ނުކުޅެދުންތެރިކަން ހުންނަ 30 މީހަކަށް ސްޓެލްކޯ އިން ވަޒީފާ ދީފިއެވެ. ވަޒީފާގެ ލިޔުން ހަވާލުކޮށް ދެއްވީ އެކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމީޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
މި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންށް ވަޒީފާގެ ފުރުސަތު ފަހިވުމަކީ މުވައްޒަފުގެ ޢާއިލާއާއި ޤައުމަށް އެކަމުގައި އެތައްގޮތަކުން ފައިދާއާއި މަންފާ ހުރި ކަމެއް ކަމަށެވެ. އެ ކަމަނާގެ ވާހަކަފުޅުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން، ވަޒީފާގެ މާހައުލަށް ނެރުމަކީ ޞިއްޙީ ގޮތުންނާއި، ދިރިއުޅުމުގެ އާދަތަކާއި މާލީގޮތުން ފުދުންތެރިކަން އިތުރުވެގެން އަންނާނެކަމެއް ކަމަށް ފާހަގަކުރެއްވިއެވެ. އެގޮތުން ވާޒީފާގެ މާހައުލުގައި އައު ރައްޓެހިން ލިބުމަކީ ނަފްސާނީގޮތުން ލިބޭ ހިތްހަމަޖެހުމެއް ކަމަށާއި މީހުންގެ ތަޢުރީފާއި ހެޔޮބަސްތަކުގެ ސަބަބުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު، އިތުރުވެގެންދާނެ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.
ކޮންމެ ދުވަހަކު ވަކިގަޑިއެއްގައި ހޭލުމާއި، ގަޑިން ގަޑިއަށް ވަކި ކަންތައްތަކެއް ކުރުމަކީ ހަރުދަނާ ސިފަތައް އަށަގަންނަކަމެއްކަން ފާހަގަކުރައްވައި އެކަމަނާ ވިދާޅުވީ ވަޒީފާގެ ފުރުޞަތު ފަހިވެގެންދިޔަ ފަރާތްތަކަށް، މިއީ އެކިކަހަލަ ހުނަރުތައް އަށަގަތުމާއި އެ ހުނަރުތައް ތަރައްޤީކުރުމަށް ލިބޭ ފުރުޞަތެއް ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުން ހިންގާ މި ޕްރޮގްރާމަކީ ބައެއް ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އާމްދަނީ ހޯދޭނެ މަގުތަކެއް ފަހިކޮށްދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކަނޑައެޅުއްވި ސިޔާސަތުގެ ދަށުން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު ސްޓެލްކޯގެ މަސައްކަތުގައި އުޅެނިކޮށް ދިމާވި ހާދިސާއެއްގައި އަނިޔާވެ، ރާއްޖެއިން ބޭރުގައި ފަރުވާދެމުންދަނިކޮށް މިއަދު ނިޔާވި ސްޓެލްކޯގެ މުވައްޒަފު އަހްމަދު އަޒްމީލްގެ ހަނދާނުގައި ހަމަހިމޭން ކަމުގެ ސުކޫތެއް ގެނައުންވެސް މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން އޮތެވެ. އަދި މެޑަމް ސާޖިދާގެ ވާހަކަފުޅުގައި ސްޓެލްކޯއަށާއި އަޒުމީލްގެ އާއިލާއަށް ތަޢުޒިޔާ ވިދާޅުވިއެވެ.



advertisment

