ރޯދަ މަހަށް ތައްޔާރުވުމަށް އެޗްޑީސީން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގައި "ރޯދަ ބާޒާރު" މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ.
އެޗްޑީސީއާއި ހައިރައިސް ގުޅިގެން މި ބާޒާރު ކުރިއަށްގެންދާނީ މާދަމާއިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހަވީރު 04:00 އިން 06:00 އަށް އަދި، 08:00 އިން 11:30 އަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
އެޗްޑީސީން ބުނާ ގޮތުގައި މި ބާޒާރުގައި 50 ސްޓޯލް ހުންނާނެއެވެ. އެ ސްޓޯލްތަކުން ތެއްޔާއި، ބަދިގޭގައި ހިފައި ގެންގުޅޭ ތަކެއްޗާއި، ގޭތެރެ ޒީނަތްތެރިކުރާ ތަކެއްޗާއި، އަންނައުނު އަދި ހާޑްވެއާ ސާމާނުގެ އިތުރުން ކާބޯތަކެއްޗާއި އެހެނިހެން ސާމާނު ވެސް ލިބެން ހުންނާނެއެވެ.
މިއީ ރަމަޟާން މަހަށް ތައްޔާރުވުމަށް އެޗްޑީސީން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، ރޯދައަށް ގޭތެރެއަށް ބޭނުންވާ ތަކެތި ފަސޭހައިން އެއްތަނަކުން، އަދި އަގުހެޔޮކޮށް ލިބޭނެ ގޮތް މަގުފަހިކުރުމަށް ކުރިއަށްގެންދާ ބާޒާރެއް ކަމަށް އެޗްޑީސީން ބުނެއެވެ.
މި އަހަރުގެ މުލަރޯދަ ދުވަހަކީ އަންނަ ފެބްރުވަރީ 18 ވާ ބުދަ ދުވަހެވެ.



advertisment

