އެޗްޑީސީގެ ވެބްސައިޓަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޮޓް "މިތުރު" ތައާރަފުކޮށް، އެކްސެސިބިލިޓީ އިތުރުކުރުމަށްޓަކައި އާ ފީޗާސްތަކެއް ތައާރަފުކޮށްފިއެވެ.
ނުކުޅެދުންތެރިކަން ހުރި 30 މީހަކަށް ވަޒީފާ ދިނުމަށް މިދިޔަ ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި މިކަން އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. ޢާއިޝަތު ޝިހާމެވެ.
އެޗްޑީސީން މިއަދު ބުނި ގޮތުގައި ވެބްސައިޓަށް އަލަށް ތައާރަފްކުރި ފީޗާރ ތަކަކީ ތަފާތު "ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެބްސައިޓް ބޭނުންކުރަން ފަސޭހަކޮށްދިނުމަށް ތައާރަފް ކުރި ފަންކްޝަންތަކެކެވެ." އެ ފަންކްޝަންތަކުގެ ތެރޭގައި ވެބްސައިޓް ބޭނުންކުރާ މީހުންނަށް ފަސޭހަވާނެހެން އަކުރުތަކުގެ ސައިޒު ބަދަލުކުރުމާއި، ކުލަ ސްކީމް ބަދަލުކުރުމުގެ އިތުރުން ސްކްރީން ރީޑަރ ފަންކްޝަން ވެސް ހިމެނެއެވެ.

"މީގެ އިތުރުން ޑިސްލެކްސިޔާ ހުންނަ ފަރާތްތަކަށް ވެބްސައިޓްގެ މައުލޫމާތުތައް ކިޔައިލުން ފަސޭހަ ކުރުމަށްޓަކައި، "ޑިސްލެކްސިޔާ ފްރެންޑްލީ" ފޮންޓެއްވެސް ވަނީ މި ފީޗާސްތަކުގެ ތެރެއިން ތައާރަފުކުރެވިފައެވެ. މިއީ އެޗްޑީސީން އާންމުކޮށް ހިދުމަތް ހޯދާ ހުރިހާ ފަރާތްތަކަށް ވެބްސައިޓްގެ މައުލޫމާތުތައް ފަސޭހަކަމާއެކު ލިބޭނެ ގޮތް ހެދުމަށް ކުރެވުނު މުހިއްމު މަސައްކަތެކެވެ." އެޗްޑީސީގެ ބަޔާނެއްގައި ވެއެވެ.
"ވެބްސައިޓަށް މި ގެނެވުނު ބަދަލާ އެކު، މި ކޯޕަރޭޝަނުންގެ ވެބްސައިޓުން ހިދުމަތް ހޯދާ ފަރާތްތަކަށް އިތުރަށް ފަސޭހަވާނެއެވެ. މީގެ އިތުރުން ހުޅުމާލެއަކީ ހުރިހާ ރައްޔިތުންނަށް ވެސް ފަސޭހަކަމާއެކު ދިރިއުޅެވޭނެ، ޝާމިލު މާހައުލަކަށް ހެދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް މި ކޯޕަރޭޝަނުން ކުރަމުންގެންދާނެއެވެ."



advertisment

