"ލޭފަވެތި ފެނަކަ"ގެ ނަމުގައި ލޭ ހަދިޔާކުރުމުގެ ޤައުމީ ކެމްޕެއިނެއް ފެނަކައިން މިއަދު ފަށައިފިއެވެ.
"ލޭ ހަދިޔާކުރުން މުޅި ރާއްޖެއިން" މި ޝިޢާރުގެ ދަށުން މޯލްޑިވިއަން ބްލަޑް ސަރވިސަސްއާ ގުޅިގެން ހިންގާ މި ކެމްޕެއިން އިފުތިތާޙުކޮށްދެއްވީ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ، އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމާއި ހުޅުމާލޭ ހޮސްޕިޓަލުގެ ޑިރެކްޓަރ ޖެނެރަލް، މޫސާ ކަލީމް ޤާސިމާއި މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޑިރެކްޓަރ ޖެނެރަލް، އަހްމީމް ފާރިޝް އަދި ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ، އާދަމް ތައުފީޤެވެ.
މާލޭ ސަރަހައްދުގެ އިތުރުން، ފެނަކައިން ޚިދުމަތް ދޭ ރާއްޖޭގެ ހުރިހާ ރަށެއްގައި ހިންގުމަށް ރާވައިފައިވާ މި ކެމްޕެއިނަކީ ލޭ ހަދިޔާކުރުމަށް ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު ކެމްޕެއިން ކަމުގައި ފެނަކައިން ފާހަގަކުރެއެވެ.
މިއަދު ހެނދުނު ފެށި މި ކެމްޕެއިނުގައި ހެޑް އޮފީހުގެ ގިނަ ޢަދަދެއްގެ މުވައްޒަފުން ބައިވެރިވި ކަމަށް ފެނަކަ އިން ބުނެއެވެ.

"މި ކެމްޕެއިނަކީ ލޭ ބޭނުންވާ ފަރާތްތަކަށް އެފަދަ ފުރުސަތުތައް ތަނަވަސްކޮށް، ތެލެސީމިއާ ބައްޔަށް ފަރުވާކުރާ މީހުންނާއި، އެކި ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އިތުރުން، އޮޕަރޭޝަން ކުރުމަށް ލޭ ބޭނުންވާ މީހުންނަށް ލޭ ފޯރުކޮށްދިނުމަށް ލުއިފަސޭހަ މަގެއް ހުޅުވައިދިނުމުގެ ގޮތުން ކުރިއަށްގެންދާ ކެމްޕެއިނެއް ކަމުގައި ދަންނަވަމެވެ." ފެނަކަ އިން ބުނެއެވެ.



advertisment

