Support Us

ސޯޝަލް ހައުސިން ލޯނުތަކަށް ލުއިދޭން ރައީސް އެދިވަޑައިގެންފި

ބީ.އެމް.އެލް އިން ސޯޝަލް ހައުސިން މަޝްރޫޢުތަކަށް ދޫކޮށްފައިވާ ލޯނުތަކަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެ ބޭންކުގައި އެދިވަޑައިގެންފިއެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ، ހިޔާ ފްލެޓްތައް ނިންމުމަށް ބީ.އެމް.އެލް.އިން ދޫކޮށްފައިވާ 535 ލޯނާއި، ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ 26 ލޯނަކީ، ސޯޝަލް އަދި އެފޯޑަބަލް ހައުސިން މަޝްރޫޢުތަކަށް ދޫކޮށްފައިވާ ލޯނުތަކަކަށް ވުމާއެކު، މި ލޯނުތަކަށް ލުއި ގޮތްތަކެއް ހޯދުމަށް އެ ބޭންކާއެކު މަޝްވަރާ ކުރެވިފައިވާކަން ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި، ހިޔާ ފްލެޓްތަކުގެ ފިނިޝިން ލޯނަށް މިހާރު ކަނޑައަޅާފައިވާ ޕްރޮފިޓް (އިންޓަރެސްޓް) ރޭޓް 12 އިންސައްތައިން 10 އިންސައްތައަށް ކުޑަ ކުރުމަށާއި، ލޯނު ދެއްކުމަށް ދަތިވެ ޑީފޯލްޓް ވެފައިވާ ފަރާތްތައް ރެގިއުލަރައިޒް ކުރެވޭނެ ޕޭމަންޓް ޕްލޭނެއް ހެދުމުގެ އިތުރުން، ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ ލޯނަށް މިހާރު ކަނޑައަޅާފައިވާ ޕްރޮފިޓް (އިންޓަރެސްޓް) ރޭޓް ނުވަ އިންސައްތައިން އަށް އިންސައްތައަށް ކުޑަ ކުރުން، އެއީ ކުރެވިދާނެ ކަމެއް ކަމަށް ބީ.އެމް.އެލް. އިން މަޢުލޫމާތު ދީފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި މިއާއެކު، އުސޫލުގެ ތެރެއިން މިކަންތައް ކޮށްދިނުމަށް އަންގަވައިފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.