ހުޅުމާލޭ މަގުހެދުމާއި މަރާމާތުކުރުން ހޮންކޮންގުގެ ރޮޓައިމް އިނޖިނިއަރިންއާ ހަވާލުކޮށްފައި ވަނީ 91.8 މިލިއަން ރުފިޔާ އަށް ކަމަށް އެޗް.ޑީ.ސީން ބުނެފިއެވެ.
އެޗް.ޑީ.ސީން މިއަދު ބުނީ މި މަޝްރޫއަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރި އަދި ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ކަށަވަރުކުރުމަށްޓަކައި، "މިހާރުވެސް މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ނުހެދި ހުރި މަގުތައް ހެދުމާއި ހަލާކުވެފައިވާ މަގުތައް މަރާމާތުކުރުމަށްޓަކައި ކުރިއަށްގެންދާ މަސައްކަތެއް" ކަމަށެވެ.
"މި މަޝްރޫޢަކީ މީގެ ކުރިން 2 އޮކްޓޯބަރ 2022 ގައި ރޮޓައިމްއާ ހަވާލުކުރެވުނު "ހުޅުމާލޭގައި ޓެމްޕަރަރީ ވާކާރސް އެކޮމޮޑޭޝަން" ތަރައްޤީކުރުމުގެ މަސައްކަތުގެ ބަދަލުގައި އެކުލަވާލެވުނު އެއްބަސްވުމެކެވެ. ހުޅުމާލޭގެ މާސްޓަރ ޕްލޭނަށް ބަދަލު އައުމާއި، އެ ސަރަހައްދުގައި ބައިނަލްއަޤްވާމީ ކުޅިވަރު ސްޓޭޑިއަމްއެއް އެޅުމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއިން އެދިވަޑައިގަތުމާ ގުޅިގެން، އެކޮމޮޑޭޝަން ބުލޮކުގެ މަޝްރޫޢު ނިމުމަކަށް ގެނައުމަށް އެޗްޑީސީ އާއި ކޮންޓްރެކްޓަރާ ދެމެދު ސެޓްލްމަންޓް އެގްރީމެންޓެއްގައި ސޮއިކުރެވުނެވެ. އެހެންކަމުން، މި މަގު ހެދުމުގެ މަޝްރޫއު ހަވާލުކުރެވުނީ އެ ސެޓްލްމަންޓް އެގްރީމެންޓްގެ ދަށުންނެވެ." އެޗް.ޑީ.ސީގެ ބަޔާނެއްގައި ބުންޏެވެ. "ވީމާ، މި މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފަސް މަގަކާއި ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓް ކައިރީގައިވާ މަގު ހިމެނޭ ގޮތަށް ޖުމްލަ 19،001 އަކަމީޓަރުގެ ސަރަހައްދެއްގައި ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުން ހިމެނެއެވެ. މީގެ އިތުރުން، ހުޅުމާލޭގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގެ މަގުތަކުގައި ހަލާކުވެފައިވާ 8012 އަކަމީޓަރުގެ ސަރަހައްދެއް މަރާމާތުކޮށް އަލުން ތާރު އެޅުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ. މި މަޝްރޫއުގެ އަގަކީ، ޖީ.އެސް.ޓީ ހިމެނޭ ގޮތަށް 91,860,829.15 ދިވެހި ރުފިޔާއެވެ. ފައިސާ ދެއްކުމަށް ހަމަޖެހިފައިވަނީ އެޗްޑީސީގެ ކޭޝްފްލޯއަށް ދަތިނުވާނެ ގޮތަކަށެވެ. އެގޮތުން، %50 ފައިސާ އެއް އަހަރުގެ މުއްދަތަކަށް ބަހައިގެން ދެއްކުމަށް ހަމަޖެހިފައިވާއިރު، ބާކީ %50 ފައިސާ 2027 ވަނަ އަހަރުން ފެށިގެން ހަ އަހަރު ދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ އެއްބަސްވެވިފައެވެ."
އެޗް.ޑީ.ސީން ބުނި ގޮތުގައި ރޮޓައިމް އިން ވަނީ މަސައްކަތަށް ބޭނުންވާ ސާމާނާއި މެޝިނަރީ މޮބިލައިޒްކޮށް، ވީ އެންމެ އަވަސް މުއްދަތެއްގައި މަސައްކަތް ފެށުމަށް ތައްޔާރުވެފައެވެ.
"މި ކޯޕަރޭޝަނުން އުންމީދުކުރަނީ މި މަސައްކަތް ކުރު މުއްދަތެއްގެ ތެރޭގައި ނިންމާ، ހުޅުމާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ދަތުރުފަތުރުގެ ފަސޭހަތައް ވީހާވެސް އަވަހަށް ލިބިގެންދިޔުމެވެ." އެޗް.ޑީ.ސީން ބުންޏެވެ.



advertisment

