ކޮރަޕްޝަންގެ ވާހަކަ ދައްކަވަނީ ރާއްޖޭގެ ބޮޑު ވަޒީރުކަމުގެ މަގާމު ބޭނުންފުޅުވެގެން ނޫން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ނުކުތް އެމްޑީޕީގެ "ހަބަރު ސިޓީ"ގެ ހަވަނަ އަދަދު (16-30 ސެޕްޓެމްބަރު) ގައި "ރައްޔިތުންނަށް ހެޔޮގޮތުގައި ވެރިކަން ކޮށްދިނުން" މި މައުލޫއަށް ނަޝީދު ލިޔުއްވާފައިވާ ކުރު މަޒުމޫނެއްގައި ވިދާޅުވެފައިވާ ގޮތުގައި މި ސަރުކާރުގެ ވަޒީރެއްގެ ކޮރަޕްޝަންގެ ވާހަކަ އެމަނިކުފާނު ދައްކަވަނީ އެއްވެސް ހާލެއްގައި ބޮޑުވަޒީރުކަން ބޭނުންފުޅުވެގެން ނޫނެވެ.
ރައީސް ނަޝީދަކީ ރާއްޖޭގައި ފުރަތަމަ ބޭއްވި މަލްޓި ޕާޓީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި 2008 ގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް ވަޑައިގަތުމަށްފަހު ތިން އަހަރު ނުވަނީސް އަމިއްލަ އަށް އިސްތިއުފާ ދެއްވާފައި ހުންނެވި ބޭފުޅެކެވެ.

"އަޅުގަނޑު ބޮޑުވަޒީރަކަށް ވާން އެދޭނަމަ އެވާހަކަ އަޅުގަނޑު ދަންނަވާނަމެވެ. މިހާރު ވެސް ކުރަން ހުރިކަންކަން މަދީއެއްނޫނެވެ. މީހާއާ ދިމާވެފައިވާ މައްސަލަތައް ވެސް ގިނަ އެވެ. މިއަދު މިބުނާ ވާހަކައަކީ އެމްޑީޕީއަށް ކާމިޔާބު ވާނީ އަޅުގަނޑުގެ އަމާޒު ނުގެއްލުމުންނެވެ." ނަޝީދު ވިދާޅުވެފައިވެ އެވެ.
ނަޝީދު މިމޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ އަމިއްލަ މަސްލަހަތު އިސްކުރައްވައިގެން ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ނަޝީދު އަމަލް ކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތުކޮށް، އެކަންކަން ހުއްޓުވައިދިނުމަށް އެޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބް މުގައްރިރު ފުރަހަނި ޝުއައިބު އަލީ އެދިވަޑައިގެންފައިވަނިކޮށެވެ. މީގެ އިތުރުން، ވެރިކަމުގެ ނިޒާމް ބަރުލަމާނީ އަކަށް ބަދަލުކޮށް، ބޮޑު ވަޒީރަކަށް ވެވަޑައިގަތުމަށް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތް ހަގީގަތަކަށް ހައްދަވަން ނަޝީދު މަސައްކަތް ކުރައްވާ ކަމަށާއި އެކަމުގައި ޕާޓީ ގުރުބާންވެގެން ދިއުމަކީ ގަބޫލްކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ޝުއައިބު ވިދާޅުވެފައިވެ އެވެ.
ނަމަވެސް ޝުއައިބުގެ ތުހުމަތުތައް އެމް.ޑީ.ޕީން ވަނީ ދޮގުކޮށްފައެވެ.
ނަޝީދު ލިޔުއްވާފައިވާ ގޮތުގައި އެމަނިކުފާނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ފުރިހަމައަށް ތާއީދު ކުރައްވައެވެ. އަދި ރައީސް ސޯލިހްގެ ވެރިކަމަށް ކުޑަވެސް ހީނަރުކަމެއް އައުމަށް އެމަނިކުފާނު އެދިވަޑައިނުގެންނަވައެވެ.
އެމްޑީޕީން އެމަނިކުފާނަށް ދީފައިވާ އެންމެ މަތީ މަގާމަކީ އެމަނިކުފާނަށް ފެންނަ ގޮތަކަށް ވާހަކަ ދެއްކުމަށް ދީފައިވާ ފުރުސަތުކަން ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ. އަދި ރައީސް ސޯލިހްގެ ވަޒީރަކާ މެދު ނުރުހުން ފާޅުކުރެއްވުމަކީ ފަސޭހަކަމެއް ނޫނެވެ. އެކަން ރައީސް ސޯލިހަށްވެސް އެނގިވަޑައިގެންނަވާނެ ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.
"އަޅުގަނޑު ކަށަވަރުކޮށްދެމެވެ. އަޅުގަނޑު ރައީސްގެ މިނިސްޓަރަކާ ގުޅޭ ގޮތުން ނުރުހުން ފާޅުކުރަނީ އަޅުގަނޑުގެ ވެރިކަމުގެ އިތުރު އުއްމީދަކާ އެކުއެއް ނޫނެވެ. އަޅުގަނޑަކު ދެނަކު ރާއްޖޭގެ ރައީސް ކަމެއް ކުރުމަކަށް ނުއެދެމެވެ. އަޅުގަނޑު އެދެނީ އެމްޑީޕީއިން ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ގޮތުގައި ވެރިކަން ކޮށްދިނުމަށެވެ،" ނަޝީދު ލިޔުއްވާފައިވެ އެވެ.
ރައީސް ނަޝީދު ވިދާޅުވީ ބައެއް ބޭފުޅުންގެ ނަޒަރުގައި އެމަނިކުފާނު ފާހަގަކުރައްވާ ކަންކަމަކީ އަމިއްލަ މަސްލަހަތު ހުރެގެން މިސަރުކާރު ނިކަމެތި ކުރަން ދައްކާ ވާހަކަތަކެކެވެ. ނަމަވެސް އެއީ ވަރަށް ބޮޑު އޮޅުމެއް ކަމުގައި ވިދާޅުވި އެވެ.
"ވެރިކަމުގެ ނިޒާމް ބަދަލުކުރަން އަޅުގަނޑު އެދެމެވެ. ރާއްޖޭގެ ރައްޔިތުންނަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމެވެ. އެމްޑީޕީއަށް ކުރިއަށް އޮތް 10 އަހަރު ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތް ކޮށްދެވެން އޮތް ނިޒާމަކީވެސް ބަރުލަމާނީ ނިޒާމެވެ. ރައީސް ސޯލިހުގެ ދެވަނަ ދައުރު ލިބުމުގެ އެންމެ ކަށަވަރު މަގަކީވެސް ބަރުލަމާނީ ނިޒާމެވެ،" ނަޝީދު ވިދާޅުވެފައިވެ އެވެ.
ނަޝީދު ލިޔުއްވާފައިވާ ގޮތުގައި އެމްޑީޕީން އަބަދުވެސް އަނިޔާ އާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރައްވާ ވިދާޅުވެފައިވާ ގޮތުގައި ކޮރަޕްޝަން މަދުކުރުމަށް 2008 ވަނަ އަހަރު ގާނޫނު އަސާސީއަށް ވަރަށް ގިނަ ސިފަތަކެއް ގެނެވުނެވެ. އަދި އެއީ އެމްޑީޕީގެ މަސައްކަތުގެ ނަތީޖާ އެވެ. ނަމަވެސް އަދިވެސް ދިވެހިން އެދޭ މިންވަރަށް ކޮރަޕްޝަން މަދުކުރެވިފައިނުވާ ކަމުގައި ނަޝީދު ފާހަގަކުރައްވާފައިވެ އެވެ.



advertisment
One Response
ހިޔަޅު ރޭވުން.. ޕާލެމެންޓަށް ކުރިމަތީލީއިރު ބުނިތަ ތިމަން މިއުޅެނީ މިތަން ހިސޯރުކުރާށޭ.
އެތަނަށް ވަދެ މަކަރުވެރެ ހީލަތްތެރިކަމާއި އެކު މަޖިލިސް އަތުލީ އެވަރުން ނުފުދިގެން ޖޭއެސްސީ ހަލާކުކުރީ. މިހާރު ތިއުޅެނީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމު ވިއްކާފައި ވިޔަސް އެކަން ހާސިލްވޭތޯ.
މީނާ އެއްޗެއް ބުނެފިތަ ދިމާ އިދިކޮޅަށް އެކަން ކުރާކަން ދިވެހީންނަށް އެގޭ މިހާރު. އޮޅުވާލިޔަސް މަކަރު ހެދިޔަސް ތިކަމެއް ނުވާނެ އިންޝާ ﷲ.