Support Us

ކުޅިވަރު ތަރައްގީއަށް ބީއެމްއެލް ހިއްސާގެ އަގުވަޒަންކޮށް ހާއްސަ އެވޯޑެއް

ރާއްޖޭގައި ކުޅިވަރުގެ ހުނަރު ކުރިއަރުވައި ތަރައްގީ ކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރާ މަސައްކަތުގެ އަގުވަޒަންކޮށް ހާއްސަ އެވޯޑެއް ދީފިއެވެ.

ބޭންކަށް މި އެވޯޑު ދީފައި ވަނީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އިން އިންތިޒާމުކޮށްގެން މިރޭ ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025 ހަފުލާގައެވެ. ބޭންކުގެ ފަރާތުން މި އެވޯޑާ ހަވާލުވެވަޑައިގަތީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފެވެ.

ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ގައުމީ ބޭންކުން ކޮންމެ އަހަރަކުވެސް ރާއްޖޭގެ އެކި ގައުމީ ކުޅިވަރު ޖަމިއްޔާތަކާ ގުޅިގެން ކުޅިވަރު ތަރައްގީ ކުރުމާއި، ގައުމީ ފެންވަރުގެ މުބާރާތް ބޭއްވުމަށް އެހީތެރިވުމާއި ކުޅުންތެރިންގެ ހުނަރު ތަރައްގީ ކުރުމަށް މަސައްކަތް ކުރެއެވެ. އެގޮތުން ފުޓްބޯޅަ، ސްވިމިންގ، ޓެނިސް، ބާސްކެޓްބޯޅަ އަދި ސަރފިން އެސޯސިއޭސިއޭޝަންތަކާއެކު ގާއިމްކޮށްފައިވާ ދިގު މުއްދަތުގެ ޕާޓްނަރޝިޕްތަކުގެ ދަށުން އެ އެސޯސިއޭޝަންތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދެއެވެ.

މީގެ އިތުރުން 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބީއެމްއެލް ސްޕޯޓްސް ސްކޮލަޝިޕްގެ ދަށުން ތަމްރީނު ހާސިލުކުރުމުގެ ފުރުސަތު ފޯރުކޮށްދެއެވެ. އެގޮތުން މި ސްކޮލާޝިޕްގެ ދަށުން މިހާތަނަށް އަށް އެތުލީޓުންނަށް ތަމްރީނު ހޯދުމުގެ ފުރުސަތު ދީފައި ވެއެވެ.

މީގެ އިތުރުން ބެންކުން މިހާރުވެސް ވަނީ ބާސްކެޓް ބޯޅަ އެރީނާއެއް ގާއިމްކުރުމަށް އެމްބީއޭ އާއެކު އެއްބަސްވެފައެވެ. ގައުމީ ބޭންކުން އަނެއްކާވެސް ވަނީ ގައުމީ ފުޓްބޯޅަ ޓީމުތައް ސްޕޮންސާކޮށްފަ އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ރަސްމީ ސްޕޮންސަރގެ ގޮތުގައި 2017 އިން ފެށިގެން ބީއެމްއެލްއިން އަންނަނީ ފުުޓްބޯޅަ އެސޯސިއޭޝަނަށްވެސް އެހީތެރިވަމުންނެވެ.