Support Us

އެކަކު އެކި މީހުންގެ 100 އަށް ވުރެ ގިނަ ކާޑު ގެންގޮސްގެން ބޭރު ފައިސާގެ މުޢާމަލާތްތައް ހިންގައިފައިވޭ: ބީ.އެމް.އެލް

ބީ.އެމް.އެލް ޑެބިޓް ކާޑު ލިމިޓްގެ ބޭނުން ބައެއް ފަރާތްތަކުން ނަހަމަ ގޮތުގައި ކުރާކަން ފާހަގަވެފައިވާ ކަމަށާއި އެކަކު 100 އަށް ވުރެ ގިނަ ކާޑު ބޭރު ގައުމަކަށް ގެންގޮސް، ބޭރު ފައިސާ ހޯދުމަށް އެ ކާޑުތައް ބޭނުންކޮށްގެން މުޢާމަލާތްތައް ހިންގައިފައިވާ ކަމަށް ބީ.އެމް.އެލް އިން ބުނެފިއެވެ.

ބީ.އެމް.އެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބައެއް ކަސްޓަމަރުން އެ ކަސްޓަމަރެއްގެ އަމިއްލަ ބޭނުމަށް، އަމިއްލަ އެކައުންޓަށް ނަގައިފައިވާ ކާޑުތައް އެހެން ފަރާތްތަކަށް ރާއްޖެއިން ބޭރުގައި ބޭނުންކުރުމަށް ދިނުން ގިނަވެފައިވާ ކަމަށެވެ.

ތިރީގައި މި ވަނީ މިކަމާ ގުޅިގެން ބީ.އެމް.އެލް އިން މިއަދު ނެރުނު ބަޔާނެވެ.

"ބޭންކް އޮފް މޯލްޑިވްސް އިން މިވަނީ 11 ނޮވެމްބަރ 2025 އިންފެށިގެން ދިވެހި ރުފިޔާ އެކުންޓަށް ދޫކޮށްފައިވާ ޑެބިޓްކާޑު ރާއްޖެއިން ބޭރުގައި ބޭނުންކުރެވޭ އަދަދު އިތުރުކޮށް ދީފައެވެ. ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ބަލައިގެން ގެނެސްފައިވާ މި ބަދަލުގައި ރާއްޖެއިން ބޭރުގައި ކާޑު މެޝިނުގައި ބޭނުން ކުރެވޭ މުއާމަލާތްތަކަށް މަހަކަށް 1000 ޑޮލަރު، އަދި ޓިކެޓްއާއި ހޮޓެލް ބުކިންގ އަށާއި ޞިއްހީފަރުވާ އަށް ފައިސާ ދެއްކުމަށް މަހަކަށް 3000 ޑޮލަރާއި ހަމަޔަށް ލިމިޓް ކަނޑައެޅިފައިވެއެވެ.

"އެހެންނަމަވެސް މި ލިމިޓްތައް ނަހަމަގޮތުގައި ބޭނުންކުރާކަން މި ބޭންކަށް ވަނީ ފާހަގަކުރެވިފައެވެ. މިގޮތުން ބައެއް ކަސްޓަމަރުން އެ ކަސްޓަމަރެއްގެ އަމިއްލަ ބޭނުމަށް، އަމިއްލަ އެކައުންޓަށް ނަންގަވާފައިވާ ކާޑުތައް އެހެން ފަރާތްތަކަށް ރާއްޖެއިން ބޭރުގައި ބޭނުންކުރުމަށް ދިނުމާއި އެގޭ ތެރެއިން އެކަކު 100 އަށް ވުރެ ގިނަ ކާޑު ބޭރު ގައުމަކަށް ގެންގޮސް، ބޭރުފައިސާ ހޯދުމަށްޓަކައި ވަކި މާރޗެންޓެއްގެ ކާޑު މެޝިނުގައި އެ ކާޑުތައް ބޭނުންކޮށްގެން މުޢާމަލާތްތައް ހިންގިކަން ފާހަގަކުރެވިފައިވެއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރަށް ދަތުރުނުކުރާ ފަރާތްތަކުގެ ކާޑުތައް ބޭނުންކޮށްގެން ގިނަ އަދަދުތަކަށް، ޓިކެޓް އަދި ހޮޓެލް ބުކިންގއަށް ކަނޑައަޅާފައިވާ ލިމިޓް ބޭނުންކުރުން ވެސް ހިމެނެއެވެ.

"މިގޮތަށް ތިންވަނަ ފާރަތަކަށް ކާޑު ދިނުމާއި ނަހަމަ ގޮތުގައި ކާޑު ބޭނުންކުރުމަކީ ކާޑުގެ ވެރިފަރާތާއި ބޭންކާ ދެމެދު ވެފައިވާ އެއްބަސްވުމާ މުޅިން ހިލާފު އަމަލެކެވެ. އަދި މީގެ އިތުރުން ޕަރސަނަލް ކާޑުން ބޭރުގެ މުޢާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓަކީ، އެކާޑުގެ ވެރިފަރާތެއްގެ ހަމައެކަނި އަމިއްލަ ބޭނުންތަކަށް ކުރަންޖެހޭ ޚަރަދުތައް ކުރުމަށް ދީފައިވާ ލިމިޓެކެވެ. އެހެންކަމުން މިފަދަ މުޢާމަލާތްތަކަކީ އާންމުކޮށް ފައިސާގެ މުޢާމަލާތް ހިންގުމުގެ އުސޫލުތަކާ ހިލާފު މުޢާމަލާތްތަކަށްވާތީވެ، ކުރިޔަށް އޮތްތާނގައި މިފަދަ މުޢާމަލާތްތައް ބަލައި، ފިޔަވަޅު އެޅުމަށްޓަކައި ކަމާބޭހޭ ފަރާތްތަކަށް ހުށަހަޅަމުންގެންދާނެ ވާހަކަ ދަންނަވަމެވެ. އަދި މިގޮތަށް ބޭނުން ކުރާ ކާޑުތަކަށް ރާއްޖެއިން ބޭރުގައި ބޭނުންކުރުމަށް ކަނޑައެޅިފައިވާ ލިމިޓް ކަނޑާލުމާއި އެފަދަ މާރޗެންޓްތަކުގައި މުޢާމަލާތް ނުކުރެވޭގޮތް ހެދުންފަދަ ފިޔަވަޅުތައް ބޭންކުން އަޅަންޖެހިދާނެ ވާހަކަވެސް ދަންނަވަމެވެ.

"ބޭންކް އޮފް މޯލްޑިވްސް އިން ޑެބިޓް ކާޑު މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ބޭނުންކުރުމަށް ބޭރުފައިސާ ވިއްކޭ އަދަދު ބޮޑުކޮށްފައިވަނީ، ރާއްޖެއިން ބޭރަށް އެކި ބޭނުންތަކުގައި ދަތުރުކުރައްވާއިރު ޒަރޫރީ ބޭނުންތަކަށާއި އެހެނިހެން ކަންތައްތަކަށް ވީއެންމެ ލުއިފަސޭހަ ގޮތްތައް ހަމަޖައްސައި ދިނުމުގެ ބޭނުމުގައެވެ. އެހެންކަމުން ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތް ދެވޭނީ، ނަހަމަގޮތުގައި ކާޑު ބޭނުންކުރުމަށް ހިންގާ އަމަލުތައް ހުއްޓިގެންނެވެ.

"އެހެންކަމުން ކާޑުގެ ވެރިފަރާތުގެ އެކައުންޓްގެ ރައްކާތެރިކަމަށާއި، ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރެވޭކަން ކަށަވަރުކުރުމަށާއި، ބޭންކުން ދީފައިވާ މިފަދަ ޚިދުމަތްތައް ދެމެހެއްޓެނިވިގޮތެއްގައި ދެމުން ގެންދެވޭނެ ގޮތް މަގުފަހިކޮށް ދިނުމަށްޓަކައި، އަމިއްލަ ކާޑު އެހެން ފަރާތްތަކުން ފައިދާ ނެންގެވުމަށް ނުދެއްވުމަށް މި ބޭންކުން އިލްތިމާސް ކުރަމެވެ."