކުރުމާއި ފެތުރުމުގައި ފަރުވާތެރިވުމަށްވެސް ނޫސްވެރިންނަށް އިލްތިމާސްކުރައްވާފައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ކޮމިޓީގެ ޗެއަރ އަދި ޚާރިޖީވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލާއި، އިޤުތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދާއި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު، މުޙައްމަދު އަމީނާއި، ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު، ޠާރިޤު އިބްރާހީމާއި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު، ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު ބައިވެރިވެވަޑައިގެން، މަޢުލޫމާތު ހިއްސާކުރެއްވިއެވެ.