ބީއެމްއެލްގެ ފަސް ލައްކަ ރުފިޔާގެ ސްޓާޓަޕް ގްރާންޓް ލިބޭ ތިން ވިޔަފާރި މިއަދު ހޮވައިފިއެވެ.
ސްޓާޓަޕް ގްރާންޓަކީ އަލަށް ވިޔަފާރީގެ ދާއިރާއަށް ނުކުންނަ ފަރާތްތަކަށް ވިޔަފާރިއެއް ފެށުމަށް ނުވަތަ އެއް އަހަރު ނުވާ ވިޔަފާރިއެއް ފުޅާކުރުމަށް ހިލޭ އެހީގެ ގޮތުގައި 500،000ރ. ދެމުން އަންނަ ފަންޑެކެވެ.
ބީއެމްއެލް އިން ބުނާ ގޮތުގައި ސްޓާޓަޕް ގްރާންޓް ލިބޭ ފަރާތްތައް ހޮވާފައި ވަނީ ދެ ސްޓޭޖަކަށް ބަހާލައިގެން ވާދަވެރި އިވެލުއޭޝަނަކަށް ފަހުގައެވެ. ފުރަތަމަ ސްޓޭޖުގައި އެންމެ ފާހަގަކުރެވޭ 10 ވިޔަފާރިއެއް ޝޯޓްލިސްޓްކޮށް، ދެވަނަ ސްޓޭޖުގައި މި ވިޔަފާރިތަކުން އިވެލުއޭޝަން ކޮމިޓީއަށް ވިޔަފާރީގެ ޕްލޭން ހުށަހަޅާފައި ވެއެވެ.
މި އަހަރު ގްރާންޓް ލިބޭ ވިޔަފާރިތަކަކީ:
1. ރަށި ޕާކް (އިބްރާހީމް މިފްޟާލް ފަޔާޟް)
އައްޑޫ ސިޓީ ފޭދޫގައި ކުޑަކުދިންގެ އިންޑޯ ޕާކަކާއި ފެމެލީ ކެފޭއެއް ގާއިމުކުރުމަށް. މިއީ އައްޑޫގައި ގާއިމުކުރާ މިފަދަ ފުރަތަމަ ޕާކް. މި ޕާކުގައި ކުޑަކުދީން ކުޅުމަށް ވަސީލަތްތަކާއި ބެލެނިވެރިންނަށް ކާބޯތަކެއްޗާއި ވައިފައި ލިބޭނެހެން ލައުންޖް އޭރިއާއެއް ގާއިމުކުރާނެ.
2. ރަށު ޕްލާސްޓިކް ޕްރޮޖެކްޓް (މުޙައްމަދު މިމްރާޙް)
މި ޕްރެޖެކްޓްގެ މަގުސަދަކީ އުކާލާ ޕްލާސްޓިކުން ބޭނުންތެރި އަދި ދެމެހެއްޓެނިވި ޕްރޮޑެކްޓްސް އުފެއްދުން. އުލާކާ ޕްލާސްޓިކް ރީސައިކަލްކޮށް، ގަޑި، ކީޗެއިން ސަންގްލާސް ފަދަ މާކެޓުގައި ވިއްކޭނެ ސާމަނު މި ޕްރޮޖެކްޓުން އުފައްދާނެ. މި ޕްރޮޖެކްޓްގެ ރީސައިކްލިންގ ސެޓަޕް ގާއިމްކުރާނީ ވ. ފެލިދޫގައި.
3. ލޭޑީބަރޑް ކިންޑަރގާޑެން (ޝައްމާ ނަދީމް)
ހުޅުމާލޭ ފޭސް ދޭއްގައި އުމުރުން ތިން އަހަރާއި ހަ އަހަރާ ދެމެދުގެ ކުދީންނަށް އެކުދިންގެ އުމުރާއި ގުޅޭ ހަރަކާތްތަކުގެ ތެރެއިން ދީނީ ތަރުބިއްޔަތު ރާއްޖޭގެ ކަރިކިއުލަމް ސްޓޭންޑާޑް ތަކާ އެއްގޮތަށްދޭ، އިސްލާމިކް އަރލީ ލަރނިން ސެންޓަރެއް ގާއިމުކުރުމަށް.
ކޮންމެ އަހަރަކު ދެ ފަރާތަކަށް މި ގްރާންޓް ދޫކުރި ނަމަވެސް މިއަހަރު ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބޭންކުންވަނީ މިއަހަރު ޖުމްލަ ތިން ޕްރޮޖެކްޓަކަށް އެހީ ދޭނެކަން ހާމަކޮށްފައެވެ. މިއީ ސްޓާޓަޕް ގްރާންޓް ވިދިވިދިގެންދޭ ހަތަރު ވަނަ އަހަރެވެ.



advertisment

