Support Us

ކޮލަމް ކޯދު: އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައާ މެދު މީހަކު ބުނާ ވާހަކައެއް

1. ހަނގުރާމައެއް ކުރެވެމުންދާ އިރު، ޚަބަރު ފަތުރާ ވަސީލަތްތަކުން، އެ ފަރާތުގެ ގަބޫލުކުރުންތަކާއި އަދި އެ ފަރާތުން ހަނގުރާމަ ނިމުން އެދޭ ގޮތުގެ މައްޗަށް ބަލައި ހަނގުރާމައާ ބެހޭ ވާހަކަތައް ގެނެސްދެވެއެވެ. މިކަމުގައި، ވަރަށް ގިނަ ފަހަރަށް، ތެދު ހަގީގަތް ހުށަހަޅާލުމުގެ ބަދަލުގައި މީސްތަކުންގެ ހިތްތަކުގައި ނުތަނަވަސްކަމާއި މާޔޫސްކަމާއި ބިރުވެރިކަން އުފެއްދުމުގެ ކުލަތައް ޖެހިފައި އޮވެއެވެ. މިއީ ކަން ހިނގަމުންދާ ގޮތް ވިޔަސް، މިފަދަ އޮޅުންތަކެއްގެ ތެރޭގައި ފާޅުވެ އެނގެން އޮތް ހަގީގަތްތައް ހަނދާނުން ފޮހެވިގެން ދިޔަދީގެން ނުވާނެއެވެ.

2. އެންމެ ފުރަތަމަ ހަނދާނުގައި ބަހައްޓަން ޖެހެނީ، މިއީ އީރާނުގެ ފަރާތުން ކުރިމަތިވެދާނޭ ނުރައްކަލަކުން ދިފާއުވުމުގެ ގޮތުން ކުރެވޭ ހަނގުރާމައެއް ނޫން ކަމެވެ. މިއީ ހުޖޫމީ އުދުވާނީ ހަނގުރާމައެއް ކަމެވެ. އިޒުރޭލާ ގުޅިގެން އެމެރިކާއިން މި ހަނގުރާމަ ފެށީ އިޒުރޭލުގެ އެދުމުގެ މަތިންނެވެ. ދެހާސް ފަނަރައިގައި ޔޫރަޕާއި އެމެރިކާއާއި އަދި ޗައިނާ ވެސް ހިމެނޭ ގޮތަށް އީރާނުގެ ނިޔުކުލިޔަރު މަޝްރޫއާ ބެހޭ ގޮތުން އެއްބަސްވުމެއް އެއްބަސްވެވުނެވެ. އަދި 2016 ޓުރަމްޕު ފުރަތަމަ ފަހަރަށް ވެރިކަމަށް، އައިސް، އިޒުރޭލުގެ އެދުމުގެ މަތިން، 2018 ގައި، އެ އެއްބަސްވުން ޣައިރު ގާނޫނީ ސިފައެއްގައި އުވާލިއެވެ. އަދި، 2025 ވަނަ އަހަރާއި މިއަހަރު ވެސް އަލުން އެއްބަސްވުމަކާ ހަމައަށް ދިޔުމުގެ ވާހަކަތައް ނުނިމެނީސް އިރާނަށް ހަމަލާ ދިނީއެވެ. މިއީ ދިފާއީ ހަނގުރާމައެއް ނޫނޭ އަދި އެއާ ޚިލާފަށް މިއީ ހުޖޫމީ އުދުވާނީ ހަނގުރާމައެކޭ ބުނެވެނީ މިހެންވެގެންނެވެ.

3. މިއީ ހަމަ ހުރެފައި ފެށި ހަނގުރާމައެއް ނޫނެވެ. މާ ކުރިން ރޭވިގެން ކުރި ހަނގުރާމައެކެވެ. ކުޑަ ދުވަސްކޮޅެއް ވަންދެން މަޑުޖައްސާލެވިފައި އޮތީ އިރާނުން އެއްބަސްވުމަކާ ހަމައަށް ނާދެއޭ ބުނެ ހަނގުރާމަ ފެށުމުގެ ބަހަނާއެއް ދެއްކުމުގެ ގޮތުންނެވެ. މިކަމުގެ ހެކި، ސުލްހަވެރި ގޮތެއްގައި މައްސަލަ ނިންމުމަށް މަސައްކަތް ކުރެއްވި އޮމާނުގެ އިސް އޮފިޝަލަކުގެ ބަސްފުޅުން އެނގެއެވެ. އޭނަ ވިދާޅުވީ އީރާނުން އެއްވެސް ވަރަކަށް ފައްކާކުރެވޭ ޔުރޭނިއަމް ޚަޒާނާކޮށްފައި ނުބަހައްޓަން އީރާނުން އެއްބަސްވިކަމެވެ. އަދި މިއީ ވާހަކަތައް ކުރިއަށް ގެންދިޔުމަށް ހުޅުވެގެން ދިޔަ ދޮރެކެވެ. ކަން މިހެން އޮތް ކަމުގައި ވިޔަސް، އެއްބަސްވުމަކަށް ހިނގައިދާނެ ކަމަށް ފެނިގެން މިދިޔަ އަހަރު ވެސް އިޒުރޭލުން އީރާނަށް ހަމަލާ ދިންފަދައިން މި ފަހަރު ވެސް ހަމަލާދީ ވާހަކަތައް 'މަރާލީ’އެވެ.

މިތަނުގައި 2003 ގައި އިރާގަށް ހަމަލާ ދިން ގޮތް ވެސް ހަނދާންކޮށްލަން ޖެހެއެވެ. އެކި އެކި ބަހަނާތައް ދައްކަމުން ދިޔައެވެ. ސެޕްޓެމްބަރު 11ގައި ހަމަލާގައި އިރާގުން ބައިވެރިވި ކަމުގެ ބަހާނާއެވެ. އެއީ ބުހުތާނު ދޮގުކަން އެނގުމުން، އަލްގާއިދާއަށް އިރާގުން ތާއީދުކުރާ ވާހަކަ ދެއްކުނެވެ. އެވާހަކަ ވެސް އާންމު މީހުންނަށް ގަބޫލުކުރަން ދަތިވުމުން ދެން ދެއްކީ ޖަމާއީ ސިފައެއްގައި މީސްތަކުން މަރާލެވޭ ފަދަ ހަތިޔާރު އިރާގަށް ލިބިގެންވީ ކަމުގެ ވާހަކައެވެ. އެ ބަހަނާ ދައްކާފައި އިރާގާ ހަނގުރާމަކޮށް އިރާގު ފުނޑުފުނޑުކޮށްލީއެވެ. ފަހުން ސާފުކޮށް އެނގުނު ގޮތުގައި އެ ބުނާ ވައްތަރުގެ ހަނގުރާމަ މަތީ އެއްވެސް ހަތިޔާރެއް އިރާގުގެ އަތުގައި ނެތްކަން ސާފުކޮށް އެނގުނެވެ.

މިތަނުގައި ކުޑަ ވާހަކައެއް ވެސް ލިޔެލަން ޖެހެއެވެ. މިނިކާ ވަގަކާއި ޅަ ބަކަރިއެއްގެ ވާހަކައެވެ. އެއްދުވަހަކު މިނިކާ ވަގު ކޯރެއްގެ އައްސޭރި ފަށުގައި ފެން ބޯން އޮތެވެ. އެހެން އޮއްވައި އެތަނަށް ބަކަރިއެއް އައިސް ފެން ބޯން ފެށިއެވެ. އިރުކޮޅަކުން މިނިކާ ވަގު ބަކަރިއަށް ބުންޏެވެ. 'ތިމަން ބޯ ފެން ތި ކިލނބު ކުރަނީ ކީއްވެ ހެއްޔެވެ؟' ދެން، ބަކަރި ބުންޏެވެ. 'ތިޔަހެން ވާނީ ކިހިނަކުންތޯއެވެ؟ ފެންގަނޑު ދެމެމުން އަންނަނީ ތިކޮޅުން މިކޮޅަށެވެ!' ދެން މިނިކާ ވަގު ބުންޏެވެ. 'އެހެންވެއްޖިއްޔާ ކަލޭ އެކަން ކުރީ މީގެ އަހަރެއްހާ ދުވަސް ކުރިން މިތަނަށް ފެން ބޯން އައިހެވެ.' ދެން ބަކަރި ބުންޏެވެ. އެހެން ވާނީ ކިހިނެއް ހެއްޔެވެ؟ އަޅުގަނޑުގެ އުމުރަކީ އަދި އެންމެ ހަ މަހެވެ.' ދެން މިނިކާ ވަގު ބުންޏެވެ. އެކަން ކުރީ ކަލޭ ނޫން ކަމަށް ވަންޏާ އެކަން ކަލޭގެ ބައްޕ ނޫނީ ކަލޭގެ ކާފައެވެ' މިހެން ބުނެފައި މިނިކާ ވަގު ބަކަރިއާ ހަމަލާދީ ބަކަރި ކާލިއެވެ!

އާދެ، އެއްވެސް ގާނޫނީ އަދި އަޚުލާގީ ހަމައަކަށް ނުބަލައި ހަމަ އެކަނި ގޮތަކީ ބާރުކަމަށް ބަލާ މީހުން ކަންތައް ކުރަނީ މި ވާހަކައިގައި މިނިކާ ވަގު ކަންތައް ކުރި ގޮތަށެވެ.

4. މިއީ ދީނީ އަދި އަގަދީ ހަނގުރާމައެކެވެ. ޔަހޫދީންގެ ދީނީ ގަބޫލުކުރުންތައް ބުނާ ގޮތުން، މެދު އިރުމަތީގެ ބޮޑު ބަޔަކީ އެމީހުންގެ ހައްގެކެވެ. ނީލަ ކޯރުން ފެށިގެން ފުރާތު ކޯރާއި ދެމެދުގައިވާ ސަރަހައްދެވެ. އެ މީހުންނަށް މާތްﷲ ހިބައިން ދެއްވާފައިވާ އެއްޗެކެވެ. އެ މީހުން ދެކެމުން އަންނަ މި ހުވަފެން ހަގީގަތަކަށް ހަދާލުމުގެ ސިލްސިލާ ހަނގުރާމަތަކުގެ ބޮޅެކެވެ. އެހެން ވީމާ މިއީ ޟަރޫރަތްތެރި އުޒުރެއް އޮވެގެން ކުރާ ހަނގުރާމައެއް ނޫނެވެ. އިޒުރޭލުގެ މި ބުނި އަމިއްލަ ވަހުޝީ (އެބަހީ ޖަނަވާރީ) ދަހިވެތި ބޭނުމުގައި ކުރާ ހަނގުރާމައެކެވެ.

ދެން، މި ހަނގުރާމަ ފަށަން ނިންމި ތާރީޚު ވެސް ޔަހޫދީ ބައެއް ދީނީ އިހުތިފާލުތަކުގެ ދުވަސްވަރާ ގުޅެއެވެ. އާދެ، ޔަހޫދީންގެ ޕޫރިމް އިހުތިފާލު މި އަހަރު ކުރެވެނީ މި ދުވަސްވަރުއެވެ. ސީދާ ތާރީޚު ބުނާ ކަމަށްވާ ނަމަ މިއަހަރު އެކަމުގެ އިހުތިފާލުތައް ކުރެވޭނީ މާޗް މަހުގެ ކުރީކޮޅުއެވެ. ޕޫރިމް (ލަފްޒީ މާނައަކީ ގުރުއަތުލުން) އިޝާރަތްކުރަނީ އިހުގެ ފާރިސީ ދައުލަތުގެ ރަސްކަލެއް ކަމުގައިވާ އަހާޝްވެރޯޝްގެ ރަސްކަމުގެ ދުވަސްވަރު އޭނަގެ ވަޒީރަކުކަމުގައިވާ ހާމާނު ފާރިސީ ދައުލަތުގެ ދަށުގައި ތިބި ހުރިހާ ޔަހޫދީން ގަތުލުކުރުމަށް ނިންމައި ނަމަވެސް، އެކަމުން ސަލާމަތްވުމުގެ ހާދިސާއާއެވެ. ތާރީޚީ ތަންގީދީ ނަޒަރަކުން ބަލާއިރު، މި ހާދިސާއާ ގުޅޭ ގިނަ ވާހަކަތަކަކީ ހަގީގަތަށް ވުރެ ބޮޑަށް ޚިޔާލީ ކުލަ ޖެހިފައިވާ ވާހަކަތަކެކޭ ވެސް ބުނެވެއެވެ. ކޮންމެ ގޮތަކަށް އެކަން އޮތަސް ޔަހޫދީ މުގައްދަސް ފޮތުގެ ދެވަނަ ބައިގެ އެސްތަރު މި ފޮތުގައި މިވާހަކަތައް ލިޔެވިފައި އޮވެއެވެ. އަދި، އެހެންވެ، މި ހާދިސާ ޔަހުދީ ދީނީ ސަގާފަތުގެ ތެރޭގައި ހިމެނިފައި އޮވެއެވެ.

5. މަތީގައި އެވާ ވާހަކަތަކަށް ބަލައިލުމުން، މި ހަނގުރާމަ ފެށީ ހުސް ދޮގުތަކެއްގެ މައްޗަށް ބިނާކޮށްގެންކަން އެނގުނެވެ. ކަން އޮތީ މިހެން ކަމުގައި ވިޔަސް، މަދު ސަރުކާރުތަކެއް ފިޔަވވައި މުޅި ދުނިޔޭގެ ހުރިހާ ސަރުކާރުތަކެއް ހެން ވެސް ކުށްވެރި ކުރީ އީރާނެވެ. މިއިން އެނގެނީ މި ފަދަ ސަރުކާރުގެ މުނާފިގުކަމެވެ. ބައިނަލް އަގުވާމީ ގާނޫނުތަކަށް ތަބާވާން ޖެހޭނެ ކަމުގެ ވާހަކައާއި އަދި ކޮންމެ ގައުމަކަށް ވެސް އެ ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކުރުމުގެ ހައްގު ލިބިގެންވާ ވާހަކަ ދައްކަމުން ދާއިރު އިރާނުން އެކަން ކުރުމުން އިރާނު ކުށްވެރި ކުރާތީއެވެ. ގިނަ އަރަބި މުސްލިމު ސަރުކާރުތަކުން ވެސް އިރާނު ކުށްވެރިކުރެއެވެ. އިސްލާމީ ގުރުއާނީ ހަމަތަކުން ބެލިކަމުގައި ވިޔަސް މި ހަނގުރާމައިގައި އީރާނު ކުށްވެރި ކުރެވޭކަށް ނެތެވެ. ހުޖުރާތު ސޫރަތުގައި އޮންނަނީ އިސްކޮށް އަނިޔާވެރި ހަމަލާދޭ ފަރާތް ކުށްވެރިކޮށްފައެވެ. އަދި، ހުރިހާ މުސްލިމުން ވެސް އެ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވާން ޖެހޭ ވާހަކަ ވެސް އޮވެއެވެ.

ސަރުކާތަކުން އިރާނު ކުށްވެރި ކުރިކަމުގައި ވިޔަސް، އާންމުންގެ ވަރަށް ބޮޑު އަޣުލަބިއްޔަތެއް އެމެރިކާއާއި އިޒުރޭލު މި ހަނގުރާމައިގައި ކުށްވެރި ކުރެއެވެ. މީގެ ތެރޭގައި އަރަބި މުސްލިމުން ވެސް ހިމެނެއެވެ. މީޑިޔާގައި ޝާއިކުރެވޭ ޕޯސްޓުތަކުންނާއި އެ ޕޯސްޓުތަކަށް ކުރާ ކޮމެންޓުތަކުން މިކަން ފެނެއެވެ.

6. މި ހަނގުރާމައިގެ ހަގީގީ މަގުސަދަކީ އިރާނުގެ ނިޒާމު އިންގިލާބުކޮށް ބަދަލުކޮށްލުމެވެ. އަދި، އިރާނަކީ ވެސް އެމެރިކާއާއި ހުޅަނގަށް ތަބާވާ ގައުމަކަށް ހަދާލުމެވެ. މި ވާހަކަތައް އެކި ފަހަރު މަތިން ޓުރަމްޕު ބުނެފައި ވެއެވެ.

7. މި ހަނގުރާމައިގައި އަމާޒު ކުރެވެނީ ހަމައެކަނި އިރާނަކަށް ނޫނެވެ. އެ ސަރަހައްދުގެ ހުރިހާ ގައުމުތަކަށް ވެސް މެއެވެ. އިރާނު ބަލިކޮށް އެހެން ހުރިހާ ގައުމަކަށް ވެސް، މުހިއްމު މެސެޖެއް ފޯރުކޮށް ދިނުން ވެސް ހަނގުރާމައިގެ އަމާޒުތަކުގެ ތެރޭގައި ހިމެނެއެވެ. އެމެރިކާއާއި އިޒުރޭލުގެ މަސްލަހަތު ގެއްލޭ ގޮތަށް ކަމެއް ކުރުމުގެ އެދުން ވެސް އޮތް ގައުމަކަށް ޖެހޭނީ އިރާނަށް ޖެހޭ ހާލެވެ. އެހެންވެ، މި ހަނގުރާމައިގައި އިރާނު ފުނޑުފުނޑުކޮށްލެވި، އީރާނުގެ ނިޒާމު ބަދަލުވެ، އީރާނުގައި ވެސް ހުޅަނގުގެ ގޮނޑިކޮއްކޮ ސަރުކާރެއް ގާއިމު ކުރެވިއްޖެ ނަމަ – މިއީ ވަރަށް ވެސް ބޮޑު ނަމައެކެވެ – މި ހަނގުރާމައި ތައުސީރު ކުރިއަށް އޮތް އެތައް އަހަރަކަށް ދެމިގެންދާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ.

8. މި ކަހަލަ ބަނަ ގޮތަކަށް މެދުއިރުމައްޗާއި އަދި އާންމު ގޮތެއްގައި މުސްލިމުންގެ މުސްތަގުބަލު ފެނުނަސް، މިއީ ކޮންމެހެން ހަގީގަތަކަށްވާކަށް ނުޖެހެވެ. އެއްވެސް ބަޔަކު އެމީހުންގެ އަމިއްލަ ހާލަތު ބަދަލުކުރުމުގެ އެދުމުގައި ތެދުވެ، އެ ހާލަތު ބަދަލުކޮށްލުމުގެ ހެޔޮ މަގު ކޮށައި އެ މަގުގައި ހިނގަން ފަށައިފި ނަމަ، އިލާހީ ގާނޫނު ނިޔާކުރާ ގޮތުން، އެ ބައެއްގެ ހާލަތު ބަދަލުވެގެން ދެއެވެ. إِنَّ اللّهَ لاَ يُغَيِّرُ مَا بِقَوْمٍ حَتَّى يُغَيِّرُواْ مَا بِأَنْفُسِهِمْ މި އާޔަތުގައި އިޝާރަތް ކުރެވިފައިވާ ފަދައިންނެވެ. މި މަސައްކަތުގެ ފެށުން ގުޅެނީ ކިޔަވައި، އިލްމުވެރިވެ، ސިކުނޑިތައް ހުޅުވާލައި ހޭލުންތެރިވެ، އެންމެން ވެސް އަމިއްލައަށް މަސައްކަތްކޮށް އަމިއްލަ ފައި މައްޗަށް ތެދުވުމާއެވެ. އާދެ، اقرأ (ކިޔައި ކިޔަވާށެވެ!) މި ޝިއާރުގެ އުއްމަތަކަށް މުސްލިމުން އަލުން ވެގެންނެވެ. އެހެންވެ، މި ފެށުނު ހަނގުރާމައަކީ މުސްލިމު މީސްތަކުން ނިދާފައި ތިބި ނިދިން ހޭލައްވާލައި މި ނަންގަތް ފަދަ އުއްމަތަކަށް ވުމުގެ މަސައްކަތް ކުރުމުގެ ވަގުތު ޖެހިއްޖެކަމުގެ ރަނގަބީލު އެޅުމެކޭ ވެސް ބުނެވިދާނެއެވެ. އެ ރަނގަބީލުގެ އަޑަށް މުސްލިމުތަކުންނަށް ހޭލެވި، ހޭލުންތެރިވުމުގެ މަސައްކަތް ކުރެވިއްޖެ ނަމަ، މި ހަނގުރާމަ ފެށި މީހުންގެ މަގުސަދާ މުޅިން ޚިލާފަށް ކަންކަން ނިމިގެން ދިޔުން ވަރަށް ވެސް ކައިރިއެވެ.