Support Us

ކޮލަމް ކަލާވެހި: އިދާރީ ބައެއް މީހުންނަކީ އެންމެ މަތީ ދަރަޖައިގެ ދަންނަމީހުންނެވެ.

އަޅުގަނޑުމެންގެ ތެރޭގައި ގިނަ މީހުން ދަންނަ، ލިޔުންތަކުން ވެސް ފެންނަ، ލަފުޒެއްކަމަށް ވަނީ ’ދަންނަބޭކަލުން‘ މި ލަފުޒެވެ. ’ދަންނަމީހުން‘ މިއީ ގިނަ ތިޔައިގެ ތެރެއިން ގިނަ ބޭފުޅުން ދެނެވަޑައިނުގަންނަވާ، ނުވަތަ ދެނެވަޑައިގަތަސް އެހައި ބޮޑަށް ގައިކޮޅާނުވާ ލަފުޒަކަށްވެސް ވެދާނެއެވެ. އެހެން ނަމަވެސް، ތިޔައިގެ ތެރެއިން ހަމަ ކޮންމެ ބޭފުޅަކީ ވެސް އެ ބޭފުޅެއްގެ ކުރިފުޅުމައްޗަށް ދަންނަމީހަކު އޭނާގެ ފުރިހަމަ އާރާއި ބާރާ އެކީގައި އަރައިފިތަ، ’ދަންނަމީހުން‘ މި ލަފުޒު ދިވެހިބަހުގެ ރަދީފުގައި ރަން އަކުރުން ފަވައިލައިފައި އޮންނާން ހަރުއަޑުފުޅުން ވިދާޅުވާނޭ ބޭފުޅެއްކަން ކަށަވަރެވެ.

އަޅުގަނޑު މި ދެންނެވި ޒާތުގެ ދަންނަމީހަކާ އަޅުގަނޑާ އެންމެ ފަހުން ބައްދަލުވި ދުވަހު ކަން ހިނގައިދިޔަ ގޮތް އެންމެ ބޭފުޅުން އަރިހު އަޅުގަނޑު ދަންނަވާނީ، އެ ދުވަހު ދިމާވި މީހާޔާއި ތަނާއި ޙާލަތުގެ މަޞްދަރުގެ ސިއްރު ހިފެހެއްޓުން އިސްކޮށް، ފުލޯކު ވާހަކަޔެއްގެ ސިފައިގައެވެ. އެއީ ދަންނަމީހާ ޙިމާޔަތްކުރުމުގެ ނިޔަތެއް އޮވެގެނެއް ނޫނެވެ. ތަނާއި ޙާލަތާއި އެ ތަނުގައި ދެން ތިބި އެހެން މީހުންނަކީ ކޮބައިކަން އެންމެނަށް އަންގާން ބޭނުންނުވާތީއެވެ.

ދުވަހަކީ ހަމަ ވަރަށް އާދައިގެ ދުވަހެކެވެ. ކުޅަދާނަ ވާހަކަދެއްކުންތެރީންގެ ގަލަމުން ސިފަކޮށްދީފައި އެ ހުންނަ ޒާތުގެ މޮޅު ސިފަކުރުންތަކަކުން ކޮންމެހެން ސިފަކުރާން ނުޖެހޭ ޒާތުގެ، ހަމަ ވަރަށް އާދައިގެ ދުވަހެކެވެ. އަޅުގަނޑަށް އެ ދުވަހު ހުރެވުނީ އަވަށްޓެރި ކަރަޔަކަށް އަމިއްލަ ބޭނުމަކު ގޮސްލައި، އެ ކަރައިގެ ވެރިރަށުގެ މެދުގައި ކަހަލަ ގޮތަކަށް ހުރި، ވަރަށް އާދައިގެ ހޮޓަލުން ކޮޓަރިޔެއް ކުއްޔަށް ހިފައިލައިގެން އެ ތާނގައެވެ.

ދުވަހުގެ ނާސްތާ ނިންމައިލައި، އަޅުގަނޑުގެ ދުވަހު މަސައްކަތް ފެށެން އޮތީ އެ ދުވަހުގެ މެންދުރުފަހުން ކަމަށް ވާތީ، އަޅުގަނޑު ޤަޞްދުކުރީ ކުޑައިކޮށް ހަމަޖެހިލައިގެން ރަށުތެރެ ބަލައިލާން ނިކުމެލާންކަމަށެވެ. އެ ދަނޑިވަޅުގައި އަޅުގަނޑުގެ ފޯނަށް އެ އައީ ފޯނުކޯލެކެވެ.

’އައްސަލާމް ޢަލައިކުމް! މިއީ އަހަންމަދުބޭ!‘ ފޯނުކުރި މީހާ ބުނެލިއެވެ. އޭނާގެ އަޑު އަޅުގަނޑުގެ ކަންފަތުގައި ހަމަ ޖެހުމާއެކު، އެއީ ކާކުކަން އަޅުގަނޑަށް އެނގުނެވެ. އެއީ އަޅުގަނޑުގެ ރަޙުމަތްތެރިޔަކަށް އަދި ނުވިޔަސް ރައްޓެހި، ގާތް މިތުރަކަށް ނުވިޔަސް ދެކެފަރިތަ، ހުވަންފުށީ އަހަންމަދުބޭ އެވެ. ތިމާ މިހުރީ ދެވަންފުރަޔަށް އެޅިފައިކަމުގެ އިޢުތިރާފެއްގައި އަދި ސޮއިނުކުރާން ފައިވިއްދައިގެން އުޅުނަސް، ދިވެހީންގެ ކެއިންބުއިމުގައި ގިނައިން ބޭނުންކޮށް އުޅޭ ބާވަތްތަކުން ނަންދީފައި ބަލިބައްޔަށް ބޭސްނުކުރާން ކަމަށް ފިސާރި އުޅުނަސް އެކަން ވެސް ކުރާން މަޖުބޫރުވެފައިވާ އަހަންމަދުބޭ އެވެ. ބައެއް މީހުން ބުނެއުޅޭ ގޮތުގައި އެއީ ފިސާރި ބޭކަލެކެވެ.

’ވަޢަލައިކުމުއްސަލާމް!‘ އަޅުގަނޑު ސަލާން ބަލައިގަތީމެވެ. އަދި އަހައިލެވުނެވެ.’ކޮބާ ކޮން ވަޑާމެއް؟ އަނެއްކާ މާލޭންތަ ތިޔަ ގުޅަނީ؟‘

’ނޫނޭ. ނޫނޭ! އަހަރެންވެސް މިހުރީ ހަމަ ކަލޭ ވެސް ތިޔަހުރި ހޮޓަލުގަޔޭ! އަހަރެން ދުށީމޭ ކަލޭ ބޭރު މޭޒު ދޮށުގައި ރަޖިސްޓަރީވާން ހުއްޓާ! އެހެން ވެޔޭ މި ގުޅަނީ!‘ އަހަންމަދުބޭ ބުނެލިއެވެ.

’އަނެއްކާ ބޮޑު ކަމެއް އޮތީތަ؟‘ އަޅުގަނޑު އަހައިލީމެވެ.

’ނޫނޭ، ބޮޑު ކަމެއް ނޫން! އެކަމަކު ކަމަކު ކިޔާން ކަމަށް!‘ އަހަންމަދުބޭ ބުނެލިއެވެ.

’އަނެއްކާ ކިހައިވަރެއްގެ ކަމެއްބާ؟‘ އަޅުގަނޑު އަހައިލީމެވެ. އަހަންމަދުބޭ ކަމަކު ކިޔައިފިއްޔާ އެ ކަމެއް ޢާޚިރުގައި ވެފައި އޮންނަނީ ބޮޑު ކަމަކަށެވެ. އެހެން ވީމައި…

’މިއަދު މަށާ އެކީ ޑޮކުޓަރަށް ޖައްސައިލައިދޭށޭ ބުނަން ކަމަށް!‘ އަހަންމަދުބޭ ބުނެލިއެވެ. ’މި އުޅެނީ އެއްކަލަ ފައިގައި އަދިވެސް ރިހޭތީ.‘

’އެހެންތަ؟ އެހެންވިއްޔާ އަހަރެން ހުންނާން ވާނީ އަހަންމަދުބޭ ގޮވައިގެން ތިޔަބުނާ ޑޮކުޓަރު ގާތަށް ދާން ތައްޔާރަކަށްނު؟ ހިނގާ އަވަހަށް ދަމާ! އަވަހަށް ތައްޔާރުވެލާ، އިނގޭ!‘ އަޅުގަނޑު މިހެން ބުނެފައި އަހަންމަދުބޭ ގޮވައިގެން އެ ބުނާ ކުލިނިކަކަށް ނުވަތަ ހަސްފަތާލަކަށް ދާން ތައްޔާރުވާން ފަށައިފީމެވެ.

ފަނަރަވަރަކަށް މިނެޓު ފަހުން އަޅުގަނޑު ތިރިޔަށް ފޭބި އިރު އަހަންމަދުބޭ ހުރީ އަޅުގަނޑަށް ވުރެ ކުރީން ތިރިޔަށް ފައިބައެވެ. އެހެން ކަމުން، ވީ އެންމެ އަވަހަކަށް ކާރެއް ހޯދައިލައިގެން، އޭނާ ގޮވައިގެން އަޅުގަނޑު ދިޔައީ އަހަންމަދުބޭ އެ ބުނާ ގަވަރުމަންޓު ހޮސްޕިޓަލަށެވެ.

އަޅުގަނޑުމެންގެ ނަސީބު ރަނގަޅުކަމުން، ގަވަރުމަންޓު ހޮސްޕިޓަލުގެ ކަމާބެހޭ ބައިގައި ޑޮކްޓަރަށް ދައްކާން ނަންބަރު ނަގައިގެން ތިބީ ދެތިން މީހެކެވެ. އެހެންކަމާ އެކު، ބައިގަޑިއިރުވެސް ނުވަނީސް އަޅުގަނޑުމެން ތިބީ ޑޮކްޓަރުގެ ކުރިމަތީގައެވެ. އަހަންމަދުބޭގެ ރިހޭ ފައިގެ ވާހަކަދައްކާށެވެ.

’ކޮބާ، ފައި އަދިވެސް ހަމަޔަކަށް ނޭޅެނީތަ؟‘ ޑޮކްޓަރަކަށް އިނީ ވަރަށް ހިތްހެޔޮ މިޒާޖެއްގެ މީހެކެވެ. އޭނާ އިނގިރޭސިބަހުން ބުނި އެތި ދިވެހިބަހަށް އަނބުރައިލާން އަޅުގަނޑަށް ވަރަށް ފަސޭހައެވެ.

’ޑޮކުޓަރު ހާދަ ހަނދާން ވެސް ގަދަޔޭ!‘ އަހަންމަދުބޭ ބުނެލިއެވެ. އަދި ދެރަވެލައިފައި ބުންޏެވެ. ’އާނ، ހަމަ އެ ފަޔޭ މިއީ. ރިހުން އަދިވެސް އެބަހުއްޓޭ!‘

އެވަގުތު، އެންމެ ކުޑަ މިނުން ދޮރުގައި ޓަކިވެސް ޖަހައިނުލައި، ކޮޓަރިތެރެޔަށް އެ ވަނީ ވަރަށް ނަލަކޮށް، އެ ރާއްޖޭގެ ހާމުދުރުން ވެސް ހިތްއުފާކުރާ ޒާތުގެ ގޮތަކަށް ހެދުންއަޅައިގެން ހުރި، ޒުވާންފުރަޔަށް އަލްވަދާޢުކިޔާން ތައްޔާރުވަމުން ދާ އަންހެނެކެވެ. އޭނާ އަޅައިގެން ހުރި ހެދުމަށް އަދިވެސް އެއް ފަހަރު ބަލައިލީމައި އެއީ ޑޮކްޓަރެއް ނުވަތަ ނަރުހެއް ނޫންކަން އެނގެއެވެ. އަޅުގަނޑަށް ލަފާކުރެވުނު ގޮތުގައި އެއީ ހަސްފަތާލުގެ އިދާރީ ހިސާބުގަނޑުގައި މެދު ފެންވަރެއްގެ ވަޒީފާއެއް އަދާކުރާ މީހެކެވެ.

’ޑޮކްޓަރ! މިހާރު ތިޔަ ބަލާ މީހާ އަދި އެކީ އައިސް އިން މީހާ އެއީ ބިދޭސީންތަ؟‘ އެ މީހާ ޑޮކްޓަރު ގާތު ވަރަށް ރަސްމީ ރާގަކަށް އަހައިލިއެވެ. އަޅުގަނޑުމެން އެތާ ތިއްބައި، އަޅުގަނޑުމެން ގާތު އެއްވެސް އެއްޗެއް އަހައިލުމެއް ކަހައިލުމެއް ނެތި، އަޅުގަނޑުމެންނާ ބެހޭ އެއްޗެއް މި އެހީ ޑޮކްޓަރު ގާތުގައެވެ. އޭ، މިގޭ ފާރުބުޑުގައި މިއޮތް ބަކަރި މިއީ ކަލޭގެ ބަކަރިޔެއްހޭ އަހާ އުސޫލުންނެވެ.

’އާނ، އެއީ މިރަށު ރައްޔިތުންނެއް ނޫން! އެކަމަކު ބަލިމީހާޔަކީ އަހަރެންގެ ޕޭޝަންޓެއް.‘ ޑޮކްޓަރު ޖަވާބުދިނެވެ.

’ކަލޭމެން މިތާނގައި ބިދޭސީންގެ ގޮތުގައި ރަޖިސްޓަރީކޮށްފައި އޮންނާނެތަ؟‘ އޭނާ އިރުކޮޅަކަށް ނަމަވެސް ހަމަބިމަށް ފައިބައި، އަޅުގަނޑުމެންނާ ސުވާލުކޮށްލިއެވެ. ކަމާ އެކަށޭނަ ބޮޑާކަމަކާއި ކިބުރުވެރިކަމުގެ އަސަރެއް ހުރި ރަސްމީ ރާގަކުންނެވެ.

’ޑޮކްޓަރ! މިއީ ކޮން ބޭކަނބަލެއްތޯ؟‘ އަޅުގަނޑު އަހައިލީމެވެ.

’މިތާނގެ އިދާރީ މުވައްޒަފެއް!‘ ޑޮކްޓަރު ޖަވާބުދިނެވެ.

’ކަލޭމެންނަކަށް ނުޖެހޭ މަށާ ސުވާލުކުރާކަށް!‘ އިދާރީ ކަމަނާ ކުޑައިކޮށް ރުޅިއައި ކަހަލައެވެ. ދެން އަހައިލިއެވެ.’ފައިގައި ރިހޭތީ ދޯ ތިޔަ އައީ؟‘

’އާނ! ރިހޭތިއްޔޭ މިއައީ!‘ އަހަންމަދުބެޔަށް އަމާޒުވި ސުވާލު އޭނާޔަށް އޮޅުންފިލުވައިދީ، އޭނާ ދިން ޖަވާބު އިދާރީ ކަމަނާޔަށް ރައްދުކޮށްދޭން ހުރި ތަރުޖަމާނަށް ވީ އަޅުގަނޑެވެ.

’ރިހުން ރަނގަޅެއް ނުވޭތަ؟ ކޮން ބޭހެއް މިހާރު ކަނީ؟ ބޭސް ބަދަލުކުރާން ބޭނުންތަ؟ އެހެން ވިއްޔާ އިތުރު އަގެއް ނެގޭނެ!‘ އިދާރީ ކަމަނާ ބުނެލިއެވެ.

އިދާރީ ކަމަނާ ކުރާން ޖެހޭ ސުވާލާއި ކުރާން ނުޖެހޭ ސުވާލުގެ ފަލްސަފީ ޒުވާބަކަށް ދާން އަޅުގަނޑެއް ބޭނުމެއްނުވިއެވެ. އެހެންކަމުން އަޅުގަނޑު އިތުރު އެއްޗެއް ނުބުނެ މަޑުން އިނީއެވެ. ޑޮކްޓަރުވެސް އިތުރު އެއްޗެއް ނުބުނެ މަޑުން އިނީމައެވެ.

’ކަސްރަތުކުރީމައި ރިހުމަށް ބަދަލެއް އާދޭތަ؟ ނޫނިއްޔާ ފިޒިޔޯ ހެދީމައި ލުއިވޭތަ؟ ބޮލުގައި ރިއްސާތަ؟ ކެއްސާތަ؟ ހުން އާދޭތަ؟ މިކަރައިގެ ސައިފަތުން ހަދައިފައި ހުރި ހޫނު ސައިތައްޓެއް ނުބޮއި ނިދައިފި ރެޔަކު ހީކަރުވާތަ؟ ބިރުވެރި ހުވަފެން ފެނޭތަ؟ ހުތް އެއްޗިހި ކާހިތްވޭތަ؟ ހިކިމަސް ފެނުނީމައި ވިންދު އަވަސްވެ، ނޭވާ ކުރުވެ، މުގުރިހަ މަތީން ފޫހިވޭތަ؟‘ އިދާރީ ކަމަނާ ސުވާލުފައްޗެއް އަމުނައިލިއެވެ.

އިދާރާ ކަމަނާ އެ ސުވާލުތައް އެ ކުރީ ޑޮކްޓަރެއްގެ ހައިސިއްޔަތުންކަމެއް، ނޫނީ ކޮންމެވެސް އެހެން ހައިސިއްޔަތަކުން ކަމެއް އަޅުގަނޑަކަށް ނުވިސްނުނެވެ. ޑޮކްޓަރަކު ނޫނީ އެ ތަނާއި އެ ޙާލަތުގައި ބަލިމީހެއް ގާތު ކޮށްގެން ނުވާނޭ ސުވާލުތަކެއް ވެސް އޭގެ ތެރޭގައި ހިމެނޭހެން އަޅުގަނޑަށް ހީވިއެވެ. ރަށު ސައިފަތް އިޝްތިހާރުކޮށް ނޫނީ ވިއްކާން އުޅޭ މީހަކު ކުރާނޭ ޒާތުގެ ސުވާލެއް ދޭތެރެޔަކުން ކޮށްލިހެން ވެސް ހީވިއެވެ.

ޑޮކްޓަރު ހަމަ އެއްވެސް އެއްޗެއް ނުބުނެ ދެންވެސް މަޑުން އިނީއެވެ.

’އަޅުގަނޑުމެން ކަމަނާ އަރިހު ސުވާލުކުރާކަށް ނުޖެހެޔޭ ހަމަ ކުޑަ އިރުކޮޅެއް ކުރީން ވިދާޅުވެފައި، ކަމަނާ ތިޔަ ކުރައްވަނީ ކުރައްވާން ޖެހިވަޑައިގަންނަވާ ސުވާލުތަކެއްތޯ؟ އަޅުގަނޑު ބޭނުން މި ހޮސްޕިޓަލްގެ ޖެނެރަލް މެނޭޖަރާ މި ދެންނެވި ސުވާލުކޮށްލާން. އަޅުގަނޑާ އޭނާޔާ މިއީ ކުޑަ އިރު އެއް ކުލާހެއްގައި އެކީ އުޅުނު ދެ މީހުންކަމަށް ވާތީ، އަޅުގަނޑަށް އެކަން ވަރަށް ފަސޭހައިން ކޮށްލެވޭނެ.‘

އިދާރީ ކަމަނާ މޫނަށް ފާޑެއްގެ ވައްތަރުތަކެއް ޖައްސައިގެންފައި ކުއްލިޔަކަށް ނިކުމެގެން ހިނގައްޖެއެވެ. ޑޮކްޓަރު ފާޑަކަށް ހިނިތުންވެފައި ބަލަހައްޓައިގެން އިނެވެ. ލަފާކުރެވޭ ގޮތުގައި އޭނާ އަދިވެސް އެ އިނީ އިދާރީ ކަމަނާގެ ފަރާތުން އޭނާގެ ވަޒީފާޔަށް ކޮންމެވެސް ކަހަލަ އުނިކަމެއް އަތުވެދާނެތީ ގަންނާކުރެއްވި ބިރުންނެވެ.

އަޅުގަނޑުމެންގެ ނަސީބު ރަނގަޅުކަމުން އެ ދުވަހުގެ ކަންތައްތައް ދެން ދިޔައީ ރަނގަޅަށެވެ.

އެކަމަަކު، އެ ދުވަހު އެ ދިމާވި ކަހަލަ ކަމެއް ރާއްޖޭގެ ހަސްފަތާލަކުން ދިވެއްސަކަށް ދިމާވި ނަމަ، މަޔަކު އޭނާގެ ދަރިޔަކު ގޮވައިގެން ޑޮކްޓަރަށް ދައްކާން ވަދެ އިންދައި އެ ތަނަށް އިދާރީ މުވައްޒަކު ޓަކިނުޖަހައި ވަދެ، ހުންއާދޭތޯ، މޭނުބައިކުރޭތޯ ދަރިފުޅު ގާތު އަހައި ހެދި ނަމަ ދެން ވާނީ ކިހިނެއްބާވައޭ އަޅުގަނޑު ހިތަށްއެރިއެވެ. އަދި ރާއްޖެޔަކީ އެހައި ނާތަހުޒީބު ހިސާބަކަށް ގޮސްފައިވާ ތާކަށް ނުވާތީ، އަހަންމަދުބޭ ފައިގައި ރިހިލާއިރަށް އެ ދާ ކަރަ ފަދަ ތަންތަނަށް ގޮސް އެތަންތާނގެ ހަސްފަތާލުތަކުގައި އެ ތިބޭ އިދާރީ މުވައްޒަފުންނާ ކުރިމަތިލާން އެހެން މީހުން ވެސް އެތަންތަނަށް ދާތީ އެކަމާ ހިތާހިތާ ސުވާލުކޮށްލައި، ރާއްޖޭގެ ކަންކަން އަދި އެ މަގުން ނުދާތީ ކޮޅުގެކޮޅަށް ޝުކުރުކުރީމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2

2 Responses

  1. ރާއްޖޭގަ ސަރުކާރުން ހިންގާ ބޮޑު ހޮސްޕިޓަލެއްގައި ހަމަ ތިޔަ ކަންތައް ދޭތެރެދޭތެރެއިން މިހާރު އެބަ ހިނގާ!

  2. ހަގީގަތަކީ ތިޔަ އަވަށްޓެރިތަންތަނަށް ވުރެ، ރާއްޖެ މާ ބޮޑަށް ވެސް ރަނގަޅު. އެކަމަކު "ރަށު އޮނުފުމޭ މީހާ ފުމޭ ރާގު ރަށު މީހުންނަށް ރީތިނުވާ ފަދައިން، ރާއްޖޭން ބޭރު ވެއްޖިއްޔާ ރަނގަޅުވާ އުސޫލުން ރަނގަޅުވަނީ." ކީއްތޯ ކުރާނީ؟ ވަރަށް ކިޔާ ހތުން ކިޔައިލެވުނު ލިޔުމެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *