Support Us

ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވަނީ

އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވައި، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.

އެމަނިކުފާނު މިކަން އިޢުލާންކުރެއްވީ ޤައުމީ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމަށް މިރޭ ޞަލާހުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ދިވެހި ބަހުގެ އެކެޑަމީން ކުރިއަށް ދިޔަ ޤައުމީ އަދަބީ މުބާރާތްތަކުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޤައުމީ ފެންވަރުގައި ބޭއްވި މިއީ ފުރަތަމަ ފަހަރެއެވެ. މި ރަސްމިއްޔާތުގައި ވަޒީރުންނާއި ދިވެހި ބަހުގެ އެކެޑަމީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހީން ދިވެހީންނަށް ވަނީ ދިވެހި ބަހުގެ ސަބަބުން ކަމަށާއި ދިވެހިބަސް އެއްޖީލުން އަނެއް ޖީލަށް ރައްކާތެރިކަމާއެކު ފޯރުކޮށްދޭން އޮތް ފުރުސަތަށް ބަލާއިރު، ކުޑަކުދީން ކިޔާނެ ދިވެހި ފޮތްތައް ބޭނުންވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކުޑަކުދިން ކިޔާނެ ފޮތްތައް ލިޔުއްވަން ބޭނުންވާ ފަރާތްތަކާއި މިހާރުވެސް ފޮތްތައް ލިޔުއްވަމުންދާ ފަރާތްތައް ތިއްބެވިކަން ފާހަގަކުރައްވާ، އެފަދަ ފޮތްތައް ޗާޕްކުރުމުގެ މަސައްކަތަށް ބޮޑެތި ހުރަސްތައް ހުރިކަމުގެ ކަންބޮޑުވުން އެތައް ފަރާތްތަކަކުން ފާޅުކުރައްވަމުން ދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެކަމަކީ ޤައުމީ ބޮޑު މައްސަލައެއްކަން ފާހަގަކުރައްވާ އެ މަނިކުފާނު ވިދާޅުވީ އެކަމާ އަޅާނުލައްވާ ދޫކޮށް ނުލައްވާނެ ކަމަށެވެ.

އަދަބިއްޔާތަކީ ޤައުމެއްގެ ތަރިކައިގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ބަހާއެއް ކަމަށާއި ލިޔުންތެރިކަމާއި ވާހަކަދެއްކުންތެރިކަމަކީ ޤައުމެއް ކުރިއެރުވުމަށް ކޮންމެހެން ބޭނުންވާނެ އަސާސީ ދެ ހުނަރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިދާއިރާ ކުރިއަރުވަން ސަރުކާރުން ދެއްވާ ސަމާލުކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ޢިލްމީ އަދަބީ އަޚްލާޤީ އަދި ސަގާފީ އިންޤިލާބީ ބަދަލެއް ގެނައުމަށް އެމަނިކުފާނު ބޭނުންފުޅުވާކަމަށެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ތާރީޚު ކުދީންނަށް އުނގަންނައި ދިނުމުގައި ޒަމާނީ ގޮތްތައް ލިބިގަތުން މުހިންމުކަން ފާހަގަކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދުނިޔޭގެ އެހެނިހެން ބަސްތައް ދަސްކޮށްދޭން ވެސް ޒަމާނީ ޓެކްނޯލޮޖީ މެދުވެރިކޮށް އާ ގޮތްތައް އުފައްދަމުން ދާކަމަށާއި ރާއްޖޭގައި ކުޑަކުދީން ބަލާނެ ކާޓޫނު ފިލްމު، ޤައުމީ އެކި ހާދިސާތަކުގެ ފިލްމު ނެތުމުން އެކަން ބައެއް ބޭފުޅުން ފާހަގަކުރައްވާ ކަމަށެވެ. އެކަމަށް ޙައްލު ގެނެސް ދެއްވުމުގެ ގޮތުން، އަންނަ އަހަރު ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަ ކުދީންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ބޮޑެތި އިނާމުތަކާއެކު ހުޅުވާލައްވާނެކަން އެމަނިކުފާނު މިރޭ އިޢުލާންކުރެއްވިއެވެ.

މިރޭ ނަތީޖާ ފާޅުކުރެވުނު މުބާރާތްތަކުގެ ތެރޭގައި ހިމެނޭ ދިވެހި ތާނައިގެ އަތުލިޔުމުގެ މުބާރާތް މިހާތަނަށް ކުރިއަށްގެންދިޔައީ ރައީސުލްޖުމްހޫރިއްޔާގެ އިނާމު ލިބޭ މުބާރާތެއްގެ ގޮތުގައެއް ނޫން ކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ އަންނަ އަހަރުން ފެށިގެން ދިވެހި ތާނައިގެ އަތުލިޔުމުގެ މުބާރާތަކީ ޤައުމީ މުބާރާތެއްގެ ގޮތުގައި ކުރިޔަށް ގެންދަވާނެ މުބާރާތެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކަން އިއުލާންކުރައްވާފައެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ އަދަބީ މުބާރާތުގައި ބައިވެރިވި ކުދީންގެ ކިބައިގައިވާ ހުނަރަކީ ވަރަށް ބޮޑު އަމާނާތެއް ކަން ހަނދާންކޮށްދެއްވާ އެކުއްޖަކަށް ލިބިފައިވާ އަދަބީ ޤާބިލުކަން ދިވެހި ޤައުމާ އެއްކޮޅަށް އަބަދުވެސް ބޭނުން ކުރެއްވުމަށް ގޮވާލައްވަމުންނެވެ.

މިރޭ ބޭއްވި ޤައުމީ އަދަބީ މުބާރާތްތަކުން އެއްވަނައަށް ހޮވުނު ބޭފުޅުންނާއި ދަރިވަރުންނަށް އަދި މުބާރާތްތަކުން އެއް ވަނައަށް ހޮވުނު އޮފީސްތަކާއި ސްކޫލްތަކަށް އިނާމު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހުރިއްޔާ އެވެ. އަދި ދެވަނައަށް ހޮވުނު ފަރާތްތަކަށް އިނާމުދެއްވީ ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *