Support Us

"އަޅުވެތިކަމާ ދެކޮޅަށް" ނުކުތް ޒުވާނުން ހުއްޓުވައި 41 މީހަކު ހައްޔަރުކޮށްފި

ޒުވާނުން އިސްނަގައިންގެ "އަޅުވެތިކަމާ ދެކޮޅަށް" މާލޭގައި މިއަދު ބޭއްވި ސައިކަލް ބުރާއި ހިނގާލުން ހުއްޓުވައި 41 މީހަކު ހައްޔަރުކޮށްފިއެވެ.

ރަސްފަންނުން ސަރަހައްދުން މިއަދު ހަވީރު ފެށި ސައިކަލް ބުރުގައި ޒުވާނުންގެ އިތުރުން ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. މި ސައިކަލް ބުރު ފެށިތާ މާގިނަ އިރުތަކެއް ނުވެ ފުލުހުން ވަނީ ޒުވާނުންގެ ސައިކަލް ބުރު ހުއްޓުވައި އޭގެ ތެރެއިން 41 މީހަކު ޒުވާނުން ހައްޔަރުކޮށްފައެވެ.


ސައިކަލް ބުރު ހުއްޓުވުމާ ގުޅިގެން ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީސްގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ޒުވާނުން މިއަދު ބޭއްވި ސައިކަލް ބުރަކީ ރައްޔިތުން އެމީހުންގެ ޝުއޫރު ފާޅުކުރުމަށް ބޭއްވި ގައުމީ ހަރަކާތެއް ކަމަށެވެ.

"ފުލުހުން އަމަލް ކުރަމުން ގެންދަނީ ރައްޔިތުންގެ ދެކެ ރުޅިއަންނަ ވެރިއެއްގެ އަމުރުތައް ތަންފީޒު ކުރަން. ރައްޔިތުންގެ ފާޅުކުރަމުން ގެންދިޔައީ ގައުމީ ޝުއޫރު. ރައްޔިތުން ޝުއޫރު ފާޅުކުރަން ނުކުތީމަ ކަމާ ބެހޭ ފަރާތްތަކުން އަމަލްކޮށްފައިވަނީ ވަރަށް ދެރަކޮށް،" ޝިޔާމް ވިދާޅުވި އެވެ.

މާލޭގައި މިއަދު ބޭއްވި މި އެއްވުމަކީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނާ ގުޅުމެއް ހުރި ކަމެއް ނޫން ކަމަށާއި ގައުމީ ޖޯޝްގައި ރައްޔިތުން ޝުއޫރު ފާޅުކުރާ ކޮންމެ ކަމެއްގައި ފަރުދީ ގޮތުން ބައިވެރިވާނެ ކަމަށް ޕީޕީއެމް/ޕީއެންސީ ހިމެނޭ ކޯލިޝަންގެ އިސް ބޭފުޅުން ވަނީ ވިދާޅުވެ އެވެ.

ސައިކަލް ބުރު ހުއްޓުވުމާ އެކު ޕީޕީއެމް/ޕީއެންސީގެ އިސްބޭފުޅުން ކުރީ ސަފުގައި ތިއްބަވައިގެން ރައްޔިތުންގެ ޝުއޫރުފާޅު ކުރުމަށް ސުލްހަވެރިކަމާ އެކު ހިނގާލުމެއް ފެއްޓެވިއެވެ. ގައުމީ ދިދަ އާއި ހޭޝްޓެގް "އިންޑިއާ އައުޓް" ޖަހާފައިވާ ކަރުދާސްތައް ވެސް ހިފައިގެން ހިނގާލުމުގެ ބައިވެރިން މަޖީދީމަގުން ކުރިއަށް ދަނިކޮށް، ފުލުހުން ވަނީ ހިނގާލުން ވެސް ހުއްޓުވާފަ އެވެ. އެގޮތުން ހިނގާލުމުގެ ބައިވެރިން މަޖީދީމަގާއި ޗާންދަނީ މަގާ އަރާ ހަމަވި ހިސާބުން ފުލުހުން ވަނީ ހިނގާލުމުގެ ތެރެއިން ވެސް ބަޔަކު ހައްޔަރުކޮށްފަ އެވެ.

ސައިކަލް ބުރު ހުއްޓުވުމާއެކު ބައެއް ޒުވާނުން ވަނީ ސައިކަލްތައް މަގަށް ދޫކޮށްލުމަށްފަހު ގޮސްފައެވެ. ފަހުން ފުލުހުން ވަނީ އޭގެ ތެރެއިން ބައެއް މީހުން ވެސް ހައްޔަރުކޮށް، ބައެއް ސައިކަލްތައް ޓޯކޮށްފައެވެ.

ޕީއެންސީގެ ނައިބް ރައީސް ސުޖާއު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ސަރުކާރު ހަމަ މަގަށް އެޅެން އެބަޖެހޭ ކަމަށާއި މިގައުމު ސަލާމަތްކުރަން ވާންޖެހުނު ކޮންމެ ގުރުބާނީއެއްވާނެ ކަމަށެވެ.

"ސަރުކާރުން އެބަޖެހޭ ވައްކަންތައް ހުއްޓަން، އެހެން ނޫނީ ރައްޔިތުން ނިކުންނާނެ، މިގައުމު ސަލާމަތް ކުރުމަށް ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވާނަން، ރައްޔިތުން ނުކުންނަ ކޮންމެ ކަމެއްގައި އަމިއްލަ ހައިސިއްޔަތުން އަޅުގަނޑުމެން ނިކުންނާނަން،" ސުޖާއު ވިދާޅުވި އެވެ.

މާލޭގައި މިއަދު ބާއްވަން އުޅުނު ސައިކަލް ބުރާއި ހިނގާލުމުގައި ބައިވެރިވި މީހުންގެ ތެރެއިން ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ޕީއެންސީގެ ނައިބް ރައީސް ސުޖާއު ވެސް ހިމެނެ އެވެ.

މިއަދުގެ މުޒާހަރާގައި ޒުވާނުން ހައްޔަރުކުރުން ކުށްވެރިކޮށް އަދި އެ މީހުން ދޫކޮށްލުމަށް ގޮވާލައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވަނީ ބަޔާނެއް ނެރެފައެވެ.


މާލޭގައި މިއަދު އެއްވުމެއް ބާއްވާފައި މިވަނީ ކޮވިޑް19 ކޮންޓްރޯލް ކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ ހިލާފަށް ބާއްވާ އެއްވުންތަކާއި އެއްވުމުގައި ބައިވެރިވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ފުލުހުން ދީފައި ވަނިކޮށެެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *