Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: އިސްތިޢުމާރުގެ ކުރީން ފޯޅަވައްސަކީ ދިވެހީންގެ ތަނެކެވެ!

ފޯޅަވައްސަކީ، ހަމައެކަނި ދިވެހި ދައުލަތުގެ ތަނެކެވެ. ދިވެހި ދައުލަތުގެ މިލްކެކެވެ. ދިވެހިރާއްޖޭގެ ފަޅުރަށްތަކެކެވެ. ރަށެއް، ދިވެހި ރާއްޖޭގެ ރަށަކަށްވަނީ އެ ރަށެއްގައި ދިވެހީން ދިރިއުޅުނީމައެއް ނޫނެވެ. ނުވަތަ ދިރިއުޅޭތީއެއްވެސް ނޫނެވެ. ނުވަތަ މީހަކު އޭނާގެ ގިފިލީ ދޮތުފަތުގައި ނުވަތަ މަންމަ ބައްޕަގެ މަހާނައިގެ ގަލެއްގައި ލިޔެފައި އޮތީމާއެއްވެސް ނޫނެވެ.

އާނއެކެވެ! އެފްރިކާ ބައްރުގެ އިރުމަތީގައި މިއޮތް މާސިންގާ ދިވެހިކަނޑަށް، ހުޅަނގުގެ ބާރުތައް ވަނުމުގެ ކުރިން އިސްވެދިޔަހައި ޒަމާނެއްގައިވެސް ފޯޅަވައްސާއި މަލިކާއި މަލިކުގެ އުތުރުން ހުރި ހުރިހައި ޖަޒީރާ ތަކާއި އިންޑޮނޭޝިޔާގެ ބަނޑުދަށުގައި ހުރި ހުރިހައި ޖަޒީރާ ރަށަކާއި އަދި ޢަރަބި ކަރައާއި އެފްރިކާ ބައްރުގެ އިރުންހުރި ހުރިހައި ޖަޒީރާ ރަށްތަކަކީވެސް ހަމަ މި ދިވެހި ދައުލަތުގެ މިލްކު ރަށްރަށެވެ.

ދޮން ބަންޑާރައިންނާއި އޭގެ ކުރީގައި އިސްވެދިޔަ 2000 އަހަރަށްވުރެ ދިގު މާޒީގައި މެދުކެނޑުމެއް ނެތި ދެމިއޮންނަކަން އެނގޭން އޮތް، ދިވެހި ދައުލަތުގެ ރަސްކަން ކުރެއްވި ރަސްރަސްކަލުންގެ ތާނިޔާގައި "ބާރަހާސް ޖަޒީރާގެ ވެރި ރަސްގެފާނު" ކަމަށް އޮންނަ އޮތުމުގެ އަސްލަކީވެސް އެއެވެ.

ހޮޅީން މާލޭގެ އެތައް ތަނަކާއި ގަނޑުވަރު އަންދާލުމުގައްޔާއި، އަތިރީގެ އިބްރާހީމް ދޮށިމޭނާކިލެގެފާނު ޖެހި ބޮޑުހުޅުގައި އަނދައިގެން ނުގޮސް ހުރި، ހައެެެއްކަ ފަތްފުށް ފެނިގެން ތާރީޚްވެރީން ކަމަށް ދައުވާކޮށްކޮށް ތިބޭ ބަޔަކަށް އެ ދެ ހުޅުގެ އަސްލާއި، ދިވެހީންގެ ތާރީޚުތަކާއި ފޯޅަވައްސާއި ލަކުޑިދީޕާއި، އަމިނިދީޕާއި، ސުވަރުނަދީޕާއި، ތޭންގަދީޕާއި، ފެހެންދީޕުގެ ވަގުފު ފަތްކޮޅުތަކާއި ވަރުވާގެ ފަތްކޮޅުތައް ނެތިގެންދިޔަކަން ނުވިސްނި އޮވެދާނެއެވެ.

އަދި، 1550 ވަނަ އަހަރުން ފެށިގެން 1632 ވަނަ އަހަރުގެ ނިޔަލަށް 82 އަހަރުވާންދެން، ދިވެހި ރަސްކަން އެރަސްކަލެއްގެ ބާރުދަށުގައި އޮތް ރަސްކަލަކަށްވުރެ ބޮޑަށް، އިހަކަށް ދުވަހަކު ހައެއްކަ މަހާނަގަލުގެ މަދަރުސާއަކުން ތާރީޚު ދަސްކޮށްގެން އުޅޭ ބަޔަކަށް، ދިވެހި ދައުލަތާއި ދައުލަތުގެ މިލްކިއްޔާތާއި ދައުލަތުގެ ސިޔާދަތީއިން، އެނގޭކަމަށް، ފަހުގެ ޖުމުހޫރީ ސަރުކާރެއްގެ ވެރީން ހީކޮށްގެން ދިވެހިގައުމުގެ އިމުގެ ބޮޑުބައެއް ބޭރު ދައުލަތަކަށް ދޫކޮށްލި ދޫކޮށްލުމީ، ކަނޑުކޮސް ކަމުގެވެސް އިންތިހާ ކަމަށް ގަބޫލުނުކޮށް ފުދޭނެހެއްޔެވެ؟

ފަހެ، ބާރުގަދަ ގައުމަކުން އެބައެއްގެ އެ ބާރު އޮތަތީ، އެ ބާރު އޮތްހައި ހިނދަކު، ބައެއްގެ ތަނެއް، އެއްޗެއް، އަތްތަށުލައިގެން ތިބޭ އުސޫލެއް ދުނިޔޭގައި ހިނގާނަމަވެސް، ބައިނަލްއަގްވާމީ ގޮތުން ކަންކަން ކުރަން ލާޒިމުކުރާ ހަމަތަކަކާއި އުސޫލުތަކެއްވެސް ކަނޑައެޅިފައި އޮވެއެވެ. އެގޮތުން ފޯޅަވައްސަކީ ކޮލޮނައިޒް ކޮށްފައިވާ ތަނެއްކަމަށް ޔޫއެން އިން ކަނޑައަޅާފައި ވެއެވެ. އަދި ފޯޅަވަހި ޑީކޮލޮނައިޒް ކުރުމަށްވެސް ކަނޑައަޅާފައި ވެއެވެ.

މޮރިޝަސް އެވެކިޔާ ގައުމާ، އެތަން ހަވާލުކުރުމަކަށް ޔޫއެން އަކުންނެއް އަދި އެހެންވެސް ތާކުންނެއް އިނގިރޭސީންގެ މައްޗަކަށް އަމުރެއްކޮށް އަންގައި ލާޒިމުކޮށްފައެއް އަދިއެއް ނެތެވެ. އަންގައިފައި އޮންނަނީ ފޯޅަވަހި ޑީކޮލޮނައިޒް ކުރަން ޖެހޭ ކަމަށެވެ.

މޮރިޝަސްއަކީ، ފޯޅަވަހީގައި ފަރަންސޭސީން އަޅުމަސައްކަތް ކުރުމަށް އެތަން މިތަނުން ގަދަކަމުން ގެންގޮސް ބައިތިއްބާފައިވާ މީސްކޮޅު، އެތަނުން ބާލައިގެން ގެންގޮސް، އިނގިރޭސީން އަލައިލި ތަނެކެވެ. އަދި 1968 ވަނަ އަހަރު ދައުލަތެއްގެ ގޮތުގައި އިނގިރޭސީންގެ ބާރުގައި ހަމަޖައްސައިދީފައިވާ ހަގު ތަނެކެވެ. ނުވަތަ ގައުމެކެވެ.

މޮރިޝަސް އެވެކިޔާ ގައުމު އަލަށްވެސް ވުޖޫދަށް ގެނައީ، ފަރަންސޭސީން ފޯޅަވައްސަށް އެރިތާ 195 އަހަރު ފަހުންކަން އެނގޭން އޮންނަ އޮތުމަށް ނަޒަރު ކުރާއިރު، ޑީކޮލޮނައިޒް ކުރުމަށް ޔޫއެންއިން ކަނޑައަޅާފައިވާ އުސޫލުގެދަށުން، ފޯޅަވަހި މޮރިޝަސްއާ ހަވާލު ކުރެވޭނޭ އެއްވެސް ހަމައެއް ނޯވެއެވެ. އެެހެން ވެއްޖެނަމަ އެކަންވާނީ ފޯޅަވަހި ޑީކޮލޮނައިޒް ކުރުން ފިޔަވައި އަނެއްކާވެސް ކޮލޮނައިޒް ދެމެހެއްޓުމުގެ އައު ބާބެއް ހުޅުވިގެން ދިއުން ކަމުގައެވެ. އަދި އެކަން ވެގެންދާނީ، ފަރަންސޭސީންގެ ކިބައިން އިނގިރޭސީންގެ އަތްމައްޗަށް ފޯޅަވަހީގެ ކޮލޮނައިޒް ފުރޮޅައިލި ފުރޮޅައިލުންފަދަ ކަމަކަށެވެ.

ހަސަން ރަސްގެފާނަކީ ކާފަރެއް ކަމަށް ހަދައިގެންވިޔަސް އެރަސްގެފާނު ޕޯޗްގީޒް ރާޖާއަށް ފޮނުއްވި ފަތްކޮޅު ބާޠިލްކަމަށް، ބައިނަލްއަގްވާމީ ހަމަތައްވެސް ނުވިސްނޭ ތާރީޚީ ވެރިން ލިޔެހަދާފައިވާތީ ފެނެއެވެ. ބައިނަލްއަގްވާމީ ހަމަތަކުގައި އެއްވެސް ދައުލަތެއްގެ ވެރިޔަކު އަނެއް ދައުލަތަކަށް ފޮނުވާ ލިޔުން ސައްހަވަނީ އެ ވެރިއެއްގެ ދީނަށް ބަލައިގެން ނޫންކަން އެނގޭވަރަށް އެމީހުންނަށް ހޭވެރި ނުވެވެނީ ކަމަށްވެސް ވެދާނެއެވެ.

ހަމަ ގައިމުވެސް އެމެރިކާގެ ވެރީންނާއި އިނގިރޭސިވިލާތުގެ ވެރިންނަނީ އިސްލާމުންނެއް ނޫނެވެ. އެކަމަކު އެމީހުން އެކިއެކި ގައުމުތަކަށް ފޮނުވާ ލިޔުންތަކާ ސިޓީތައް ބާޠިލްކަމަށް ކިޔައި އުޅޭތީއެއް އަދިއެއް އަޑެއް ނާހަމަވެ.

ސަލާމަތް ބުއްދި ހުރި މީހަކު އޭނާގެ އަމިއްލަ ގައުމާ ދެކޮށްލިޔެ އެހެން ބައެއްގެ މަޞްލަޙަތު އިސްކުރާން އުޅޭނެ ބާވައެވެ. ނޫޅޭނެއެވެ.