ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުގެ ވަޒީފާ ލިބޭނޭ ފުރުސަތު ފަހިވެގެންދިޔުމަކީ އިންސާނީ ކަރާމާތަށް އިސްކަންދިނުމުގެ މަތިވެރި ނިންމުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ޔަޤީންކޮށްދިނުމަށް "ފަހި ޕްރޮގްރާމް– އެކުއެކީ، ގުޅިގެން" މި ޝިއާރުގެ ދަށުން އެމް.ޕީ.އެލް އިން ކުރިއަށްގެންދާ، ޕްރޮގްރާމް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.
އެ ކަމަނާގެ ވާހަކަފުޅުގައި މިފަދަ ޕްރޮގްރާމްތަކުން ފަހިވެގެންދާ ވަޒީފާގެ ފުރުސަތުތަކުން އިންސާނީ ކަރާމަތް ހިމާޔަތްކުރުމަށް އިސްކަންދެވި، ހުރިހާ ދިވެހިންނަކީ ހަމަހަމަ ބައެއްކަން އަމަލީގޮތުން ސާބިތުވެގެންދާ ކަމަށެވެ. އަދި، މިއީ އެތައް ދިވެހި ރައްޔިތުންގެ ހިތްދަތި އިހްސާސްތަކާއި ވޭންތަކަށް ދެވުނު ފަރުވާއެއް ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ތާރީޚީ ގޮތުންވެސް ގައުމުތަކާއި އިންސާނިއްޔަތުގެ ތަރައްގީއާއި ކުރިމަގަށް އަގުނުކުރެވޭ ޚިދުމަތް ކޮށްދީފައިވާ ބައެއްކަން މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ. އަދި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވަނީ އެ ފަދަ ފަރާތްތަކާ މެދު ދެކޭ ނަޒަރިއްޔާތު ބަދަލުކޮށް، ގަދަރާއި، ހިތްވަރާއި، އެހީތެރިކަން ފޯރުކޮށްދީ، އަމިއްލަ އަސާސީ ބޭނުންތައް އަމިއްލަ މަސައްކަތުން ފުއްދުމުގެ އަބުރުވެރި ފުރުޞަތު ފަހިވެގެން ދިޔުން ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.
މި ޕްރޮގްރާމަކީ، ބައެއް ކަހަލަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އާމްދަނީ ހޯދޭނެ މަގުތަކެއް ފަހިކޮށްދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކަނޑައެޅުއްވި ސިޔާސަތުގެ ދަށުން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ. މިއަދުގެ ރަސްމިއްޔާތުގައި، މެޑަމް ސާޖިދާ ވަނީ އެމް.ޕީ.އެލް.ގެ ވަޒީފާއާ އަލަށް ގުޅުނު 30 މީހުންނަށް ވަޒީފާގެ ލިޔުން ޙަވާލުކޮށްދެއްްވާފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި، އެ ކުންފުނީގެ ވެބްސައިޓްގައި އަލަށް ތަޢާރަފްކުރާ އެކްސެސިބިލިޓީ ފީޗަރ، އިފްތިތާހްކުރުން އޮތެވެ. މި ފީޗަރ އިފްތިތާހްކޮށްދެއްވީ މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑޮކްޓަރ ޢާއިޝަތު ޝިހާމެވެ.
މީގެ އިތުރުން އެމް.ޕީ.އެލުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މި ފަދަ ކަންކަމަށް ދެއްވާ އިސްކަން ފާހަގަކުރައްވައި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ހަދިޔާއެއް އަރުވާފައެވެ. މި ހަދިޔާ، އެކަމަނާއަށް އެރުއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުޙައްމަދު ރިޝްވާނެވެ.



advertisment

