Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: ޒުވާން ޚަޠީބުން ބިނާކުރުމުގެ އަލިގަދަ ދަންމަރު

އިސްލާމް ދީނާއި ދިވެހި ގައުމު ދެކެ ނުހަނު ލޯބިފުޅުވާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޒުވާން ޚަޠީބުން ބިނާކުރައްވަމުން ގެންދަވާ ސަބަބާއި ބޭނުމުގެ މައްޗަށް ބަލައިލާއިރު އެއީ، ރާއްޖެ ފަދަ އިސްލާމީ ގައުމަކަށް ވަރަށް މުހިއްމު ކަމެކެވެ. އަދި ޚާއްޞަކޮށް ރާއްޖޭގެ މިއަދުގެ ހާލަތަށް ބަލާއިރު އެކަމަކީ، ގައުމުގެ މާދަމާއަށްޓަކައި ކޮންމެހެންވެސް ކުރާން ޖެހިފައިވާ ވަރަށްވެސް ބޭނުންތެރި ކަމެއް ކަމުގައި ދެކެމެވެ.

މި ނަޒަރުން ވިސްނައިލާއިރު، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެކަމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ފެއްޓެވި އެ ޕްރޮގްރާމަކީ، ނުހަނު ބޭނުންތެރި އެހައިމެ ހަރުދަނާ ފިޔަވަޅެއް ކަމުގައި މެނުވީ ނުވެއެވެ. އެހެނަސް، އިންސާނީ ޠަބީޢަތުގައި އެކިއެކި ކަންކަމާމެދު އެކި މީހުން ދެކޭގޮތާއި ކަންކަމާމެދު ޚިޔާލު ކުރާ ގޮތްތައްވެސް ވަރަށް ތަފާތު ވާނެކަން ގަބޫލު ކުރަމެވެ. އެ ކަންކަން އެހެން ހުރުމާއެކު ފަހަރުގައި މީހެއްގެ ހިތަށް އަރައިވެސްފާނެއެވެ. ޒުވާން ޚަޠީބުން ބިނާކުރުމުގެ ޕްރޮގްރާމުތަކެއް ހިންގުމަކީ ހަމަ ކޮންމެހެންވެސް ކުރާންޖެހިފައިވާ ކަމެއްބާވައެވެ؟ ނަމަވެސް، އެކަމާ ގުޅިފައިވާ ގައުމީ ޙާލަތު އޮތް މިންވަރު އެނގޭނަމަ އެއީ، ކޮންމެހެންވެސް ކުރާންޖެހޭ ކަމެއްކަމާއި އެކަން ކުރާން ފެށުން މާ ބޮޑަށްވެސް ލަސްވެއްޖެކަމަށް ގަބޫލުކުރެވޭނޭ ޖަވާބު އަމިއްލަ ނަފުސުގައިވެސް އުފަންވާނެއެވެ.

އެހެން އެކަން ނުވެއެއް ނުދާނެތާއެވެ! ރާއްޖެއަކީ، ސައްތައިންސައްތަ އިސްލާމީ ގައުމެއް ކަމަކު މިފަހަކަށް އައިސް، ޒަމާނީ އެކިއެކި ބާވަތްބާވަތުގެ އޮއިވަރުވަރުވަރަށް ޒުވާން ޖީލުތައް ދަމައިގަންނަ ގަތުމުގެ ސަބަބުން، ޚަޠީބުކަން ފަދަ ކަންކަމާ މިލިގެން އުޅޭނޭ އާބާދީ މަދުވަމުންދާކަން އެއޮތީ ދިމާޔަށް ފެންނާށެވެ. އެއީ، ކިތަންމެ ދެރަ ކަމެއް ކަމަށް ވިއެއްކަމަކު އެކަން ހިނގަމުންދަނީ އެމަގުންނެވެ. އެއީ، އަޅުގަނޑުމެންގެ މެދުން އިސްލާމީ ރޫޙު ފަނޑުވެގެން ހިނގައިދާނޭ ފާހަގައެއް ފަދަ ކަމެކެވެ.

އެހެންކަމުން، އެ ނަޒަރުން މި އިސްލާމީ ގައުމުގެ ދިގަށާއި ހުރަހަށް ނަޒަރު ހިންގަވައި ފިކުރުފުޅު ކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ލަފާފުޅާއި އިރުޝާދުގެ ދަށުން، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެ ޕްރޮގްރާމް ފެއްޓެވީ ދިވެހި ގައުމިއްޔަތުގެ އެންމެ އިސް ބަހާ ކަމުގައިވާ، މާތްވެގެންވާ އިސްލާންދީނުގެ ލޯތްބާއި ދީނީ ރޫޙު ހިތްތަކުގައި ރަނގަޅަށް އަށަގެންފައިވާ ޒުވާން ޖީލެއް ބިނާކުރެއްވުމަށްކަން ވަރަށް ރަނގަޅަށް ހާމަވެއެވެ. އަދި އެ ޕްރޮގްރާމަކީ، ދިވެހި ޒުވާން ދަރީންކޮޅެއްގެ ހިތްތަކުގައި އިސްލާންދީނުގެ މަތިވެރި ވޮށް ދިއްލަވައިލައްވައި އިސްލާންދީނުގެ އުޖާލާ ނޫރުން ހިތްތައް އަލިވެގެންވާ ޒުވާން ޖީލެއް ބިނާކުރެއްވުމަށް ގަސްތު ކުރައްވައިގެން އަޅުއްވާ ހަރުދަނާ ބިންގަލެއްކަން ކަށަވަރެވެ. އެއީ، އެ ބިންގާ މަތީގައި ބިނާކުރެވޭ ޢިމާރާތުގެ ފުރާޅުގެ ހިޔާ ދިވެހި ގައުމަށް ލިބޭނޭ ގޮތް ހައްދަވައިދެއްވުމުގެ މަތިވެރި ނިޔަތުގައެވެ.

ކުރިންވެސް އިޝާރާތްކުރި ފަދައިން ޒަމާނީ އެކިއެކި ކުލަވަރާއި އޮއިވަރުގެ ސަބަބުން ރާއްޖޭގައިވެސް "ނާދީނީ" ފިކުރުތަކާއި ޚިޔާލާތުތައް ދަނީ ފެތުރި އާންމުވަމުން ކަމަށްވާތީ، އެފަދަ ފިޔަވަޅަކަށް ދިވެހި ގައުމު ފެންބޮވައިގެންފައިވާތާ ދުވަސްތަކެއް ވެއްޖެއެވެ. އެކަމުގެ ސަބަބުން، ޒުވާން ޚަޠީބުން ބިނާކުރެއްވުމުގެ މަސައްކަތްޕުޅު ލަސްނުކުރައްވައި ފައްޓަވައިފައި ވަނީއެވެ. އޭގެ ސަބަބުން ޒުވާނުންކޮޅެއްގެ ހިތްތަކުގައި އިސްލާންދީނަށް ލޯބި ޖެހި، ކުރިމަގަށްޓަކައި ހަރުދަނާ ބިންގަލެއް އެޅެއެވެ. އެގޮތުން ބިނާކުރެވޭ ޒުވާން ޚަޠީބުންގެ ފުށުން ރާއްޖެއަށް ދީނީގޮތުން ހެޔޮ އަސަރުތަކެއް ފޯރާނެކަން ކަށަވަރެވެ. އިންޝާ ﷲ.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮންމެ ކަމެއް ސިޔާސީނުކޮށް، ސިޔާސީ ތަޢައްޞުބުން ބުއްދިއާއި ވިސްނުން ސަލާމަތްކޮށް އެއްކިބާކޮށްގެން ހުރެ ވިސްނައި ފިކުރު ހިންގާ އަދި އިސްލާންދީނާއި މި ދިވެހި ގައުމު ދެކެ ލޯތްބެއް ހިތުގައި އޮތް ކޮންމެ މީހަކުވެސް އެކަމަށް ހެޔޮހިތުން ޝުކުރުވެރިވުން ލާޒިމުވާނެއެވެ.

ހަމަ ގައިމުވެސް އަޅުގަނޑުގެ ހިތުގެ އެންމެ ފުނުން، އެކަމަށްޓަކައި މިއަދުގެ ސަރުކާރަށާއި ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ އަށާއި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރަށް ޝުކުރާއި ތާރީފު ތަކުރާރުކޮށް އޮއްސަމެވެ. މި ޝުކުރު ދެންނެވުން ޙައްޤުވާ އެންމެ މުހިއްމު އެއް ސަބަބަކީ، އެ ޕްރޮގްރާމް ހިންގަވާން ފެއްޓެވިއިރު ރާއްޖޭގެ ބައެއް ރަށްރަށަކީ އެ ރަށްރަށުގައި ހުކުރުނަމާދާއި ޢީދުނަމާދާއި ތަރާވީސް ނަމާދު ފަދަ ނަމާދުތައް ކުރާނެ ޚަޠީބުން ނެތުމުގެ ދަތިކަން އިންތިހާޔަށް ބޮޑުވެ އެކަމުގެ ދަތިކަން ތަޙައްމަލު ކުރަމުންދާ ރަށްރަށް ކަމަށްވެފައި، އެކަމަށްޓަކައި އެކިއެކި ރަށްރަށުން ޚަޠީބުން ގެންގޮސްގެން ނޫނީ އެއިން ނަމާދެއް ނުކުރެވޭ ރަށްރަށަށް އެކަމުގެ ޙައްލު، އެ ޕްރޮގްރާމުގެ ސަބަބުން ލިބިފައިވާތީއެވެ.

މިއަދު އެ ދަތިކަން އެ ރަށްރަށުން ފިލައިގެން ގޮސް އެ ޕްރޮގްރާމުގެ ސަބަބުން އެކަން ވަނީ ޙައްލުވެފައެވެ. އެއީ، ޒުވާން ޚަޠީބުން ބިނާކުރެއްވުމުގައި ފާޅުވާން ހުރި ގިނަގުނަ ހެޔޮ ނަތީޖާތަކުގެ ތެރެއިން މިވަގުތަށްވެސް ފާޅުވެ ފެންނަމުން އަންނަ ހެޔޮ އެއް ނަތީޖާއެވެ. ފާޅުގައި ފެންނާން އޮތް ހަގީގަތެވެ. ގިނަ ރަށްރަށުގެ އިތުރުން މާލޭގެ ބައެއް މިސްކިތްތަކުގައި މިހާރު ކޮންމެ ހުކުރު ދުވަހަކު، ޒުވާން ޚަޠީބުން އާދަވެ ހުކުރު ކުރެއެވެ. ފާއިތުވި ދެ ރޯދަމަހު އިމާމުވެ ތަރާވީސް ނަމާދުވެސް ކުރިއެވެ.

އަދި އަވަސް ގޮތެއްގަައި އެ ޕްރޮގްރާމް ފެއްޓެވީ ރާއްޖޭގެ ބައެއް ރަށްރަށުގައި ހުކުރުކުރާ ޚަޠީބު މީހާ މިންބަރަށް އަރައިފައި މީސްތަކުންނާ މުޚާޠަބުކޮށް ސަލާމް ގޮވައިލުމަށްފަހު މިންބަރުން ފައިބައިގެން ގޮސް ބަންގި ގޮވައިފައި އަލުން މިންބަރަަށް އަރައި ޚުޠުބާ ކިޔާންޖެހޭ ހާލަތުގައި ހުރި ރަށްރަށްވެސް ރާއްޖޭގައި ހުރިކަން މިނިސްޓްރީއަށް ފާހަގަކުރެއްވިގެންނެވެ.

އެ ކަންކަން ފާހަގަ ކުރެއްވިފައި ވަނީ ރައްޔިތުންގެ ޙާލުއަހުވާލު ބެއްލެވުމަށްޓަކައި ސަރުކާރުން ކުރައްވާ ދަތުރުފުޅުތަކުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބައިވެރިވެވަޑައިގަތުމުގެ އިތުރުން އެ ވުޒާރާގެ ފަރާތުންވެސް ރަށްރަށުގެ ހާލަތު ބެއްލެވުމަށް ރަށްރަށަށް ކުރައްވާ ދަތުރުފުޅު ތަކުގެ ސަބަބުންނެވެ.

އެފަދަ ދަތުރުފުުޅުތަކުން ފާހަގަ ކުރެއްވިފައިވާ މުހިއްމު ކަންތައްތައް ހުރުމާއެކު، އެ ކަންކަމުގެ ޙައްލަކާމެދު އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވަރަށް ބޮޑަށް ފިކުރުފުޅު ކުރެއްވުމަށްފަހު، އެމަނިކުފާނު ވަޒީރުކަމާ ޙަވާލުވެވަޑައިގެންނެވި ދުވަހުވެސް ނިޔަތްގަންނަވާފައިވާ ފަދައިން ޒުވާން ޚަޠީބުން ބިނާކުރެއްވުމުގެ ޕްރޮގްރާމް އަވަސް ގޮތެއްގައި ފެއްޓެވީއެވެ.

ޒުވާން ޚަޠީބުން ތަމްރީން ކުރައްވާ ފެންވަރަކީ، ހުކުރު ނަމާދާއި ޢީދު ނަމާދާއި ތަރާވީސް ނަމާދު ފަދަ ނަމާދުތައް ކުރުމަށް މިހާރުވެސް ހުއްދަ ދެއްވާ މިންގަނޑަށް ޝަރުޠު ހަމަވާ ގޮތަށް ފަރުމާ ކުރައްވާފައިވާ މުޤައްރަރެއް ކަމުގައިވުމުގެ އިތުރުން، ޒުވާން ޚަޠީބުންގެ ތަމްރީނުގައިވެސް ބައިވެރިވެވޭ ތަޢުލީމީ ފެންވަރަކީ، ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނާއި އޯލެވެލް އާއި އޭލެވެލް ނިންމާފައިވާ 16 އަހަރު ނުފުރޭ ދަރިވަރުން ކަމުގައިވުމެވެ.

ޒުވާން ޚަޠީބުންގެ ތަމްރީނުގައި ބައިވެރިވެވޭނީ ޢުމުރުން 18 އަހަރު ނުފުރޭ ކުދީން ކަމުގައިވުމަށް ކަނޑައަޅުއްވާފައިވަނީ، ޒުވާން ޚަޠީބުންގެ ކިބައިގައި އިމާމުކަމުގެ ޤާބިލިއްޔަތުކަން އެންމެ ފުރިހަމަޔަށް ހަރުލެއްވުމުގެ އިތުރުން އިސްލާމީ އުޞޫލުގެ މަތީގައި ތަރުބިއްޔަތު ވެގެންވާ ޒުވާން ޚަޠީބުންގެ ޖީލެއް ބިނާ ކުރެއްވުމުގެ މަތިވެރި މަޤްޞަދުގައެވެ.

އަށާރަ އަހަރު ފުރިފައިވާ މީހަކު އެއިން ހުއްދައެއް ހޯދާން ބޭނުންވާނަމަ އެ ހުއްދަތައް ހޯދުމުގައި މިހާރުވެސް ޢަމަލުކުރާ އުޞޫލަކީ، އެ ވުޒާރާގައި އެކަމަށް އެދޭ ފޯމު ހުށަހަޅައިގެން އެކަމަށް އޮންނަ އިމްތިހާނުން ފާސްވެގެން އެ ހުއްދަ ހޯދުމެވެ.

މަތީގައިވާ ރަސްމީ ތަފާސްހިސާބަށް ބަލާއިރު، ޒުވާން ޚަޠީބުން ތަމްރީން ކުރެއްވުމަށް މިހާތަނަށް ތިން ބުރެއް ބާއްވަވައި ޖުމްލަ 503 ޒުވާން ޚަޠީބުން ބިނާކުރައްވާފައި ވެއެވެ. އަދި ހަތަރު ވަނަ ބުރަށް ފެއްޓެވުމުގެ ތައްޔާރީތައް މިހާރު ގެންދަވަނީ ކުރައްވަމުންނެވެ.

އެ ޕްރޮގްރާމުތައް ހިންގަވާ ގޮތުގެ ބައެއް މަޢުލޫމާތު ސާފުކޮށްލުމަށް އަޅުގަނޑު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހޯދި މަޢުލޫމާތުން އެނގުނީ، ޒުވާން ޚަޠީބުންގެ ގޮތުގައި 1،000 ޚަޠީބުން ބިނާ ކުރެއްވުމަށް އެ ވުޒާރާއިން އަމާޒު ހިއްޕަވައިފައިވާ ކަމެވެ. އަދި ތިން ދުވަހުގެ މުއްދަތަށް ތަމްރީނު ކުރައްވާ ކޮންމެ ބުރެއްގައިވެސް ޢަޤީދާގެ ބައިތަކާއި ފިޤްހީ ބައިން ޢިބާދާތުގެ ބައިތަކާއި ތަޖްވީދުގެ ހަމަތަކާއި ތިލާވަތު އެންމެ ރަނގަޅު ފެންވަރަށް ދަސްކޮށްދެއްވާ ކަމެވެ. އަދި ކޮންމެ ބުރެއް ފައްޓަވަނީ މަދުވެގެން 10 ކުދީން ބައިވެރިވުމުން ކަމެވެ.

އެއިން ބުރެއް ނިމޭއިރު ޤުރުއާނުގެ ބައިން، އަދި ވަކީން ޚާއްޞަކޮށް ސޫރަތުލް ފާތިޙާ އެންމެ ރަނގަޅަށް ކިޔަވާން ނޭނގޭ ކުއްޖަކު ހުރިނަމަ އެހެން ބުރުތަކުގައި އެ ކުއްޖަކު ބައިވެރިކުރައްވައިގެން ފާސްވާންދެން އެ ކުއްޖަކަށް އެ ފުރުޞަތު ފަހިކޮށްދެއްވައި އެހީތެރިކަން ފޯރުކޮށްދެއްވާކަމެވެ. އަދި އެ ޕްރޮގްރާމުގައި ބައިވެރިވުމަށްޓަކައި މާލޭގައި ހުރުމުގެ ފުރުޞަތު ނޯންނަ ކުދީންނަށްޓަކައި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކަށް ޢިލްމީ މުދައްރިސުން ފޮނުއްވައިގެންނާއި އޮންލައިންކޮށް ތަމްރީން ދެއްވައިގެންވެސް ވީހައި ގިނަ ކުދީންނަށް ފުރުޞަތު ލިބޭގޮތަށް އެ ޕްރޮގްރާމު އިންތިޒާމު ކުރައްވާފައިވާ ކަމެވެ.

އަދި ތަމްރީން ދެއްވުމުގައި އިސްވެ ތިއްބަވާ މުދައްރިސުންނަކީ، ރާއްޖޭގައި ތިއްބެވި އެންމެ ފެންވަރު ރަނގަޅު އަދި ކިޔަވައި ދެއްވުމުގެ ރޮނގުންވެސް ނުހަނު ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި، ފުންނާބުފުޅު އުސް ބޭފުޅުންކަމެވެ.

އަދި ވަރަށް ހިތްހަމަޖެހުނު އެހެން ކަމެއް އެނގިފައިވާތީ އެކަންވެސް ޙިއްޞާކޮށްލާނަމެވެ. އެއީ، ތަމްރީންވާ ޒުވާން ޚަޠީބުންނަށް ހަމައެކަނި ސަނަދު ދެއްވާފައި ނިންމަވާލައްވަނީއެއް ނޫންކަން އެނގުމެވެ. އެކުދީން އުޅޭންވާ ވަކި ޚާއްޞަ ގޮތަކާއި އިމެއް ކަނޑައަޅުއްވައި އެ އިމުން އެ ކުދީން ހިންގުވުމަށް ބާރު އެޅުއްވުމުގެ ގޮތުން އެ ކުދީން ތިބޭ ރަށްރަށުގެ ކައުންސިލްތަކާއި އެ ކުދީންގެ ބެލެނިވެރީންނާ ގުޅިގެން އެ ކުދީން ބަލަހައްޓަވަމުން ގެންދެވުމުގެ އުޞޫލެއް އެ ވުޒާރާއިން ތަންފީޒު ކުރައްވަމުންވެސް ގެންދަވާކަން އެނގުމެވެ.

އެހެންވީމާ، ޒުވާން ޚަޠީބުން ތަމްރީނު ކުރެއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހިންގަވަމުން އެ ގެންދަވާ ތަމްރީނު ޕްރޮގްރާމުތަކަކީ، ދިވެހި ގައުމުގައި އިސްލާމީ ރޫޙު ދިރި ދެމިއޮތުމަށް އަމާޒު ހިއްޕަވައިގެން ދިވެހި ޒުވާން ޖީލެއް ހެޔޮ ތަރުބިއްޔަތެއްގެ މަތީގައި ބިނާކުރެއްވުމުގެ މަތިވެރި މަޤްޞަދުގައި ކުރައްވާ ވަރަށްވެސް ބޭޭނުންތެރި އަދި އެހާމެ ހަރުދަނާ މަސައްކަތްޕުޅެއްކަން ކަށަވަރެވެ. މިކަމުގެ ސަބަބުން އާވަނީ އުފާވެެެރި އުންމީދެކެވެ. އަލިގަދަވެގެން އަންނަނީ ދިވެހި އިސްލާމީ ދަންމަރެވެ.