މާލެ އުތުރުފަރާތު ބަނދަރު ހިމެނޭ ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށް ދާއިރު ލަފާފުރާ އޮޑިދޯނިފަހަރަށް ދަތިނުނުވާނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސާނެ ކަމުގެ ޔަގީންކަން އެމް.ޕީ.އެލް އިން ދީފިއެވެ.
އެމް.ޕީ.އެލް އިން މިއަދު ބުނީ ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މި މަހުގެ އަށަކުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި މަސައްކަތުގެ ތެރެއިން، މާލޭ ނޯތު ހާބަރ ސަރަހައްދުގެ މަސައްކަތް ޑިސެންބަރު 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ސެގްމަންޓަކަށް ބަހާލައިގެނެވެ. މި މަސައްކަތުގެ ފުރަތަމަ ސެގްމަންޓްގެ މަސައްކަތްކުރުމަށް، ލޯކަލް މާރުކޭޓްގެ ހުޅަނގަށް 100 މީޓަރ ސަރަހައްދުގައި ހިމެނޭ އެންމެހައި ކަނޑު އުޅަނދުތައް 19 ޑިސެންބަރު 2025 ވަނަ ދުވަހުގެ 00:00ގެ ނިޔަލަށް ނެގުމަށް މި ކުންފުނިން ވާނީ އިއުލާންކޮށްފައެވެ. މި ސަރަހައްދު ބޭނުންކުރާ އޮޑި ދޯނިފަހަރަށް ވަގުތީ ގޮތުން އެހެން ސަރަހައްދުތަކެއް ހަމަޖެއްސުމަށް ކަމާ ބެހޭ ވުޒާރާތަކާ ގުޅިގެން މި ކުންފުނިން މި ދަނީ މަސައްކަތްކުރަމުންނެވެ." އެމް.ޕީ.އެލްގެ ބަޔާނެއްގައިވެއެވެ.
"މާލެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް މަތީގައި ބަޔާންކޮށްފައިވާ ސަރަހައްދު ހުސްކުރުމަށް އެ ސަރަހައްދު ބޭނުންކުރާ ފަރާތްތައް އެއްބާރުލުން ދެއްވުމަކީ މި ކުންފުނީގެ ވަރާށް ބޮޑު އެދުމެކެވެ. އަދި މި މަސައްކަތް ކުރިއަށްދާ މުއްދަތުގެ ތެރޭގައި، އޮޑިދޯނިފަހަރަށް ދަތިނުނުވާނެ ގޮތަށް، ޚިދުމަތްތައް ފޯރުކޮށްދިނުމަށް އިންތިޒާމްތައް ހަމަޖައްސާނެކަމުގެ ޔަޤީންކަން އަރުވަމެވެ."



advertisment

