Support Us

ބީއެމްއެލް އިން ޖަނަވަރީގައި 3،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓް، ބާކީ ޔުނިޓްތައް އަޅަން ދިވެހި ކުންފުނިތަކަށް

ބީއެމްއެލް ހޯމް ލީސިން ކުންފުނިން ޖެނުއަރީ މަހު 3،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓް އަޅަން ފަށާނެ ކަމަށާއި ބޭރު ދެ ކުންފުންޏަކާ މިއަދު ހަވާލުކުރި 2,341 ޔުނިޓުގެ އިތުރުން ބާކީ ޔުނިޓްތައް ހަވާލުކުރާނީ ދިވެހި ކުންފުނިތަކަށް ކަމަށް ބީއެމްއެލް އިން މިރޭ ބުނެފިއެވެ.

ބީއެމްއެލްގެ ސްޕޯކްސް ޕާސަން މުހައްމަދު ސައީދު އެކްސްގައި ވިދާޅުވީ "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކުންފުނިން މިއަދު ހަވާލުކުރި ހައުސިން ޔުނިޓްގެ އިތުރުން ދިވެހި ކޮންސްޓްރަކްޝަން ކުންފުނިތަކާއެކު އިތުރު ހައުސިން ޔުނިޓްގެ މަސައްކަތް ހަވާލުކުރުމަށް ވަނީ ހަމަޖެހިފައި" ކަމަށެވެ.

ބީއެމްއެލް ހޯމް ލީސިން އިން ވަނީ މިއަދު ދެ ކުންފުންޏަކާ މަސައްކަތް ހަވާލުކޮށްފައެވެ. އެއީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއި ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) އެވެ.

ބީޔޫސީޖީއާ ހަވާލުކޮށްފައި ވަނީ ހުޅުމާލޭ ޒޯން 2ގެ ޖުމްލަ 13،475 އަކަފޫޓުގެ ސަރަހައްދެއްގެ ހަތަރު ބިމެއްގައި 1،117 ހައުސިން ޔުނިޓު ތަރައްގީކުރުމަށެވެ. މީގެ އިތުރުން ހުޅުމާލޭގައި 1،224 އެފޯޑަބަލް ހައުސިން ޔުނިޓް ތަރައްގީ ކުރުމަށް ސީއެމްއީސީއާ ވަނީ ހަވާލުކޮށްފައެވެ.

"މި ކޮންޓްރެކްޓަރުން ހޮވައިފައިވަނީ އެމްއެމްއޭގެ އިންކްލޫސިވް ނެޝަނަލް އެފޯޑަބަލް ހައުސިން ސްކީމްގެ ދަށުން ގާއިމުކޮށްފައިވާ ގަވާނަންސް އަދި ރިސްކް ސްޓޭންޑާޑްތަކާ އެއްގޮތަށް ކުރިއަށް ގެންދިޔަ އިވެލުއޭޝަން މަރުހަލާ ފުރިހަމަކުރުމަށް ފަހުގައެވެ،" ބީއެމްއެލުން ބުންޏެވެ.

"އެގޮތުން، އެއްބަސްވުން ގާއިމުކުރެވުނު ދެ ކުންފުންޏަކީ ވެސް މާލީ ގޮތުން ގާބިލު، ބައިނަލްއަގުވާމީ މަޝްރޫއުތައް މެނޭޖް ކުރުމުގެ ތަޖުރިބާ ހުރި އަދި ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގެ މާހައުލު ރަނގަޅަށް ދަންނަ ދެ ކުންފުންޏެވެ."

ބީއެމްއެލް އިން ބުނީ، އަގުހެޔޮ ފްލެޓުތައް އިމާރާތް ކުރުމުގެ މަޝްރޫއު ހިންގަނީ "ބޯހިޔާވަހިކަން އެންމެންނަށް" އަދި އާއިލީ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ސަރުކާރުގެ އިސްނެގުމުގެ މަތިން ކަމަށެވެ.

ރާއްޖޭގައި ކުޑަ އަގެއްގައި ގެދޮރު ހޯދުމުގެ ފުރުސަތުތައް އިތުރު ކުރުމަށްޓަކައި "ނެޝަނަލް ހައުސިންް އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ ޕްރޮޖެކްޓް" ފެށުމަށް ކެބިނެޓުން ވަނީ ކުރިން ނިންމައިފަ އެވެ.

ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީ ހިންގަނީ ބީއެމްއެލް އިން ބުނި ގޮތުގައި އެމްއެމްއޭގެ ހުއްދައާ އެކު، ޝަރީއާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް ވިދާޅުވެފައިވާ ގޮތުގައި، އެ ކުންފުނީގެ ބޭނުމަކީ އެ ފްލެޓް އެޅުމަށް ފަހު "ލީސް އެންޑިން ވިތު އޯނަޝިޕް" މޮޑެލްގެ ދަށުން އެ ތަންތަން ކުއްޔަށް ދިނުމެވެ. އަދި ކުލި ދައްކައި ނިމުމުން، އެތަން ކުއްޔަށް ނަގާ މީހަކަށް މިލްކުކޮށް ދެވޭނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.