Support Us

އިސްރަށްވެހީންގެ ތަޖުރިބާތައް ޒުވާނުންނަށް ހިއްސާކުރުމަށް ޚާއްޞަ ތަރާވީހެއް

ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ މުނާސަބަތުގައި، އިސްރަށްވެހީންގެ ތަޖުރިބާތައް ޒުވާނުންނަށް ހިއްސާކުރުމަށް ޚާއްޞަ ތަރާވީހެއް ރޭ ބާއްވައިފިއެވެ.

​ދިވެހިބަހާއި، ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން އިސްރަށްވެހީންގެ ނާދީއާ ގުޅިގެން އިންތިޒާމުކުރި މި ހަރަކާތަކީ، ދިވެހި ޤައުމިއްޔަތުގެ އަސްލުތަކާ ބެހޭ މަޢުލޫމާތު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ބޭއްވި ހަރަކާތެކެވެ.

​ރޭގެ މި ތަރާވީހުގައި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމާއި، ދިވެހި ބަހުގެ އެކެޑެމީގެ ރައީސް ޙަސަން ޝާކިރު މުޙައްމަދުގެ އިތުރުން، ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ ބޭފުޅުންނާއި، އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ އިސް މަސްއޫލުވެރިން ބައިވެރިވެވަޑައިގަތެވެ.

​މި ތަރާވީހުގައި ފަންސާހަށް ވުރެ ގިނަ އިސްރަށްވެހީން ބައިވެރިވެފައިވާއިރު، ބައިވެރިން ކުރިއަށް ގެންދިޔައީ ތަފާތު ގްރޫޕުތަކަކަށް ބަހާލައިގެންނެވެ. ކޮންމެ ބަޔަކީވެސް އިސްރަށްވެހީންނާއި ޒުވާނުންގެ މެދުގައި ދެކެވޭ ގާތް ވާހަކަތަކަކުން ފުރިގެންވި ބައިތަކެކެވެ.

​އިސްރަށްވެހީން ވަނީ އެ ބޭފުޅުންގެ ދިރިއުޅުމުގައި ކުރިމަތިލާންޖެހުނު ބޮޑެތި ގޮންޖެހުންތަކުގެ ވާހަކަ ހިއްސާކުރައްވާފައެވެ.

އޭގެ ތެރޭގައި:

​ބޮޑުތަދުގެ ދުވަސްވަރު: އެ ދުވަސްވަރު ތަހައްމަލުކުރި ދަތިތަކާއި ހިތްވަރުގެ ވާހަކަތައް.

​ދިރިއުޅުމުގެ ހުނަރުތައް: ކުރީގެ މަސައްކަތްތެރިކަމާއި، ފަންނުވެރިކަމުގެ ތަފާތު އުކުޅުތައް.

​ހުރަސްތައް ގިރާކުރުން: ދިރިއުޅުމުގައި ދިމާވި އުނދަގޫ ހާލަތްތަކުން އަރައިގަތުމަށް ބޭނުންކުރި ހިކުމަތްތެރި ގޮތްތައް.

​​މި ހަރަކާތުގެ ތެރެއިން ވާހަކަދެއްކެވި އިސްރަށްވެއްސަކު ފާހަގަކުރެއްވި ގޮތުގައި، ޒުވާނުން އެ ބޭފުޅުންގެ ވާހަކަތައް އަޑުއެހީ ނުހަނު ޝައުޤުވެރިކަމާ އެކުގައެވެ.

"ޒުވާނުން އެހާ ޝައުޤުވެރިކަމާ އެކު އަޅުގަނޑުމެންގެ އަޑު އަހާތީ، ކުރެވެނީ ވަރަށް ބުނަން ނޭނގޭ އާއިލީ އިހްސާސެއް،" އޭނާ ވިދާޅުވިއެވެ.

​ހަމައެހެންމެ، ބައިވެރިވި ޒުވާނުން ވަނީ އިސްރަށްވެހީންގެ ފަރާތުން ފެނުނު އަދަބުވެރިކަމާއި ބަހުގެ މުއްސަނދިކަމަށް ތައުރީފުކޮށްފައެވެ. ބައެއް ޒުވާނުން ފާހަގަކުރި ގޮތުގައި، އިސްރަށްވެހީން ދިވެހި ބަހުން ވާހަކަދައްކަވާ އޮމާންކަމާއި ފަސޭހަކަމަކީ އެކުދިން އާޝޯޚުކުރުވި ކަމެކެވެ.

​މިފަދަ ހަރަކާތްތަކުގެ ސަބަބުން، ދިވެހި އާދަކާދަތަކާއި ތާރީޚު އާލާވެ، ޖީލުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް މި ހަރަކާތުގެ ބައިވެރިން އުއްމީދު ކުރެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *