Support Us

ކޮލަމް: ރަންދެލި

ކޮލަމް ރަންދެލި: އަނެއްކާވެސް އީރާނަށް ހަމަލާދޭން ތައްޔާރުވުން- އިޒުރޭލުގެ ނުރައްކާތެރި އާ ޕްލޭން

މެދުއިރުމަތީގައި އަނެއްކާވެސް، ހަނގުރާމައިގެ ވިލާގަނޑެއް ނަގާ ބޯމަތިވަމުން އެބަ އާދެއެވެ. އީރާނުގެ މިސައިލް ބާރާއި ނިއުކުލިއާރ ޙަރަކާތްތައް މުޅިން ނައްތާލުމަށް އެކުލަވާލާފައިވާ، އައު އަދި ފުރިހަމަ އަސްކަރީ ޕްލޭނެއް، އިޒުރޭލުގެ ދިފާޢީ ވަޒީރު އިޒުރާއީލް ކަޓްޒް ވަނީ އިއްޔެ އިޢުލާން ކޮށްފައެވެ. އިޒުރޭލުން މިކަން އިޢުލާން ކޮށްފައިވަނީ މުޅި ސަރަހައްދު ގުޑުވާލި 12 ދުވަހުގެ ވަރުގަދަ ވައިގެ ހަނގުރާމައަކަށް ފަހު މާގިނައިރުތަކެއް ނުވަނީހެވެ.

އިޒުރޭލުގެ ކެބިނެޓާއި އަސްކަރީ ލީޑަޝިޕަށް އެންމެ ފަހުން ދިން އިރުޝާދުގައި ކަޓްޒް ބުނެފައިވަނީ، "އަހުރެމެން މި އުފަންކުރަނީ އީރާނުގެ ބެލިސްޓިކް މިސައިލް ސިނާޢަތް އެއްކޮށް ފުނޑާލައި، ކޮންމެ އަގެއް ދައްކައިގެން ވެސް ވައިގެ ޤާބިލުކަން ނައްތާލާ، އަދި ނިއުކުލިއާރ ޙަރަކާތްތައް އަލުން ފެށުން ހުއްޓުވޭނެ އެންފޯސްމަންޓް ޕްލޭނެއް" ކަމަށެވެ.

އިޒުރޭލުގެ ދިފާޢީ ވަޒީރު ބުނެފައިވަނީ، އީރާނުން އެ ޤައުމުގެ މިސައިލް ޕުރޮގްރާމް އަލުން އެކްޓިވޭޓް ކުރަން މަސައްކަތް ކުރާނަމަ، އިޒުރޭލުން ވަރުގަދަ ހަމަލާތަކެއްދީ އީރާނުގެ ދުވަސް ދުއްވާލާނެ ކަމަށެވެ. އިޒުރޭލުގެ މީޑިއާތަކަށް ދިން ބަސްދީގަތުމެއްގައި އޭނާ ހާމަކުރި ގޮތުގައި ދާދި ފަހުން ހިނގި ހަނގުރާމައިގެ ތެރޭގައި، އިޒުރޭލުގެ ޖާސޫސީ އިދާރާ މޮސާޑުން އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުالله ޢަލީ ޚާމަނާއީއަށް ސީދާ އަމާޒުކޮށްގެން ޙަމަލާއެއް ރާވާފައިވެއެވެ. އޭނާ ބުނި ގޮތުގައި، "ޚާމަނާއީ އަހުރެމެންގެ އަމާޒަށް އައިނަމަ އަހުރެމެން އޭނާ ނައްތާލީމުސް. އެކަމަކު، ޚާމަނާއީ ވަގުތުން ބިމުގެ އަޑީގެ ބިންގަރާހަކަށް ގެންގޮސް ރިވޮލިއުޝަނަރީ ގާރޑުންގެ އިސް ކޮމާންޑަރުންނާއި މުޢާމަލާތް ކުރުން ހުއްޓާލުމުން، އިޒުރޭލަށް އެއްވެސް ފުރުސަތެއް ނުލިބުނީ" އެވެ.

މި ހަމަނުޖެހުން ފެށިގެން އައީ، ޖޫން މަހުގެ 13 ވަނަ ދުވަހު އިޒުރޭލުން، އީރާނުގެ ޚައްސާސް ނިއުކުލިއާރ ފެސިލިޓީތަކާއި، މިސައިލް ފެކްޓްރީތަކާއި، ސަލާމަތީ ބާރުތަކުގެ އޮފީސްތަކަށް ކުއްލި ޙަމަލާތަކެއް ދިނުމުންނެވެ. މި ޙަމަލާތަކުގައި އީރާނުގެ އަސްކަރީ އިސް އޮފިޝަލުންނާއި 11 ނިއުކްލިއާ ސައިންސްވެރިން މަރުވެފައިވާ ކަމަށް އިޒުރޭލުން ބުނެފައިވެއެވެ. އޭގެ ތެރޭގައި، އީރާނުގެ ދިފާޢީ ސިކުނޑިތަކުގެ މުހިންމު ބައެއް ސިކުނޑިތައް ހިމެނެއެވެ. އަދި އީރާނުން ވަނީ، އެ ޙަމަލާއަށް ވަރުގަދައަށް ރައްދުދީ، ބިއުރުއް ސަބުޢު ނުވަތަ ބިރުޝީބާ، ހައިފާ އަދި ދެކުނުގެ އެހެން ސަރަޙައްދުތަކަށް ގިނަ ޢަދަދެއްގެ މިސައިލް ޙަމަލާތައްދީ، އެ ސަހަރުތައް ފުނޑުފުނޑުކޮށްލައި، އިޒުރޭލުގެ ބައެއް މީހުން މަރާލާ، އަދި ގިނަ ބަޔަކު ޒަޚަމްކޮށްލާފައެވެ.

ޖޫން މަހުގެ 25 ވަނަ ދުވަހު، އެމެރިކާ މެދުވެރިވެގެން ހަނގުރާމަ ހުއްޓާލުމަށް ނުރަސްމީކޮށް ދެފަރާތުން އެއްބަސްވެ، ހަނގުރާމަ ހުއްޓާލިއެވެ. ނަމަވެސް، ކޮންމެ ބަޔަކުވެސް ދަޢުވާ ކުރަނީ ހަނގުރާމަ ކާމިޔާބު ކުރީ އެބައިމީހުން ކަމަށެވެ. ހަނގުރާމަ ހުއްޓާލުމަށް އިޒުރޭލުން އެދުމަކީ، އީރާނަށް ހަނގުރާމަ ކާމިޔާބުވީ ކަމުގެ ވަރުގަދަ ހެއްކެއް ކަމަށް އީރާނުން ވަނީ ބުނެފައެވެ. އީރާނުގެ ދިފާއީ މިޢުމާރިއްޔަތަށް އިޢާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ދީފައިވާ ކަމަށް އިޒުރޭލުން ވަނީ ބުނެފައެވެ. މިހާރުގެ ޙާލަތާއި އިޒުރޭލުން އެންމެ ފަހުން ކުރި އިޢުލާނަށް ބަލާއިރު، ސުލްހައިގެ މި ދުވަސްކޮޅަކީ ހަމައެކަނި "ވަގުތީ ފިނިކަމެއް" ކަމަށް ބުނެވިދާނެއެވެ. އީރާނުން މިސައިލް އަދި ނިއުކުލިއާރ ޕްރޮގްރާމްތައް އަލުން ފަށަން މަސައްކަތް ކުރާނަމަ، ދެން ފަހަރަކުން މާ ވަރުގަދަ އަދި ފުޅާ ހަމަލާތަކެއް ދޭނެކަމަށް އިޒުރޭލުން ބުނެފައިވެއެވެ.

އީރާނުން ވެސް ވަނީ މި ވާހަކަތަކަށް ވަރުގަދަ ރައްދެއް ދީފައެވެ. ރިވޮލިއުޝަނަރީ ގާރޑުންގެ ކޮމާންޑަރުން ވަނީ އީރާނަށްދޭ ޢުދުވާނީ ކޮންމެ ޙަމަލާއަކަށް ދޭ ރައްދު "ކުރިއަށްވުރެ ވަރުގަދަވެފައި އަދި އަވަސްވާނެ" ކަމަށް ބުނެފަވެ. އަދި އީރާނަށް ލިބޭ ކޮންމެ ގެއްލުމެއްގެ ބަދަލު ހިފުމުގައި އީރާނުން ދެން ލަސް ނުކުރާނެއެވެ.

އިޒުރޭލާއި އީރާނާ ދެމެދު ބޮޑުވަމުން އަންނަ މި ހަމަނުޖެހުން ވަނީ، މުޅި ސަރަޙައްދު ހަނގުރާމައިގެ ތެރެއަށް ވައްޓާލާފައެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި މި ޕްލޭން ތަންފީޒުވެއްޖެނަމަ، އެއީ ހަމައެކަނި ދެޤައުމެއްގެ ހަނގުރާމައަކަށް ވެގެންނުދާނެ ކަމަށާއި، ސަރަހައްދީ ބޮޑެތި ބާރުތައް ވެސް އޭގެ ތެރެއަށް ވަންނާނެ ކަމަށެވެ. ދެ ފަރާތުން ވެސް ރަތް ރޮނގުތައް ދަމާފައިވާއިރު، މިފަހަރު ފުރަތަމަ ފިޔަވަޅު އަޅާނީ ކޮންބައެއްކަން ވަގުތާއެކު އެނގޭނެއެވެ. އެކަމަކު ޔަގީންވާ އެއް ކަމަކީ، މި ހަނގުރާމަ ވާނީ ހަމައެކަނި ހަތިޔާރާއި ގުޅޭ ހަނގުރާމައަކަށް ނޫން ކަމަށާއި، ޙިކުމަތާއި ކެތްތެރިކަމާއި ދުނިޔޭގެ ސިޔާސީ ނިންމުންތަކާ ގުޅޭ ހަނގުރާމައަކަށްވެސް ވެގެންދާނެ ކަމަށެވެ.