ބައެއް ބޭބޭފުޅުންނަށް މި ލިޔުން ވާނީ ނަސޭހަތަކަށެވެ. އެހެން ބޭބޭފުޅުންނަށް އެރުވޭ ލަފަޔަކަށް ވެސް މި ލިޔުން ވެދާނެއެވެ. ވިދާޅުވަމުން ގެންދަވާށެވެ.
މިއީ ތިޔައިގެ ތެރެއިން ވަކި ބާވަތެއްގެ ބޭބޭފުޅުންނަށް ވަކީން ޚާއްޞަކޮށް އަމާޒުކޮށްފައިވާ ނަސޭހަތަކަށް އަދި ވިޔަސް، އަދި އެހެން އެއްޗަކަށް ވިޔަސް، ތިޔައިގެ ތެރެއިން ހަމަ ކޮންމެ ބޭފުޅަކު ވެސް މި ލިޔުމިގައި މި ދަންނަވާ އެއްޗަކާ މެދު ވިސްނާވަޑައިގަތުމަކީ ރަނގަޅު ކަމަކަށް ވެސް ވެދާނެއެވެ.
ބައެއް މީހުން ދިރިއުޅޭ ގެތަކަކީ ނުވަތަ އެޕާޓްމަންޓްތަކަކީ، ނުހަނު ފުރިހަމަޔަށް ބިނާކޮށްފައި ހުންނަ ތަންތަނެވެ. އެއް ބުރިޔަށް ވުރެ ގިނަ ބުރިޔަށް ގުންގުރޭޓާއި މޮޅު ގަލުން ބިނާކޮށްފައި ހުންނަ ތަންތަނެވެ. ބާޒާރުގައި ހުރި އެންމެ މޮޅު ޕުލާސްޓަރާއި ފޭޝިޔާއިން އުރަ ލަވައި، އެންމެ ޒަމާނީ ކުލަޔާއި ދަވާދުން އޮފު ލައިފައި ހުންނަ ތަންތަން މެއެވެ. ހަމަ ކޮންމެ ކަމަކަށް ބޭނުންވާނޭ ފަރުނީޗަރާއި ހިފައިގެންގުޅޭ ތަކެތީން ކާމިލު ކުރެވިފައިވާ ތަންތަނެވެ. ތަނަށް ވަންނަ ވައިގެ ފިނިހޫނުމިން ވެސް ބޭނުން ވަރެއްގައި ބެހެއްޓޭނޭ އިންތިޒާމު ހަމަޖެހިފައި ހުންނަ ތަންތަނެވެ. އަދި ކިއެއްތޯއޭ، އެއީ އެތާނގައި ދިރިއުޅޭ، ތަނުގެ ވެރީންގެ ހަމަ ކޮންމެ މުހުތާދެއް ފުއްދައިދިނުމުގެ އިންތިޒާރުގައި އަބަދުމެ ތިބޭ، އެކި ވަރުވަރުގެ ނޯކަރުން ސާހިބުންގެ ޚިދުމަތުގައި ތިބޭ ތަންތަން ވެސް މެއެވެ.
މި ދެންނެވި ޒާތުގެ ބައެއް ތަންތަނަކީ، އެ ތަންތަނުގެ ސާހިބުން މި ދުނިޔެއަށް ނޭވާލައިގަތްއިރު ވެސް ޢާއިލީ ވާރުތައިން އެ މީހުންނަށް ލިބިފައިވާ ތަނަވަސްކަމުގެ ތެރެއިން ލިބިފައިވާ ތަންތަނެވެ. ނުވަތަ އެ ފަދަ ޢާއިލީ ތަނަވަސްކަމުގެ ވަޞީލަތުން ބިނާކޮށްފައިވާ ތަންތަނެވެ. ނުވަތަ ކައިވެނިކުރުމުގައި ތަނަވަސްކަން އިސްކުރުމުގެ ޙިކުމަތުން ހޯދައިފައިވާ ތަންތަނެވެ. ނުވަތަ، އެ މަގުން ހިނގާން ނިންމާ ބަޔަކު އެ ބައެއްގެ އިޚުލާޞްތެރިކަމާއި، ތެދާއި، ރަޙިމުގެ ގުޅުންތަކާއި، އެހުރިހައި ކަމެއް މޯހިރަށް ދޫކޮށްލައި، ރޮށި ކާނީ ހަކުރާ ޖަހައިގެންނޭ، ދުނިޔެ ކާނީ މަކަރާ ޖަހައިގެންނޭ އެ ބުނާ ބުނުން އެއީ ދިރިއުޅުމުގެ މޮޓޯކަމަށް ހަދައި، އެ ބީދައިން ދިރިއުޅުމުގެ އެންމެހައި ކަމެއް ބައްޓަންކުރުމުގެ އިނާމެއްގެ ގޮތުން ލިބެމުން ދިޔަ ބައިވަރުގެ މޭވާފުނީގެ ބައެކެވެ.
މިހެން އަދި ދެންނެވިޔަސް، ހިންމަތާއި މިންނަތާ ހެއު ނަޞީބާއި ފުރުޞަތު އެއްފާލުވުމުން މި ދެންނެވި ޒާތުގެ ތަންތަން ހެދުމުގެ ނަޞީބު ލިބުނު ނުވަތަ ހޯދި މީހުން ވެސް އެ ފަދަ ތަންތަނުގައި އުޅޭނެއެވެ. އެކަމަކު އެއީ ނިސްބަތުން މަދު ބައެކޭ ބައެއް މީހުން ބުނެ އުޅޭ މެއެވެ.
ކޮންމެއަކަސް، މިދެންނެވި ޒާތުގެ ފުރިހަމަ ގެކޮޅުތަކާއި އެޕާޓްމަންޓްތަކުގައި ދިރިއުޅުން އަދި މިންވަރުނުކުރައްވާ ގިންތީގައި އުޅޭ ބައެއް މީހުންނަކީ އެ މީހުންނާ އެއް ޤައުމެއްގައި، އެ މީހުންނާ އެއް ގަމެއްގައި، އެ މީހުންނާ އެއް މުޖުތަމަޢެއްގައި ދިރިއުޅޭ އެހެން މީސްމީހުން ތިމާމެން އުޅޭ ތަނަށް ޒިޔާރަތްކޮށްލާން ދަޢުވަތުދޭން ބޭނުންވާ މީހުންކަމުގައި ވެދާނެއެވެ. އަނެކުންނަށް ސައިފޮދު ފެންފޮދު ދިއްކޮށްލައި ހެދުމުގެ އުފާ ވެސް ލިބިގަންނާން ބޭނުންވެފައި ތިބޭ ބަޔަކަށް ވެސް ވެދާނެއެވެ. އަދި ހަމަ އެހެންމެ، މި ފަދަ ދަޢުވަތު އެހެން މީހުންނަށް ދީ އުޅޭ ބައެއް މީހުންނަކީ، ހެއު ޚުލްޤުން އެ މީހުންނަށް ލިބިފައިވާ ފުން ތަނަވަސްކަން އެ މީހުންގެ މާއްދީ ވެއްޓާއި އަންބޮނޑީގައި ނެތް، ބޮޑެތި ޢިމާރާތްތަކުގައި އަދި ނުއުޅެވޭ މީހުންނަށް ވުމީ ވެސް ހަމަ ވެދާނޭ ކަމެކެވެ.
ދެން ފަހެ، ފަހުން މި ދެންނެވި ގޮތަށް ލިބޭ ދަޢުވަތެއް ޤަބޫލުކޮށް، ތަނަވަސްކަމުގެ ސިޑީގެ ތިރީ ހަރުފަތްތަކުގައި ހަރުލައިފައި ތިބޭ މީހުން ދިރިއުޅޭ ގެގަނޑަކަށް އެޔަށް ވުރެ ފޯރާ މީހަކު ވަދެފައި، އެ ގެގަނޑުން އޭނާޔަށް ކިޔުނު މަރުޙަބާގެ ހޫނުކަމާއި، ދިއްކޮށްލެވުނު ސައިޖޯޑުގެ ހޫނުކަމާއި، ދެރަ ތަބަކެއްގައި ހުރި އާދައިގެ ތަށިގަނޑެއްގައި ހުރި ހަނޑުލުގުޅައިގެ ހޫނުކަން ޝުކުރުވެރިކަމާއެކު ބަލައިގަނެ، ހިނިތުންވުމާއި، އެކުވެރިކަމާއި އަޚުވަންތަވެރިކަމުގެ ވަގުތުކޮޅެއް އެ ގެގަނޑުގައި ހޭދަކޮށްލައި، ދެން އެންމެންގެ ހިތްހަމަޖެހުމާ އެކު އެ ގެއިން ނިކުމެގެން އެ ދަނީ މާލީ ތަނަވަސްކަމުގެ އިތުރުން ހިތާއި ރޫޙުގެ ތަނަވަސްކަން ވެސް ލިބިފައި ހުރި މީހެއްކަމާ މެދު ކުޑަވެސް ޝައްކެއް ނެތެވެ.
އެ ފަދަ މީހަކަށް އަޅުގަނޑު ދޭނޭ އެއްވެސް ނަސޭހަތެއް ނެތެވެ. އެ ފަދަ މީހަކަށް އަޅުގަނޑު ދޭނީ ތަރުޙީބެވެ. ކިޔާނީ މަރުޙަބާއެވެ.
އެޔާ ޚިލާފަށް، ތަނަވަސްކަމުގެ ބިނާތަކުގައި އުޅޭ ޒާތުގެ ބައެއް ކަހަލަ ކިބުރުވެރީން އެ މީހުންގެ ނަޒަރުގައި ފަގީރުންގެ ކަންނެތް ގިންތީގައި ހިމެނޭ މީހެއްގެ ފިޔަފާޅިގަނޑަށް ޒިޔާރަތްކޮށްފައި ދެން ނިކުމެގެން ގޮސް އެހެރަ ދައްކައިލާ ވާހަކައިގެ ކަމީނާ ކަމާއެވެ! އޭނާ ވެސް އަހަރުމެންހައި މުރާލި ނަމަ އޭނާގެ ގެ ވެސް ހުންނާނީ ބާރަ ބުރިޔަށް ނަގައިފަޔޭ ބުނާނެއެވެ. އޭނާޔަކީ ގޮތެއް ހުރި މީހެއް ނަމަ، އެ ގޭގައި އޭސީ ހުރީހޭ، ކޮންމެ ކުއްޖަކަށް ތިން ކޮޓަރީގެ އެޕާޓްމަންޓެއް ހުރީހޭ، ކޮންމެ އެޕާޓްމަންޓައަކަށް ކައްކާ މީހަކާއި ފޮޅައިސާފުކޮށް ހަދާނޭ ނޯކަރަކު ހުރީހޭ، ބަލައިލި ކޮންމެ ދިމާއެއްގައި ބޮޑު އިސްކިރީނު ޓީވީއެއް ހުރީހޭ، ގޭ ގަރާޖުގައި ދެ ކާރު އަދި މަގުމަތީގައި ނުގަވައިދުން ބޭއްވިޔަސް ހަމަ އެންމެ ރަނގަޅު ތިން ކާރު އޮތީހޭ ވެސް ބުނާނެއެވެ. އަދި ތިމާގެ ސިކުނޑީގައި ނެތް ތެތްކަން ދިޔާކޮށް އޮލަކޮށްލައިދޭނޭ އައިފޯނެއް އެ ގޭ ކޮންމެ މީހެއްގެ އަތުގައި އޮތީހޭ ވެސް ބުނާނެއެވެ. އަދި އެ ހުރިހައި އެއްޗެއް އެ ގޭގެ ވެރިމީހާޔާއި އޭނާގެ ޢާއިލާގެ މެންބަރުންގެ އަތުގައި ނެތީ އެ މީހުންގެ ޢިލްމާއި ޙިލްމު ނެތި، ޙިކުމަތަކީ ކޮބައިކަން ނޭނގި، ދުނިޔެއުޅުމުގެ ވައްޓަފާޅި ނެތި، ތާކުންތާކުނުޖެހޭތީއޭ ބުނާނެއެވެ.
އަދި އެ މީހުންނާ އަޅައިބަލާއިރު ތިމާ ކިހައި މޮޅުހޭ ވެސް ބުނާނެއެވެ. މިންވަރުފުޅާއި ރަޙުމަތުގެ ވާހަކައެއް ނުދައްކާނެ މެއެވެ.
ދެން ފަހެ، ފަހުން މި ދެންނެވި ބާވަތްތަކުން ދެ ބާވަތެއްގެ މީހުންނަށް އަޅުގަނޑު ދޭން ބޭނުންވާ ދެ ނަސޭހަތެއް އެބައޮތެވެ.
އޭގެ ތެރެއިން ފުރަތަމަ ބާވަތަކީ ތަނަވަސްކަމުގެ ސިޑީގެ ތިރީ ހަރުފަތްތަކުގައި ދިރިއުޅޭ މީހުންނެވެ. އެ މީހުންނަށް ދޭ ނަސޭހަތަކީ މިއެވެ. އާދައިގެ ނިކަމެތީންނަށް ވުރެ މާލީ ގޮތުން އެތައް ތަނެއް ތަނަވަސް، އަދި މާލީ ގޮތުން ތިމާމެންނާ އެއްވަރު ނުވަތަ ތިމާމެންނަށް ވުރެ ވެސް އުހުގައި އުޅޭ މީހުން ނޫން އެހެން އެންމެންނަކީ ދިރިއުޅޭން ނޭނގޭ، ޢިލްމެއް ޙިލްމެއް ނެތް، ބުއްދި ކޮށި، ގަމާރު ގަބިޔާއިންކަމަށް ދެކޭ މީހުންނަކީ އެ މީހުން އެ މީހުންނާ އެކީ އުޅޭން ދޫކޮށްލާން ޖެހޭ ބައެކެވެ. އެހެނީ، އެއީ އެއް ފަސްގަނޑެއްގައި، އެއް ގަމެއްގައި، ފަހަރުގައި އެއް މަގެއްގައި، ނުވަތަ ކޮންމެވެސް ގޮތަކުން އެއް ޢާއިލީ ނަމަކަށް ނިސްބަތްވާ ބަޔަކަށް ވިޔަސް، އެއީ ތިމާމެންނާ އެއް ގިންތީގައި ހިމެނޭ ހަމްދަރުދުގާރުންކަމުގައި ނުބަލާށެވެ. އެ މީހުންގެ ބަހުން ވިޔަސް، ޢަމަލުން ވިޔަސް، އަދި ފިކުރަކުން ހުވަފެނަކުން ވިޔަސް، އެ ބާވަތުގެ މީހުން ތިބައުރެންނަކަށް އެއްވެސް ހެވެއް ލާބައެއް ނޭދޭނެއެވެ. އެ މީހުންގެ ދިރިއުޅުމާ ތިމާމެންގެ ޒާތީ ދިރިއުޅުމާ ވީހައިވެސް ބޮޑަކަށް ފޭކޮށްގެން އުޅުމަކީ އެންމެ ބުއްދިވެރި ގޮތެވެ.
ދެވަނަ ބާވަތަކީ ތަނަވަސްކަމުގެ އަހުލުވެރީންގެ ތެރޭގައި ހިމެނޭ، ތިމާމެންނަށް ވުރެ މާއްދީ ގޮތުން ފަގީރު ކޮންމެ މީހަކީ ޢިލްމާއި ޙިލްމު ނެތް، ޙިކުމަތަކީ ކޮބައިކަން ނޭނގޭ، ދުނިޔެއުޅުމުގެ ވައްޓަފާޅި ނެތް، ތާކުންތާކުނުޖެހޭ މީހެކޭ ބުނާ ޒާތުގެ މީހުންނެވެ. އެ މީހުންނަށް އަޅުގަނޑު ދޭނޭ ނަސޭހަތަކީ މިއެވެ. ތިޔަބައިމީހުންގެ ދިރިއުޅުގެ ޒާތީ ކަންކަމާ ފަގީރުން ނުބައްސާށެވެ. އަދި ފަގީރުން ހިތްހެޔޮކަމުން ދޭ ދަޢުވަތު ޤަބޫލުނުކުރާށެވެ. މިއެވެ!
