ސޮވިއެޓް ޔުނިއަން 1991 ގައި ވެއްޓި އުވުމާ ގުޅިގެން، ސޮވިއެޓް ޔުނިއަންގެ ދުވަސްވަރު އެމެރިކާއަށް ޖާސޫސުކޮށްދިން މީހެއްގެ ޚިދުމަތް ފާހަގަކޮށް، އެމެރިކާއިން އޭނައަށް އިނާމެއް ދިން ވާހަކަ ދެއްކެވެއެވެ. އެ މީހަކީ މަދަނީ ޚިދުމަތްތައް ފޯރުކޮށްދިން ސަރުކާރުގެ އިދާރާގެ އިސް މުވައްޒިފެކެވެ. މި ވާހަކައިގައި ބުނާ ގޮތުން، ސޮވިއެޓް ޔުނިއަން ވެއްޓި، އުވި ގޮސް އޭގެ މަގާމުގައި ރަޝީއާ އުފަންވެދިޔަ ފަހުން، ސޯވިއެޓް ޔުނިއަންގެ ދުވަސްވަރު، އެ ޔުނިއަންގެ ޖާސޫސީ އިދާރައިގެ އިސްވެރިޔަކު ކުރިން މި ނަންގަތް ޖާސޫސު ކުރެން އެހިއެވެ. "އެމެރިކާއަށް ޖާސޫސުކޮށްދޭކަމުގެ ޝައްކު އިނބައާ މެދު އުފެދި އިނބަގެ ހަރަކާތްތައް ބެލެހެއްޓުމުގެ މަސައްކަތް އަހަންނާ ހަވާލުކުރެވުނެވެ. އެމެރިކާގެ އެއްވެސް އިދާރާއަކާ ނޫނީ އެއްވެސް މީހަކާ އިނބަ ގުޅައި ވާހަކަ ދެއްކި ތަނެއް ނޫނީ އެ ފަދަ ފަރާތަކަށް ލިޔުމެއް ފޮނުވި ކަމެއް އެނގިފައެއް ނެތެވެ. އެހެން ކަމަށްވާ އިރު، އެމެރިކާއަށް އިނބަ ފޯރުކޮށްދިން ޚިދުމަތަކީ ކޮބައި ހެއްޔެވެ؟"
ދެން، އެ ޖާސޫސު ބުންޏެވެ: "އަހަރެން ކުރިހާ ވެސް ކަމަކީ މިއެވެ. މުހިއްމު، ބޮޑެތި މަގާމުތަކަށް ކުފޫ ހަމަނުވާ މީހުން އައްޔަނު ކުރުމެވެ. އަދި، ގައުމުގައި އުފެދުނު މޮޅު ގާބިލު މީހުން ބާކީކޮށްލައި، ގައުމު ދޫކޮށް، ހިޖުރަކުރުމަށް އެ މީހުންނަށް ހިއްވަރު ދިނުމެވެ. މި ކަމުގެ ނަތީޖާއަކަށްވީ މުހިއްމު މަގާމުތަކާ ގާބިލު ނޫން މީހުން މަތިކުރެވުމެވެ. ނޫނީ އެއްވެސް ހަކަތައެއް ނެތް މުސްކުޅިން އެ ފަދަ މަގާމުތަކުގައި ބޭތިއްބުމެވެ. މިކަމުގެ ނަތީޖާއަކަށްވީ ފިކުރީ ގޮތުން ސޯވިއެޓް ޔުނިއަން ބަނގުރޫޓުވުމެވެ. އަދި، އެމެރިކާއާ ވާދަކުރުމުގެ ގާބިލުކަން ނެތުމެވެ."
މިހެންވެ، ދުނިޔޭގެ ބައެއް ޔުނިވަރސިޓީތަކުގައި ޕޯސްޓު ގުރޭޖުއޭޓުގެ ދަރިވަރުންނަށް ދޭ މެސެޖެއް އޮވެއެވެ: "ގައުމެއް ހަލާކުކޮށްލައި ފުނޑުފުނޑުކޮށްލަން ނިޔުކްލިޔަރ ބޮމާއި ދުރު ރާސްތާ މިސައިލްތަކެއް ބޭނުމެއް ނުވެއެވެ. އެތަނުގެ ޒުވާނުންނަކީ ޒިހުނިއްޔަތާއި ފިކުރުކުރުމާ ދުރު ބަޔަކަށް ހަދާލާށެވެ!" މި ފަދަ މެސެޖެއް އެ ކުދިންނަށް ދިނުމުގެ ބޭނުމަކީ ޒިހުނިއްޔަތާއި ފިކުރުކުރުމުގެ މުހިއްމުކަން ބުނެދިނުމެވެ.
އާދެ، ކޮޕީކޮށް، މަކަރު ހަދައިގެން ޑޮކްޓަރީ ކަމުގެ ފާސް ނަގާ މީހާގެ އަތްމަތީގައި ބަލިމީހާ މަރުވެއެވެ. ކޮޕީކޮށް މަކަރު ހަދައިގެން އިންޖިނޭރުކަމުގެ ފާސް ނަގާ މީހާ އަޅާ ގެތަކާއި ފާލަންތައް ވެއްޓެއެވެ. ކޮޕީކޮށް މަކަރު ހަދައިގެން ދީނީ ފާސްތައް ނަގާ މީހުންގެ އަތްމަތީގައި ދީނުގެ އަގުތައް ގެއްލެއެވެ. ކޮޕީކޮށް މަކަރު ހަދައިގެން ފާސް ހޯދާ ގާޒީންގެ އަތްމަތީ އަދުލުވެރިކަން ގެއްލެއެވެ. ކޮޕީކޮށް މަކަރު ހަދައިގެން ދަސްވެނިވާ މުދައްރިސުންގެ އަތްމަތީގައި ތައުލީމީ ނިޒާމު ހަލާކުވެއެވެ. ގައުމަށް ވަލާއެއް ނެތް، ތެދުވެރިކަމާއި އިޚްލާސްތެރިކަން ނެތް ސިޔާސީ މީހުންނާ ގައުމުގެ ލަގަން ހަވާލުކުރުމުން މުޅި ގައުމު ފުނޑުފުނޑުވެ ގައުމުގެ މިނިވަންކަން ގެއްލިދެއެވެ.
ރާއްޖެއިން ވެސް މި ފަދަ މަންޒަރުތައް ފެނެއެވެ. އާންމު ރައްޔިތުންގެ ކިބައިގައި ސިޔާސީ ރަނގަޅު ހޭލުންތެރިކަމެއް ނެތީސް، ގިނަ ޕާޓީތަކުގެ ޑިމޮކުރަސީ ތައާރަފު ކުރެވުމުން ކަންތައްވީ ކިހިނެއް ހެއްޔެވެ؟ ވޯޓު ގަތުމަށް އިންވެސްޓުކޮށް ވެރިކަމާއި މަޖުލީހުގެ ގޮނޑިއާ ހަމައަށް ގައުމަށް ވަލާއެއް ނެތް ސިޔާސީ ވެރިން ވާސިލުވަނީއެވެ. އެއަށް ފަހު، ދެން ފެށެނީ ގައުމުގެ ޚަޒާނާއަކީ، އެ މީހުންގެ މެޓާ ޖާޑިއަކަށް ހަދައިލައިގެން އެއިން ކެވޭ ވަރަކަށް މެޓާކެއުމެވެ. އެކަށީގެންވާ ވަރާ ގާތަށް ވެސް ހޭލުންތެރިކަމެއް ނެތި، އަދި، ކަމާ ބެހޭ ރަނގަޅު ގަވާއިދުތަކާއި ގާނޫނުތައް ވެސް ރަނގަޅަށް އެކުލަވާނުލެވި، ކުންފުނިތައް ޕްރައިވަޓައިޒް ކުރުމުން، ރައްޔިތުންގެ ކުންފުނިތައްވެސްވީ އެތަންތަން ހިންގަން ތިބޭ ބައެއްގެ އަމިއްލަ ތަރިކަ މުދަލެއް ފަދަ އެއްޗަކަށެވެ. ބޭނުން ބަޔަކަށް ވަޒީފާތައް ބަހާލައި، އެތަންތަނަށް ލިބޭ އާމްދަނީ ހިތުހުރި ގޮތަކަށް ބޭނުން ކުރުމުގެ މަގުފަހިވެދިޔައީއެވެ. ހަމަ އެހެންމެ، ރަނގަޅު ހޭލުންތެރިކަމެއް ނެތި، އަދި، އެކަމާ ބެހޭ ރަނގަޅު ގާނޫނުތަކާއި ގަވާއިދުތައް އެކުލަވައިނުލައި ލާމަރުކަޒީ އުސޫލެއް ތައާރަފުކުރެވުމުން، އަތޮޅުތަކުގައި ކުދިކުދި ސަރުކާރުތަކެއް އުފެދި، އެތާ ތިބޭ ބަޔަކު ބޭނުން ގޮތަކަށް ތަނުގެ ފައިސާ ޚަރަދުކޮށްލެވޭނޭ މަގުފަހިވިއެވެ.
މި ސިލްސިލާގެ އެންމެ ފަހުގެ ބޮޅަކީ ޖަމާއީ ސިފައެއްގައި ބޭރު މީހުންނަށް ރައްޔިތުކަން ދިނުމުގެ ވާހަކައެވެ. ތަނުގެ މީހުންގެ ދިރިއުޅުމުގެ ކަންކަން ފަސޭހަކޮށްދިނުން އެއްކިބާކޮށްފައި، އެފަދަ ކަމެއް ކުރުމުން ނަތީޖާ ނިކުންނާނީ ކިހިނެއް ހެއްޔެވެ؟ ތަނުގެ މީހުންނަށް އުޅޭނޭ ގެދޮރު ނެތިފައި ވަނިކޮށް، 50 ހާސް މީހުން ގެނެސް ރައްޔިތުކަން ދީފައި އެ މީހުން ބައިތިއްބާނީ ކޮންތާކު ހެއްޔެވެ؟ އެ މީހުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް– އާމްދަނީ ހޯދުން، ތައުލީމީ ސިއްހީ ޚިދުމަތް ފަދަ ޚިދުމަތްތައް– ތަނުގެ މުވާތިނުންނަށް އެންމެ އެކަށީގެންވާ ގޮތުގައި ފޯރުނުކޮށްދީ، ފޯރުކޮށްދެވިދާނެ ހެއްޔެވެ؟ ހިޖުރަކުރާ މީހުންގެ ވަލާއު އޮންނާނީ ކޮން ތަނަކަށް ހެއްޔެވެ؟ ރާއްޖެއަށް ހެއްޔެވެ؟ ނޫނީ އެ މީހުންގެ އަސްލު ގައުމުތަކަށް ހެއްޔެވެ؟ ތަނުގެ މީހުންނަށް ގެދޮރު ނުލިބިފައި ތިއްބައި އެ ގެންނަ ބަޔަކަށް ތަންތަން އަޅައިފައި ދޭންވީ ހެއްޔެވެ؟ ތަނަށް އެއްވެސް ވަލާއެއް ނެތް މީހަކު މިފަދަ ވާހަކަ ދައްކަފާނެއެވެ. ނަމަވެސް، ކަނު ސިފައެއްގައި އެ ވާހަކަތައް ގަބޫލުކުރާ ރައްޔިތަކު ތަނުގައި ތިބެއްޖެ ނަމަ، ދެން، ނަތީޖާ ނިކުންނާނީ ކިހިނެއް ހެއްޔެވެ؟ މަތީގައި ތައާރަފުކުރެވުނު ކަންކަމުން ރަނގަޅު ނަތީޖާއެއް ނުފެނުނު ފަދައިން މިކަމުން ނިކުންނާނީ ކޮން ރަނގަޅު ނަތީޖާއެއް ހެއްޔެވެ؟ އެހެންވެ، މިއީ އެންމެ ވިސްނައި ފިކުރުކުރަންވީ ކަންކަމެވެ.
ސޮވިއެޓް ޔުނިއަން ވެއްޓެން ދިމާވި އެއް ސަބަބުގެ މަތިން ހަނދާންކޮށްލުން މުހިއްމެވެ. ނާގާބިލު މީހުން ގާބިލު މީހުން ކަމުގައި ބެލުން ދޫކޮށްލަން ޖެހެއެވެ. ގައުމަށް ވަލާއެއް، ތެދުވެރިކަމާއި އިޚްލާސްތެރިކަމެއް ނެތް ފަޅި ސިކުނޑީގެ ސިޔާސީ ވެރިންނަށް ވާހަކަ ދެއްކުމުގެ ފުރުސަތު ވެސް ނުދޭންވީއެވެ. އެ މީހުން ގޮވާ މޮޔަ ވާހަކަތައް އިޝްތިހާރު ނުކުރަންވީއެވެ. ނޫން ނަމަ، ސޮވިއެޓު ޔުނިޔަން ނިމުނު ފަދައިން، އަހަރުމެންގެ ސިޔާދަތާއި މިނިވަންކަން ވެސް ގެއްލި އަހަރުމެންގެ ޖަމާއީ ހަޔާތް ނިމުމަކަށް އަތުވެދާނެއެވެ. އާދެ، ދައުލަތެއް ވައްޓާލެވެނީ ކަނޑި ބަޑީގެ ހަނގުރާމައަކުން އެކަންޏެއް ނޫނެވެ. ނާގާބިލު، ގައުމަތް ވަލާއެއް ނެތް މީހުންނާ މަތީ މަގާމުތައް ހަވާލުކުރެވިގެންނެވެ.
