Support Us

ކޮލަމް ކަލާވެހި: ބައެއް ދިވެހީންގެ މިނިވަންކަމުގެ ދާއިރާ ފެނުނީމައި…

އަޅުގަނޑުމެންގެ ލޮބުވެތި ދިވެހިރާއްޖޭގެ މިނިވަންކަމަށް ނުހަނު އުހައުވެރި ހައްޓި އަހަރު ފުރޭ ދުވަސް އަޅުގަނޑުމެންނާ އަރައި ހަމަކޮށްފިއެވެ. ދުވަހުގެ އުހައުވެރިކަމުގެ ކޮޅެއް ނެތެވެ. އަދި ހަމަ އެހެންމެ، މި ފަދަ މިނިވަންކަމެއް މާތް ﷲ އަޅުގަނޑުމެންނަށް މިންވަރުކޮށްދެއްވައިފައި ވާތީ، އަޅުގަނޑުމެން އެންމެންގެ ހިތްތައް ޝުކުރުން ފުރިގެން ބަންޑުން ވަނީއެވެ. ހެއު ހިތުން ޙަމްދާއި ޘަނާ ދަންނަވަނީއެވެ. އަޅުގަނޑުމެންގެ ތެރޭގައި އެކަން ފާހަގަކުރާން އިޙްތިފާލުތައް ރޭވި، ބޭއްވެމުން ދަނީއެވެ. އެކަކު އަނެކަކާ ބައްދަލުވެ، ސަލާންގަލާން ކޮށް، ތަހުނިޔާ ކިޔަނީއެވެ. ކޮޅުގެ ކޮޅަށް އުހައު ހުއްޓެވެ!

އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ މިނިވަންކަމަކީ އެ މިނިވަންކަން ގެއްލުނު ހަމަ ކޮންމެ ފަހަރަކުމެ އަޅުގަނޑުމެންގެ ތެރެއިން އުފެދުނު އަގުހުރި ބަޠަލުންގެ ހިތްވަރާއި ފަންވަރާއި ޖިހާދުން އަނބުރައި ހޯދައިދީފައިވާ އަގުބޮޑު ޖަވާހިރެކެވެ. އެ ޖަވާހިރު ރައްކައުތެރިކޮށް ބަލަހައްޓައި، ޙިމާޔަތްކޮށް، ކުރާން ޖެހިއްޖެ ޙާލަތުގައި ދިފާޢުކޮށް ހެދުމަކީ، އަޅުގަނޑު ދެކޭ ގޮތުގައި ހަމަ ކޮންމެ ދިވެހި ދަރިޔެއްގެ މައްޗަށް ވާޖިބުވެގެން ވާ ކަމެއް މެއެވެ.

މިނިވަންކަމަކީ ހަމަ ކޮންމެ މީހެއްގެ މެ އިންސާނީ ޙައްޤަކަށް ވާ އިރު، އެ މީހަކު އެމީހެއްގެ އަމިއްލަ ޤައުމާއި، ދައުލަތާއި، ޢާއިލާޔާއި، ގޮވަތިގެދޮރާއި، މިލްކިއްޔާތުގެ މިނިވަންކަން ކަށަވަރުކޮށް، ރައްކައުތެރިކުރުމަކީ އެ މީހެއްގެ އިޖުތިމާޢީ ނުވަތަ ޖަމާޢިއްޔަ، އަދި ފަރުދީ މަސްއޫލިއްޔަތެއް މެއެވެ. އަދި މި ގޮތުން، ތިމާ ތިމާގެ މިނިވަންކަން ރައްކައުތެރި ކުރާ ބީދައިން އަނެކާޔަށް ވެސް އެކަން ކުރާނޭ ފުރުޞަތާއި ވެށި ހުޅުވިފައި އޮންނާނޭ ކަން ދަނެ، އަނެކާގެ ޙައްޤަށް އަރައިނުގަނެ ވޭތޯ ގަދައަޅައި ބެލުމަކީ ވެސް ހަމަ އެ ފަދަ އިޖުތިމާޢީ ނުވަތަ ޖަމާޢިއްޔަ، އަދި ފަރުދީ މަސްއޫލިއްޔަތެއްކަމާ މެދު ޝައްކެއް ނެތެވެ.

ކަން މިހެން އޮތަސް، އަޅުގަނޑުމެންގެ ތެރެއިން މަދު މީހެއްގެ ކިބައިން ނަމަވެސް ފެންނަ، ވަރަށް އާދައިގެ ކުދިކުދި ޢަމަލުތައް ވެސް މި ދެންނެވި އިޖުތިމާޢީ ނުވަތަ ޖަމާޢިއްޔަ، އަދި ފަރުދީ މަސްއޫލިއްޔަތުގެ އިމުން ބޭރުގައި ވާ ތަން ފެނުމަކީ ހައުދަހައި ދެރަ ކަމެކެވެ. އަދި އެއީ އަޅުގަނޑުމެން އެންމެން ވެސް އެ ކަންކަމާ މެދު ވިސްނާން ޖެހިފައިވާ ކަމެއް މެއެވެ. އަޅުގަނޑު މި ވާހަކަ މިހެން ދަންނަވައިގެން އަޅުގަނޑާ އެއްބަސްވެވަޑައިގަންނަވާނޭ ބޭބޭފުޅުން ތިއްބަވާނެއެވެ. ގިނަ ވެސް ވާނެއެވެ. އެހެނެއް ކަމަކު، ކަމާ ސީދާ ކޮންމެވެސް ސަބަބަކަށް ޓަކައި ނަމަވެސް އިދިކީލި ކޮންމެވެސް އެއްޗެއް ވިދާޅުވާން ބޭނުންފުޅުވެ، ބިދޭސީ ތަންތަނުން ޤާނޫނު ކިޔަވާވިދާޅުވެގެން ވަޑައިގެން ތިއްބަވާ ބޭފުޅުން މާ ސާފުކޮށް ވިދާޅުވެދެއްވާނޭ "އެޑް ހޮމިނެމް" އެއީ އެ ކަން ކުރެއްވުމުގައި އިސްކުރައްވާނޭ ޙުއްޖަތެއް ކަމުގައި ބޭނުންފުޅުކުރައްވާނޭ ބޭފުޅުން، މަދުމަދުން ނަމަވެސް ތިއްބަވާނެ މެއެވެ. އެހެނަސް…

ދުނިޔޭގައި ކީއްކުރާންތޯއޭ، އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގައި ވެސް، ޖާހުން މަތިވެރި، މާލުން ތިޔާގި، ޘަރުވަތުން ހައިބަތު ހުރި މީސްމީހުން ގޮސް އުޅޭ ތަންތަނާއި، އެ މީސްމީހުން އެކު އުޅޭ މީހުންނާއި، ކުރާ ޢަމަލުތައް ފެންނަ ހިސާބުހިސާބަކަށް އަޅުގަނޑުމެން ކަހަލަ މީހުންނަކަށް ނުދެވޭނެއެވެ. އަޅުގަނޑުމެން ކަހަލަ، ޒާތުން ބަލިކަށި، މާލުން މިސްކީނު، ތައުޘީރުން ކަމީނާ މީހަކަށް ފެންނާނީ އާދައިގެ ތަންތަނުން ފެންނާނޭ ކުދިކުދި ކަންކަމެވެ. އެހެންކަމުން، މިނިވަންކަމުގެ ކުލަޔާއި، ރަހަޔާއި، ވަހާއި، އެކި މީހުން މިނިވަންކަން ބޭނުންކުރާ ގޮތްތައް ވެސް އަޅުގަނޑުމެންނަށް ފެންނާނީ ކުދިކުދި ކަންކަމުންނެވެ. އައްސަވާށެވެ!

އަޅުގަނޑަކީ މާލޭގައި މި އޮންނަ ހެދިގޮނޑުށޭ ކިޔޭ ތަނަށް، ނުވަތަ ގިނަ މީހުންގެ އަތްމަތީ ބަހުރުވައިން ނަމަ "އާޓިފިޝަލް ބީޗް" އަށް ބައެއް ދުވަސްދުވަހު ހެނދުނާ ގޮސް އުޅޭ މީހަކީމެވެ. އަދި އެތަނަށް ގޮސް މޫދަށް އެރިލައި ވެސް އުޅެމެވެ. އެތަނުން ވެސް އަޅުގަނޑަށް ފެންނަ ގިނަ މީހުންނަކީ ތިމާގެ މިނިވަންކަމާއި އަނެކާގެ މިނިވަންކަމަށް ނުހަނު ކަމޭހިތައި، އެކަކު އަނެކަކަށް ބަލައިލައި، އަޅައިލައި، ނުދަންނަ މީހާޔަށް ވެސް ސަލާން ގޮވައިލައި، ދެކެފަރިތަވެއްޖެ ކޮންމެ މީހަކާ ދިމާޔަށް ހިނިތުންވެލައި، މިހެން އުޅޭ މީހުންނެވެ. އަދި އެއީ ދިވެހީންނޭ ބުނާން އަޅުގަނޑަށް ލިބުނީމައި އެކަމާ އަޅުގަނޑު އުހައުކުރާނޭ މީހުން މެއެވެ. އަދި ހަމަ އެޔާއެކު، ދެން އެ ތަނަށް ގޮސްއުޅޭނީ އެ ތަނަށް ގޮސްލައި، މޫދަށް އެރިލައި އުޅޭ، އަވަށްޓެރި ބައެއް ޤައުމުތަކުގެ ވަކި ޒާތެއްގެ ބަޔެކެވެ. އެ މީހުންނަށް ވެސް ބައެއް ފަހަރު އުޅެވޭ ސިޔާސަ ގޮތަކުން ތަނަށް ގޮސްއުޅޭ ބައެއް މީހުންގެ މިނިވަންކަމަށް ބައެއް ފަހަރު ހުރަސްއެޅުނަސް، ހަމަ ކުޑަ އިޝާރާތެއް ކޮށްލުމުން ނުހަނު އަވަހަށް އަޅުގަނޑުމެންގެ ޘަޤާފަތަށް ކަމޭހިތާން އެ މީހުން ދަސްކޮށްލާނެއެވެ. އެހެނަސް، އާދޭ! އަނެއްކާވެސް، އެހެނަސް…

މިދެންނެވި ތަނަށް މޫދަށް އެރިލާން ގޮސް އުޅޭ ބައެއް މީހުންނަކީ އެދުރުގެޔަށް ގޮސް އުޅުނު އިރު މިނިވަންކަމޭ ކިޔާ ލަފުޒެއް އެ މީހުންނަށް އަޑުނުއިވި ތިބި މީހުންނޭ އަޅުގަނޑަށް ހީކުރެވޭ ފަހަރު އާދެއެވެ. އެދުރުގެޔޭ މިދެންނެވީ ހަމަ ޤަޞްދުގައެވެ. އެހެނީ، އަޅުގަނޑު ދަންނަވާން މި އުޅޭ ޒާތުގެ ބައެއް ކަންކަން ފެންނަނީ ޒުވާނުންގެ ކިބަޔަކުން ނޫނެވެ. އަދި ކިއެއްތަ، އެ ބަޔަކާ ޒުވާންކަން ވަދާޢީ ސަލާންކޮށް މާ ދުރަށް ގޮސްފައިވާ، އެ މީހުން ކުރާ ކަމަކާ ނުރުހިގެން މީހަކު ކިތަންމެ ކުޑަ އެއްޗެއް ބުނެލިޔަސް، އެ އެއްޗެއް ބުނި މީހާޔާ މީހަކު ކާން ތައްޔާރުކުރަމުން ގެންދާ ދޮންކެއުވަކަކާ ހަމަ އިސާހިތަކު އެއްފަދަ ކޮށްލާ ޒާތުގެ މީހުންގެ ކިބައިންކަމަށް ވާތީއެވެ!

ދެތިން މިސާލެއް ދަންވައިލާނަމެވެ.

ހެދިގޮނޑުދޮށަށް ވާ ސަރަޙައްދުގެ ހުޅަނގު އުތުރު ކަންމަތީގައި ކަހަލަ ގޮތަކަށް އޮންނަ ފުޓްސަލް ދަނޑުގެ ހުޅަނގު ފަރާތުގައި ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރާން ހަދައިފައި އޮންނަ ހާމަ ތަނެއް އޮވެއެވެ. އެ ތަނުގައި އެކި މީސްމީހުން ބަހައްޓައިފައި ހުންނަ، ހަތަރު ފުރޮޅުލީ އެއްޗިއްސަކީ ދަވާދުން ރޮނގުދަމައި އިން ވަކިކޮށްފައިވާ ޖާގަޔެއް ކޮންމެ އުޅަނދަކަށް ކަނޑައެޅިގެން، ލަފާކުރެވޭ ގޮތުގައި އެއިން ކޮންމެ ޖާގަޔެއް ކޮންމެވެސް ކަހަލަ ކުއްޔަކަށް ހޯދައިގެން ބަހައްޓައިފައި ހުންނަ އެއްޗިހިކަމަށް އަޅުގަނޑު ހީކުރަމެވެ. މިހެން މި ދެންނެވީ، އެއިން ކޮންމެ ޖާގަޔެއްގައި ބާއްވައިފައި އޮންނަ ކޮންމެ އުޅަނދަކީ ކޮންމެ ދުވަހަކު ވެސް އެ އެއްޗެއްގެ ޖާގައިގައި އެ އެއްޗެއް އޮންނަ އެއްޗަކަށް ވާތީއެވެ. މި ގޮތުން، މި ދެންނެވި ޖާގަތަކުގެ ތެރެއިން އެންމެ ދެކުނަށް އޮންނަ ޖާގައިގައި ބާއްވައިފައި އޮންނަ ހުދުކުލައިގެ ކާރެއްގެ ކައިރީގައި ސައިކަލު ޕާކުކުރާ ވަރަށް މަދު ބަޔަކު އުޅެއެވެ. މި މީސްމީހުންގެ ސައިކަލު ބަހައްޓާ ކަންފަސޭހަ ގޮތުން، ކާރަށް އަރާން އަންނަ ޑުރައިވަރު ކާރުގެ ކަނާއަތްފަރާތު ކުރީ ދޮރު، ޔަޢުނީ ޑުރައިވަރު އިށީންނަ ގޮނޑިޔަށް އަރާން ހުޅުވާން ޖެހޭ ދޮރު، ސައިކަލު ދަމައި ދުރަށް ލުމަށް ފަހު މެނުވީ ހުޅުވޭނޭ ހަމަ އެއްވެސް ގޮތެއް ނޯންނާނެއެވެ. އަޅުގަނޑުގެ ސުވާލަކީ މިއީ ވެސް ޢާންމު ގޮތެއްގައި ސައިކަލު އެތާ ބަހައްޓާ ތަން އަޅުގަނޑަށް ފެންނަ، ދެވަންފުރައިގެ، ދެ ޖިންސުގެ، ދެތިން މީހުންގެ މިނިވަންކަމުގެ އިމުގެ ތެރެއިން ކުރެވޭ ކަމެއްތޯއޭ، މިއެވެ!

ދެން އެހެން ވާހަކަޔެކެވެ. ހެދިގޮނޑުދޮށަށް މޫދަށް އެރިލައި އުޅޭ މީހުން މޫދަށް އެރޭން ފަސޭހަޔަކަށް ހަދައިފައި ހުންނަ ތިން ސިޑި އެ ތަނުގައި ހުރެއެވެ. ތިން ސިޑީގެ ތެރެއިން މެދުގައި ހުންނަ ސިޑިޔަކީ އަޅުގަނޑަށް އެންމެ ފަސޭހަ ސިޑިކަމަށް ވާތީ…. ނޫން! ބައެއް ދުވަސްދުވަހު އެންމެ ފަސޭހަ ސިޑިޔަށް ވާތީ… އަޅުގަނޑު ބޭނުންކޮށް އުޅެނީ އެ ސިޑިއެވެ. ބައެއް ދުވަސްދުވަހުއޭ މި ދެންނެވީ ހަމަ ޤަޞްދުގައެވެ. އެއީ، އަޅުގަނޑު ދަންނަގޮތުގައި ސިޑި ބޭނުންކުރާ މީހުން ސިޑީން އަރައިފައިބާ އިރު ފަސޭހަޔަކަށް، ނުވަތަ ރައްކާތެރިކަމަށްޓަކައި ހިފައިލާން އެ ހުންނަ ދަގަނޑު، ނުވަތަ އިނގިރޭސި ބަހުން ދަންނަވާނަމަ "ރެއިލިންގް"، އެއީ އެ ބޭނުމަށް ހަދައި ހަރުކޮށްފައި ހުންނަ އެއްޗެކެވެ. އެހެންނަމަވެސް، އެ ދަގަނޑުގައި ހިފައިލައިގެން ނޫނީ ސިޑީން އަރައިފައިބައި ނުއުޅެވޭ މީހުންނަށް ދަގަނޑުގެ ބޭނުން ފުރިހަމަޔަށް ކީއްކުރާންތޯއޭ އެއްގޮތަކަށް ވެސް ނުކުރެވޭ ވަރަށް އެ ދަގަނޑުގައި ދަބަހާއި ކޮތަޅު އައްސައިފައި މޫދަށް އެރި އުޅޭ މީހުންނަކީ ވެސް ހަމަ އެ މީހުންގެ މިނިވަންކަމުގެ އިމުގައި ތިބެ އެ ކަން ކުރާ މީހުން ބާވައޭ އަޅުގަނޑު ހިތަށްއަރައެވެ!

އަދި ދަންނަވަންތޯއެވެ! މިދެންނެވި ސިޑީގެ ހަރުފަތްތަކަކީ މޫދަށް އެރި، މޫދުން އަރައި އުޅޭ މީހުން ބޭނުންކުރާން ހުންނަ ހަރުފަތްތަކަކަށް ވާތީ، އެ ހަރުފަތްތަކަކީ ބައެއް ކަހަލަ މީސްމީހުން މޫދަށް އެރޭ އިރު ފައިވާން ބަހައްޓާން ހުންނަ ހަރުތަކަކަށް އެ މީހުން ހަދައިފިއްޔާ، އެ މީހުންގެ ފަހުން މޫދަށް އެރޭން އެ ތަނަށް އަންނަ މީހުން ދެން ހަދާނީ ކިހިނެއްތޯއެވެ؟ އެ ތަނުން ފައިވާން ޖޯޑެއް ދުރަށް ޖައްސައިލައިފިއްޔާ، އެ ޖެހުނީ ކަމަކާއެވެ. އެއިން ފައިވާނެއްގެ މަތީގައި ފިޔަވަޅެއް އެޅިއްޖެ ނަމަ ވެސް ހަމަ އެ ފަދައެވެ. އަދި ކިއެއްތޯއޭ، އަނެކާ އަރައިފައި ހުންނަ ފައިވާންކިބަޔަކަށް ޖެހިލުމެއް ނެތި އަރާން ކެރޭނީ، ފަކުރު ނުގަންނާނީ، އެކެއްގައި ހުރި ހަމުގެ ބަލި އަނެކާޔަށް އަރައިފާނޭ ކަން ނުދަންނާނީ، ކިތަކަށް މީހުންތޯއެވެ؟ އެކަމަކު ވެސް، އެ ހަރުފަތްތައް ފައިވާން ބަހައްޓާ ހަރުގަނޑު ތަކަކަށް އުފަލާއެކު ބަދަލުކޮށްލާ މީހުން އެ ކަން އެ ކުރަނީ ހަމަ އެ މީހުންގެ މިނިވަންކަމުގެ ޙުދޫދުގެ ތެރޭގައި ކަށަވަރުކަމާ އެކު ތިބެ، އަނެއްކާ އެހެންނެއް ނޫންތޯއެވެ؟

ދެން އޮތީ ބަންދު ބައެއް ދުވަސްދުވަހު ހެދިގޮނޑުދޮށަށް ގޮސްލައި، މޫދަށް އެރިލައި، މަޖާކޮށްލައި އުޅޭ ބައެއް ކުދީންގެ ތެރެއިން މަދުން ނަމަވެސް ފެންނަ، ވަކި ޚާއްޞަ ސިފަތަކެއް ޢަމަލުން ދައްކާ، ވަކި ޚާއްޞަ އިންތަކެއް އެ ކުދީންގެ މިނިވަންކަމަށް އޮންނަ ކަން އެންމެން ދަންނާން ވާނޭ ކަން އެ ކުދީންނަށް އެނގޭ، ޚާއްޞަ ކުދީންކޮޅެއްގެ ވާހަކައެވެ. އަދި އެކުދީންނާއި އެތަނަށް ގަވައިދުން ގޮސް އުޅޭ، ދެވެލިފެންފަށުގައި ކަސްރަތަށް ހިނގައިލައި، އެއްފުރަޔެއްގެ އެހެން އަންހެނުންނާ އެކީ އިސްޕަންޖުނޫޑަލް ހިފައިގެން ގުނައިގެން ކަސްރަތު ކޮށްލައި، އެ ގޮތުން ހިތްއުފާކޮށްލާން އެތަނަށް ގޮސް އުޅޭ، ޢުމުރުން އެހައި ހަގު ނޫން އަންހެނުންނާ ދެމެދު އެ އޮންނަ، ބަސް މަދު، ޢަމަލު ގިނަ ގުޅުމުގެ ވާހަކައެވެ. އެއީ ވަރަށް ޚާއްޞަ ގުޅުމެކެވެ. އައްސަވާށެވެ!

މި ދަންނަވާ ޒާތުގެ ކުދީން އެތަނަށް ދާ އިރު ގެންދަނީ އާދައިގެ "ބީޗް ބޯލް" އޭ ކިޔާ ޒާތުގެ ބޯޅަޔެއް ނޫނެވެ. އޭގެ ބަދަލުގައި އެ މީހުން ގެންދަނީ ބައިނަލް އަޤްވާމީ ވޮލީބޯޅަ މުބާރާތްތަކުގައި ގެންގުޅޭން ހުއްދަކޮށްފައި ހުންނަ މަރުކާތަކުން މަރުކާޔެއްގެ "އޮރިޖިނަލް ކޮލިޓީ" ވޮލީބޯޅަޔެކެވެ. ބޯޅަ ހިފައިގެން މޫދަށް އެރުމަށް ފަހު، ތަނަށް މޫދަށް ގޮސް ތިބޭ މީހުންގެ ޢަދަދާއި، އެ ޢަދަދުގެ ނިސްބަތުން ތަން ކުޑަކަމާއި، ޖާގަޔަކީ އެންމެންގެ މައްޗަށް ބެހޭން ޖެހޭ ޖާގަޔެއް ކަމަށް ބެލުމަކީ އޮންނަ ކަމެއް ނޫން ކަމަށް ބަލައިގެން، ކޮންމެ ދެ ކުއްޖެއްގެ ދޭތެރޭގައި ތިރީހަކަށް ސާޅީހަކަށް ފޫޓު ހުންނަ ވަރަށް ތަން ބަހައިލައިގެން، ހިބަކޮށްލައިގެން، ހަޅޭފަޅޭލައިފައި އެއް ކުއްޖަކު އަނެއް ކުއްޖަކާ ދިމާޔަށް އެ ހަރު، ބަރު ބޯޅަ އުކާން ފެށީމައި… އެކަމާ ބިރުގަންނަ މީހުން އަވަހަށް މޫދުން އަރާން ވީއެވެ. ސިހޭ މީހުން ސިހިސިހި ތިބޭން ވީއެވެ. ގުރޫޕު ކަސްރަތު ކުރާ މީހުން އެކަން ކުރުން ހުއްޓައިލާން ވީއެވެ. އަދި އެއިން މީހެއްގެ ބޮލުގައި އެ ބޯޅައިން ޖެހި، ކުޑައިކޮށް އަނބުރައިގަނެ، ހެޔަށް ގޮތްވާ ގޮތް ވެއްޖިއްޔާ، އެއީ އެ މީހެއްގެ ޒާތީ މައްސަލަޔެކެވެ. އެހެނީ، އެ ކުދީން ގޮވައިގެން އެ ތަނަށް ގޮސް އިންނަ "ބޮޑުމީހާ" އެންމެ ފަހުގެ އައިފޯނު ހިފައިގެން، ތައިލޭންޑު ބާޒާރުން ލިބޭން ހުރި އެންމެ ކުލަގަދަ ލިޕްސްޓިކް ޖައްސައިގެން، އެތާ ހުންނަ ސިމެންތި ގޮނޑިޔެއްގައި އެއްމިޔަކަނުން ހެވިފައި އިންނާނޭ ވިއްޔާއެވެ! އޭނާގެ، އަދި އޭނާ ގޮވައިގެން ދިޔަ ކުދީންގެ މިނިވަންކަމުގެ ފުޅާ އިމުގައި ވެސް ތޯއްޗެކެވެ! އަޅުގަނޑަކަށް ވާ ނޭނގެއެވެ.

މިހައިތަނަށް އަޅުގަނޑު މި ދެންނެވީ ކުދިކުދި ކަންކަމުގެ ވާހަކައެވެ. އަޅުގަނޑުމެން ކަހަލަ "ކުދި" މީހުންނަށް ފެންނާނޭ ކުދިކުދި ކަންކަމުގެ ވާހަކައެވެ. އެހެންޏާ، ޑޮކްޓަރަށް ދައްކާން ހަސްފަތާލަށް ގޮސް ނަންބަރު ނަގައިގެން އިންތިޒާރުގައި ތިބޭ މީހުންގެ ފުރަގަހުގައި ހުންނަ ކުޑަ ބޭސްފިހާރައެއްގައި އިންނަ ބިދޭސީ މީހާ ރަށަށް ވިޑިޔޯކޯލް ކޮށްގެން ހަޅޭފަޅޭލަވާ ވަރުން މިވެނި ކައުންޓަރަށް މިވެ ނަންބަރެއް ނަގައިގެން އިން މީހާ ދާށޭ ބުނާ އަޑު ނުއިވުމާއި، ބަލިމީހުން އިންތިޒާރުގައި ތިބޭ ޖާގަ އެއީ ބިދޭސީ ނަރުހުން ވެސް ރަށަށް ފޯނުކޮށްގެން ޢާއިލާޔާ އަރައިރުންވާން ވީމައި ދާ ތަން ކަމަށް ހެދީމައި، އެހެރީ އަޅުގަނޑުމެންގެ މިނިވަންކަމުގެ ޙުދޫދުން އަތްފޯރާ ވަރަށް ވުރެ މަތީން ހިނގާ ކަންކަން ތޯއްޗެކެވެ. އޮފީސްއޮފީހަށް ވަޒީފާޔަށް ގޮސް ރަސްމީގަޑީގައި ފޯނުން ބާރަށް ލަވަޖަހައި، ބެރެކި ރައިވަރު ހަދައިގެން ކިޔައި، އަޑުގައި ނެތް ތަނަށް އެއް ސުލޫކެއްގެ ވެރި އެކަކު އަނެކަކާ ހީނސަމާސާކޮށް، ހަޅޭލައި އުޅުމަކީ ވެސް އެ ޒާތުގެ ކަންކަމެވެ. އެހެރައެހެރަ ކަންކަމުގެ މިނިވަންކަމީ އަޅުގަނޑުމެން ކަހަލަ މީހުންގެ ގަލަމާ އަރައިއަރަފޯދިގެން ނުވާ ކަންކަމަށް ވާތީ އެ ވާހަކަ އިހަށް ބާއްވާނަމެވެ.

އަދި އަޅުގަނޑުމެންގެ ތެރެއިން ގިނަ، ވިސްނޭ މީހުންގެ މިނިވަންކަމާއި، އެ މިނިވަންކަން ދަމަހައްޓާން ކުރާން ޖެހޭ ހަމަ ކޮންމެ ކަމެއް ކުރުމަކީ އެ ބައެއްގެ އިޖުތިމާޢީ ނުވަތަ ޖަމާޢިއްޔަ، އަދި ފަރުދީ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަން ދަންނަ މަސްއޫލުވެރި، އަމިއްލަ މަސްއޫލިއްޔަތަށް ފުރަގަސްނުދޭ ކޮންމެ ދިވެހި އެންމެހައި މުޥާޠިނުންނަށް މިނިވަންކަމުގެ މަރުޙަބާޔާ ތަހުނިޔާ އުފަލާއެކު ރައްދުކުރަމުން، އަޅުގަނޑު ގަލަމުގައި އިހަށް ދޯރި ޖަހައިލާނަމެވެ.