ހުޅުމާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް، މަގުތައް ސާފުކޮށް، ހެޖުތެރޭގައި ހެދިފައިވާ ބިޔަ ގަސްތައް ނެގުމަށްފަހު ހުޅުމާލޭގެ އެކި ޕާކުތަކުގައި އިންދަން އެޗް.ޑީ.ސީން ނިންމައިފިއެވެ.
ހުޅުމާލޭގެ ދުވާރުމަތީގައި ބަހައްޓައިފައިވާ ގޮނޑިއާއި މޭޒު ފަދަ ތަކެތި، "ހިތްފަސޭހަ ހުޅުމާލެ" ކެމްޕެއިންގެ ދަށުން ނަގައި، ރަށުތެރެ ސާފުކުރުމުގެ މަސައްކަތް އެޗް.ޑީ.ސީން މިދިޔަ ހޮނިހިރުގައި ވަނީ ފަށައިފައެވެ. މިގޮތުން ހެޖުތެރޭގައި ހެދިފައިވާ ބިޔަވާ ޒާތުގެ އެކި ގަސްތައް، މި ކެމްޕެއިންގެ ދަށުން ވަނީ ނަގަން ފަށައިފައެވެ. އެއީ ހެޖުތެރޭގައި އެފަދަ ގަސްތައް ހުރުމުގެ ސަބަބުން މަގުތަކަށް ޖަމާވާ ފެން ހިންދުމަށް ދަތިވެ، ހުޅުމާލޭގެ މަގުތަކުގައި ފެން ބޮޑުވުމަށް މެދުވެރިވާތީ ކަމަށް އެޗް.ޑީ.ސީން ބުނެއެވެ. އޭގެ އިތުރުން، އެފަދަ ބިޔަ ގަސްތަކުގެ މުލުގެ ސަބަބުން އެ ސަރަހައްދުތަކުގެ މަގުގެ ތާރުވެސް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް އެޗް.ޑީ.ސީން ބުނެއެވެ.
"އެހެންކަމުން، އެފަދަ ސަރަހައްދުތަކުގައި ހުރި ބިޔަ ގަސްތައް ކަނޑާލުމުގެ ބަދަލުގައި، އެ ގަސްތައް ނަގައި، ހުޅުމާލޭގެ އެކި ޕާކުތަކުގައި އިންދުމަށް މި ކޯޕަރޭޝަނުން ވަނީ ނިންމާފައެވެ. އަދި ހުޅުމާލެ ފެހިކުރުމަށް މި ކޯޕަރޭޝަނުން ކުރާ މަސައްކަތުގެ ތެރެއިން، މިހާރު ކުރިއަށްދާ ސާފުކުރުމުގެ ކެމްޕެއިނަށްފަހު، މަގަށް ގެއްލުންނުވާ ޒާތުގެ ކުދި ގަސް ހެޖުތެރޭގައި އިންދުމުގެ ފުރުސަތު އާންމު ރައްޔިތުންނަށް ލިބޭނެއެވެ." އެޗް.ޑީ.ސީގެ ބަޔާނެއްގައި ވެއެވެ.
"ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ދަތިވާގޮތަށް ހުޅުމާލޭގެ ދުވާރުމަތީގައި ކެފޭތަކުން ގޮނޑި މޭޒު ބަހައްޓައިގެން ހިދުމަތްދޭތީއާއި، ދުވާރުމައްޗަށް ބިޔަ ގަސްތަކުގެ މޫ އަރާފައި ހުރުމުގެ ސަބަބުން މި ކޯޕަރޭޝަނަށް ގިނަ އަދަދަކަށް ޝަކުވާ ލިބެއެވެ. އެހެންކަމުން 'ހިތްފަސޭހަ ހުޅުމާލެ' ކެމްޕެއިންގެ ދަށުން މި ފެށުނު ކެމްޕެއިންގެ މަގްސަދަކީ ހުޅުމާލެއަކީ ސާފުތާހިރު އަދި ހިތްފަސޭހަ ތަނަކަށް ހެދުމެވެ."



advertisment

