Support Us

ރައީސުލްޖުމްހޫރިއްޔާ އާއި ސްރީލަންކާގެ ރައީސް ގުޅިފައިވާ ބަޔާނެއް ދެއްވައިފި

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ ދިވެހިރާއްޖެއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ދެ ޤައުމުން ބޭއްވެވި ރަސްމީ މަޝްވަރާތަކަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި ސްރީލަންކާގެ ރައީސް، ގުޅިފައިވާ ބަޔާނެއް ދެއްވައިފިއެވެ. މި ބަޔާން ދެއްވާފައިވަނީ، މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ސްރީލަންކާއަކީ އިންޑިއާ ކަނޑުން ބަނދެވިފައިވާ، ގާތްތިމާގެ ޤައުމުތަކެއްގެ ގޮތުގައި، ދެފަރާތުގެ އިޙްތިރާމާއި ދޭދޭ ފެންވަރުގައި ހިއްސާކުރަނިވި އުންމީދުތަކެއްގެ މައްޗަށް ބިނާވެފައިވާ، ޒަމާންވީ އެކުވެރިކަމެއް އޮތް ދެ ޤައުމުގެ ގޮތުގައި ސިފަކުރެއްވިއެވެ. އަދި މިއީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުނު މުނާސަބު އަހަރަށް ވާއިރު، މިއީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބު އަހަރު ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ 26 ޖުލައި 1965 ގައެވެ. ސްރީލަންކާ ހިމެނެނީ ދިވެހިރާއްޖެއާ އެންމެ ފުރަތަމަ ސިޔާސީ ގުޅުން ޤާއިމުކުރި ޤައުމުތަކުގެ ތެރޭގައެވެ.

ސްރީލަންކާގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރެއްވުމުގައި، ސްރީލަންކާގެ ރައީސް ޑިސަނަޔަކަ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތަޢުރީފު ކުރައްވައި، އެމަނިކުފާނުގެ ޒަޢާމަތުގައި، ވިލުންތެރި، ޝާމިލު އިޤްތިޞާދެއްގެ ގޮތުގައި ސްރީލަންކާގެ އިޤްތިޞާދު އިތުރަށް ހަރުދަނާވެގެންދާނެކަމުގެ ޔަޤީންކަން އެބައޮތް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ވިދާޅުވިއެވެ.

މިއަދު ބޭއްވެވި މަޝްވަރާތަކުގެ ތަފްޞީލު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވިޔަފާރީގެ ދާއިރާއާއި، ދިފާޢީ ދާއިރާއާއި، ތަޢުލީމާއި، ވޮކޭޝަނަލް ތަމްރީނާއި، ޒުވާނުންނާއި ކުޅިވަރުގެ ދާއިރާގެ އިތުރުން، ތިމާވެއްޓާއި، މަސްވެރިކަމާއި، ދަނޑުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ދެ ފަރާތަށްވެސް ހުރި ފުރުޞަތުތައް ދެނެގަނެވިފައިވާ ކަމަށެވެ. އަދި މިއަދު ބަދަލުކުރެވުނު އެއްބަސްވުމުން ދޭހަކޮށްދެނީ ދެޤައުމުގެ މެދުގައި ވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެ ޤައުމުންވެސް ދޭ އަހައްމިއްޔަތުކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ތަޢުލީމީ ދާއިރާގައި ސްރީލަންކާގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި، ޤާބިލުކަން އިތުރުކުރުމަށް ޕްރޮގްރާމްތައް ހިންގައި، ޢިލްމު ޙިއްޞާކުރުމާއި، ޢިލްމީ މުއައްސަސާތަކުގެ މެދުގައި ގާތް ގުޅުމެއް އުފައްދައި، އެއްބާރުލުން އިތުރުކުރުމުގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެޤައުމުންވެސް އެއްބަސްވެވަޑައިގެންފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސްރީލަންކާގެ ރައީސް ޑިސަނަޔަކަ ދެއްކެވި ވާހަކަފުޅުގައި، ޘަޤާފީ ގުޅުންތައް ހިމެނޭހެން ޖަޒީރާ އަވަށްޓެރިންގެ ގޮތުގައި އޮތް ދެ ޤައުމުގެ ހައިސިއްޔަތުން ގުޅިފައިވާ ގުޅުންތައް ފާހަގަކުރައްވައި ރައީސް މުޢިއްޒު ފާޅުކުރެއްވި ޝުޢޫރުތައް ތަކުރާރުކުރެއްވިއެވެ. އެގޮތުން ތަޢުލީމާއި ވިޔަފާރިއާއި އިންވެސްޓްމަންޓާއި ފަތުރުވެރިކަމާއި ދެމެހެއްޓެނިވި މަސްވެރިކަމާއި ދަނޑުވެރިކަމާއި ޒުވާނުން ބާރުވެރިކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރަށް ވަރުގަދަކުރުން ހިމެނޭ ގޮތަށް ދެގައުމުގެ ގުޅުންތައް ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގައި ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި އަޒުމުތަކަށް ތަޢުރީފުކުރައްވައި، އެފަދަ މޭރުމަކުން ސްރީލަންކާގައި ކުރިއަށްގެންދާ "ކްލީން ސްރީލަންކާ" ޕްރޮގްރާމްގެ ވާހަކަ ރައީސް ޑިސަނަޔަކަ ފާހަގަކުރެއްވިއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް ވަޑައިގަތުމަށް ވެސް ރައީސް ޑިސަނަޔަކަ ދައުވަތު ދެއްވިއެވެ.

ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ދޭދޭ ގުޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ކޮންސިއުލަރ ޚިދުމަތް އިތުރަށް ހަރުދަނާކޮށްދެއްވައި، ގަވާއިދާ ހިލާފަށް ކުރާ މަސްވެރިކަމާ ދެކޮޅަށް މަސައްކަތްކުރެއްވުމުގެ އިތުރުން ޢިލްމު ހިއްސާކުރުމާއި، ކަނޑުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމުގައި އެއް ޤައުމު، އަނެއް ޤައުމަށް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަންވެސް ދެ ޤައުމުގެ ލީޑަރުން ދެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް