އެޗްޑީސީއާއި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތައް ގުޅިގެން، ހުޅުމާލޭ ފޭސް ދޭއްގައި މިއަދު ހަވީރު "އަވައްޓެރި ރޯދަ ވީއްލުން" ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
މި ރޯދަވީއްލުން އޮންނާނީ ހުޅުމާލޭ ފޭސް ދޭއްގެ ހިޔާ ޕާކުގައެވެ. މިއީ، މި އަހަރުގެ ރޯދަ މަހު އެޗްޑީސީން އިސްނަގައިގެން ބާއްވާ މިފަދަ ތިންވަނަ ރޯދަވީއްލުމެވެ.
އެޗްޑީސީ އަދި އެފްޑީސީ ގުޅިގެން މިއަހަރުގެ ފުރަތަމަ ރޯދަ ވީއްލުން ބޭއްވީ، ހުޅުމާލޭ ފޭސް ދޭއްގައި ތަރައްގީކޮށްފައިވާ އެފްޑީސީ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް ހާއްސަކޮށްގެންނެވެ. އަދި އެއަށްފަހު، ހުޅުމާލޭ ފޭސް އެކެއްގެ ހުރަވީ ސްކޫލް ކުރިމަތީގައިވެސް ވަނީ މިފަދަ ރޯދަ ވީއްލުމެއް ބާއްވައިފައެވެ.
"ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ހުޅުމާލޭގެ ރައްޔިތުންނާއި އެޗްޑީސީ އަދި ނެއިބަހުޑް ޕޮލިސް ގުޅިގެން ކުރިއަށްގެންދާ "އަވައްޓެރި ރޯދަވީއްލުން" ހަރަކާތުގެ މަގްސަދަކީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ދިރުވުމެވެ." އެޗްޑީސީން ބުނެއެވެ.
"އެޗްޑީސީގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް ހުޅުމާލޭގެ ރައްޔިތުންނާ ގުޅިގެން މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމެވެ. އަދި ހުޅުމާލެއަކީ ގުޅުން ބަދަހި ރައްޔިތުން ދިރިއުޅޭ ހިތްފަސޭހަ ތަނަކަށް ހެދުމެވެ."



advertisment

