Support Us

އަލައިކާގެ ހުޅުމާލެ ކެމްޕެއިން އޮފީސް ހުޅުވައިފި

މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަމަށް، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީ.އެން.ސީ) ގެ ފަރާތުން ވާދަކުރައްވާ އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުނާންގެ ހުޅުމާލެ ކެމްޕެއިން އޮފީސް ރޭ ހުޅުވައިފިއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކު އިރުއުތުރު، ހިތިގަސް މަގު–5 ގޯޅި ކަންމަތީގައި ހުންނަ އަލައިކާގެ ހުޅުމާލެ ކެމްޕެއިން އޮފީސް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދެވެ.

މި ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ވަނީ އަލައިކާގެ ކެމްޕެއިންގެ ޝިއާރު "ބަދަހި އާއިލާ" ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފައެވެ. އަދި އަލައިކާ ވަނީ އޭނާގެ "ބަދަހި އާއިލާ"ގެ ކެމްޕެއިން ސިޔާސަތުތަކުގެ މަޢުލޫމާތު އާންމުންނާ ހިއްސާކޮށްފައެވެ.

"ބަދަހި އާއިލާ"ގެ މައިގަނޑު ތިން އަސާސް:

1. އޯގާތެރިކަމާއެކު އަޅާލުން އިތުރުކުރުން: ވަޒީފާ އަދާކުރާ މައިންބަފައިންނަށް ލުއިކޮށްދިނުމުގެ ގޮތުން 'ޗައިލްޑް ކެއާ' އާއި 'އާފްޓަރ ސްކޫލް' ޕްރޮގްރާމްތައް ގާއިމްކޮށް، ކުޑަކުދިންނާއި އިސްރަށްވެހިންނަށް ބޭނުންވާ އިޖުތިމާއީ ޖާގަ ހޯދައިދިނުން.

2. އަމާން އަދި ހިތްފަސޭހަ ދިރިއުޅުމެއް: ގެއިން ނުކުމެގެން 10 ވަރަކަށް މިނެޓުން ދެވޭ ހިސާބުގައި ހިތް ފަސޭހަ، ރައްކާތެރި، ސާފުތާހިރު ޕާކުތައް ނުވަތަ އާއިލީ މައިޒާންތައް އިތުރުކުރުމާއި، މަގުތަކަކީ ހިނގާބިނގާވެ އުޅޭ މީހުންނަށް އަމާން، ސާފުތާހިރު ތަނަކަށް ހެދުން.

3. އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުން: އަންހެނުންނަށް ގޭގައި ތިބެގެން އާމްދަނީ ހޯދޭނެ 'ރިމޯޓް ވޯކިންގ' ޕްލެޓްފޯމްތަކާއި، އަންހެނުންގެ ކޯޕަރޭޓިވްތައް ގާއިމްކުރުން. އަދި 'ކޯ-ވޯކިންގ ސްޕޭސް' ފަދަ ވަސީލަތްތައް މެދުވެރިކޮށް، އާއިލީ ޒިންމާތަކާއެކު އާމްދަނީ ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުން.

އަލައިކާގެ ސިޔާސަތުތައް ބިނާކޮށްފައި ވަނީ ސީދާ ރައްޔިތުންނާ ބައްދަލުކޮށް، މަޢުލޫމާތު ހޯދައި، އެ ކަންބޮޑުވުންތަކުގެ ހައްލު ހޯދައިދިނުމަށެވެ. އަދި މި ސިޔާސަތުތައް އެކުލަވައިލައިފައި ވަނީ "ފެމިލީ ސެންޓްރިކް" ނުވަތަ އާއިލާއަށް އިސްކަންދޭ އުޞޫލުން، ޑޭޓާ އަދި ދިރާސާތަކުގެ އަލީގައެވެ. ސަރުކާރު ހިންގާ ޕީ.އެން.ސީގެ ކެންޑިޑޭޓެއްގެ ގޮތުގައި އަލައިކާ މި މަޤާމަށް ކުރިމަތިލީ، ރައީސުލްޖުމްހޫރިއްޔާގެ ތަރައްޤީގެ ތަޞައްވުރާ އެއްގޮތަށް މާލޭގެ އިޖުތިމާއީ ޙާލަތު ބަދަލުކުރުމުގެ ޤާބިލުކަމާއި ހިތްވަރު ހުރުމުން ކަމަށް އަލައިކާ ބުންޏެވެ.

އަލައިކާގެ އަމާޒަކީ އޯގާތެރިކަމާއެކު އަޅާލައި، އަމާން މާލެ ސިޓީއެއް އާއިލާތަކަށް ހޯދައިދިނުމާއި، އެންމެން ގުޅިގެން މާލެއަކީ އާއިލީ ދިރިއުޅުމަށް ބަދަހި ސިޓީއަކަށް ބަދަލުކުރުމެވެ. މާލެ ސިޓީގެ ހުރިހާ އާއިލާތަކުގެ ކިބައިން އަލައިކާ އެދެނީ، އާއިލާތަކުގެ ޙައްޤުގައި އޭނާ ކުރާ މި މަސައްކަތުގައި ބައިވެރިވުމަށެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *