Support Us

ކޮލަމް ގަލަން: ސިޔާސީ ލީޑަރެއްގެ ސިފަތައް- 26

ސައްބީސް ވަނަ ސިފަ: މަސައްކަތްކުރުން

ސިޔާސީ ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ އެއް ސިފައަކީ މަސައްކަތްކުރުމުގެ ސިފައެވެ. އެއާ ނުލައި އެ މީހަކަށް ސިޔާސީ މައިދާނުގައި ކާމިޔާބު ނުލިބޭ ހުއްޓެވެ.

މާތް الله ރަހުމަތްލެއްވި أبوداود ރިވާކުރައްވައެވެ. އެއް ފަހަރަކު މީހަކު ކީރިތި ރަސޫލާ ﷺ ގެ އަރިހަށް އައިސް ސަލާންޖެހިއެވެ. އެ ހިނދު އެ ކަލޭގެފާނު އެ މީހާ ކުރެން އެއްސެވިއެވެ. ތިބާގެ ގޭގައި އެއްވެސް އެއްޗެއް އެބަ ވޭ ހެއްޔެވެ؟ އޭނާ ދެންނެވިއެވެ. އާދޭހެވެ! ރަޖާއެއް ވެއެވެ. އޭގެ އެއްބައި ފޭރާމުގެ ގޮތުގައި ބޭނުންކުރަމެވެ. އަދި އަނެއްބައި އީށީނުމަށް ބޭނުންކުރަމެވެ. އަދި ފެންއަޅާ ކަންވާރެއްވެއެވެ. އޭގައި ބޯފެން ރައްކައުކުރަމެވެ. ފަހެ ކީރިތި ރަސޫލާ ﷺ ހަދީސުކުރެއްވިއެވެ. އެތަކެތި ހިފައިގެން އަންނާށެވެ. އެ ހިނދު އެ މީހާ އެ ތަކެތި ހިފައިގެން ދިޔައެވެ. ފަހެ ކީރިތި ރަސޫލާ ﷺ އިޢުލާން ކުރެއްވިއެވެ. މި ތަކެތި ގަންނާނީ ކާކު ހެއްޔެވެ؟ އެތަނުން ބޭކަލަކު ވިދާޅުވިއެވެ. ތިމަންނަ ދިރުހަމަކަށް ގަނެފާނަމެވެ. ދެން ކީރިތި ރަސޫލާ ﷺ އަނެއް ފަހަރު އިއުލާންކުރެއްވިއެވެ. ދިރުހަމަކަށް ވުރެ އިތުރަށް ދީގެން ގަންނާނީ ކާކު ހެއްޔެވެ؟ އެ ހިނދު އެހެން ބޭކަލަކު ވިދާޅުވިއެވެ. ތިމަންނަ ދެ ދިރުހަމަށް ގަނެފާނަމެވެ. އެ ހިނދު އެ ބޭކަލަކަށް އެ ތަކެތި ދެ ދިރުހަމަށް ވިއްކެވިއެވެ. އަދި ދެ ދިރުހަމު ސަލާންޖެހި މީހާއަށް ދެއްވުމަށްފަހު ހަދީސުކުރެއްވިއެވެ. މިއިން އެއް ދިރުހަމަށް ތިބާގެ ގޭގެ މީހުންނަށް ޓަކައި ކާބޯތަކެތި ގަނެފައި ދޭށެވެ. އަދި އަނެއް ދިރުހަމަށް ކޯރާޑިއެއް ގަނެގެން ތިމަން ކަލޭގެފާނުގެ އަރިހަށް އަންނާށެވެ. ދެން އެ މީހާ ކޯރާޑިއެއް ގަނެގެން ގެނައުމުން އެ ކޯރާޑި އޭނާގެ އަތަށް ދެއްވުމަށްފަހު ހަދީސުކުރެއްވިއެވެ. ތިބާ މިކޯރާޑި ހިފައިގެންދާށެވެ. އަދި މިއިން ދަރުކޮށާށެވެ. އަދި ދަރުވިއްކާށެވެ. އަދި 15 ދުވަސް ފަހުން ނޫނީ ތިމަން ކަލޭގެފާނަށް ނުފެންނާށެވެ. ދެން އެމީހާ އެ ކޯރާޑި ހިފައިގެން ގޮސް ދަރުކޮށައި ވިއްކަން ފެށިއެވެ. އަދި 15 ދުވަސްފަހުން އެ މީހާ އެ ކަލޭގެފާނުގެ އަރިހަށް ހާޒިރުވި ހިނދު އަތުގައި 10 ދިރުހަމު އޮތެވެ. އަދި އޮނުފޭރާމާއި ކާބޯތަކެތި ހުއްޓެވެ. އެ ހިނދު ކީރިތި ރަސޫލާ ﷺ އޭނާއަށް ހަދީސު ކުރެއްވިއެވެ. ސަލާން ޖެހިކަމުގެ ނިޝާން ނިތްކުރީގައި ބަހައްޓައިގެން قيامة ދުވަހު މީސްތަކުން ކުރިމައްޗަށް އައުމަށްވުރެ މި ގޮތް ތިބާއަށް މާ ރަނގަޅު ނޫން ހެއްޔެވެ؟ ހަމަ ކަށަވަރުން ސަލާންޖެހުން ތިން ހާލަތެއްގައި މެނުވީ ހުއްދަވެގެނެއް ނުވެއެވެ. އެއީ فقيرކަން ނިހާޔަތަށް ބޮޑުވުމާއި އަދި ކުޅަދާނަ ނުވާ ވަރުގެ ބޮޑު ޖުރުމާނާއެއްގައި ބެދުމާއި އަދި މަރުގެ ދިޔައެއް ދިނުމަށް ނުކުޅެދުމުންނެވެ.[1]

މަސައްކަތް ކުރުމަކީ ކޮބައި؟

"މަސައްކަތް" މި لفظ އަކީ ވަރަށް ގިނަ މާނަ އެކުލެވޭ ލަފުޒެކެވެ. މި لفظ ބޭނުންކުރުމުން عام ގޮތެއްގައި ނެރެވޭ މާނައަކީ ދުނިޔެވީ މަސަތްކަތާއި އުޚުރަވީ މަސައްކަތެވެ.

ސިޔާސީ ލީޑަރުންގެ މައިގަނޑު މަސައްކަތް ބަހައިލުން

އިންސާނުންނަކީ ވަރަށް ގިނަ މަސައްކަތް ކުރަންޖެހޭ ބަޔެކެވެ. ނަމަވެސް ކޮންމެ ޚާއްސަ މަސައްކަތަކަށް ވަގުތެއް ޚާއްސަކުރުމަކީ ދުނިޔޭގެ އާދަތެކެވެ. އަދި ކާމިޔާބުކޮށްގަތުމަށް ޓަކައި އެ ފަދަ މަސައްކަތްތައް ބައިބަޔަށް ބަހައިލުމަކީ ވެސް ބައެއް ފަހަރަށް ކުރަންޖެހޭ ކަމެކެވެ. އެގޮތުން ބަލާއިރު ސިޔާސީ ލީޑަރުންގެ މަސައްކަތަކީ ވެސް ޚާއްސަ މަސައްކަތެކެވެ. އެހެންކަމުން ސިޔާސީ ލީޑަރުންގެ މަސައްކަތް މައިގަނޑު ދެ ބަޔަކަށް ބަހައިލެވިދާނެއެވެ. އެއީ އުޚުރަވީ މަސައްކަތާއި ދުނިޔެވީ މަސައްކަތްތަކެވެ.

އުޚުރަވީ މަސައްކަތް

ސިޔާސީ ލީޑަރުންގެ އުޚުރަވީ މަސައްކަތް ބިނާކުރެވެން ޖެހޭނީ اللهއަށް ކިޔަމަންތެރިވުމާއި އެ އިލާހަށް އަޅުކަން އަދާކުރުމާއި އެ އިލާހަށް ކުށްތަންވުމަށް ކުރެވޭ މަސައްކަތުގެ މައްޗަށެވެ. އެއިރުން ﷲގެ ރުއްސެވުން ލިބިގެން ކާމިޔަބީގެ މަގަށް ފައިތިލަ ސާބިތުކުރެވޭނެއެވެ.

މާތް الله ވަޙީކުރެއްވިއެވެ. فَاسْتَجَابَ لَهُمْ رَبُّهُمْ أَنِّي لَا أُضِيعُ عَمَلَ عَامِلٍ مِّنكُم مِّن ذَكَرٍ أَوْ أُنثَىٰ ۖ بَعْضُكُم مِّن بَعْضٍ([2]. މާނައީ:- ދެން، އެއުރެންގެ ވެރިރަސްކަލާނގެ އެއުރެންގެ دعاء އިޖާބަ ކުރެއްވިއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން ފިރިހެނުންކުރެ ނުވަތަ އަންހެނުންކުރެ عملކުރާ މީހެއްގެ عمل ތިމަން ރަސްކަލާނގެ ގެއްލެނި ނުކުރައްވާހުށީމެވެ. ތިޔަބައިމީހުންކުރެ އެއްބަޔަކު ވަނީ އަނެއްބަޔެއްގެ ކިބައިންނެވެ.

ދުނިޔެވީ މަސައްކަތް

ސިޔާސީ ލީޑަރުންގެ ދުނިޔެވީ މަސައްކަތުގެ ބޮޑުބައެއް ބިނާކުރެވެން ޖެހޭނީ ރައްޔަތުން ﷲއަށް ކިޔަމަންތެރިކުރުވުމަށާއި އެއުރްންގެ މެދުގައި އަދުލުއިންސާފު ގާއިމުކުޅައުމަށާއި އެއުރެންނަށް ހެޔޮގޮތުގައި ދުނިޔެ ފަސޭހަތްކޮށްދިނުމަށެވެ.

ސިޔާސީލީޑަރުންގެ ކާމިޔާބު ވަނީ މާޔޫސްނުވެ މަސައްކަތްކުރުމުގައި

މާޔޫސްނުވެ މަސައްކަތްކުރުމުގައި ދެމިހުރުމަކީ ކާމިޔާބުގެ ތަޅުދަނޑިއެވެ. އެ ކަމުގެ އިޝާރާތް ޤުރުއާނާއި ސުންނަތުން ލިބެއެވެ.

މާތް الله ވަޙީކުރެއްވިއެވެ. فَإِذَا قُضِيَتِ الصَّلَاةُ فَانتَشِرُوا فِي الْأَرْضِ وَابْتَغُوا مِن فَضْلِ اللَّهِ وَاذْكُرُوا اللَّهَ كَثِيرًا لَّعَلَّكُمْ تُفْلِحُونَ([3]. މާނައީ:- ފަހެ ނަމާދުކޮށް އަވަދިވެއްޖެހިނދު ފަހެ ތިޔަބައިމީހުން ބިމުގައި ފެތުރިގަންނާށެވެ! (އެބަހީ: حياةގެ މައިދާނަށް ނުކުންނާށެވެ!) އަދި ތިޔަބައިމީހުން اللَّهގެ فضلވަންތަކަމުން (ދެއްވުމަށް) އެދޭށެވެ! އަދި ތިޔަބައިމީހުން ގިނަގިނައިން اللَّه ހަނދުމަކުރާށެވެ! އެއީ ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައިއެވެ.

މާތް الله ވަޙީކުރެއްވިއެވެ. وَقُلِ اعْمَلُوا فَسَيَرَى اللَّهُ عَمَلَكُمْ وَرَسُولُهُ وَالْمُؤْمِنُونَ([4]. މާނައީ:- ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން عملކުރާށެވެ! ފަހެ، ތިޔަބައިމީހުންގެ عملތައް اللَّه ދެކެވޮޑިގެންވާނެތެވެ. އަދި އެކަލާނގެ رسولއާވެސް މެއެވެ. އަދި مؤمنތަކުން ވެސް މެއެވެ. އަދި ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެ حضرةއަށް ތިޔަބައިމީހުން ރައްދުކުރައްވާ ހުށްޓެވެ. ދެން ތިޔަބައިމީހުން ކޮށްއުޅުނު عملތަކުގެ خبر ތިޔަބައިމީހުންނަށް އެ ކަލާނގެ އަންގަވާނެތެވެ.

ސިޔާސީ މައިދާނުގައި މަސައްކަތް ކުރާމީހާގެ މައްޗަށް واجب ވެގެންވާ ކަންތައް

  • امانة ތެރިކަމާއެކު މަސައްކަތްކުރުން

ހަދީސެއްގައިވެއެވެ. «مَنْ غَشَّ فَلَيْسَ مِنِّي»[5]، މާނައީ:- މަކަރު ހަދާމީހާ ތިމަންކަލޭގެފާނުގެ އުއްމަތުގެ ތެރެއިން ނުވެއެވެ.

  • މަސައްކަތް ފުރިހަމަ ކުރުން.

ހަދީސެއްގައިވެއެވެ. «إِنَّ اللهَ يُحِبُّ إِذَا عَمِلَ أَحَدُكُمْ عَمَلًا أَنْ يُتْقِنَهُ[6]».މާނައީ:- ހަމަކަށަވަރުން الله تعالى ލޯބިވެތި ވޮޑިގެންނަވަނީ  ތިޔަބައިމީހުންގެ ތެރެއިން މީހަކު މަސައްކަތެއް ކުރަނީނަމަ އެކަމެއް ފުރިހަމަޔަށް ކުރުމަށެވެ.

[1] أخرجه أبوداؤد (1641) والنسائي(2/217) والترمزي(1/229) وابن ماجه(2198) وضعفه الباني في كتاب إرواء الغليل في تخريج أحاديث منار السبيل ( المتبة الشاملة ) ص 130

[2] سورة آل عمران: 195.

[3] سورة الجمعة: 10.

[4] سورة التوبة: 105.

[5] رواه مسلم، كتاب الإيمان، باب قول النبي صلى الله عليه وسلم: «مَنْ غَشَّنَا فَلَيْسَ مِنَّا»، (102).

[6] رواه أبو يعلى الموصلي في مسنده، مسند عائشة، (4386)، وصححه الألباني في صحيح الجامع الصغير وزياداته، (1880).