Support Us

ކޮލަމް ކަލާވެހި: މަރުދެކެ ބިރުގަތުމަކީ…

(ނޯޓު: މިއީ ހެޔޮ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ. އަދި މިއީ ދީނީ ޝިޢާރެއްކަމަށް ނުބެއްލެވުން އެދެމެވެ.)

މަރަކީ ހަމަ އެހައި ބިރުވެރި އެއްޗެއްކަމަށް ދެކޭ މީހުން އެހެން އެ ދެކެނީ ކީއްވެގެންބާވައޭ އަޅުގަނޑު ހިތަށްއަރައެވެ. އެހެނީ، މަރަކީ އެހައި ބޮޑު ބިރަކަށް ވާ މީހުންނަށް އެ ޙާލަތުގައި ތިބޭން އެ ޖެހެނީ ކޮން ކަހަލަ ސަބަބުތަކަކަށްޓަކައިކަމާ މެދު އަޅުގަނޑު ފިކުރުކޮށްލީމައި، އަޅުގަނޑުގެ ކުރިމައްޗަށް އައިސް އެ ހުއްޓިލަނީ އެތަކެއް ފިކުރާއި ސުވާލު މައްޗަށް އެކުލެވިގެންވާ ސަފެކެވެ. އެ ސަފުގައި އެތުރިލި ފިކުރުތަކާއި ސުވާލުތަކުގެ ގާތަށް ޖެހިލާނަމެވެ.

ފަހެ، މީހަކު މަރު ދެކެ ބިރުގަންނަނީ މަރުވީމައި ތިމާޔާ މެދު ދެން ކަން ވާނޭ ގޮތް ނޭނގޭތީ ބާވައެވެ؟ ކަން އޮތީ އެހެން ކަމަށް ދުނިޔޭގެ މަތީފަންތީގެ ބައެއް ޔުނިވަރސިޓީތަކުގައި ކިޔަވައިދެއްވާން އެ އުޅުއްވާ ބައެއް ބޭބޭފުޅުން އެބަ ވިދާޅުވެޔޯލައެވެ. އެ ބޭފުޅުން އެހެން ވިދާޅުވުމުގައި އެބޭފުޅުންނަށް ޞައްޙަކަމަށް ފެނިވަޑައިގަންނަވާ ކަންތައްތަކެއް ހުއްޓަސް، އަޅުގަނޑުމެން ކަހަލަ، ވަކި އިޢުތިޤާދެއްގައި ތިބި ބަޔަކަށް އަދި އެހެން ނުވެ ހިނގައިދާނެ، އެހެންނޫންތޯއެވެ؟ މަރުވީމައި ދެން ވާނޭ ގޮތް ހަމަ ހެޔޮހިތުން ޤަބޫލުކުރާ ބައެއް މަރުދެކެ އެހައި ބިރުގަންނާންވީ ސަބަބެއް އޮތިއްޔާ އޮންނާނީ މި ދުނިޔޭގައި އަޅުގަނޑުމެންނަށް އުޅެވިފައި އޮތް ކަމުނުދާ ގޮތެއް ދޫކޮށްނުލައި އެ ގޮތަކަށް އަދިވެސް އުޅެވޭ ނަމަ ނޫންތޯއެވެ؟ އެ ގޮތެއްދޫކޮށްލެވިއްޖެ ނަމަ، އެ ގޮތެއް ދޫކޮށްލި ހިސާބުން ދެން ކުރާން އޮންނަ މުހިންމު ކަންކަން ވެސް ނުކޮށް ދޫކޮށްލެވިފައި އޮތް ނަމަ ނޫންތޯއެވެ؟

ބައެއް މީހުން މަރު ދެކެ ބިރުގަންނަނީ ތިމާ މަރުވުމުން ތިމާ ދުނިޔޭގައި އުޅުނުއިރު ތިމާގެ ބާރުގެ ދަށުގައި ހުރި އެތައް ކަމެއްގެ ހުންގާނު ނުވަތަ "ކޮންޓްރޯލް" އެހެން ބައެއްގެ އަތްމައްޗަށް ގޮސް، ތިމާ ދުނިޔެއުޅެގެން ހޯދި މުދަލާއި މުއްސަނދިކަމާއި ތަނަވަސްކަން އެހެން ބައެއްގެ އަތްމައްޗަށް ހިނގައިދާނެތިއްޔޯލައެވެ. އަޅެ ވިސްނާވަޑައިގެން ބައްލަވާށެވެ. ކުއްޖެއްގެ ޢުމުރުން ފަސް މަސް ފުރުނު ދުވަހު، މައިމީހާ ނުވަތަ ބެލެނިވެރިޔާގެ އުރުގައި އިން އިރު އެ ކުއްޖާ ލައިގެން އިން ހެދުމާއި، ކޭ އެއްޗިއްސަކީ ހަމަ އެ ކުއްޖާ އަމިއްލަޔަށް ހޯދި އެއްޗިހި ބާވައެވެ؟ ނޫނެކެވެ! އެއީ އޭނާގެ މައިންބަފައިން ނުވަތަ ބެލެނިވެރީން ލޯތްބާއެކު އޭނާޔަށް ހޯދައިދިން އެއްޗިއްސެވެ. އެ ކުއްޖާގެ އިޚްތިޔާރެއް ނެތި، ޔަޢުނީ "ކޮންޓްރޯލް"އެއް ނެތި، އޭނާ ގާތު ހޭ ވެސް ނާހައި، ހޯދައިދިން އެއްޗިއްސެވެ. އެހެނެއް ކަމަކު، އެ ކަމުން އެ ކުއްޖާޔަށް ދެރަޔެއް ވިތޯއެވެ؟ ނޫން، ދެއްތޯއެވެ! އެހެން ވީ އިރު، މީހަކު މަރުވުމަށް ފަހު ދެން އޭނާޔަށް ވާނޭ ގޮތުގެ "ބެލެނިވެރި ފަރާތް" އެއީ އޭނާގެ މައިންބަފައިން ނުވަތަ ބެލެނިވެރީންނަށް ވުރެ ގުނާ ޢަދަދުކުރެވޭ ވަރަށް ވުރެ ބޮޑު ޢަދަދަކުން ގުނަކުރެވޭ ވަރުގެ ތަނަވަސްކަމާއި ޢަދުލުވެރިކަމާއި އިންސާފުގެ ވެރި ފަރާތްކަން ޔަޤީން ވާ އިރު، ތިމާ ދުނިޔެއުޅުނީ ޞައްޙަމަގަކުން ކަމަށް ވަންޏާ، އެ ފަރާތުގެ "އުރަށް" ދިޔުމަކީ ބިރުވެރި ކަމެއްތޯއެވެ؟ އެޔަށް ފަހު، ތިމާ ދުނިޔެއުޅުނު އިރު ހޯދި މާއްދީ މުއްސަނދިކަމާއި ތަނަވަސްކަން އެ ބާވަތްތަކުގެ ޞައްޙަ ވާރުތަވެރީންގެ މައްޗަށް އެނބުރުމަކީ ފަހެ އެކަމާ އުފާކުރާން ވީ ކަމެއް އަޅެ ނޫންތޯއެވެ؟

ބައެއް މީހުން މަރު ދެކެ ބިރުގަންނަނީ ތިމާ މަރުވުމުން ތިމާ ދުނިޔޭގައި އުޅުނުއިރު ތިމާގެ ބެލުމުގެ ދަށުގައި ތިބި، ތިމާ ލޯބިވާ މީހުންނާ މެދު ދެން ކަން ވާނޭ ގޮތެއް ނޭނގޭތީ ކަމަށް ބައެއް މީހުން ބުނެއުޅެއެވެ. މިކަމާ މެދު އަޅުގަނޑު ދަންނަވާނޭ އޮތީ ހަމަ އެއްޗެކެވެ. އެއީ، ރިޒްޤަކީ ކޮބައިކަން ރަނގަޅަށް ދަންނަ މީހެއްގެ ހިތުގައި އެ ބިރުވެރިކަމެއް ނޯންނާނޭހެން އަޅުގަނޑަށް ހީވާ ވާހަކައެވެ. ފަތިހާ ހައިބަނޑާ ހާލިން ނިކުމެގެން އުދުހިގަންނަ ދޫނި ރޭ ވާއިރަށް އެނބުރި އަންނަނީ ބަނޑުފުރައިލައިގެންނޭ އެ ބުނާ ބުނުން އެއީ ކޮން މަސްދަރަކުން އައި ބުނުމެއްކަން އެކަހަލަ ކަންކަން ރަނގަޅަށް ދެނެވަޑައިގަންނަވާ ޢާލިމުން އަރިހު އައްސަވައިލެއްވިއްޔާ ވާނީ ކިއެއްތޯ ކުރެވޭ ސުވާލާ އެކުވެފައިވާ ވާހަކައެވެ.

ދެން އޮތީ ސައިންސުގެ އަހުލުވެރީން ބުނެއުޅޭކަމަށް އަޅުގަނޑަށް އިވިފައިވާ ވާހަކައެކެވެ. އެއީ، މާއްދީ އެންމެހައި އެއްޗެއް އެ ބާވަތްތަކެއްގެ މައްޗަށް އުފެދިފައިވާކަމަށް ބުނާ އެންމެ ކުދި ޒައްރާތަކަކީ ވުޖޫދުން ފޮހެ ނުލެވޭނޭ އެއްޗިހިތަކެކޭ، އެ ޒައްރާތައް އެކުލެވިގެންވާ ގޮތްތަކާއި އެ އެކުލެވުންތަކުން އުފެދޭ މާއްދާތަކާއި، އެ ޒައްރާތައް އެހެން ޒައްރާތަކާ ގުޅިގެން އުފެދޭ މާއްދާތަކުގެ ބޭރުފުށުގެ ސިފަތަކާއި ޢަމަލީ ގޮތުން ޙަރަކާތްކުރާ ގޮތްތައް ތަފާތުވިޔަސް، އަޅުގަނޑުމެން މިހައިރު އެ ކައުނެއްގައި މިތިބަ ކައުނު ދެމިއޮތްހައި ހިނދަކު އެ ޒައްރާތައް ތާ އަބަދަށް ދެމިގެންވާނޭ ވާހަކައެވެ. އެހެންކަމަށް ވަންޏާ، އަޅުގަނޑުމެން މަރުވިޔަސް، އަޅުގަނޑުމެންގެ މާއްދީ ޒައްރާތައްވެސް… އެހެން ނޫންތޯއެވެ؟ އެހެންކަމަށް ވިޔަސް، މަރު އެއީ މުޅި ކައުނުގައި ލެއްވި ދިރުމުގެ ސިލްސިލާގެ ބައެއް ނޫންތޯއެވެ؟ ދެން އެކަމާ ބިރުގަންނާން ވޭތޯއެވެ؟

ދެން އޮތީ އެހެން ވާހަކަޔެކެވެ. ދުނިޔޭގައި އުޅޭއިރު ތިމާގެ އަޚާގެ ޙައްޤަކަށް އަރައިގަނެ، އަޚާޔަށް ވާރުތަވީ މުދަލަކަށް އަރައިގަނެ، އެ މުދަލަކުން ނާޖާއިޒު ފައިދާ ނަގައި، އެ ފަދަ ހުތުރު މަގުމަގުން އައްސުން ހޯދާ އެއްޗިހި ތިމާގެ އަނބިދަރީންނަށް ކާންދީ އުޅޭ މީހުންގެ ވާހަކައެވެ. މީސްމީހުންގެ މުދަލަށާއި، އަބުރަށާއި، ޢިއްޒަތަށް އަރައިގަންނަ މީހުންގެ ވާހަކައެވެ. ދެބައޮޑުވައި، ޣީބަބުނެ، އާޑަ ފުރައްސާރަކޮށް ހަދާ މީހުންގެ ވާހަކައެވެ. ވައްކަމާއި، ޓެކުމާއި ފޭރުމުގެ ޢަމަލުތައް ކުރާ މީހުންގެ ވާހަކައެވެ. އަނެކާޔަށް އަނިޔާއެއް ދިނުމަކީ އުފަލެއްކަމަށް ދެކޭ މީހުންގެ ވާހަކައެވެ…. މި ޒާތްޒާތަށް އިޝްތިރާކުދީގެން ދިރިއުޅޭ މީހުން މަރުދެކެ ބިރުގަންނަންޏާ އެ މީހުންނަށް އަދި ފުރުޞަތެއް އެބައޮތް ހެން ހީވާ ވާހަކަޔާއި، އެ ފަދަ މީހުން މަރުދެކެ ބިރުނުގަންނަންޏާ… ދެން ދަންނަވާނޭ އެއްޗެއް ނޭގެޔޭ ދަންނަވާނޭ ވާހަކައެވެ.