ނުކުޅެދުންތެރިކަން ހުންނަ 30 މީހަކަށް އެޗްޑީސީން ވަޒީފާ ދީފިއެވެ. އެޗްޑީސީން ބުނީ މިއީ އެ ކުންފުނީގެ އިޖުތިމާޢީ ޒިންމާ އަދާކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ މުހިންމު މަސައްކަތެއް ކަމަށެވެ.
ވަޒީފާގެ ލިޔުން ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރު ބައިވެރިވެވަޑައިގެންނެވިއެވެ.
"މި 30 މީހުންނަށް ވަޒީފާ ދިނުމަކީ އެޗްޑީސީގެ މަސައްކަތްތަކުގައި ހަމަހަމަކަން ޤާއިމުކުރުމަށް ކުރާ މަސައްކަތުގެ ބައެކެވެ. މިފަދަ ފަރާތްތަކަށް ވަޒީފާ ދިނުމުގެ މުހިންމުކަމަކީ، އެ ފަރާތްތަކުގެ ޤާބިލުކަން ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމާއި، އިޤްތިސާދީ ގޮތުން އެހީތެރިވެދިނުމެވެ. މިވަގުތުވެސް އެޗްޑީސީގެ އެކިއެކި ޑިޕާޓުމަންޓުތަކުގައި ނުކުޅެދޭ ފަރާތްތައް މަސައްކަތްކުރަމުންދެއެވެ." އެޗްޑީސީން ބުންޏެވެ.
މި ރަސްމިއްޔާތުގައި، އެޗްޑީސީގެ ވެބްސައިޓަށް އާންމުންނަށް ޚިދުމަތް ދިނުމަށް ތައާރަފުކުރެވުނު އޭއައި ބޮޓް "މިތުރު" ވެސް ވަނީ ތައާރަފުކޮށްފައެވެ. މީގެ އިތުރުން، ވެބްސައިޓަށް އިތުރު އެކްސެސިބަލް ފީޗާސްތަކެއް ވެސް ވަނީ އިތުރުކުރެވިފައެވެ. މިކަމުގެ ސަބަބުން ނުކުޅެދޭ ފަރާތްތަކަށް އެޗްޑީސީގެ ހިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.
"ހަމަހަމަ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް އެޗްޑީސީން ކުރަމުން ގެންދާނެއެވެ. މީގެ އިތުރުން، މިފަދަ އިޖުތިމާޢީ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަކީ އެޗްޑީސީގެ މައިގަނޑު އެއް އަމާޒެވެ." އެޗްޑީސީގެ ބަޔާނުގައި ބުންޏެވެ.



advertisment

