Support Us

ކުޑަކުދިންނަށާއި ޒުވާނުންނަށް ދިވެހި މާދަރީބަސް ފޯރުކޮށްދިނުމަށް ޚާއްސަ ގޮތްތަކެއް ހަމަޖައްސައިދޭނަން: ރައީސުލްޖުމްހޫރިއްޔާ

ކުޑަކުދިންނަށާއި ޒުވާނުންނަށް ދިވެހި މާދަރީ ބަސް ފޯރާނެ މަގުތައް ތަނަވަސްކޮށްދެއްވާނެ ކަމަށާއި، މިކަމަށްޓަކައި ސަރުކާރުން ޚާއްސަ ގޮތްތަކެއް ހަމަޖައްސަވައިދެއްވާނެ ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ދިވެހިބަހުގެ އެކެޑަމީން މި އަހަރު ބޭއްވި އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމަށް ޞަލާޙުއްދީނު އިސްކޫލުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހިބަހަކީ ދިވެހީންގެ ދިވެހިވަންތަކަމާއި ޤައުމިއްޔަތުގެ އަސާސްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ "ދިވެހީން ދިވެހީންނަށް ވަނީ ދިވެހިބަހުގެ ސަބަބުން" ކަމަށެވެ. ދިވެހިބަސް އެއް ޖީލުން އަނެއް ޖީލަށް ރައްކާތެރިކަމާއެކު ފޯރުކޮށްދެވޭނެ ފުރުސަތަށް ބަލާއިރު، ކުޑަކުދިން ކިޔާނެ ދިވެހި ފޮތްތައް ގިނަވުމުގެ މުހިންމުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

"ދިވެހީން ދިވެހީންނަށްވަނީ ދިވެހި ބަހުގެ ސަބަބުން. ދިވެހިބަސް އެއްޖީލުން އަނެއް ޖީލަށް ރައްކާތެރިކަމާއެކު ފޯރުކޮށްދޭން އޮތް ފުރުސަތަށް ބަލާއިރު، ކުޑަކުދީން ކިޔާނެ ދިވެހި ފޮތްތައް ބޭނުންވޭ. ކުޑަކުދީންނަށާއި، ޒުވާނުންނަށާއި އަދި އެ ނޫންވެސް ފަރާތްތަކަށް ބޭނުންވާ ދިވެހިބަހުގެ ފޮތްތައް ލިޔުއްވަން ބޭނުންފުޅުވާ އަދި މިހާރުވެސް އެ މަސައްކަތްކުރައްވާ އެތައް ބޭފުޅުންނެއްވެސް އެބަ ތިއްބެވި. ނަމަވެސް ފޮތް ޗާޕުކުރުމުގެ ޚަރަދުބޮޑުވުމުގެ ސަބަބުން އެ މަސައްކަތަށް ވަރަށް ބޮޑެތި ހުރަސްތައް އެބަހުރި ކަމުގެ ކަންބޮޑުވުން އެތައް ބޭފުޅުންނެއް ފާހަގަކުރައްވާ. މިއީ، ޤައުމީ މައްސަލައެއް. މިއީ، އަޅުގަނޑު އަޅާނުލައި ދޫކޮށްލާނެ ކަމެއް ނޫން. އަޅުގަނޑުމެންގެ ޅަދަރީންނަށާއި ޒުވާނުންނަށް އަޅުގަނޑުމެންގެ ދިވެހި މާދަރީބަސް ފޯރާނެ މަގުތައް ތަނަވަސްވެފައި އޮންނަން ޖެހޭނެ. ވީމާ، ދިވެހިބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕުކުރުމުގައި ކުރިޔަށް އޮތް ތާނގައި، ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސައިދޭނަން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ހަމައެއާއެކު، ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ތާރީޚު، ކުދީންނަށް އުނގަންނައި ދިނުމުގައި ޒަމާނީ ގޮތްތައް ލިބިގަތުންވެސް މުހިންމު. ހަމައެކަނި ލިޔެފައިވާ ފިލާވަޅުތަކަކަށް ހަނިކުރެވިފައި އޮތް އޮތުން ރަނގަޅެއް ނޫން. ދުނިޔޭގެ އެހެނިހެން ބަސްތައް ދަސްކޮށްދޭންވެސް ޒަމާނީ ޓެކްނޯލޮޖީ މެދުވެރިކޮށް އާ ގޮތްތައް އުފައްދަމުން އެބަދޭ. އެ ގޮތުން ބަލާއިރު ރާއްޖޭގައި ކުޑަކުދީން ބަލާނެ ކާޓޫނު ފިލްމު، ޤައުމީ އެކި ހާދިސާތަކުގެ ފިލްމު ނެތުން އެއީ، ބައެއް ބޭފުޅުން ފާހަގަކުރައްވާކަމެއް. ވަކިން ޚާއްޞަކޮށް ރާއްޖެއިން ބޭރުގައި އުޅުއްވާ ދިވެހި އާއިލާތަކާއި އަދި ރާއްޖޭގައިވެސް ބެލެނިވެރީން އޮފީހުގައި ގިނަ ވަގުތު ހޭދަކުރައްވަން ޖެހިވަޑައިގަންނަވާ ހާލަތްތަކުގައި ކުޑަކުދީންނަށް ފައިދާހުރި ވަގުތުތަކަށް އެ ވަގުތުތައް ބަދަލުކޮށްލައްވަން ބެލެނިވެރީން ބޭނުންފުޅުވޭ. އެކަމަކު އެ ފަދަ ވަގުތަކުވެސް ކުޑަކުއްޖަކަށް ދައްކާލެވޭނެ ވީޑިއޯ ނުވަތަ ގޭމް ފަދަ ތަކެތި ނެތްކަމުގެ ހަމަ އިޚްލާޞްތެރި ކަންބޮޑުވުން ވަރަށް ގިނަ ބެލެނިވެރީން ފާޅުކުރައްވާ! އަޅުގަނޑު ބޭނުންވަނީ މި ބޮޑު ޤައުމީ އުދާސްތަކަށް ހައްލެއް ގެންނަން. އެހެންވީމާ، އަންނަ އަހަރު ބަހާއި ސަގާފަތާއި ތާރީޚާއި އަދި ތަރިކައިގެ ދާއިރާއިން ކުޑަކުދީންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ބޮޑެތި އިނާމުތަކާއެކީގައި ހުޅުވާލާނަން."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *