Support Us

ކޮލަމް ކޯދު: މީހަކު ބުނާ ވާހަކައެއް

ތިރީގައި މިވަނީ އެކި ކަންކަމާ ބެހޭގޮތުން މީހަކު ބުނާ ވާހަކައެވެ.

1. ބައެއް މީހުން، އެމީހުންގެ ގޭގައި ފަތާފެންގަނޑެއް އޮތުން އެދެއެވެ. ނަމަވެސް، އެގޭގައި ފަތާފެންގަނޑެއް އޮންނަ ގޭގޭގައި އޭގެ ބޭނުމެއް ނުހިފައެވެ.

2. ބައެއް މީހުން، އެ މީހުންގެ ގޭގައި ކަސްރަތު މެޝިނެއް ހުރުން އެދެއެވެ. ނަމަވެސް ކަސްރަތު މެޝިން އެ ގޭގޭގައި ހުންނަ ގޭގޭގައި، ތިމާމެން ހިކެން ބޭނުން ކުރާ އާލަތެއްގެ ބަދަލުގައި އެ މެޝިން ބޭނުންކުރަނީ ދޮވެފައި އެއްޗެހި ހިއްކަން އަޅާ ހަރެއްގެ ގޮތުގައެވެ.

3. ގާތް މީހަކު އަބަދުގެ އަބަދަށް ވަކިވުމުގެ ހިތި ތަޖުރިބާ ކުރަން ޖެހިފައިވާ މީހާ، ގެއްލި ދިޔުމެއްގެ ފުން ހިތާމަ، ކަރުނައިން ބިންވަޅު ނެގިފައި ނުފިލައި ދާއިމަށް އޭނަގެ ހިތުގައި އޮވެއެވެ. ނަމަވެސް، އެމީހުންގެ ގާތް މީހުން އެމީހުންނާ އެކުގައިވާ މީހުން އެ ގާތް މީހުންނާ މެދު ޝަކުވާކޮށްކޮށް ތިބެއެވެ.

4. އެއްބަޔަކު، ހަޔާތުގެ ބައިވެރިއަކު ލިބުމަށް އެދިއެދި ތިބެއެވެ. ނަމަވެސް، ހެޔޮ، އަޅާލާ ހަޔާތުގެ ބައިވެރިއެއް ލިބިފައިވާ ބައެއް މީހުންނަކަށް އެ މީހުންގެ ހަޔާތުގެ ބައިވެރިންގެ އަގު ވަޒަން ނުކުރެވެއެވެ.

5. އެއްބަޔަކު އުޅެނީ ކާނެ އެތިކޮޅެއްހާ ހިސާބު ވެސް ނުލިބިގެންނެވެ. ނޫނީ އެއްއިރު ކެއްޔާ އަނެއް އިރު ކާނެ ގޮތެއް ނެތިގެންނެވެ. ނަމަވެސް އަނެއް ބަޔަކު އުޅެނީ ކާ އެއްޗެހި ކަމުނުގޮސްގެން އޭގެ ރަހަޔާ މެދު ޝަކުވާކުރުމުގައެވެ.

6. އެއްބަޔަކު މަގުމަތީގައި ގަދަ ފިނީގައި ނިވާކޮށްލާނެ ފޮތިކޮޅެއް ވެސް ނެތި، ކަރުދާސްގަނޑެއް އަޅައިގެން ނިދަން ތިބެއެވެ. އަނެއް ބަޔަކަށް ބޯ، އޮމާން ރަޖާތައް ލިބިފައި އޮވެއެވެ. ނަމަވެސް، އޭގެ ބޭނުމެއް ކުރާކަށް އެ މީހުންނަކަށް ނުޖެހެއެވެ.

7. އެއްބަޔަކު ކަންބޮޑު ވަނީ އެ މީހުންގެ ދަރިން ފާސް ނުވެގެންނެވެ. ނަމަވެސް، އަނެއްބައި މީހުންގެ އެދުން ގުޅިފައި އޮތީ އެ މީހުންގެ ދަރިންގެ ނަތީޖާ ހަތްދިހަ ހަތަރަކުން ހަތްދިހަ ފަހަކަށް ޖެއްސޭނެ މަގު ހޯދުމާއެވެ.

8. އެއްބަޔަކު އުޅެނީ ހިނގާބިނގާފައެވެ. އަނެއް ބަޔަކަށް ސައިކަލާއި ކާރު ލިބިފައި އޮންނައިރު، އެ މީހުންގެ އެދުމަކީ ދެވަނަ ސައިކަލަކާއި ދެވަނަ ކާރެއް ހޯދުމެވެ.

9. އެއްބަޔަކަށް ރަށްފުށުގެ ވަސީލަތްތައް މަދު، ދެރަ މަދަރުސާއެއްގައި ކިޔެވުމުގެ ފުރުސަތެއް ލިބިއްޖެ ނަމަ، އުފަލުން ރޮވި، އެ ފުރުސަތުގެ ބޭނުންކޮށްގެން ކިޔަވައެވެ. މިއާ ދިމާ އިދިކޮޅަށް އަނެއް ބަޔަކަށް ދުނިޔޭގެ އެންމެ މޮޅު އަދި އަގު ބޮޑު ތައުލީމީ މުއައްސަސާތަކުގައި ކިޔެވުމުގެ ފުރުސަތު ލިބުމުން ވެސް މިވެނި އެވެނި ކަމެއް ނުވެޔޭ ކިޔައި ޝަކުވާކޮށް، ކިޔެވުމުގެ ފުރުސަތު ގެއްލުވާލައެވެ.

އާދެ، މި ވާހަކަތަކަކީ ޖަޕާނުގެ އެކްޓަރެއް ކަމުގައިވާ ހިރޯޔޫކޫ ސަނާޑާ ބުނެފައި އޮންނަ ވާހަކަކޮޅަކަށް ކުޑަ ބަދަލެއް ގެނެސް، ލިޔެފައިވާ ލިޔުންކޮޅެކެވެ. ދެން، އޭނަގެ ވާހަކަކޮޅު ލިޔުމަށް ފަހު އޭނަ ބުނެއެވެ. "ހަޔާތުގައި ކުރިއަށް ދެވި، ކާމިޔާބު ހޯދުމުގެ ތަޅުދަނޑިއަކީ ޝުކުރުވެރިވުމެވެ. އަބަދުވެސް ހަނދާން ކުރަން ޖެހެނީ ތިމާގެ ހާލަތު، ތިމާ ދެކޭ ގޮތުގައި ކިތަންމެ ރަނގަޅު ނޫން ކަމުގައި ވިޔަސް، އެ ހާލަތަށް ވާސިލުވުމަށް އެދި އެދި އެތައް ބަޔަކު ތިބޭނޭ ކަމެވެ." އާދެ، ތިމާގެ ހާލަތާ މެދު، ޝުކުރުވެރިވެ، ތިމާ ހުރި ހާލަތު ބަލައިގަނެވުމުން، އިތުރަށް ކުރިއަށް ދިޔުމަށް މަސައްކަތްކުރުމުގެ ބޭނުންތެރިކަން ފާހަގަކުރެވި އެކަން ކުރެވޭ ގޮތް މެދުވެރިވެއެވެ.