Support Us

ކޮލަމް ކަލާވެހި: އިންތިޒާމީ ރޮނގުން ތާރީޚާއި ޘަޤާފަތަށް ލޯބިކުރާ ތަނެއްގައި އައު ޓެކްނޯލޮޖީގެ އެހީގައި ސްކޭނެއް ހެދުން

މި ފަހަރު އަޅުގަނޑު ދަންނަވާނީ ވާހަޔެކެވެ. ޙަޤީޤަތަކާ ކުޑަބޭރުއަރައިލިޔަސް، އަދި ނުލިޔަސް، މިއީ މުޅީން ފުލޯކަކަށް ވެސް ފަހަރުގައި ވެދާނޭ ވާހަކަޔެކެވެ. އެ މަގުން، އަވަށްޓެރި ކޮންމެވެސް ޤައުމެއްގެ ކޮންމެވެސް ހަސްފަތާލެއްގައި ކޮންމެވެސް ރައްޓެއްސަކަށް ކަން ދިމާވި ގޮތޭ ކިޔައިގެން އެއްޗެއް ދަންނަވައިލީމައި، އެއްވެސް ބޭފުޅަކު ހިތްޕުޅުކުޑައިކުރައްވައިގެން އެއްޗެއް ވިދާޅެއްނުވާނެޔޭ ހީކޮށްލައިފައި، ދެން ކުރިޔަށް ގޮސްބަލާނަމެވެ.

ބާލަސުންދަރަމް ރުދްރަލިންގަމް ގެ ކުރިމަތީގައި އެ ހުރީ އެންމެ މި ޒަމާނުގެ ބޮޑު ޢިމާރާތެކެވެ. އެކަތަޔާއި އަނދިރި ބިއްލޫރީގެ އިސްތިހާރަކަށް ވެސް ފުދޭނޭ ބޮޑު ބިނާޔެކެވެ. ކާރޫބާރޫ ބޮޑު، ވިޔަފާރި ރަނގަޅު، ބައި ހެއު ރަށެއްގެ ހަމަ ދިމާ މެދުގައި ހުރި ޢިމާރާތެކެވެ. ވަށަވަށައިގެން ދުއްވަމުން ދިޔަ އަގުބޮޑު ކާރުތަކާއި އަގުހެއު ކުރޮޅިތަކުގެ ނާރެހަކަށް ވެފައި ހުރި ރަށުފާހަގަޔެކެވެ. ސަހަރާގެ މެދުން ނޫނީ ޖަންގަލީގެ ތެރެއިން ސަހަރަށް އަރާން އަންނަ މީހާ ރަށުގެ މޭގަޔަށް އެންމެ ފުރަތަމަ ބަލައިލާ ބަލައިލުމުންވެސް ފާހަގަވާނޭ ފަދަ އުސް ފަޚުރުވާރެއް މެއެވެ.

ބާލަސުންދަރަމް ހޮސްޕިޓަލަށް ވަންނާން ދިމާކުރި ދޮރު ވެސް ހުޅުވުނީ ދޮރާ ގާތްވެލުމުން އޭގެ ޒާތުގައި އަމިއްލަޔަށެވެ. ދޮރުން އެތެރެވުމާ އެކު، ކުރިމަތީގައި ހުރި އިސްކިރީނަކުން ފެންނާން އެ ހުރީ ތަފާތު އެކި ކަންކަމު ތަނަން އަންނަ މީހުން ދާންވީ ތަންތަނާއި ހަދާންވީ ގޮތުގެ މަޢުލޫމާތެވެ. އިރުޝާދެވެ. ލޮލުގެ ބައްޔަކަށް ބޭސްކުރާން އަންނަ މީހުން ދާންވާނީ މިވެނި ބުރިޔެއްގައި ހުންނަ ލޮލުގެ ޑިޕާޓްމަންޓަށޭ، ރާއްޖެބަލީވައިގެ އުނަދަގުލުގައި އުޅޭ މީހުން ދާނީ މިވެނި ފަންގިފިލަޔެއްގައި ޤާއިމުކޮށްފައި ހުރި އާތުރައިޓިސް ކުލިނިކަށޭ، ހަކުރުބަލީގެ ޝިކާރަޔަކަށް ވެފައި ތިބި މީހުން އަވަސްވެގަންނާންވީ އެވެނި ފުލޯއެއްގައި ހުންނަ ޑައިބެޓިކު ސެންޓަރަށް ދާށޭ އެވެ. މިހެން ގޮސް، އެކި ބާވަތުގެ ބައްޔަށް އެކި ޑިޕާޓްމަންޓާއި ސެންޓަރާއި ކުލިނިކު ތަނުގައި ހުރިކަމާއި، އެ ތަންތަނަށް ދާންވީ މަގު އެ އިސްކިރީނުން އެބަ ބުނެދެއެވެ.

ބާލަސުންދަރަމް (ގާތް ރައްޓެހީން ކިޔައި އުޅޭ ގޮތަށް ނަމަ ބާލާ) އަށް ފާހަގަވި ގޮތުގައި، މި ދެންނެވި އެންމެހައި މަޢުލޫމާތަކާއި އިރުޝާދު އިސްކިރީނަށް އަރަމުން ދިޔައީ އިނގިރޭސިބަހުންނެވެ. ހަސްފަތާލު ހުރި ޤައުމުގައި ގިނަ މީހުން ޢާންމުކޮށް ބޭނުންކޮށް އުޅޭ ސަރަޙައްދީ އެއްވެސް ބަހަކުން ނޫނެވެ. އެހެންނަމަވެސް، ގިނަ މީހުންނަށް މިހައިރު ފަސޭހަވާނީ އިނގިރޭސިބަސް ތާއޭ، ޢަމުދުން މި ފަދަ ޑިޖިޓަލް ޒަމާނެއްގައި މިހައި އުސް، މިހައި ޒަމާނީ، މިހައި ފެންވަރު މޮޅު ހަސްފަތާލެއްގައި އެންމެނަށް ފެންނާން ހުންނަ އިސްކިރީނުތަކުގައި ހުންނާން ވާނީ ވެސް އިނގިރޭސިބަސް ފަދަ ތަޢުލީމީ، އެކެޑަމިކު، ޑިޖިޓަލް ބަހެއްތާއޭ ބާލާގެ ހިތަށްއެރިއެވެ.

ބާލާ ހަސްފަތާލަށް ދިޔައީ، ޑައިބެޓިކު ސެންޓަރުން އޭނާޔަށް ދިން އިރުޝާދަކާ އެއްގޮތަށް، ސްކޭނެއް ހަދައިލާށެވެ. މިވެނި ދުވަހެއްގެ މިވެނި ގަޑިޔަކަށް ހަފަތާލުގެ ސްކޭން ޑިޕާޓްމަންޓަށް އައިސް ސްކޭނެއް ހަދައިގެން ނަތީޖާ ހޯދައިގެން ޑައިބެޓިކު ސެންޓަރަށް އަނބުރާއަންނާން އަންގާން އޭނާޔަށް ދީފައި އޮތް ޗިޓުގައި ލިޔެފައި އޮތީތީ އެއްގޮތަށް ޢަމަލުކުރުމުގެ ނިޔަތުގައެވެ. "އަންނާން އަންގައިފައި އޮތް ދުވަހުގެ، އަންގައިފައި އޮތް ގަޑީގެ ފަނަރަ މިނެޓު ކުރީން ހާޒިރުވެ މެމޯ ނަގާންވާނެއެވެ. އެ ގަޑީގެ ކުރީން އައިސްގެން މެމޯއެއް ނުލިބޭނެއެވެ. އަދި އޭގެ ފަހުން އަޔަސް މެމޯއެއް ނުހެއްދޭނެއެވެ. ސްކޭން ހައްދާން އަންނައިރު މީހާ ހުންނާން ވާނީ 12 ގަޑިއިރު ވާންދެން އެއްވެސް އެއްޗެއް ނުކައެވެ. އަދި އަންނާން އޮތް ގަޑީގެ ތިން ގަޑިއިރު ކުރީން އަށް ތަށި ފެންބޮއިގެން، ވަރަށް ބޮޑަށް ކުޑަކަމުދާން ބޭނުންވެފައެވެ." ޗިޓުގައި މިހެން ވެސް ލިޔެފައި އޮތެވެ.

ބާލާ ހުރީ ހާންތިވެގެން ކުޑައިކޮށް ކާލިއަޅާ ގޮތް ވެލައިފައެވެ. އަދި ކުޑަވެސް ޝައްކެއް ނެތް ގޮތުގައި، ކުޑަކަމުދާން އިންތިހާޔަށް ބޭނުންވެފައި މެއެވެ. އެހެނެއްކަމަކު، އޭނާ ހަސްފަތާލަށް ވަދެގެން ދިޔައިރު އޭނާޔަށް ފާހަގަވީ އެއް ކަމަކީ، ހަސްފަތާލުގެ މައި ދޮރުން ވަންނައިރު ދިމާޔަށް ފެންނަގޮތަށް ބަހަޓައިފައި ހުރި ޑިޖިޓަލް ގަޑިޔާ، ތަންކޮޅެއް އެތެރޭގައި ތަންތަންކޮޅުގައި ހުރި، ވަށް މޫނާއި ދެ ކަށީގެ ގަޑިތަކާ މިނެޓެއް ދެމިނެޓެއްވަރުގެ ތަފާތެއް ހުރިކަމެވެ. އަދި އޭނާގެ އަތުގައި އޮތް ފޯނުގެ ގަޑިޔާ އެއިން އެއްވެސް ގަޑިޔަކާ ދިމާނުވާ ކަމެވެ. އެހެންކަމާ އެކު، ޗިޓުގައި އޮތް އެއްކަލަ 15 މިނެޓުގެ ހަނި ބާގަނޑުން ސްކޭން ހަދާ ތަނަށް އެތެރެނުވެވިދާނޭތީ އޭނާ ކުޑައިކޮށް ބިރުގަތެވެ. ބާލާ އެތާކަށް ދާން ޖެހޭ ސްކޭން ސެންޓަރު ހުންނަނީ ޢިމާރާތުގެ ހަތްވަނަ ބުރީގައި ކަމަށް ވެސް ވާތީއެވެ.

ކަން ދިމާވި ގޮތުން، ބާލާގެ ނަސީބު ވަރަށް ރަނގަޅެވެ. ހީކުރި ވަރަށް ވުރެ ދިގު ކިޔޫއެއްގައި ވިޔަސް ކުޑަ އިރުކޮޅެއްގެ އިންތިޒާރެއްގައި މަޑުކޮށްލުމުގެ ނަތީޖާޔެއްގެ ގޮތުން، ތަނުގެ ލިފްޓުގައި އެހެން މީހުންނާ ފިތިބާރުވެގެން ހުރެ ހަތްވަން ބުރިޔަށް އަރާން އޭނާޔަށް ޖާގަ ލިބުނެވެ. އަދި އަތުގައި އޮތް ފޯނުގެ ގަޑީން ދެއްކި ގޮތުން، ހައެއްކަ މިނެޓުގެ ވަގުތު ސަލާމަތުގެ ދާއިރާގައި އޮއްވައި ސްކޭން ސެންޓަރާ ހަމަޔަށް ދެވިއްޖެ ވެސް މެއެވެ.

ސްކޭން ސެންޓަރުގެ ދޮރުން އެތެރެވުމާ އެކު، ބާލާޔަށް ފެނުނީ ހަ ޚިދުމަތްތެރީން ބައިތިއްބާން ނިޔަތްގަނެގެން ބަޔަކު ބޮޑު ޚަރަދުކޮށްގެން ހަދައިފައި ހުރި، އޭގެ ފުރަގަހުގައި އެންމެ މިޒަމާނުގެ އަރާމު ގޮނޑި ޖަހައިފައި ކޮށިގަނޑެކެވެ. ކައުންޓަރެކެވެ. އެހެން ނަމަވެސް، ހަ ޚިދުމަތްތެރީންގެ ބަދަލުގައި އެތާނގައި ތިބީ އެންމެ ދެ މީހުންނެވެ. އަނެއް ހަތަރު ޖާގަ އެއިރު ހުރީ ހުހަށެވެ. އެހެނަސް، އެއިން ކޮންމެ ޖާގަޔަކާ ދިމައިގައި އެންމެ މި ޒަމާނުގެ އިސްކިރީނެއް ބަހައްޓައިފައި ހުރީތީ، އެ އިސްކިރީނުތަކަށް ނަންބަރު އަރަމުން ނަންބަރު ބަދަލުވަމުން ދިޔަ ތަން ބާލާޔަށް ފެނުނެވެ. އެހެނަސް، އެ ޒާތުގެ ނަންބަރެއް ހޯދާނީ ކޮން ތާކުން ކަމެއް ބާލާޔަކަށް ނޭނގުނެވެ.

"އޭ، ކޮއްކޯ!" ބާލާ އެތާ ހުރި ޅަވަރަކު ޒުވާނަކާ މުޚާޠަބްކޮށް އަހައިލިއެވެ. "މިތަނުން ޚިދުމަތް ހޯދާން ނަންބަރު ނަގަނީ ކޮންތާކުންތަ؟"

ޒުވާނާ އެ ކޮށިގަނޑާ ތަންކޮޅެއް ދުރަށް އަތުން އިޝާރާތްކޮށްލައި، ލިފްޓުން މީހުން ފައިބާތަނާ ދިމައިގައި ބަހައްޓައިފައި ހުރި ބޯފެން އިސްޓޭންޑެއްގެ ކައިރީގައި ހުރި ޒާތެއްގެ އެއްޗެއް ބާލާޔަށް ދައްކައިލިއެވެ. އަދި ބުނެލިއެވެ. "ބޭބެ އަވަހަށް ގޮސް އެހެރަ މެޝިނުން ނަންބަރެއް ނަގާ!"

ބާލާ މެޝިނު ކައިރިޔަށް ގޮސް ބަލައިލިއިރު، މެޝިނުގެ މަތީ ފަރާތުގައި ހުރި ކުޑަވަރެއްގެ ޑިޖިޓަލް އިސްކިރީނެއްގައި އިނގިރޭސިބަސް އެ ޤައުމުގެ އެއް ބަހުގެ އަކުރުން ލިޔެފައި ހުރީތީ ފެނުނެވެ. އަދި އެ ލިޔުންތަކާ އެކީ ހުރި އިޚްތިޔާރީ ދެތިން ރޮނގަކުން އެއީ ސްކޭންއާ ގުޅޭ ރޮނގުކަމަށް އޭނާޔަށް ފާހަގަވި ރޮނގުގައި އިނގިލި ހާކައިލުމުން، ނަސީބަކުން މެޝިނުން ނަންބަރު ކަރުދާސްކޮޅެއް ނިކުމެއްޖެއެވެ. ބާލާ އެ ކަރުދާސްކޮޅަށް ބަލައިލިއިރު އޭނާ ސަލާމަތް މިވީ ހަމަ ކިރިޔާއެވެ! ކަރުދާސްކޮޅުގައި އޮތް، ދޮޅުހާހުގެ ޢަދަދުތަކުގެ ތެރެއިން ޢަދަދެއްގެ ތިރީގައި، ތަންކޮޅެއް ކުޑަ އަކުރަކުން އެ އޮތީ އެ ގަޑީގައި އޭނާ ނަންބަރު ނެގި ގަޑިކަމަށް މެޝިނުން ޗާޕުކޮށްފައި އޮތް ގަޑިއެވެ. އެއީ ކުރީން ބުނެވުނު ފަނަރަ މިނެޓު ހަމަވާން އޮތް ގަޑީގެ ތިރީސް ސިކުންތު ކުރީގެ ގަޑިޔެކެވެ. އެކަމަކު، އެ ގަޑިޔަކީ ބާލާގެ ފޯނުގެ ގަޑިޔާއި، ހަސްފަތާލަށް ވަންނަ ތާނގައި ހުރި ގަޑިޔާއި، އެތެރޭގައި ހުރި ވަށްމޫނު ގަޑިތަކާ ވެސް ކުޑައިކޮށް ޚިލާފު ގަޑިޔެކެވެ. މިތާނގެ ގަޑިތައް ފައިހަމަކުރާން ވެއްޖެނޫންހޭ ހިތާހިތާ ކިޔާލަމުން، އެކަމަކު ކުޑަކަމުދާން ބޮޑުކޮށް ބޭނުންވެފައި ހުރި ބާލާ ދެން އަވަސްވެގަތީ އޭނާގެ ނަންބަރު އެއްކަލަ ކޮށިގަނޑުގެ އިސްޓޭޝަންތަކުން އިސްޓޭޝަނަކަށް އަރައިތޯ އިންތިޒާރުކުރާށެވެ.

ބާލާގެ ނަންބަރު ޖެހުނީ ބައިގަޑިޔެއްހައިއިރު ފަހުންނެވެ. އެއިރު އޭނާ ބޮޑުކޮށް ބޭނުންވެފައި ހުރި ހުރުން އެޔަށްވުރެ ވެސް ބޮޑުވެ، ދެން ނުހިފެހެއްޓޭނެޔޭ ބުނާ ހިސާބަށް ކަންތައް ހިނގައްޖެއެވެ. އެކަމަކު، ކެތްތެރިކަމަކީ ޑިޖިޓަލް ފަސޭހަތަކުން ފުރިގެންވާ ތާކުން ޚިދުމަތް ހޯދާ މީހާގެ ފުށުގައި ހަމަ ކޮންމެހެންވެސް ހުންނާން ޖެހޭނޭ ސިފައެއްތާއޭ ހިތަށް އަރުވައިލައިފައި، ނަންބަރު ޖެހުމުން ކޮށިގަނޑު ކައިރިޔަށް ހިނގައްޖެއެވެ.

ކޮށިގަނޑުގައި އިން ކުއްޖާ އޭނާގެ ގެޔަށް ކުރި އަމިއްލަ ފޯނެއް ބާއްވައިފައި، އެތެރެއިން އައި ކުއްޖަކު ދިން ކަރުދާސްކޮޅެއްގައި އޮތް ރަސްމީ އެއްޗެއް ކިޔައިލައިފައި، ކޮންޕިޔުޓަރުން އެޔާ ގުޅޭ ކަމެއް ވެސް ކޮށްލައިފައި، ދެން ވީހައި ވެސް އަވަހަކަށް ބާލާޔަށް ސަމާލުކަން ދީފިއެވެ. އަދި ބާލާ ގެންދިޔަ ޗިޓުކޮޅު ފަރުވާބަހައްޓައިގެން ލަސްލަހުން ކިޔައިލައިފައި އަހައިލިއެވެ. "އެންމެ ފަހުން އެއްޗެއް ކެއީ ކޮން އިރަކު؟"

"މީގެ 13 ގަޑިއިރު ކުރިން،" ބާލާ ޖަވާބުދިނެވެ.

"މިހައިރު ތިޔަ ހުރީ ކުޑަކަމުދާން ވަރަށް ބޮޑަށް ބޭނުންވެފައިތަ؟" ކުއްޖާ ދެން އަހައިލިއެވެ.

"ވަރަށް ބޮޑަކަށް ނޫން. ކެތްނުވާވަރަށް!" ބާލާޔަށް ބުނެވުނެވެ.

"އަސްލު ނުކައި ހުންނާން ވާނީ 12 ގަޑިއިރު. އަދި ކުޑަކަމުދާން ބޭނުންވެފައި ހުންނާން ވާނީ ވަރަށް ބޮޑަށް. އެކަމަކު މި ފަހަރު ދެން ސްކޭންކުރަން ހުއްދަ ދީފާނަން." ކުއްޖާ ބާލާޔަށް އެކޮށްދިނީ ވަރަށް ބޮޑު ހެޔޮކަމެކޭ ހީވާ ކަހަލަ ގޮތަކަށް ބުނެލިއެވެ.

"ޝުކުރިއްޔާ!' ބާލާ ބުނެލިއެވެ.

"އާނ، މިއޮތީ ކަލޭ ގެނައި ޗިޓު. އެހެރަ ތަނާ ދިމާ އެހެރަ ދޮރު ކައިރިން ލަނބައިލާއިރު އެތާ ހުންނާނެ ކޮޓަރި ނަންބަރު 420. އެ ކޮޓަރީގެ ދޮރުގައި ޓަކިޖަހައިލައިފައި މަޑުކޮށްލާ، އެތެރެއިން ގޮވައިލާންދެން." ކުއްޖާ ބުނެލިއެވެ.

ބާލާ އެ ބުނި ދިމާޔަށް ދިޔައީ ވަރަށް ހިތްހަމަޖެހިފައި ހުރެގެންނެވެ. އެޕޮއިންޓްމަންޓް ދީފައި އޮތް ގަޑިޔަށް އައިސް، ބަރާބަރު ފަނަރަ މިނެޓު ކުރިޔަށްލައިގެން ނަމްބަރު ނަގައި، ޗިޓުގައި ބުނެފައި އޮތް ޙާލަތުގައި ހުރެގެން އެ ތަނަށް އާދެވުނީއެވެ. އަދި އެހެންކަމުން، ދީފައި އޮތް ގަޑީގައި އަވަހަށް ސްކޭން ހެދޭނޭތީ، އޭގެ ފަހުން ފާޚާނާ ދަތުރެއް އަވަހަށް ކޮށްލެވޭނޭތީއެވެ.

ބާލާޔަށް ކޮޓަރި ނަންބަރު 420 ފެނުނީ ވަރަށް އުނދަގުލުންނެވެ. އެއީ އެ ކޮޓަރީގެ ދޮރުގައި ކަރުދާސްގަނޑެއްގައި ލިޔެ ހިއްޕައިފައި ހުރި ނަންބަރު ނުފެނުމުންނެވެ. ދޮރުމައްޗަށް ބޮނޑިވެފައި އޮތް މީހުންނާ ހެދިއެވެ. އެ އެންމެން ވެސް ދޮރުގައި ޓަކިދެނީއެވެ. އެކަކު ކޮއްޕައިލައިފައި އަނެކަކު އަވަހަށް ޓަކިޖެހޭތޯ ވެސް ބަލަނީއެވެ. އެ ވަގުތު އެތާނގައި ވިއްސަކަން ފަންސަވީހަކަށް މީހުން ހޯބޯލަވާން ތިއްބެވެ. ކޮޓަރި ކުރިމަތީގައި ބަހައްޓައިފައި ހުރި ދެތިން ގޮނޑި ނޫނީ އިށީނދެލާނެ ތަނެއް ވެސް އެއިން ހިސާބަކު ނެތެވެ. އެންމެންނަށް ވެސް ދީފައި އޮތް ޗިޓުގައި އޮތީ އެ ދުވަހުގެ ހަމަ އެގަޑިޔަށް އަންނާންކަމާއި، ޑިޖިޓަލް މެޝިނަކުން ކައުންޓަރު ނަންބަރެއް އަދި ނެގިޔަސް، ނަންބަރު ނެގި ތަރުތީބުން ސްކޭން ހަދާން ތަރުތީބު ޓޯކަން ނަމްބަރެއް ޖެހި މެމޯއެއް ހަމަ އެކަކަށް ވެސް ނުދޭކަން ބާލާޔަށް އެހިސާބުން ވިސްނުނެވެ. އަދި އެ އެންމެންވެސް ތިބީ ތޭރަސާދަ ގަޑިއިރު ނުކައި، ހެނދުނު ހޭލިގޮތަށް ހުސްބަނޑާކަން ވިސްނުނެވެ. އޭގެ އިތުރުން، އެންމެން ވެސް ތިބީ ތިންހަތަރުފަސް ގަޑިއިރު ކުރީން ހެސްކިޔައިފައި ފެންބޮއިގެން، އެޔާ ވާނޭ ވަރަށް ކުޑަކަމުދާން ވަރަށް ބޮޑަށް ބޭނުންވެފައިކަން ވެސް ބާލާޔަށް އެނގުނެވެ. އަދި އެއިން ކޮންމެ މީހަކީ ކޮންމެވެސް ބައްޔެއްގެ ވޭނުގައި އުޅޭ މީހެއްކަމާއި، ކެތްތެރިކަމަކީ ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް ކޮޅުންލާ އެއްޗެއްކަން ބާލާޔަށް އެނގުނެވެ.

ޢިމާރާތް ކިތަންމެ ނަލަވެފައި ރީތި ވިޔަސް، ޑިޖިޓަލް އިސްކިރީނުތަކާއި މެޝިނުތައް އެއީ ކިތަންމެ ފަހުގެ އެއްޗިހިކަމުގައި ވިޔަސް، ތަނުގެ ކޮންމެ ސެންޓަރަކާއި ކުލިނިކަކާއި ޑިޕާޓްމަންޓަކީ ވަކި ސަރުކާރެއްހައި މިނިވަން ތާކަށް ވިޔަސް، އެއިން ކޮންމެ ތަނެއްގެ މުގުލުގައި ހުރީ މޮޅު ތަޖުރިބާކާރުންގެ އެދުރަކަށް ފުދޭވަރުގެ މޭސްތިރިޔަކަށް ވިޔަސް، ދެން ތިބި ޑޮކްޓަރުންނަކީ ފާހުގެ މައްޗަށް ދޮޅު ފާސް ނެގި މާހިރުންކަމަށް ވިޔަސް، އިންތިޒާމީ ރޮނގުން ތާރީޚާއި ޘަޤާފަތަށް ލޯބިކުރާ، އިހުގޮތް ދެމެހެއްޓުމަކީ މޮޅުގޮތް ކަމަށް ޤަބޫލުކުރާ ތަނެއްގައި އައު ޓެކްނޯލޮޖީގެ އެހީގައި ސްކޭނެއް ހެދުމަކީ އާދައިގެ ކަމެއް ނޫންކަން ބާލާޔަށް އެނގުނެވެ.

ހަކުރު ދަށްވެގެން ނުވެއްޓެނީސް، އޭނާގެ ފުށުން ބޭއިޚްތިޔާރުގައި ތަނުގެ ތަޅުންގަނޑު ނުތެމެނީސް، ސްކޭންއަކާ ސްކޭންއެކޭ، އަމިއްލަ ޞިއްޙަތާއި އަމިއްލަ އަބުރު އަމިއްލަޔަށް ޙިމާޔަތްކުރުމަކީ ފަރުދީ ޒިންމާޔެކޭ ހިތާހިތާ ކިޔައިލައިފައި، ބާލަސުންދަރަމް ރުދްރަލިންގަމް އެ ދުވަހު އެ ތަނުން ނިކުމެގެން ދިޔައީއެވެ! ބޮޑަށް ބޭނުންވެފައި ހުރި ކަމުން މިންޖުވުމަށް ފަހު، ކޮންމެވެސް ތާކުން ރަނގަޅު ސަޔެއް ބޮއިލާނަމޭ ހީކޮށެވެ. އަދި އެޔަށް ފަހު، ދާމޫގަނޑުގެ ގޮތުން އަރައިހުރި ކޮންމެވެސް ބިދޭސީޔަކާ ރަށުގެ ނަންހިނގާ ޑޮކްޓަރަކާ ގުޅިގެން ހިންގާ، ކުޑަކުޑަ ސްކޭން ކުލިނިކެއް އެ ހިސާބުގަނޑު ހަނި ގޯޅިޔަކުން ފެނޭތޯ ބަލާނަމޭ ހީކޮށެވެ. އެންމެނަށް ވެސް ފައިދާ ހުރި ރަނގަޅު ގޮތަކީ އެއީކަމަށް ވެދާނޭތީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2

2 Responses

  1. ތި އަދި ބޭރު ހޮސްޕިޓަލެއްތާ؟ އެކަމަކު ބޭރު ހޮސްޕިޓަލުތަކަށް ރާއްޖޭގެ އާސަންދާން ބައިވަރު ލާރި ފޮނުވަނީ. ރާއްޖޭގެ ހޮސްޕިޓަލެއްގަވެސް ކަންއޮތީ ތިހެން. ހަމަ ގައިމުވެސް މަށަށްވީ ތިހެން.

  2. އީނާސްއެވެ، މިއޮތީ ދަރުމަވަންތަ ހޮސްޕިޓަލުގެ ވާހަކައެވެ! އަހަރެންގެ ތަޖުރިބާވެސް ހަމަ މިފަދައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *