Support Us

މާފަރު ބައިނަލްއަގްވާމީ ވައިގެ ބަނދަރު ތަރައްގީގެ އައު މަރުހަލާގެ ބިންގާ އަޅައިފި

ނ. މާފަރު ބައިނަލްއަގްވާމީ ވައިގެ ބަނދަރުގައި ކުރަމުން އަންނަ ތަރައްގީގެ މަސައްކަތްތަކުގެ ތެރެއިން، އެއަރޕޯޓުގެ އެޕްރަން ފުޅާކުރުމާއި ޓާމިނަލް އިމާރާތް ބޮޑުކުރުމުގެ ބިންގާ އަޅައިފިއެވެ.

މާފަރު ބައިނަލްއަގްވާމީ ވައިގެ ބަނދަރުގައި ބޭއްވި މި ހަފުލާގައި، އައިލެންޑް އޭވިއޭޝަންގެ އިސްވެރިންނާއި މި މަޝްރޫއުގެ ބައިވެރިންނާއި ކޮންޓްރެކްޓަރުންގެ އިތުރުން ގިނަ އަދަދެއްގެ މެހެމާނުން ބައިވެރިވިއެވެ.

މިއީ މާފަރު ވައިގެ ބަނދަރުން ލިބޭނޭ ހިދުމަތްތައް ފުރިހަމަކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ. އެޕްރަން ފުޅާކުރުމުގެ މަޝްރޫއަށް ފައިނޭންސްކޮށްފައި ވަނީ މޯލްޑިވްސް އިސްލާމިކް ބޭންކުންނެވެ. މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އެމް.ޓީ.ސީ.ސީ އެވެ.

ފުޅާކުރާ މި އެޕްރަންގެ ސަބަބުން ވައިގެ ބަނދަރުގައި ބޭނުންކުރާ އުޅަނދުތަކުގެ ހަރަކާތްތަކަށް މަގުފަހިވެ، ގްރައުންޑް ހޭންޑްލިންގެ ކަންކަން ހަރުދަނާވެ، އާންމު ދަތުރުފަތުރާއި ޕްރައިވެޓް ވައިގެ ދަތުރުތަކަށް ލުއިފަސޭހަތަކެއް ލިބި، ވައިގެ ބަނދަރުގެ ދެވަނަ ފިޔަވައްސަށް މަގުފަހިވެގެންދާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

މި ރަސްމިއްޔާތުގައި، ޓާމިނަލް އިމާރާތް ބޮޑުކުރުމުގެ މަޝްރޫއުގެ ބިންގާވެސް ވަނީ އަޅައިފައެވެ. މި މަޝްރޫއުގެ ކޮންސްޓްރަކްޝަން އެގްރީމެންޓުގައި އައިލެންޑް އޭވިއޭޝަނުން ސޮއިކޮށްފައި ވަނީ މި އަހަރުގެ ނޮވެންބަރު މަހުގައެވެ. ޓާމިނަލް އިމާރާތް ބޮޑުކުރުމުގެ ސަބަބުން، ދަތުރުވެރިންނަށް ފޯރުކޮށްދޭ ހިދުމަތްތަކާއި ވަސީލަތްތައް ފުޅާވެ، ބައިނަލްއަގްވާމީ ދަތުރުތަކަށް ލުއިފަސޭހަތަކެއް ލިބި، އެއަރޕޯޓުގެ ގާބިލުކަން އިތުރުވެގެންދާނެކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

ފާއިތުވި އަހަރުތަކުގައި މާފަރު ބައިނަލްއަގްވާމީ ވައިގެ ބަނދަރުގެ ތަރައްގީ ވަނީ ހަރުދަނާ ގޮތެއްގައި ކުރިޔަށް ގެންގޮސްފައެވެ. މީގެ ތެރެއިން 2019 ވަނަ އަހަރު އާންމު ވިޔަފާރީގެ ހިދުމަތްތައް ފަށައި، އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ އެހީގައި ފެށި ރަންވޭ ފުޅާކުރުމުގެ މަޝްރޫއު ވަނީ މިއަހަރު ނިމިފައިވެއެވެ. މި އަހަރުގެ ޖުލައި މަހު ރަސްމީކޮށް ހުޅުވި 2,850 މީޓަރުގެ ރަންވޭގެ ސަބަބުން މިހާރު މާފަރު ވައިގެ ބަނދަރަށް ބޮޑެތި މަތިންދާ ބޯޓުތަކަށް ޖެއްސޭނެ މަގު ވަނީ ފަހިވެފައެވެ. އަދި 2023 ވަނަ އަހަރު ޖެޓް އޭ-1 މަތިންދާބޯޓުތަކަށް ތެޔޮ އެޅުމުގެ ހިދުމަތްވެސް ވަނީ މި އެއަރޕޯޓުގައި ތައާރަފުކޮށްފައެވެ.

މާފަރު ބައިނަލްއަގްވާމީ ވައިގެ ބަނދަރަކީ، އުތުރުގެ ފަތުރުވެރިކަމާއި، ޕްރައިވެޓް އޭވިއޭޝަން އަދި ސަރަހައްދީ ތަރައްގީ ކުރިއެރުވުމަށް ހުޅުވިފައިވާ މައި ދޮރާއްޓެކެވެ. މި ވައިގެ ބަނދަރަށް ގެނެވޭ ކުރިއެރުންތަކުގެ ސަބަބުން ގައުމީ ދަތުރުފަތުރުގެ ހިދުމަތްތަކާއި ވަސީލަތްތައް ހަރުދަނާވެ، ބައިނަލްއަގްވާމީ ދަތުރުތަކަށް އިތުރު ފުރުސަތުތަކެއް ފަހިވެ، ސަރަހައްދީ ތަރައްގީތައް ގެނައުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.

މިފަދަ ދެމެހެއްޓެނެވި އިންވެސްޓުމަންޓުތަކުންނާއި ފައިނޭންސް އަދި ކޮންސްޓްރަކްޝަން ދާއިރާގެ ބައިވެރިންނާ ގުޅިގެން ކުރެވޭ މަސައްކަތުން، މާފަރު ބައިނަލްއަގްވާމީ ވައިގެ ބަނދަރަށް ގައުމީ ގުޅުންތަކާއި ދިވެހިރާއްޖޭގެ ދިގު ރާސްތާގެ އިގަތިސާދީ އަމާޒުތައް ހާސިލުކުރުމުގައި އިތުރަށް މުހިންމު ދައުރެއް އަދާކުރެވޭނެއެވެ.